އިބޫ ފަހަތަށް ؛ އެމްޑީޕީގެ ރައީސްކަަމާ ދިމާއަށް ޝާހިދު

އެމްޑީޕީއަށް ރައީސަކު ހޮވުން ކުރީން ތާވަލު ގައި އޮތީ ރޯދައިގެ ފަހަށެވެ. މަޖިލީސް އިންތިހާބު ގެ ވެސް ފަހަށެވެ. ރޫހު އޮތީ އެހާތަނަށް ވަގުތީ ރައީސެއްގެ ގޮތުގައި ސޯލިހް ބެހެއްޓެވުމެވެ. އެކަމަކު ކުއްލި އަކަށް އިންތިހާބު ތާރީހު އަވަސް ކުރީ އެވެ. ވާދަވެރި ކަމެއް ނެތި ޝާހިދު އެ މަގާމަށް ވަޑައިގަންނަވާނެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އެމްޑީޕީގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާނީ ޝާހިދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިންތިހާބީ ރައީސެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އޮތް ގުޅުން މުޅީން ކެނޑި އެމްޑީޕީ ގައި ނަޝީދަށް އޮތް މަގާމު ގެއްލިވަޑައިގަތުމުން ޖޫން 21، 2023 ގައި އެމްޑީޕީގެ ރައީސް ކަމުންނާއި އެ ޕާޓީގެ މެންބަރު ކަމުން ވެސް އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ނޮވެންބަރު 24، 2023 ގެ ނިޔަލަށް އެމްޑީޕީގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުން އެވަގުތަށް މުހިންމު ކަމަކަށް ނުވެ އެ މަސައްކަތް ފަހަތަށް ދޫކޮށްލާފައި އޮތީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމުގައި ބޭފުޅަކު ހުންނެވުމުންނެވެ. އެއީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ މެންބަރަކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނަމަ އެއީ ޕާޓީގެ އިސް ލީޑަރެވެ. ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ގެއްލިވަޑައިގަތުމާއެކު ގެއްލޭ ގޮތަށް އޮންނަ މަގާމެކެވެ.

ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެން ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައި ނުގަތުމުން ނޮވެންބަރު 17، 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރު ހަމަވި އެވެ. އެއާއެކު އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު އެމަނިކުފާނަށް ގެއްލިވަޑައިގަތެވެ. ނޮވެންބަރު 24، 2023 ގައި އއ. އުކުޅަހު ގައި އޮތް ގަައުމީ މަޖިލީހުގެ ޖަލްސާ ގައި ރައީސް ސޯލިހް، އެމްޑީޕީގެ ރައީސްގެ މަގާމަށް ވަގުތީ ގޮތުން ހަމަޖެއްސުމަށް ނިންމެވުމާ އެކު އެމްޑީޕީގެ ރައީސްގެ މަގާމު އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެ ނިންމުން އައުމުގެ ކުރީން، ރައީސް ސޯލިހްގެ ވެރިކަން ނިމުމާއެކު އެމަނިކުފާނަށް އޮތް އިސް ލީޑަރުގެ މަގާމު ގެއްލޭނެތީ އެހެން މަގާމަކަށް ވަގުތީ ގޮތުން އައްޔަން ކުރުމަށް ބައެއް މެންބަރުން ކުރީން އޮތް ގައުމީ މަޖިލީހުގެ ޖަލްސާ އެއް ގައި ވަނީ ވަރަށް ފުޅާ ދާއިރާއެއް ގައި ވާހަކަ ދައްކާފައެވެ.

އެމްޑީޕީން މިހާރު ވަނީ ޕާޓީގެ ރައީސްގެ އިންތިހާބު ތާވަލުކޮށް އެ މަގާމަށް ޝައުުގުވެރިވާ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައެވެ. އިންތިހާބު އޮތީ އަންނަ މާޗް މަހުގެ ދެވަނަ ދުވަހު އެވެ. އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ.

ކެބިނެޓް ބައްދަލްވުމަކަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަދެވަޑައިގަންނަވަނީ: އެމްޑީޕީގެ ރައީސަކަށް ދެން ވެވަޑައިގަންނަވާނީ ޝާހިދު

އިންތިހާބަށް ޝާހިދު އެކަނި

އެމްޑީޕީގެ ރައީސްގެ މަގާމަށް ހުޅުވާލުމުގެ ކުރީން ވެސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. ނަމަވެސް ފުރަތަމަ އެ ޝައުގުވެރިކަން ފާޅު ކުރެއްވީ އެމަނިކުފާނުގެ އެންމެ އަރިސް / އިތުބާރު ކުރެވޭ ބޭފުޅުންގެ އަރިހުގަ އެވެ.

މިދިޔަ މުއްދަތު ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންނާއި ކުރީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު އެ މަޝްވަރާ ވަނީ ކުރައްވާފަ އެވެ. މަޝްވަރާގެ ނަތީޖާ ވަރަށް ކާމިޔާބެވެ. ޕާޓީގެ އިސް ސަފުގެ ހުރިހާ ބޭފުޅުންގެ ތާއީދު ޝާހިދު ވަނީ ހޯއްދަވާފަ އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ޝާހިދު އަދި ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ. އަދި ފޯމެއް ވެސް ހުށައެއް ނާޅުއްވައެވެ. ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅުންގެ އަރިހުގައި ޝާހިދު ވަނީ އެކަން ރަސްމީކޮށް ހާމަ ކުރައްވާފަ އެވެ. ފޯމް ލައްވާނެ ކަމަށް ބެލެވެނީ އެންމެ ފަހު ދުވަހު، އަންނަ އަންގާރާގަ އެވެ.

އެކި ބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކާއެކު އެމްޑީޕީގެ ރައީސްގެ މަގާމަށް މި ފަހަރު އެއްވެސް ވާދަވެރި ކަމެއް ނެތް މާހައުލެއް ޝާހިދު ވަނީ ހޯއްދަވާފަ އެވެ. ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ޝާހިދަށް ތާއީދު ދެއްވުމުން މިހާރު ބެލެވިފައި އޮތީ އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާނީ ހަމައެކަނި ޝާހިދު ކަމަށެވެ.

އިބޫއާ މަޝްވަރާ ކުރެއްވި، އިބޫ ފަހަތަށް

އެމްޑީޕީގެ ރައީސްގެ މަގާމަށް ވަޑައިގަތުމުގެ ދަތުރު ޝާހިދު ފެއްޓެވީ ކުރީގެ ރައީސް / އެމްޑީޕީގެ މިހާރުގެ ވަގުތީ ރައީސް، ރައީސް އިބޫއާ މަޝްވަރާ ކުރައްވާފައެވެ. އެނގިފައިވާ ގޮތުގައި ޝާހިދު ހުންނެވީ ރައީސް އިބޫ، އެ މަގާމަށް ވާދަ ކުރައްވާނަމަ ފަހަތަށް ޖެހިވަޑައިގަތުމަށް ތައްޔާރަށެވެ. އެކަން އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ޝާހިދު ކުރެއްވި މަޝްވަރާތަކުގައި އެކި ފަހަރު މަތީން ވިދާޅުވެފައި ވެ އެވެ.

"މި" ނޫހާ ވާހަކަ ދެއްކި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސްގެ މަގާމަށް ޝާހިދު ނުކުންނަވަނީ ރައީސް އިބޫ އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއްގެ ފުރިހަމަ ތާއީދާއެކު އެވެ. ޝާހިދަށް ތާއީދުކޮށް ދެއްވުމަށް ފައްޔާޒް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި މެންބަރުންގެ އަރިހުގައި ވަކިވަކީން ވެސް އެދިވަޑައިގެންފައެވެ.

އެހެން ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް ޝާހިދު ވަޑައިގަންނަވަން މާ ކުރީން ފެށިގެން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ. 

އެމްޑީޕީއާ އަވައްޓެރި އިންޑިއާގެ ބީޖޭޕީ ސަރުކާރާއި އޮތީ ވަރަށް ބަދަހި ހަރުދަނާ ގުޅުމެކެވެ. ރާއްޖެއަށް އެންމެ ފައިދާ ނެތް ގުޅުމަކަށް ވިޔަސް މިދިޔަ ފަސް އަހަރު، އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ބޭޢްވީ އާދަޔާ ހިލާފު ވަރުގަދަ ގުޅުމެކެވެ. އެ ގުޅުމާއެކު އެމްޑީޕީއާ ބީޖޭޕީގެ ގުޅުން އޮތީ ވެސް ވަރަށް ބޮޑު ބަދަހި ކަމެއް ގައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިންޑިއާގެ ބީޖޭޕީގެ ތާއީދު އޮތީ އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ގެނައުމަށެވެ. ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ ކުރީން އެ މީހުން ރުހޭ ބޭފުޅަކު އެމްޑީޕީގެ ރައީސްގެ މަގާމަށް ގެންނަން ބޭނުންވެ އެވެ. އިންޑިއާގެ ސިޔާސީ ބައެއް ބޭފުޅުންގެ ފަރާތުން އެކަން ޔަގީން ކުރެވެ އެވެ. ރާއްޖޭގައި ތިއްބަވާ ހައި ކޮމިޝަންގެ އެކި ލެވެލްގެ ބޭފުޅުން އެ ވާހަކަ، އެމްޑީޕީގެ އިސް ވެރީންނާއި ވެސް ދައްކަވާފައިވެ އެވެ.

"އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ މިކަމުގައި އިންޑިއާގެ ދައުރެއް ވެސް އެބަ އޮތޭ. އެ ބޭފުޅުންގެ އިންޓްރެސް އޮތީ މިވަގުތު ޝާހިދަށޭ. އަދި އެކަން ވީހާވެސް އަވަހަށް ތަންފީޒުވާން [އެމްޑީޕީގެ ރައީސަކަށް ޝާހިދު ގެންނަވަން] ބޭނުންވޭ އެ މީހުން،" އެމްޑީޕީގެ ސީނީއާ ބޭފުޅަކު ރޭ "މި" ނޫހަށް ވިދާޅުވި އެވެ.

ކުއްލިއަކަށް ތާރީހު އަވަސް ކުރުން

އެމްޑީޕީގެ ސީނީއާ އެ މެންބަރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސަކު ހޮވުން ކުރީން އޮތީ މަޖިލީސް އިންތިހާބާއި ރޯދަ މަސް ނިންމުމުންނެވެ. މުޅި ޕާޓީގެ ލީޑާޝިޕްގެ ވިސްނުން ހުރީ އެ ގޮތަށެވެ. ނަމަވެސް ކުއްލި ގޮތަކަށް އިންތިހާބުގެ ތާރީހު އަވަސް ކުރީ އެވެ.

އެކަން ފުރަތަމަ އެންގެވީ ޗެއާޕާސަން ފައްޔާޒު ލީޑާޝިޕްގެ ބޭފުޅުން ތިއްބަވާ ގުރޫޕަކަށް ފޮނުއްވެވި މެސެޖަކުންނެވެ. އެކަމާ ބައެއް ބޭފުޅުން ސުވާލު ވެސް އުފެއްދެވި އެވެ. ޕާޓީގެ ރައީސް ހޮވުން މަޖިލީސް އިންތިހާބުގެ ފަހަށް ހެދުމަށް ފެންނަ ކަމަށް ވިދާޅުވެ ފައްޔާޒުގެ މެސެޖަށް ބައެއް ބޭފުޅުން ޖަވާބު ވެސް ދިނެވެ. އެ ގޮތަށް ތާއީދު ކުރާކަން ވެސް ބައެއް މެންބަރުން ހާމަ ކުރި އެވެ.

އެނގިފައިވާ ގޮތުގައި އެ ބޭފުޅުންގެ އެ ވިސްނުން ބަދަލު ކުރައްވަން އިސްނެންގެވީ ވެސް ސީދާ ފައްޔާޒެވެ. ފޯނުން ގުޅުއްވާ / މެސެޖް ކުރައްވައިގެން ވެސް އިންތިހާބު އަވަސް ކުރުން މިވަގުތަށް މުހިންމު ކަމުގައި ވިދާޅުވެ އެފަދަ ބައެއް ސަބަބުތައް ވިދާޅުވެ ދެއްވި އެވެ. ގިނަ ބޭފުޅުންގެ ވިސްނުން އެ ގޮތަަށް ބަދަލު ވެސް ކުރެއްވި އެވެ.

"ޗެއާގެ [ފައްޔާޒުގެ] މައިގަނޑުގެ ވާހަކަ އަކީ މަޖިލީސް އިންތިހާބަށް ފަންޑު ހޯދުމުގައި ޝާހިދުގެ ދައުރު މުހިންމު ކަމުގައި. އެހެން ކަމުން މަޖިލީސް އިންތިހާބުގެ ކުރީން ޝާހިދު، މަގާމަށް ގެންނަވަން ޖެހޭ ކަމަށް،"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނޫސްވެރީންގެ ބައްދަލްވުމުގައި -- ވޮއިސްގެ ފޮޓޯއެއް

ބައެއް މެންބަރުންގެ އޮތް އަނެއް ކަންބޮޑުވުމަކީ އެެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ވަޑައިގެން ޕާޓީގެ ފުލް ކޮންޓްރޯލް ނަންގަވާފާނެ ކަމުގެ ބިރެވެ. 2028 އަށް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމެވެ.

އެކަން އެހެން އެ މަގުން ނުހިނގާނެ ކަމުގެ ޔަގީން ކަން އެ މެންބަރުންނަށް ފައްްޔާޒު ދެއްވައެވެ. ފައްޔާޒު އެދިވަޑައިގެންނެވީ އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ގެނައުމަކީ މި ހާލަތު ގައި ކުރަން ޖެހޭ ކަމަކަށް ވުމުން އެކަން އެ ގޮތުގައި ކުރުމަށް މަގު ފަހި ކޮށްދިނުމެވެ. އެ ކަމުން އެމްޑީޕީގެ ފުލް ކޮންޓްރޯލެއް ވެސް ޝާހިދަށް ލިބިވަޑައި ނުގަންނަވާނެ ކަމެވެ. 2028 ގެ ރިޔާސީ ޓިކެޓް ވެސް ހޯއްދެވުމުގެ މަގު ފަހި ނުވާނެ ކަމެވެ.

މި ހުރިހާ މަޝްވަރާތަކެއްގެ އަލީ ގައި އެމްޑީޕީގެ ރައީސް ހޮވުމުގެ އިންތިހާބު މާޗް ދޭއް ގައި ނިންމަން ޕާޓީގެ ލީޑާޝިޕް މިހާރު އޮތީ އިއްތިފާގު ވެއެވެ. އިންތިހާބަށް ވާދަވެރި ކަމެއް ވެސް ނެތެވެ. ރައީސް ސޯލިހް ހުންނެވީ ކޮންމެ ސަބަބެއް ނަމަވެސް މެދުވެރިވެގެން އެ ރޭހަށް ނިކުންނަވާ ގޮތަކަށް ނޫނެވެ. ފައްޔާޒު ވެސް ހުންނެވީ ޕާޓީގެ ރައީސް ކަމަށް ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.

އެހެންވީމަ ދެން އޮތީ އެމްޑީޕީގެ ރައީސް ކަމަށް ރާއްޖޭގެ ސިޔާސީ މައިދާނުން ފެނުނު އެންމެ ވަރުގަދަ އެއް ލީޑަރު، އަބްދުﷲ ޝާހިދު ވަޑައިގަތުމެވެ. އެކަމަށް އެއްވެސް ދައްޗެއް / ހުރަހެއް ނެތި އެވެ. ދެން އޮތީ ޗެއާޕާސަންގެ މަގާމުގައި ހަސަން ލަތީފް ހުންނަވާ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވާ ދެ ބޭފުޅުން ގުޅިގެން، ނަޝީދު ހިތްޕުޅާވާހާ ގޮތަކަށް އެމްޑީޕީ ހިންގި ގޮތަށް ޝާހިދާއި ފައްޔާޒު ގުޅި، ޝާހިދު އެދިވަޑައިގަންނަވާ ގޮތަށް އެމްޑީޕީ ހިންގަން ފުރުސަތު ދޭނެތޯ އޮތް ސުވާލެކެވެ. އެ ސުވާލު އޮތަސް މިއީ އެ ސުވާލު ކުރުމުގެ މުނާސަބު ވަގުތެއް ނޫނެވެ. މިވަގުތު އޮތީ ވާދައެއް / ހުރަހެއް ނެތި އެންމެންގެ ތާއީދާ އެކު އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ވަޑައިގަންނަވާ ވަޑައިގަތުމާމެދު ވާހަކަ ދެއްކުމެވެ.

ކޮމެންޓް

3
450
ރާޖާ
2 months ago

އަބްދުﷲ ޝާހިދަކީ އިންޑިއާގެ އެޖެންޓެއް. ކޯޑް ނޭމަކީ ރާކޭޝް. މިކަން ރާއްޖޭގެ ގިނަ ބަޔަކަށް އެނގޭނެ. އިންޑިއާ ބޭނުންވަނީ އެމްޑީޕީ ބޭނުންކޮށްގެން ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ގެއްލުވާލަން. އެކަމަށް ފުރުސަތު ދޭން ޝާހިދު ވަނީ އެއްބަސްވެފަ. އިންޑިއާ އާޢި އެކު ޑިފެންސް ޕެކްޓެއް ހަދަން ވަނީ ނިއު ދިއްލީގައި މިދައަ އަހަރު މަޝްވަރާ ކޮށްފަ. އެކަމުން ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް. ގެއްލިގެން ދާނީ އަމިއްލަވަންތަކަން.

މުޅިން ގޯސް
2 months ago

ސަހަރޯ، މި ޝާހިދަކީ މި ޒަމާނުގެ ކަޅު މުޙައްމަދު ރަސްގެފާން ދޯ، ބީ.ޖޭ.ޕީ އަށް ދައުލަތް ވިއްކާލީ ދޯ، ދުވަހުގެ ކޮޅުންވެސް ތިޔަ ބައިގަނޑަށް މަގޭ ވޯޓާއި، މަގޭ ޢާއިލާގެ ވޯޓެއް ނުދޭނަން.

ގޯސް
2 months ago

އެމްޑީޕީގެ ރައީސަކަށް ޝާހިދު އަތުވެއްޖެއްޔާ ހިންނަވަރު އިބޫހުރިއިރަށްވުރެ ގޯސްވީ އިބޫވާ އޮފީހުގަ ހުންނަ އެއްޗެތިން ވައްކަން ނުކުރޭ އޭނަނަގަނީ ދައުލަތުގަ ހުންނަ ފައިސާއިން އެހެންނެއްނުވާނެ ޝާހިދުއެއް އޭނަ ވައްކަން ކުރާނެ އޮފީހުގަ ހުންނަ އެއްޗެއްސާ ދައުލަތުގދ ފައިސާއާ ހަރުމުދަލުނަވެސް އަދި އިސްލާމް ދީން ދޫކޮއްލާ ހިންދޫދީނައްވެސް ވަންނާނެ އެއީދަރަވަންދޫގޭ މޫސާ ޖަމީލުގެ ދަތިޔެކޭބުނަންވެސް ލަދުހުތުރު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.