ދޮންބިލެއް "ސިޔާސީ ކްލަބް" ބަދަލު ކުރި ބިޔަ މަޝްރޫއު

މި ބޮޑު ބަދަލު ގުޅިފައި ވަނީ އެންމެ ބޭފުޅަކާ އެވެ. އެއީ "ސިޔާސީ ކްބަލް" ބަދަލު ކުރައްވައި ރައީސް ސޯލިހުގެ ޓީމާ ގުޅި ވަޑައިގެންނެވި ދޮންބިލެއް އަހުމަދާ އެވެ. ދޮންބިލެއް އަހުމަދުގެ ރާގު މުޅިން ބަދަލު ވެފައި ވެއެވެ.

މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެތް އަހުމަދު ހަލީމް: ސިޔާސީ މަސައްކަތް ވަނީ ބަދަލު ކޮށްލްވާފައި

ނުވަދިހައިގައި ފުޓުބޯޅައިގެ ފޯރީ އޮތް ދުވަސް ވަރު ސިޔާސީ ވާހަކައަކަށް ވެސް ވަނީ ބޯޅަ އެވެ. ސިޔާސީ ޕާޓީ ތަކަކީ ކްލަބްތަކެވެ. މާލެ ކެކިކެކި އޮންނަނީ ވާދެވެރި ކްލަބްތަކުގެ އެ ފޯރީގަ އެވެ. ހެންވޭރަށް ނިސްބަތްވާ ނިއުރޭޑިއަންޓާއި ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ އާއީ ވެލެންސިއާ އާއި ލެގޫންސްގެ ވާދަ އެވެ. ކްލަބް ވާދައިގެ ތެރޭން ޓްރާންފާސް މާކެޓް އުފެދި ކުޅުންތެރިން ގަންނާން ފެށުމުން އެ ކުޅުންތެރިޔާއަކީ ފައިސާއަށް ވިކޭ ކުޅުންތެރިޔަކަށް ވަމުން ދިޔަ އެވެ. އަދި ކްލަބު ލޯބި އެއްގޮތަކަށް ވެސް ނެތް މީހެކޭ ބުނާން ފެށި އެވެ. ފޯރި ގަދަ އެ ދުވަސްވަރު ވިކްޓަރީގެ ދޮންބިލަތް އަހުމަދު ހަލީމް ވެލެންސިއާއަށް ގަނެލި އެވެ. 

މިހާރު ކްލަބު ވާދައެއް ނެތެވެ. މިހާރު އޮތީ ސިޔާސީ ޕާޓީގެ ވާދަ އެވެ. ދޮން ބިލަތް އަހްމަދަކީ ސިޔާސީ ބޭފުޅެވެ. މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީއަށެވެ. އެ ޕާޓީގައި ދެ ފެކްޝަން އުފެދުނު އިރު ދޮންބިލެއް އަހުމަދު ހުންނެވީ ރައީސް މުހައްމަދު ނަޝީދާއެކު އެވެ. ނަމަވެސް ދެބައި ހަމައަށް ޕާޓީ ފަޅިވެ ނަޝީދަށް ތާއީދު ކުރާ ފަޅީން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް ހެދި އިރު ދޮންބިލަތް ވަނީ "ގަނެލާފަ" އެވެ. އޭނާ ވަނީ ޓީމް ބަދަލު ކޮށްފަ އެވެ. ނަޝީދުގެ ޓީމް ދޫކޮށް "ޓްރާންސްފާ މާކެޓް" ގައި ދޮން ބިލަތް ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަށެވެ. 

ފުޓްބޯޅާގައި ދޮންބިލެއް އަހްމަދުގެ ޓްރާންސްފާތައް ވިކްޓަރީން ވެލެންސިއާ އަށް އަދި ލެގޫންސުން ނިއުރޭޑިއަންޓަށް، ހިނގިތާ އެތަކެއް އަހަރު ފަހުން މިހާރު މިއޮތީ ސިޔާސީ ގޮތުން ދޮންބިލަތް ހެދި "ޓްރާންސްފާ" އެކެވެ. 

މީގެ ދެ ތިން މަސް ކުރިއާ ހަމައަށް ވެސް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ އެއް ބާނީ ނަޝީދުގެ "ރައިޓް ހޭންޑެ"އްގެ ގޮތުގައި އަބަދު ވެސް ހުންނެވި ވިޔަފާރިވެރިޔާ ދޮންބިލެއް އަހުމަދު ހުންނެވި ގޮތެއް މުޅިން ސާފެއް ނުވެއެވެ. އޭނާ "ކްލަބް ބަދަލު ކޮށްފި" ކަން ރަސްމީކޮށް އެނގިގެން ދިޔައީ މިދިޔަ ހަފުތާގައި ރައީސް ސޯލިހު ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ސޯލިހާއެކު ފާފުގެ ރަށްރަށުގައި ހިންގަވައި ޕޯޑިއަމްއަށް އަރާވަޑައިގެން އެކަން ރަސްމީކޮށް އެކަން އިއުލާނުވި އެވެ. އަދި އެކަންވީ އެމްޑީޕީގެ ކުލަވަރު ފިސާރި ހުރި މީހުން ހައިރާންވި ކަމަކަށެވެ. 

އެއް ސަބަބަކީ ދޮންބިލެއް ސިޔާސީ ބޭފުޅެއްގެ ގޮތުގައި ޓްރާންސްފޯމް ވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ރައީސް ނަޝީދުގެ އާ ޕާޓީ "ދަ ޑިމޮރެޓިކްސް" ހެދި ވަގުތާއި ނަޝީދު ދޫކޮށްލައްވައި ރައީސް ސޯލިހާ ގުޅި ވަޑައިގަތް ވަގުތާ ދިމާވުމެވެ. މިއީ އިއްތިފާގަކަށް ވެސް ވެދާނެ އެވެ. ނޫނީ މިއީ ކުރިންސުރެ ފާފު ދަތުރަށް ރާވާފައިވާ ސަޕްރައިޒަކަށް ވެސް ވެދާނެ އެވެ. އެކަމަކު ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ ދޮންބެލެއް މި ފަހަރު "ކްލަބް" ބަދަލު ކުރި ސަބަބެވެ.

ދޮންބިލަތް އަހުމަދު މި ބަދަލުގައި ފޮރުވިފައިވާ "ކަންތައްގަނޑެއް" އޮންނާނެ އެވެ. ދޮންބިލެއް "ކްލަބް" ބަދަލު ކުރުމުގައި ވެސް ސަބަބެއް އޮންނާނެ އެވެ.

ދޮންބިލެއް އަހުމަދު، ރައީސް ނަޝީދުގެ "ކްލަބް" ދޫކުރައްވައި ރައީސް ސޯލިހާ ގުޅި ވަޑައިގަތުމުގެ ކުރީގައި ވަށައިގެން ގިނަ ކަންތައްތަކެއް ހިނގަމުން ދިޔަ އެވެ. އެކަންކަން ފެށިގެން ދިޔައީ ފ. މަގޫދޫގައި ސަރުކާރުން ތަރައްގީ ކުރަން ފެށި އެއާޕޯޓުގެ ބިންގާ އެޅި ހިސާބުންނެވެ. އެ ހިސާބުން ފެށިގެން ފާފުން ފާޅުވި މި އަގު ބޮޑު ޓްރާންސްފާގެ އަޑުތައް ފެތުރެން ފަށައިފި އެވެ. 

މަގޫދޫ އެއާޕޯޓް ސަރުކާރުން ފުރަތަމަ ތަރައްގީ ކުރަން އޮތީ އާދައިގެ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ދަތުރުފަތުރުގެ ހިދުމަތް ދޭން ފުރުސަތު ދިނުމުން އޭގެ ތެރޭން "ދެމިގަނެގެން" ވިޔަފާރިއަށް ނުކުންނެވި ދޮންބިލެތް އަހުމަދު އަތްޕުޅުގައި ވަރުގަދަ ޕްރޮޖެކްޓެއް އޮތެވެ. އެ ޕްރޮޖެކްޓަކީ އެމްޑީޕީން ދިވެހިންގެ ސިކުނޑީގައި އިންދި ފާފު ވިއްކާ ނުލައި އެ އަތޮޅަށް ބަދަލެއް ގެނެވޭނެ ބިޔަ މަޝްރޫ އެކެވެ. 

މަގޫދޫ އެއާޕޯޓް އަޅަން ހިއްކި ބިމާއެކު ރައްޔިތުންނަށް ހާއްސަކޮށް އެމްޓީސީސީ ހިއްކައިދިން 17 ހެކްޓަރުގެ ބިން -- އެމްޓީސީސީ

މި މަޝްރޫއު ބައްޓަން ވެފައި އޮތީ ރާއްޖޭގެ ޓޫރިޒަމްގައި މިހާތަނަށް ގަނޑުކޮށް ފައިސާ ދީގެން ހިނގި އެންމެ ބޮޑު އެއް މުއާމަލާތް ކަމަށްވާ ނ. އަތޮޅުގައި ހިންގާ ޝެވަލްބްލޮކް ރަންދެވި ރިސޯޓް، އަރަބި ގައުމެއްގެ ޝާހީ އާއިލާއަކުން ގަތް މުއާމަލާތް ފަދަ އަގުހުރި މުއާމަލާތެއްގެ މައްޗަށެވެ. މި ފަހަރު ފާފުގައި މިފަދަ އިންވެސްޓެއް ކުރަން ދޮންބިލް އަހުމަދާ އާއެކު ހުންނެވީ ވެސް އަަރަބި މަހުޖަނެކެވެ. 

ދޮންބިލެތުގެ ބަހެއް ނެތް - މި ކަމުގައި ބޮންބިލެއް އަހްމަދުގެ ބަހެއް ހޯދަން "މި" ނޫހުން މިދިއަ ދެ ދުވަހު މަސައްކަތް ކުރުމުން ވެސް ބަހެއް ލިބޭ ގޮތް ނުވި އެވެ. ފުރަތަމަ ދުވަހު ދޮންބިލެއް ފޯނު ނެންގެވި އެވެ. އެ ދުވަހު ވިދާޅުވި ގޮތުގައި ދަތުރުކުރައްވަނީ އެވެ. ރޭގަނޑު ގުޅާށެވެ. ނަމަވެސް އެ ރޭ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި ބަހެއް ހޯދަން ދެ ދުވަހު މެސެޖުކޮށް ވަޓްސްއެޕުން މިއީ "މި" ނޫހުގެ ނޫސްވެރިއެއް ކަމަށް ބުނުމުން ވެސް މެސެޖް ބައްލަވާފައި އަޅައި ނުލައި ދޫކޮށްލެވީ އެވެ.

ދޮންބިލެތް އަހުމަދުގެ ފާފު މަޝްރޫއު ހިންގަން އަތުގައި ހިއްޕަވައިގެން ހުންނެވި މަހުޖަނު ބޭނުންފުޅު ވަނީ މެދުއިރުމަތިން ސީދާ މަގޫދޫއަށް ޖެއްސޭ ވަރަށް އެތަން ތަަރައްގީ ކުރާށެވެ. ސަރުކާރުގެ ކޮންޓްރަކްޝަން ކުންފުނި އެމްޓީސީސީއަށް 231.5 މިލިއަން ރުފިޔާއަށް ހަވާލު ކޮށްގެން. ސަރުކާރުން އޭރު މަގޫދޫ އެއާޕޯޓު ތަރައްގީ ކުރަމުން ގެންދިޔައީ އާދައިގެ ކުޑަ އެއާޕޯޓެއްގެ ގޮތުގަ އެވެ. އާއްމު ޑޮމެސްޓިކް އެއާޕޯޓްތަކެކޭ އެއްގޮތަށް 1.2 ކިލޯމީޓަރުގެ ރަންވޭއެއް ލަައިގެނެވެ. މިއީ ކޮމާޝަލް މާ ބޮޑު ބެނެފިޓެއް ނެރެވޭނެ ވަރުގެ އެއާޕޯޓެއް ކަމަށް އޭރު ސަރުކާރުން ނުބަލަ އެވެ. 

ނަމަވެސް ދޮންބިލެއް ގެންނެވި ޕްރޮޕޯސަލްއާއެކު ސަރުކާރަށް ވަގުތުގެ ފައިދާ ނެގޭނެ ފުރުސަތެއް ލިބިގެން ދިޔަ އެވެ. އޭރު މަޖިލީހުގައި ދޮންބިލެތް އަހުމަދުގެ ވާހަކަ ހުރީ "ދަ ޑިމޮކްރެޓިކްސް" / "ފިކުރެއްގެ ދިރުން" ދަތުރު ކުރާ މަގުގަ އެވެ. ރައީސް ސޯލިހު ވަރުގެ ގޯސް ޑިމޮކްރަސީއަށް ބީރައްޓެހި ބޭފުޅަކު އޭރަކު ނެތެވެ.

ދ. އަތޮޅުގައި ރިސޯޓު ހިންގަން ތައްޔާރުވާ މާދެލި : މިއީ ބޮޑު ރަށެއް

ފާފަށް ދޮންބިލެތް ގެންދާ ޕްރޮޖެކްޓް

އޭގެ ފަހުން ދެކެވެން ފެށީ މި ވާހަކަތަކެވެ؛ ފާފުގައި ދޮންބިލެއް އަހުމަދު ބޮޑު މަޝްރޫއެއް ފައްޓަވަން ދަނީ ތައްޔާރު ވަމުންނެވެ. މި ވާހަކަ "މި" ނޫހުގައި ތިލަކޮށް މީގެ ތިން މަސް ކުރިން ލިޔުނެވެ. އެ އާޓިކަލްގައި ހުރި މައުލޫމާތު ތަކަކީ ފާފުގައި ހިންގަން ރާވަމުން ދިޔަ މަޝްރޫއުތަކެއްގެ ވާހަކަ އެވެ. 

ފާފަށް އަންނަ އެ މަޝްރޫއާއެކު ދޮންބިލެއް އަހުމަދު ދެ ރަށެއް ތަރައްގީ ކުރައްވަން ވަނީ މަސައްކަތް ފައްޓަވާފަ އެވެ. ކުރެހުންތައް ފައިނަލްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވަން ތައްޔާރުވަމުން ގެންދަނީ ފ. މާދެލި އާއި ދ. އަދަންގާ އެވެ. މާދެލިއަކީ 23.7 ހެކްޓަރުގެ ރަށެކެވެ. އެ ރަށަކީ ސިނާއީ ރަށެއްގެ ގޮތުގައި 2017 އިން ފެށިގެން ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. އަދި އަނެއް ރަށަކީ އަދަންގައު ނުވަތަ އަދަންގާ އެވެ. މި ރަށަކީ ގާތްގަނޑަކަށް ތިން ހެކްޓަރުގެ ރަށެކެވެ. އަމިއްލަ ފަރާތަކަށް 2018 އިން ފެށިގެން ވަރުވާއަށް ދީފައިވާ މި ރަށަށާއި މަގޫދޫއާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 10 ކިލޯ މީޓަރެވެ. 

މަޝްރޫއު ކުރިއަށް ގެންދެވެން އޮތް ހަމައެކަނި ގޮތަކީ ފާފުގައި ހަދާ އެއާޕޯޓަށް ޖެޓް ޖެއްސޭނެ ގޮތް ހެދުމެވެ. މި ދެރަށުގައި ހަދަނީ އެންމެ ލަގްޒަރީ ފެންވަރުގެ ދެ ރިސޯޓެކެވެ. މަޝްރޫއު ހިންގެން އޮތް ހަމައެކަނި ގޮތަކީ މަގޫދޫއަށް ސީދާ ބޭރުން އަންނަ ޖެޓުތައް ޖެއްސޭނެ ޖާގަ ހެދުމެވެ. ޕާކިން އަށް ވެސް ޖާގަ ލިބުމެވެ. 

އާދައިގެ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ކުރިން ތަރައްގީ ކުރި މަޝްރޫއު ފުޅާކޮށް 1.6 ކިލޯ މީޓަރަށް ރަންވޭ ބޮޑުކޮށް ޖެޓުޖެއްސޭ ވަރަށް ތަރައްގީކޮށް ރަންވޭ ބޮޑު ކުރާނެ މަޝްރޫއެއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި ހިސާބާ ހަމައަށް އައީ މިހުރިހާ ކަމެއްގެ ތެރެއިނެވެ. 

މިހާރު އެ އެއާޕޯޓަކީ ޖެޓު ޖެއްސޭނެ ފެންވަރު މަތީ އެއާޕޯޓަކަށް ހައްދަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. މި މަޝްރޫއުއާއެކު ފާފުގެ ގިނަ ކަންކަން ބަދަލު ވެގެން ދާނެ އެވެ. ހާއްސަކޮށް ފާފު މަގޫދޫގެ މަލަމަތި އެއްކޮށް ބަދަލު ވާނެ އެވެ. 

މި ބޮޑު ބަދަލު ގުޅިފައި ވަނީ އެންމެ ބޭފުޅަކާއެވެ. އެއީ "ސިޔާސީ ކްބަލް" ބަދަލު ކުރައްވައި ރައީސް ސޯލިހުގެ ޓީމާ ގުޅި ވަޑައިގެންނެވި ދޮންބިލެއް އަހުމަދެވެ. ދޮންބިލެތް މަޖިލީހުގައި ކުުރިން  ދެއްކެވި ވާހަކައިގެ ރާގު އަގު ބޮޑު ޕްރޮޖެކްޓަކުން ބަދަލުވި ނަމަވެސް އަނބިކަނބަލުން ލަމްހާ ވަހީދު އުޅުއްވަނީ ޑިމޮކްރޭޓުނާއެކު ރައީސް ނަޝީދުގެ ޕާޓީގެ މެމްބަޝިޕް ޑްރައިވް ހިންގުމުގަ އެވެ. އެމްޑީޕީ ފެށިގެން އާއިރު ވެސް ލަމް ކުރެއްވި މަސައްކަތަކީ އެއީ އެވެ. 

ކޮމެންޓް

1
450
ޖަމީލު
10 months ago

ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ހަމަޖެހުމާއެކު ދޮންބަލަތް ޑިމޮކޭޓުންގެ ނޫ ޖާޒީލައިގެން ދަނޑަށް ނުންނާނެކަން ޔަގީން. މިހާރު އެހުރީ ރަތްކާޑު ދައްކައިގެން ދަނޑުން ބާލާފައި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.