މައުމޫންގެ އެމްއާރްއެމް އުވާލީ ރޭވުމެެއްގެ ތެރެއިންތަ؟

ކުރީން ސައްހަވީ ފޯމްތަކެއް ފަހުން ރިޖެކްޓްވީ ގޮތާއި 22 ގެ ފަހުން ކެނޑެން ހުށައެޅި ބައެއްގެ ނަން އަވަސް އަރުވާލައިގެން ދަފްތަރުން އުނިކުރި ސަބަބާއި ޕާޓީ އުވާލަން ނިންމިއިރު ގޮތް ނުނިންމާ އޮތް 40 ފޯމާއި ސައްހަ ކަމަށް ކަނޑައަޅާ ޝަކުވާއަށް ހުޅުވާލާފައި އޮތް 60 ފޯމަށް ވީ ގޮތެއް ބުނެއެއް ނުދެވެއެވެ.

އެމްއާރްއެމްގެ އިސް ބޭފުޅުން: ޕާޓީ އުވާލަން ނިންމާ ދަރަންޏެއް އޮތްތޯ އަންގަން ވަނީ އިއުލާނު ނެރެފައި -- އަނަސް | މި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރެވެ. އެމަނިކުފާނަކީ ބޮޑު އިލްމުވެރިއެއް ވެސް މެއެވެ. ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރެއްވި އާދަޔާ ހިލާފު ވަރުގަދަ ސިޔާސީ ޝަހުއްސިއްޔަތެކެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ނަމުގައި ޕާޓީއެއް އުފައްދަވާ އެ ޕާޓީ ކާމިޔާބު ޕާޓީއަކަަށް ހެއްދެވި އެވެ. ޑީއާރްޕީއާ ފެއަށް ޖެހިވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ވެސް ޕާޓީއެއް އުފައްދަވާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޕާޓީގެ ވެރިކަމެއް ގާއިމު ކުރެއްވި އެވެ. ނަމަވެސް އެ ޕާޓީ ބޮޑުވެ ވަރުގަދަވެފައި ވަނިކޮށް ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނާއި ޖެހިވަޑައިގެން މައްސަލަތަކެއްގެ ތެރެއިން ޕާޓީން ވަކި ކުރެއްވީ އެވެ. އެ ހިސާބުން އެމަނިކުފާނު ވަނީ ތިންވަނަ ސިޔާސީ ޕާޓީއެއް ވެސް އުފައްދަވާފަ އެވެ.

ޕާޓީއެއް އުފެއްދެވުމުގެ ކުރީން އެމަނިކުފާނު ކުރިއަށް ގެންދެވީ ސިޔާސީ އިސްލާހީ ހަރަކާތެކެވެ. މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގަ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމަން އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މަަސައްކަތްތަކުގައި އެ ހަރަކާތުގެ ބައިވެރިވުން ބޮޑެވެ. އެހާމެ މުހިންމެވެ. އަޑު ގަދަ އެވެ. 

ރައީސް ޔާމީންގެ ސަރުކާރު ނިމި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމެއް ގާއިމުވުމުގައި މައުމޫންގެ އިސްލާހީ ހަރަކާތުން އަދާކުރި ދައުރަކީ އެ މަސައްކަތް ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް އަސްލެވެ. އެއާއެކު މައުމޫން ނިންމެވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ނަމުގައި ޕާޓީއެއް އުފައްދަވާށެވެ.

އާ ސިޔާސީ ޕާޓީއެއް ހައްދަވާކަން މައުމޫން އިއުލާނު ކުރެއްވީ ޖަނަވަރީ 31، 2019 ގައެވެ. އަދި ފެބްރުއަރީ 10، 2019 ގައި އެމްއާރްއެމް އުފައްދަން ހުށައެޅި އެވެ. އެ ހުއްދަ ކޮމިޝަނުން ދިނީ އޭގެ ނުވަ ދުވަސް ފަހުން ފެބްރުއަރީ 19، 2019 ގައެވެ.

އެމްއާރްއެމް އުފެއްދެވުމަށް މައުމޫން ކުރެއްވި ދަތުރު އަނެއް ދެ ޕާޓީ އުފެއްދެވުމަށް ކުރެއްވި ދަތުރާއި މުޅީން ތަފާތެވެ. ޕާޓީ އުފެއްދެވީ އަރިހުގައި މާ ގިނަ ބޭފުޅުންތަކެއް ތިއްބަވައިގެނެއް ނޫނެވެ. ނަމަވެސް ޑީއާރްޕީއާ ޕީޕީއެމްވެސް އެމަނިކުފާނު އުފެއްދެވީ ސިޔާސީ ގޮތުން ވަރުގަދަ ޓީމަކާއެކު އެވެ. އެ ދެ ޕާޓީ އުފެއްދެވުމާއެކު އެތައް ހާސް މެންބަރުން ޕާޓީއާ ގުޅުނެވެ. އެމްއާރްއެމް އުފެއްދި ނަަމަވެސް އެ މަންޒަރެއް ނުފެނުނެވެ. އެމްއާރްއެމް އަބަދުވެސް ހިމެނިފައި އޮތީ މެންބަރުންގެ ގޮތުން އެންމެ ބަލިކަށި ޕާޓީގެ ގޮތުގައެވެ.

އިއްޔެއަކީ އެމްއާރްއެމްގެ ފަހު ދުވަހެވެ. ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން ތިބެން ވާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެންބަރުން ހަމަނުވާ ކަަމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލަން ނިންމީ އެވެ. މިއީ ސިޔާސީ މައިދާނުގައި ބޮޑު ބަދަލެކެވެ. 

އެމްއާރްއެމް އުވާލަން ނިންމުމުން އެ ޕާޓީން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުން: ކޮމިޝަންގެ ނިންމުމާމެދު ވަރަށް ގިނަ ސުވާލުތައް އުފައްދާ -- މި

އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމާމެދު ޕާޓީގެ ލީޑާޝިޕްގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކާއި ޝަކުވާތައް އެބަ ހުއްޓެވެ. އެމްއާރްއެމުން ދެކޭ ގޮތުގައި އެތައް ބައެއްގެ ނުފޫޒުގައި ރޭވިގެން އެ ޕާޓީ އުވާލީ އެވެ. އެކަމަށް ބާރު ދޭ ވަރަށް ގިނަ ހެކިތައް އެ ބޭފުޅުން ފާހަގަ ކުރެއެވެ.

ތިންހާސް މެންބަރުން ހަމަ ނުވާތީ މެންބަރުން ހަމަކުރަން ތިން މަހުގެ ނޯޓިސްް އެމްއާރްއެމަށް އިލެކްޝަންސް ކޮމިޝަނުން ދިނީ ފެބްރުއަރީ 22 ގައެވެ. އޭރު އެ ޕާޓީގައި ތިން ހާސް މެންބަރުން ހަމަވާން 19 މެންބަރުން މަދެވެ. އެ ޕާޓީން ވަނީ ފެބްރުއަރީ 28 ގައި 26 ފޯމް ހުށައަޅާފަ އެވެ. އެ ފޯމްތައް ސައްހަ ކަމަށް ކޮމިޝަނުން ކަނޑައަޅާ އެކަން ޕާޓީއަށް އެންގި އެވެ. 

އެެހެން ކަމުން 3،000 މެންބަރުން އެމްއާރްއެމްގެ ދަފްތަރުގައި ހަމަވި އެވެ. ނަމަވެސް އިތުރު މެންބަރުންތަކެއް ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން އޭޕްރީލް މަހު އިތުރު 24 ފޯމް ފޮނުވި އެވެ. އަދި މިދިޔަ ތިން މަސްތެރޭ އެކި ފަހަރު މަތީން 140 މެންބާޝިޕް ފޯމް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާކަން ލިޔެކިޔުންތަކުން ފެނެ އެވެ.

އެއީ މި މެއި މަހު 11 ވަނަ ދުވަހު ހުށައެޅި 100 ފޯމާއި 21 ވަަނަ ދުވަހު ހުށައެޅި 40 ފޯމެވެ. މި މަހުގެ 21 ވަނަ ދުވަހަކީ ފޯމް ހުށައަޅަން އެ ޕާޓީއަށް ކޮމިޝަނުން ދީފައިވާ އެންމެ ފަހުގެ މުއްދަތެވެ. ނަމަވެސް އެހާތަނަށް މި މަހުގެ 11 ވަނަ ދުވަހު ހުށައެޅި 100 ފޯމްގެ ތެރެއިން ސައްހަ ފޯމްްގެ އަދަދާއި އިސްލާހު ކުރަން ޖެހޭ ފޯމްގެ އަަދަދު ކޮމިޝަނުން އެ ޕާޓީއާ ހިއްސާއެއް ނުކުރެއެވެ. އިތުުރު 40 ފޯމް ހުށައެޅީ އެމްޑީޕީއާ ކޯލިޝަން ހެދުން ލަސްވެގެން އެ ޕާޓީއަށް ޕްރެޝަރު ދޭން އެކްސްކޯގެ މެންބަރުންތަކެއް ވަކިވުމުން 3،000 ދަށަށް މެންބަރުންގެ އަދަދު ވެއްޓުމުގެ ފުރުސަތު ނުދޭށެވެ. 

ނަމަވެސް ކުރީން ހުށައެޅި ފޯމްތަކާއެކު މި މަހުގެ 22 ނިޔަލަށް 3،000 މެންބަރުންނަށް ވުރެ އިތުރުވާނެތީ ޕާޓީ އުވާލުމުގެ ބިރެއް އެމްއާރްއެމްގެ ލީޑާޝިޕަކަށް އޭރު ނެތެވެ. އެކަން އެހެން ގޮތަށް ބަލައިގެން އޮއްވާ އިއްޔެ ކުއްލި ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރްއެމްގައި 3،000 މެންބަރުން ނެތް ކަމަށް ނިންމާ ޕާޓީ އުވާލާނެ ކަން ހާމަ ކޮށްފައެވެ. އަދި އެމްއާރްއެމްގެ ދަރަންޏެއް އޮތްތޯ ބަލަން ވަގުތުން ވަނީ ގެޒެޓަށް އިއުލާނު ލާފަ އެވެ.

އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް: އެމްއާރްއެމްގެ ދަަރަންޏެއް އޮތްތޯ ބެލުމަށް ފަހު އުވާލާނެ

އިލެކްޝަންސް ކޮމިޝަންގެ ނިންމުމާމެދު އެ ޕާޓީން ސުވާލު އުފައްދާ އެހެން ކަންކަންވެސް އެބަ ހުއްޓެވެ. ކޮމިޝަންގެ ނިންމުން އައިރު އެ ޕާޓީން ހުށައެޅި 40 ފޯމެއް ޕްރޮސެސް ނުކޮށް އެބަ ހުއްޓެވެ. ކޮމިޝަންގެ ޑޭޓާ ބޭސް އިން އެކަން ފެންނަން އެބަހުއްޓެވެ.

އަނެއްކޮޅުން ސައްހަ ކަމަށް ނިންމާ ދަފްތަރުގައި ނުހިމަނާ 60 ފޯމެއް ވެސް އެބަވެއެވެ. ކޮމިޝަނުން އަމަލު ކުރާ އުސޫލަކީ ފޯމްގެ ސައްހަކަން ކަނޑައަޅާ ދަފްތަރު ކުރުމުގެ ކުރީން ޝަކުވާއަށް ހަފްތާއެއްގެ މުއްދަތަށް ހުޅުވާލުމެވެ. އެކަން މި ފަހަރު ނުކުރެއެވެ. އެހެން ކަމުން ދަފްތަރު ނުކުރެވި 60 ފޯމަކާއި ގޮތް ނުނިންމާ 40 ފޯމެއް އޮވެ ކޮމިޝަނުން އެމްއާރްއެމް އުވާލަން ނިންމުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ.

އެކަމަށް ކޮމިޝަނުން ދެނީ ހެއްވާ ޖަވާބެކެވެ. އެއީ ޕާޓީން އިއްޔެ ކެނޑުނު މީހުން މާ ގިނައީ އެވެ. މިހާރު ހުށައަޅާފައިވާ ހުރިހާ ފޯމެއް ސައްހަ ކަމަށް ބެލި ނަމަވެސް 3،000 ހަމަވާން ނެތީ އެވެ. މިއީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަ އެވެ. ކޮމިޝަންގެ ނިންމުންތައް ބިނާވާން ޖެހޭނީ އަންދާޒާއެއްގެ މައްޗަށް ބިނާ ކޮށެއް ނޫނެވެ. އެމްއާރްއެމުން މި މަހުގެ 21 ގެ ކުރީން ހުށައެޅި ހުރިހާ ފޯމްތައް ބަލަން ޖެހެއެވެ. ސައްހަ ނަމަ އުސޫލުގެ ތެރެއިން ދަފްތަރުގައި ޖައްސަން ޖެހޭނެ އެވެ. ސައްހަ ނޫން ނަމަ ބާތިލުކޮށް އެކަން ޕާޓީއަށް އަންގަންވީ އެވެ. 

ނަމަވެސް މި ފަހަރު ކޮމިޝަނުން އަމަލުކުރީ އެ ގޮތަކަށް ނޫނެވެ. ހުށައަޅާފައި ހުރި ފޯމްތައް ބެހެއްޓުމަށް ފަހު ދަފްތަރުން އުނި ކޮށްދޭން އެދި ހުށައަޅާފައިވާ ފޯމްތައް އަވަހަށް ޕްރޮސެސްކޮށް ނިންމާލީ އެވެ. އިއްޔެ އެކަނިވެސް އެ ޕާޓީގެ ދަފްތަރުން 62 މީހުން އުނިކުރި އެވެ. ކޮމިޝަނުން ބުނި ގޮތުގައި އެއީ އެމްއާރްއެމުން ވަކި ކޮށްދޭން އެދި ސިޓީ ފޮނުވި މީހުންނެވެ. އެ މީހުން ވަކިކޮށްފައި ވަނީ އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ. ކިރިޔާ ރަސްމީ ގަޑި ފެށުނީ އެވެ. އެކަންވެސް ޑޭޓާ ބޭސް އިން ފެންނަން އެބަ ހުއްޓެވެ. 

އެމްއާރްއެމަށް 3،000 ހަމަކުރަން ދިން މުއްދަތަކީ މި މަހުގެ 22 ގެ ނިޔަލެވެ. ސުވާލު އުފެދެނީ އޭގެ ކުރީން ހުށައަޅާފައި ހުރި ފޯމްތައް ނުބަލާ އޭގެ ފަހުން ކެނޑެން ހުށައަޅާފައި ތިބި މީހުންގެ ފޯމްތައް އަވަހަށް ޕްރޮސެސް ކުރުމުންނެވެ. އެއީވެސް އެ މުއްދަތު ހަމަވި ފަހުން ކުރުމެވެ. ފުރަތަމަ ބަލަން ޖެހޭނީ 3،000 ހަމަވޭތޯ އެވެ. ފަހުން ކެނޑެން ހުށައެޅި މީހުންގެ ނަންތައް އުނިކުރާނީ އޭގެ ފަހުންނެވެ. 3،000 މެންބާޝިޕް އަރާނަމަ ނޯޓިސް ބާތިލްވީ އެވެ. ފަހުން ހުށައެޅި މީހުން ވަކި ކުރުމުން ތިންހާހުން ވެއްޓޭނަމަ އަނެއްކާވެސް ނޯޓިސް ދޭނީ އެވެ. ކޮމިޝަނުން ކުރީން އަމަލު ކުރަމުން އައި ގޮތަކީ އެއީ އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް އިން މިއަދު ހަވީރު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޕާޓީގެ ރައީސް ފާރިސް މައުމޫން، ނޫސްވެެރީންނަށް މައުލޫމާތު ދެއްވަނީ -- މި

އަނެއް ކޮޅުން ސިޓީ ހުށައަޅައިގެން ވަކިވާން އެދުނު ކަމަށް ބުނާ މީހުންގެ ތެރެއިން އެތައް ބަޔަކާއި ގުޅުމުން އެ މީހުން އެފަދަ ހުށައެޅުމެއް ހުށައަޅާފައި ނުވާނެ ކަމަށް ދަނީ ބުނަމުންނެވެ. 

އެމްއާރްއެމް ދަފްތަރުން އިއްޔެ އުނިކުރި 62 މީހުންގެ ތެރެއިން "މި" ނޫހުން ގުޅި 15 މީހުންގެ ތެރެއިން 11 މީހަކު ބުނި ގޮތުގައި އެފަދަ ހުށައެޅުމެއް ހުށަނާޅަ އެވެ. އެހެން ޕާޓީއަކަށް ސޮއެއް ނުކުރެ އެވެ،

އެހެން ކަމުން ޕާޓީއެއް އުވާލަން ޖެހޭ ހާލަތެއްގައި އެކަންކަން ކޮމިޝަނުން ކަށަވަރު ކުރަން ޖެހެއެވެ. މީހަކު ސިޓީއެއް ލާއިރަށް އެއީ ސައްހަ ސިޓީއެއްތޯ ކަށަވަރު ނުކޮށް ވަކިކޮށް ޕާޓީއެއް އުވާލަން ޖެހޭ ހާލަތަކަށް ގެންގޮސްގެން ނުވާނެ އެވެ. ކޮމިޝަނުން ބުނާ ގޮތުން އެގޮތަށް ހުށައެޅޭ ސިޓީތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް އެއީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫނެވެ. މި ފަހުން ކޮމިޝަނަށް ހުށައަޅާ މެންބާޝިޕް ފޯމްތަކުގައި ވަރަށް ގިނަ މައުލޫމާތު ހިމަނަން ޖެހެއެވެ. ބޭނުންނަމަ ގުޅައިގެން ސައްހަކަން ކަށަވަރު ކުރެވޭނެ އެވެ.

އަނެއްކޮޅުން ޕާޓީ އުވާލަން ޖެހެނީ ކެނޑޭ މީހުންގެ އަދަދު އިތުރުވެގެން ކަމަށް ވާނަމަ ކެނޑެން ހުށައަޅާ ސިޓީތަކުގެ ސައްހަކަން ކަށަވަރު ކުރުން ކޮންމެހެން ލާޒިމެވެ. މިއީ މެންބަރުންގެ ގާނޫނީ އަދަދު ހަމަ ޕާޓީއެއްގެ ދަފްތަރުން މެންބަރަކު އުނިކުރުން ފަދަ ހާލަތެއް ނޫނެވެ. މިއީ ޕާޓީއެއް އުވާލުމުގެ ހާލަތެވެ. 

މި ނޫންވެސް އެހެން މައްސަލައެއް އެ ޕާޓީން ފާހަގަ ކުރެއެވެ. އެއީ ކުރީން ސައްހަ ކަމަށް ކަނޑައަޅާފައިވާ ފޯމްތަކެއް އިއްޔެ ކުއްލި ގޮތަކަށް ރިޖެކްޓް ކުރުމެވެ. އެއީވެސް ޑޭޓާ ބޭސް އިން ފެންނަން އޮތް ހަގީގަތެކެވެ. މި މަހުގެ 11 ވަނަ ދުވަހު ހުށައެޅި ފޯމްތަކުުގެ ތެރެއިން 16 ވަނަ ދުވަހު ސައްހަ ކަމަށް ނިންމާފައިވާ އެތައް ފޯމެއް އިއްޔެ ވަނީ ރިޖެކްޓް ކޮށްފަ އެވެ. މިއީވެސް ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބަ އޮތެވެ. އެއީ އެ ޕާޓީން ހުށައެޅި ފޯމްތަކުގެ އަދަދުން ތިންހާސް ހަމަވެ ކެނޑެން ހުށައެޅި އަދަދު އުނިކުރުމުންވެސް ތިންހާހުން ދަށަށް ނުވެއްޓޭތީ ކުރީގެ ފޯމްތަކެއް ރިޖެކްޓް ކޮށްގެން ތިންހާހުން ދަށަށް މެންބާޝިޕް ގެންދިއުމެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން: ކޮމިޝަންގެ ނިންމުން ރިވިއުކޮށްދޭން ވަނީ އެދިވަޑައިގެންފައި

އެމްއާރްއެމް އުވާލަން ނިންމިއިރު އެ ޕާޓީގައި ހަމަވަނީ ކިހާ މެންބަރުންނެއް ކަމެއްވެސް ކޮމިޝަނުން ސާފުކޮށެއް ނުދެއެވެ. ބުނާހާވެސް ވާހަކައަކީ ފަހުން ހުށައެޅި ފޯމްތަކުން ސައްހަވީ 66 ފޯމް ކަމެވެ. ކުރީން ސައްހަވީ ފޯމްތަކެއް ފަހުން ރިޖެކްޓްވީ ގޮތާއި 22 ގެ ފަހުން ކެނޑެން ހުށައެޅި ބައެއްގެ ނަން އަވަސް އަރުވާލައިގެން ދަފްތަރުން އުނިކުރި ސަބަބާއި ޕާޓީ އުވާލަން ނިންމިއިރު ގޮތް ނުނިންމާ އޮތް 40 ފޯމާއި ސައްހަ ކަމަށް ކަނޑައަޅާ ޝަކުވާއަށް ހުޅުވާލާފައި އޮތް 60 ފޯމަށް ވީ ގޮތެއް ބުނެއެއް ނުދެވެއެވެ.

އެމްއާރްއެމުން ވަނީ ކޮމިޝަންގެ ނިންމުން ރިވިއު ކޮށްދޭން އެދިފައެވެ. އެ ނޫން ހާލަތެއްގައި ޝަރުއީ މަރުހަލާ އިން މައްސަލައަށް ގޮތެއް ނިންމަން ދާނެ އެވެ. 

ކޮމެންޓް

7
450
ނާއިލް
10 months ago

ކޮބާތަ މާ ބައްޕާފުޅު ވެގެން އުޅުނު ޔުމްނާ. މިނިސްޓަރު ކަން ގެއްލިދާނެތީ ބައްޕާފުޅު ދޫކޮށްލީ އުތަ. ބަލަ ޣައްސާނާއި ދުންޔާއަށް ފާޑުކީ މީހާއަށް މިވީ ކިހާ ވަރެއް. މަގާމާ ހެދި ޣައްސާނާއި ދުންޔާ ނޫޅޭ ވަރަށް ޔުމްނާ އުޅޭކަން ސާބިތު. ވަރަށް ލަދުވެތި. ވަރަށް ވަރަށްވެސް ލަދުވެތި. ހަޔާތްކުޑަ މިންވަރަކީ ދުރަށް އެ ދިޔައީ ބައްޕާޕުޅުގެ ޕާޓީގަނޑުވެސް ފުނޑާލާ މަރާލާފައި ވިއްޔާ. ގޮތެއް ނެތަސް ބޮޑުވަރު

އިރުމާ
10 months ago

ތިން އަހަރުން ތިންހާހުން މައްޗަށް ނުގެންދެވުނު ބައެއް އުވާލުން ނޫން ގޮތެއް ނޯންނާނެ. މައުމޫނާއި ފާރިސްއަށް ތާއީދެއް ނެއް

ގޮ---
10 months ago

2980 މީހުން ޕާޓީގެ ދަފްތަރުގައި ތިބެމެ 20 މީހުން އަލަށް ހޯދަން ނުކުޅެދުނީމާ އަމިއްލަޔަށް ހުއްޓާލުން ރަގަޅީ. މޑޕ އަށް ވަންނަން ރަގަޅު

އީސީ
10 months ago

އަޑުތައް ހުރި ގޮތުން މިކަމުގެ އަޑީގައި ހުރީ އީސީގެ ނާއިބު ރައީސް ހަބީބެވެ. ހަބީބު އެކަން ކުރަނީ ކޮންމެވެސް ބައެއްގެ އޯޑަރަށެވެ. ކޮމިޝަންގެ ރައީސް ފުއާދު ރާއްޖޭގައި ނެތިސް ހަބީބު މި ގަނޑު ގަނެ ނިންމާލީ އެވެ. ހަބީބެވެ. ބަލަން ހުންނާށެވެ. ހަގީގަތް ހާމަވާނެ އެވެ. އެ ދުވަހުން ތިޔަ ހިންގި ޖަރީމާ ސާފުކޮށް ފެންނާނެ އެވެ.

ނައީމު
10 months ago

މިހާރުވެސް ހަބީބުގެ އަރުތެރެއަށް އަތްލާ ބަލާށެވެ. ޖެހޭނީ މައުމޫންގެ ތައްޕާހުން ހޯދި ތަކެއްޗެވެ. ހޮޑަށް ލެވޭނީ މައުމޫންގެ ފަރާތުން ލިބުނު ލައްޒަތާއި އިއްޒަތެވެ. ލަދެއް ނެތީ އެވެ.

އެމްއާރްއެމް ފޭންސް
10 months ago

އިރާދަކުރެއްވިއްޔާ އެމްއާރްއެމް އުވައެއް ނުލެވޭނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މަދު ބަޔަކު މި ހިންގި ޖަރީމާ ބެލޭނެ އެވެ. އަދި އެ މީހުންގެ މައްޗަށް އިންސާފު ގާއިމު ކުރެވޭނެ އެވެ. ބާރެއް އޮތަތީ ނިންމުންތަކެއް ނިންމި ދާނެ އެވެ. އެކަމަކު ހައްގު އަރާ ހަމަކޮށް ހުރިހާ ބާތިލެއް ނެތިކޮށްލާނެކަން އެއީ ކަށަވަރު ކަމެކެވެ. އަހަރެމެން މުސްލިމުންގެ އަގީދާއަކީ އެއީ އެވެ. އެ ގޮތް ބަލިކަށްޓެއް ނުކުރެވޭ ހުއްޓެވެ.

ނާފިޒާ
10 months ago

މި ރިޕޯޓްގައި މި ހުރި ވާހަކަަތައް އެއީ ހަގީގަތެއް ނަމަ އެމްއާރްއެމް އުވާލީ ނުފޫޒުން. ބައެއްގެ ރޭވުމުން ކަން ޔަގީން. އެހެން ނޫނީ ތާއީދު ނެތީ. މެންބަރުން ހަމަ ނުކުރެވުނީ. ހަގީގަތް ހާމަވާން ޖެހޭ. މައްސަލަ ބަލަން ޖެހޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.