ވިޔަފާރި ވިސްނުމެއް | މަގޫދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުން ފާފު ވިއްކާ ނުލާ ތަރައްގީ ހޯދޭ

އިންޓަނޭޝަނަލް ފްލައިޓް ޝެޑިއުލް ކުރެވޭ ނަމަ އެވާނީ ފާފު އަދި ދާލު އަތޮޅަށް ވެސް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ. މިއީ ޓޫރިޒަމް މަދު ފާފު އަތޮޅުގައި ޓޫރިޒަމް ފުޅާ ވެގެން ދާނެ އެވެ. މިއީ ފާފު "ވިއްކާނުލައި" ތަރައްގީ ހޯދޭނެ ގޮތެކެވެ.

މީގެ 24 އަހަރު ކުރީން ފ. އަތޮޅުގެ ވެރިކަން ކުރީ މި ރަށުގަ އެވެ. ނަމަވެސް ފ. މަގޫދޫން ޖެނުއަރީ 8، 1999 ގައި ވެރިކަން އަތުލުމާއެކު" ރަށް އެކަހެރި ވެގެން ދިޔަ އެވެ. އަދިވެސް މި ރަށުގެ ތެރޭގައި އެ މާޔޫސީ ކަން އޮވެ އެވެ. މި ރަށާ މި އަތޮޅު ނިލަންދޫއާ މެދު އޮތް "ވާދަވެރި" ކަމުގެ އަސްލަކީ ވެސް އެއީ އެވެ. އަތޮޅުގެ ވެރިކަން މަގޫދޫއަށް ގެއްލުނު މާޔޫސްކަން ފިލުވައިދޭނެ ހުޅުކޮޅެއް ފުރަތަމަ ދިލޭން ފެށީ މި ރަށުގައި އެއާޕޯޓެއް އަޅަން ވާހަކަ ފެށި ހިސާބުންނެވެ. 

އެ މަސައްކަތް އަމަލީ ގޮތުން މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ސަރުކާރުން އެމްޓީސީސީ އަށް 231.5 މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފަ އެވެ. މި ރަށުގައި އެއާޕޯޓެއް ހަދަން ބިން ހިއްކަން ފެށުމާއެކު ތަފާތު ސުވާލުތައް ވެސް މީހުން އުފެއްދި އެވެ. ފާފުގައި އެއާޕޯޓު އަޅަން މިރަށް އެކަށީގެންވޭ ހެއްޔެވެ؟ މި އަށްވުރެ މި އަތޮޅު އެހެން ރަށެއްގައި މި އެއާޕޯޓު އެޅިނަމަ މާ ރަނގަޅުވީހެވެ. 

އެކަމަކު ފާފު އަތޮޅުގެ ޖިއޯގްރަފީ އޮތް ގޮތުން އެއާޕޯޓެއް އަޅާނަމަ މި ރަށަށް ވުރެ ވަކީން ރަނގަޅު ރަށެއް ނެތް ކަމަށް ފެންނާނެ ކިތަންމެ ހެއްކެއް އެބައޮތެވެ. މި ރަށަށް ބޭނުންވަނީ ޑޮމެސްޓިކް 1.2 ކިލޯމީޓަރުގެ އެއާޕޯޓަކަށްވުރެ ބޮޑަށް އިންޓަނޭޝަނަލް ދަތުރު ތަކަށް ފައްކާ ކޮށްފައިވާ ފުރިހަމަ 1.6 މީޓަރު ނޫނީ 2.6 މީޓަރުގެ ރަންވޭއެއް އޮތް ފުރިހަމަ އެއާޕޯޓެއްކަމުގެ ޔަގީންކަން ރަނގަޅު ފެކްޓުގެ އެހީގައި "މި" ނޫހުގެ މި ރިޕޯޓުން ކިޔައިދޭނެ އެވެ. 

ފުރަތަމަ ކަމަކީ ފާފުގައި މަގޫދޫ އޮތް ލޮކޭޝަނާއި ތަނެވެ. މަގޫދޫ އުފެދިފައި ވަނީ ފާފާއި ދާލު ގުޅޭ ހިސާބުގަ އެވެ. ދާލުން ނުކުމެގެން އަންނަ އުޅަނދެއް މަގޫދޫގެ ކުރީން ފ. އަތޮޅުގެ ނިލަންދޫ ބަނދަރުގައި ޖެހުނަސް އެ ރަށަކީ އެއާޕޯޓެއް އަޅަން ބަލާއިރު ގިނަ ގޮތް ގޮތުން ޑިސްއެޑްވާންޓޭޖުތައް ގިނަ ރަށެއް ކަމަށް ތަޖުރިބާކާރުން އިއްތިފާގުވެ ވަޑައިގަންނަވަ އެވެ. އެހެންވެ ވާދަވެރިކަން އޮތް ނިލަންދޫގައި އެއާޕޯޓެއް އަޅަން ކުރިން ކުރި މަސައްކަތް މިހާރު ބަދަލުވެފައި ވުމަކީ މުޅި އަތޮޅުގެ ރައްޔިތުންނަށް އޮތް ހެވެއްގެ ގޮތުގައި ބުނުމުގެ ފުރުސަތު އެބަ އޮތެވެ.  

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ގަބޫލު ކުރައްވާ ގޮތުގައި އެ ރަށުގައި އެއާޕޯޓެއް އެޅުމުން މުޅި އަތޮޅަށް ކުރާނެ ފައިދާ ބޮޑުވާނެ އެވެ. ފަހަރެއްގައި ވަހީދު އެގޮތަށް ވިދާޅުވަނީ އަމިއްލަ ރަށަށް އޮތް "ވަޒަނުގެ ލޯތްބާއި" ނިލަންދޫއާ ދެމެދު އޮތް ވާދަވެރިކަމުގައި ރޫހެއްގައި ކަމަށް ވެދާނެ އެވެ. 

އެކަމަކު މި ރަށް އޮތް ސަރަހައްދުން ފެށިގެން ދާލު އަތޮޅު ތެރެ އަށް ވަދެ ރަށްތަކުގެ އެތުރުމަށް ވަކިވަކިން ނަޒަރު ހިންގާލާއިރު ފެންނަ ބޮޑު މަންޒަރަކީ މި ރަށަކީ އެއާޕޯޓަކަށް އެންމެ ފައްކާ އެއް ރަށް ކަމެވެ. އަދި ހަމައެކަނި އާދައިގެ ޑޮމެސްޓިކް އެއާޕޯޓެއް އަޅާފައި ދޫކޮށްލުމުގެ ބަދަލުގައި މިހާރު އަޅާ އެއާޕޯޓް އިންޓަނޭޝަނަލްކޮށް ބޭރަށް ދަތުރު ފެށޭ ފެންވަރަށް ތަރައްގީ ކުރެއްވިއްޖެނަމަ ފާފު ވިއްކާ ނުލައި ބިޔަ އިންވެސްޓްމަންޓް ތަކެއް މި ހިސާބަށް ގެނެސް އޭގެ މަންފާ ލިބޭނެ ދޮރެއް ހުޅުވޭނެ އެވެ. 

މި ބަދަލަކީ މިހާރު ފާފާއި ދާލު ގުޅޭ ދެބުރި ދޭތެރޭ ކަނޑުން ދެ އަތޮޅުގެ ބޮޑު އާބާދީއާ ބޭރާ ގުޅިގެންދާނެ ފާލަމަކަށް ހެދުމުގެ ފުރުސަތުވެސް ކުޑައެއް ނޫނެވެ. 

މަގުދޫ ކައުންސިލްގެ ރައިސް އަބްދުﷲ ވަހީދު -- މި

މަގޫދޫ އޮތް އޮތީ ފާފު އަތޮޅުގެ މެދުތެރޭގަ އެވެ. އެހެންވެ މި ރަށުން ފެށިގެން ދަރަނބޫދޫ އާއި ނިލަންދޫ އަދި ބިލެއްދޫ އަށް ލޯންޗެއްގައި ދެވޭ ވަގުތަކީ ފަސް މިނެޓާއި 10 މިނެޓެވެ. އަދި އެއަށް ވުރެ ކުޑަކޮށް ދުރުގައި އޮތް ބިލެއްދޫ އަށް ވެސް ގާތްގަނޑަކަށް 15 މިނެޓުން ދެވޭނެ އެވެ. މިއީ އާދައިގެ ދޯންޏެއްގައިނަމަ 30 މިނެޓުގެ ދުއްވުމެކެވެ. 

އެއާޕޯޓެއް "ފީޒިބަލް" ކުރަން ބޭނުންވާ އެއް ކަމަކީ އެ ތަނަށް ދަތުރު ކުރާނެ އާބާދީއެއް އޮތުމެވެ. މި އުސޫލުން ބަލާނަމަ ދާލު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި ގިނަ ރިސޯޓްތައް މަގޫދޫ އެއާޕޯޓާ މާދުރެއް ނޫނެވެ. ދ. މީދޫ އާއި ބަނޑިދޫ، މަގޫދޫ އެއާޕޯޓާ ދެމެދު އޮތީ ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ ރާސްތާ އެކެވެ. މިއީ އަތޮޅު ކަނޑު ހުރަސްކޮށްފައި އަންނާން ޖެހުނު ނަމަވެސް 30 މިނެޓުގެ ލޯންޗު ދަތުރެއްގެ ދުއްވުމެވެ. 

މަގޫދޫ އެއާޕޯޓުން ބޮޑު އާބާދީއެއް ގުޅޭނެ

  •  ދަރަނބޫދޫ -- އާބާދީ 588 | ދަތުރު ފަސް މިނެޓުން
  •  ބިލެންދޫ -- އާބާދީ 1,364 | ދަތުރު 10 މިނެޓުން
  •  ނިލަންދޫ -- އާބާދީ 2,210 | ދަތުރު ގާތްގަނޑަކަށް 7 މިނެޓުން
  •  ފީއަލި -- އާބާދީ 1,263 | 20 މިނެޓުން
  •  ދ. މީދޫ -- 1,406 | ގާތްގަނޑަކަށް 35 މިނެޓުން
  •  ދ. ބަނޑިދޫ -- 969 | ގާތްގަނޑަކަށް 35 މިނެޓުން
  •  ތިން ރިސޯޓަށް އަންނަ ޓޫރިސްޓުން
މަގޫދޫ އެއާޕޯޓް އަޅަން ހިއްކި ބިމާއެކު ރައްޔިތުންނަށް ހާއްސަކޮށް އެމްޓީސީސީ ހިއްކައިދިން 17 ހެކްޓަރުގެ ބިން -- އެމްޓީސީސީ

ރާއްޖޭގެ ގިނަ އެއާޕޯޓުތައް ވިޔަފާރީގައި ދެކޮޅު ޖެހޭ މޮޑެލްއަކަށް ގެންދެވެނީ ޓޫރިސްޓުން ދަތުރު ކުރެވޭނެ ގޮތް ހަދައިގެނެވެ. މި ގޮތަށް ވިސްނާ ނަމަ ޓޫރިސްޓު ރިސޯޓުތަކާ އެންމެ ގާތުގައި އޮތީ ވެސް މަގޫދޫ އެއާޕޯޓެވެ. މަގޫދޫ އެއާޕޯޓާއި ދ. ސަން ސިޔާމް ވިލުރީފް ރިސޯޓާ ދެމެދުގައި ވެސް ހުރީ ގާތްގަނޑަކަށް 10 ކިލޯމީޓަރެވެ. ތަންކޮޅެއް ދުރުގައި ބެގްލިއޯނީ ރިސޯޓު އޮތް ނަމަވެސް އެ ރިސޯޓަށް ވެސް 35 މިނެޓުން ލޯންޗެއްގައި ދެވޭނެ އެވެ. އެހެންވެ ދ. އަތޮޅުގެ ގިނަ ރިސޯޓުތަކާ ވެސް އެންމެ ގާތް ވާނީ މަގޫދޫ އެއާޕޯޓެވެ. ދާލުގައި އޮތް ކުޑަހުވަދޫ އެއާޕޯޓު ވެސް ތިން ރިސޯޓެއް ނޫނީ ހުރިހާ ރަށަކާ އޮތީ ދުރުގަ އެވެ. ދާލު އެއާޕޯޓާ ގިނަ ރިސޯޓުތަކާ ދެމެދު 45 މިނެޓުގެ ރާސްތާއެއް އެބައޮތެވެ. 

ޓޫރިޒަމާ ގުޅިގެންދާނެ މަގު - މި ވަގުތު ފާފުގައި ރިސޯޓު މަދު ނަމަވެސް ޓޫރިސްޓު އެނދުގެ ގޮތުން ވިސްނާނަމަ މަަގޫދޫ އެއާޕޯޓަށް ޓޫރިސްޓުން އުފުލަން ހާހެއްހާ ޓޫރިސްޓު އެނދު މިވަގުތަށް ވެސް ލިބޭނެ އެވެ. އަދި އާބާދީގެ ބޮލުން ގުނާނަމަ ދަތުރު ކުރަން ހަމައެކަނި ލޯކަލް ޕޮޕިއުލޭޝަނުން ބެލި ނަމަވެސް ގާތްގަނޑަކަށް 8،000 ގެ އާބާދީއެއް ދެ އަތޮޅުން ނެރެވޭނެ އެވެ.

އަދި ދާލު އަތޮޅުގައި މިހާރު ހުރި ޓޫރިސްޓު އެނދުތަކާއެކު މި ވަގުތަށް ބެލި ނަމަވެސް އިތުރު 10،000 ދަތުރު ކުރާނެ ފުރުސަތު އެބައޮތެވެ. އެންމެ މަދުން މި އަދަދުތަކުން ބަލާއިރުވެސް ދުވާލަކު އަށް ޑޮމެސްޓިކް ފްލައިޓް އެޅުމުގެ ކެޕޭސިޓީ މި ތަނަށް ފަސޭހަކާއެކު ލިބިގެން ދެ އެވެ. އެހެންވެ މިއީ އެތެރޭގެ އުދުހުން ތަކުން އެކަނި ބެލި ނަމަވެސް އެންމެ ފީޒިބަލްކޮށް އެއާޕޯޓް ހިންގޭނެ މިންވަރަށް ފްލައިޓު ލިބޭނެ ގޮތެކެވެ.

މި ފުރުސަތުތައް މިހެން އޮތްއިރު، މަގޫދޫ އެއާޕޯޓް ތަރައްގީ ކުރަން އެމްޓީސީސީން ހިއްކި ބިމުގައި ރައްޔިތުންނަށް ހާއްސަކޮށް 17 ހެކްޓަރުގެ ބިން ދީފައިވެ އެވެ. ބޭނުމަކީ ކައުންސިލްގެ އެދުމާއެކު ވިޔަފާރިއަށް ފުރުސަތު ދިނުމެވެ. 

ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން ފެށުމާއެކު ދާލު އަތޮޅުގެ ރިސޯޓު ތަކުން ވެސް މަގޫދޫން ބިން ހޯދަން ހުށަހެޅުންތައް އައިސްފައި ވެއެވެ. އަދި ރަށުގެ ބިމުގެ އަގު އުފުލިފައިވާތީ ހަތަރު ބިމެއްގައި ޓޫރިޒަމް ފައްކާ ކުރަން އިއުލާނު ކުރަން ކައުންސިލުން ދަނީ މިހާރު ތައްޔާރު ވަމުންނެވެ. 

"ހިއްކި ބިމުން އެއާޕޯޓާ ކައިރީގައި ރިސޯޓު ތަކަށް ފުރުސަތު ލިބޭނެ. ރައްޔިތުންނަށް ގޯތި ވެސް ދެވޭނެ. މި ވިޔަފާރީގެ ގިނަ ފުރުސަތު ތަކެއް ވެސް މި ބިމުގައި ގާއިމް ކުރެވޭނެ،" ވަހީދު ވިދާޅުވި އެވެ. "މިހާރު ވެސް ހަތަރު ފަރާތަކުން ކައުންސިލަށް އެބައޮތް ހުށަހެޅުން އައިސްފަ."  

ހިއްކި ބިމުން އެއާޕޯޓާ ކައިރީގައި ރިސޯޓުތަކަށް ވެސް ބިން ދޭނެ. ރައްޔިތުންނަށް ގޯތި ވެސް ދެވޭނެ. މިހާރު ވެސް ހަތަރު ފަރާތަކުން ކައުންސިލަށް އެބައޮތް ހުށަހެޅުން އައިސްފައި،

ކައުންސިލްގެ ރައިސް | އަބްދުﷲ ވަހީދު

މަގޫދޫ އެއާޕޯޓް މިހާރު ސަރުކާރުން ހަދަމުން ގެން ދަނީ 1.2 މީޓަރުގެ ރަންވޭއަކާއެކު ކުޑަ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގަ އެވެ. އެކަމަކު މި އެއާޕޯޓަށް މި ވަރުގެ ބޮޑު އާބާދީއެއް އޮތުމުން މި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން ޖެހެ އެވެ. އެ ފަދަ ހުށަހެޅުންތަކެއް ސަރުކާރުގެ ތެރޭގައި ތާށިވެފައި އޮތްކަން "މި" ނޫހަށް އެނގެ އެވެ. 

ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި ގޮތުގައި މަގޫދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހުމަދު ހަލީމް ސަރުކާރާއެކު މަސައްކަތް ކުރައްވަ އެވެ. އަދި އެކަމުގައި އަލި މަގެއް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ. 

މަގޫދޫ އެއާޕޯޓް މަޝްރޫއު ފަށަން ބޭއްވި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) އަދި މަގޫދޫ ކައުންސިލްގެ ރައީސް ވަހީދު އާއި އެމްޓީސީސީގެ އެމްޑީ އާޒިމް -- އެމްޓީސީސީ

"މޭޒުމަތީ" މިލިއަން ޑޮލަރުގެ ޕްރޮޕޯސަލެއް

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މަގޫދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ވަނީ ލިބިފަ އެވެ. އަދި އެކަމަށް ކޮންމެވެސް ވަރަކަށް މަޝްވަރާ ވެސް ވަނީ ކޮށްފަ އެވެ. އެކަން އެމްޓީސީސީން ވެސް "މި" ނޫހަށް ޔަގީންކޮށް ދިނެވެ. ނަމަވެސް ރަސްމީކޮށް އެކަން އަދި ތިލަވެފައެއް ނެތެވެ. 

މަގުދޫ އެއާޕޯޓަށް ބިން ހިއްކަން ބޭނުންކުރާ އެމްޓީސީސީ ޖައްރާފާގެ ހޮޅިތައް -- މި

ނަމަވެސް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ތެރޭގައި "ތާށިވެފަ" އޮތް ޕްރޮޕޯސަލް އޮތީ ކްރޮސް ސަބްސިޑީ އުސޫލުން މަގޫދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ހުށަހެޅުމެކެވެ. މީގެ ބަދަލުގައި ފާފު އަތޮޅުން ފަޅު ރަށެއް އެއާޕޯޓް ތަރައްގީ ކުރާ ބަޔަކަށް ދޭން ޖެހޭނެ އެވެ. އަދި މިކަން ކުރަން ހުށަހަޅާފައި ވަނީ މެދުއިރުމަތީގެ ގައުމެއްގެ ކުންފުންޏަކުންނެވެ. މި ޕްރޮޕޯސަލްގައި މިތަނުގައި ސީޕްލޭން ބޭހަކާއި ޖެޓް ލައުންޖް ފަދަ ޒަމާނީ ވަސީލަތް އަޅަން ހުށަހަޅާފައިވެ އެވެ. 

  •  އިންޓަނޭޝަނަލް ކުރަން ހުށަހެޅީ މެދުއިރުމަތީ ބައެއް
  •  ހުށަހެޅީ ކްރޮސް ސަބްސިޑީ އުސޫލުން
  •  މަގޫދޫގައ ސީޕްލޭން ބޭހެއް ހަދާނެ
  •  ޖެޓު ޕާކިން އަށް ފެސިލިޓީ ގާއިމް ކުރާނެ
  •  ތެޔޮ ފެސިލީޓ ގާއިމް ކުރާނެ
  •  ޑިއުޓީ ފްރީ ފިހާރަ ހަދާނެ

މަގޫދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރަން ހުށަހަޅާފައި ވަނީ ޖެޓް ޕާކް ރެވޭނެ އޭރިއާ އާއި ޖެޓަށް ތެޔޮ އެޅޭނެ ފެސިލިޓީއާ ވެސް އެކުގަ އެވެ. އެހެންވެ މިއީ މުޅި އަތޮޅަށް ވެސް ލިބިގެންދާނެ ނެތްވަރުގެ ފުރުސަތަކަށް ވާނެ އެވެ. އަދި މި ތަނަށް އިންޓަނޭޝަނަލް ފްލައިޓް ޝެޑިއުލް ކުރެވޭ ގޮތް ވެއްޖެނަމަ އެވާނީ ފާފު އަދި ދާލު އަތޮޅަށް ވެސް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ. މިއީ ޓޫރިޒަމް މަދު ފާފު އަތޮޅުގައި ޓޫރިޒަމް ފުޅާ ވެގެން ދާނެ އެވެ. މިއީ ފާފު "ވިއްކާނުލައި" ފާފު ތަރައްގީ ކުރެވޭނެ ވިސްނުމެކެވެ. 

ކޮމެންޓް

2
450
ވަލީދު
1 year ago

ރަނގަޅަށް ހިސާބު ޖައްސަވާލައްވާ. ތިބުނާ އާބާދީ އެއްކޮށް ދަތުރުކުރިޔަސް އިންޓަނޭޝަނަލް އެއާޕޯޓެއްނޫން އެއާ ސްޓިރިޕެއް ހިންގަންދާ ހަރަދުވެސް ނުޗަލާނެ. އެއާޕޯޓް ވަކި މިންގަޑަކަށް އޮޕަރޭޓްކުރުމަކީ ގޮންޖެހުން ބޮޑު ހަރަދުވެސް ބޮޑުކަމެއް. ދައުލަތުގެ އެތައް އިދާރާއަކާ ގުޅިފައިހުންނަތަނެއް. ދެން ކޮންމެ 3 މީހަކަށް އެއާޕޯޓު އަޅައިގެން ރީޖަނަލް އެއާޕޯޓްސްގެ ހަރަދު ބޮޑުވާ ވަރަކަށް ހޭންޑްލިން ފީ އާއި އެނޫން ފީ ވެސް ބޮޑުވާނެ. ފީ ބޮޑުވީމާ އުނދަގޫވާނީ އެންމެނަށް

ރޯނުއެދުރު
10 months ago

ވަލީދުއަށް ބޮޑަށް އެނގޭނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.