މޯލްޑިވްސް 2.0 ސަމިޓް ނިންމާލައިފި، 10 ކަރުދާހެއް، ގައުމީ ޑްރާފްޓަށް އިތުރަށް ފުރިހަމަކުރާނެ

މޯލްޑިވްސް 2.0 ސަމިޓުގައި 10 ކަރުދާހެއް ހުށަހެޅި އެވެ. އަދި ވަނީ މި ކަރުދާސްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ފަންނީ ދާއިރާތަކުން އިތުރު ފަރާތްތަކާ މަޝްވަރާ ކުރަން ނިންމާފަ އެވެ.

މޯލްޑިވްސް 2.0 ސަމިޓުގެ އިގުރާރު ރައީސް ޑރ. މުއިއްޒަށް އަރުވަނީ -- ރައީސް އޮފީސް

ރާއްޖެ ޖިޓިޓަލް ކުރަން މަސައްކަތް ފަށަން ބޭއްވި މޯލްޑިވްސް 2.0 ސަމިޓުގައި މަޝްވަރާކޮށް 10 ކަރުދާހެއް އެކުލަވާލިއިރު ގައުމީ ޑްރާފްޓަށް ދިއުމުގެ އިތުރަށް މަޝްވަރާތައް ހޯދައި ފުރިހަމަ ކުރަން ނިންމައިފި އެވެ. 

ދައުލަތުގެ ތިން ބާރުގެ އިސްވެރިންނާއި މުވައްސަސާތަކުގެ ވެރިން އަދި ޕްރައިވެޓް ސެކްޓާ ބައިވެރިވެގެން ދެ ދުވަހަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް 2.0 ސަމިޓު މިރޭ ނިންމާލާފައިވާއިރު މި ސަމިޓުގައި ވަނީ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކުރާނެ މަސައްކަތްތަކުގެ ވަގުތީ ދެލިކޮޕީއެއް އެކުލަވާލާފަ އެވެ. 

ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު ކެޕްޓަލް އަލީ އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0 އަކީ އީވޯޓިން ތައާރަފު ކުރަން ކުރާ މަސައްކަތެއް ނޫން ކަމަށާ މިއީ ދައުލަތުގެ ހުރިހާ ވިއުގަތަކެއް ޓިޖިޓަލްކޮށް މަސައްކަތް ކުރާނެ މެކޭނިޒަމެއް އެކުލަވާލަން ކުރާ ގައުމީ ފެންވަރުގައި މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީގެ ބައެއް ކަމަށެވެ. 

މި ރަސްމިއްޔާތުގައި ޓްރޭނެޓް މޯލްޑިވްސްގެ އެމްޑީ ސައީދާ އުމަރު ވިދާޅުވީ މި ސަމިޓަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާ މިގޮތުން ޝެޑިއުލް ކުރި ވަރަށްވުރެ ވަގުތު އިތުރުކޮށްގެން ބައެއް ސެޝަންތައް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ. 

ހަފުލާގައި ޓްރޭޑްނެޓުގެ އެމްޑީ ސައީދާ އުމަރު ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

އޭނާ ވިދާޅުވީ މިފަދަ ޕްލެޓްފޯމެއް ކްރިއޭޓްކޮށް ދިންކަމަށްޓަކައި ރައީސަށް ޝުކުރު އަދާ ކުރާ ކަމަށާ ސަމިޓުން އެނގިގެން ދިޔައީ މިއީ ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކު ވެސް "މޯލްޑިވްސް 2.0 ސަމިޓެއް" ބާއްވަން ނިންމާފައިވާކަން ސައީދާ އިއުލާނު ކުރެއްވި އެވެ. 

"ސަމިޓުން އެނގިގެން ދިޔައީ ގުޅިގެން ހުރިހާ މުވައްސަސާތަކުން ގުޅިގެން ކުރެވޭނެ ގިނަ މަސައްކަތް ތަކެއް ހުރިކަން އެކަން ކުރަން ބޭނުންވާކަން. މީގެ އިތުރުން ގައުމީ ފެންވަރުގައި މަޝްވަރާ ކުރާނެ މިފަދަ ޕްލެޓްފޯމެއް އޮތުމުގެ މުހިންމުކަން. މިފަދަ ޕްލެޓްފޯމެއް އޮތުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާ ކުރެވި ކަންކަން ނިންމަން ފަހި ވެގެންދާނެކަން. އެހެންވެ ރައީސް ނިންމަވާފައިވަނީ ކޮންމެ އަހަރަކު މޯލްޑިވްސް 2.0 ސަމިޓު ބާއްވަން،" ސައީދާ ވިދާޅުވި އެވެ.

"ސަމިޓުން އެނގިގެން ދިޔައީ މި ދާއިރާއަކީ ނިސްބަތުން ފަންނާއި ހުނަރު ބިނާ ކުރަން ޖެހޭ ކަމަކަށްވާތީ ދުނިޔޭގައި މިފަދަ ކަންކަމުގައި ކުރިއަރާފައިވާ ގައުމުތަކުގެ ބައިވެރިވުމާއެކު މިފަދަ ސަމިޓުތައް ބޭއްވުމަކީ ބައިވެރިންގެ ވަރަށް ބޮޑު އެދުމެއްކަން." 

މޯލްޑިވްސް 2.0 ގެ 8 ސްޓްރެޓެޖިކް ޕިލާ

  •  ޑިޖިޓަލް އައިޑެންޓިޓީ ނުވަތަ އީ-ފާސް ޒަމާނީ ކުރުން
  •  ޑޭޓާ އެކްސްޗޭންޖު ކުރެވޭނެ ނިޒާމުތައް ރާއްޖެ ގެނައުން
  •  ސައިބަ ރައްކާތެރިކަން ގައުމީ ފެންވަރުގައި ކަށަވަރު ކުރުން
  •  އިތުބާރާއެކު ހިދުމަތް ދެވޭނެ ގާނޫނުތައް އަވަހަށް ހެދުން
  •  ދައުލަތުގެ ނިޒާމުގައި އެއްކުރާ މައުލޫމާތު ރައްކާތެރިކަމާއެކު ރައްކާކުރެވޭނެ ސޮވަރިން ކްލައުޑް ގާއިމް ކުރުން
  •  ސިޓިޒަން ސެންޓްރިކް - އީ ކަވަމަންޓް ނިޒާމެއް ގެނައުން (ވަކިވަކި މުއާސަސާތައް މަސައްކަތް ނުކޮށް އެއްކޮށް މަސައްކަތް ކުރުން)
  •  ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ޓެކްނޮލޮޖީއަށް ގެންނަން ޖެހޭ ކުރިއެރުން ގެނައުން (މި އަހަރު އެޑިއުކޭޝަން ، ފައިނޭންސް، ހެލްތް ސެންޓާއިން މި ދާއިރާގެ މަޝްރޫއު ކުރިއަށް ގެންދިއުން)
  •  އައިޓީއިކޯ ސިސްޓަމް އަދި އިނޮވޭޝަން - ދިވެހިންނަށް ފަހިވާނެހެން ނިޒާމު ބައްޓަން ކުރުން
މޯލްޑިވްސް 2.0 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މަސީގެ އެކްސްކޯގެ މެންބަރު ނޫރެއިން ޖަނާ -- ރައީސް އޮފީސް

ސައީދާ އިތުރަށް ވިދާޅުވީ އަށް ޕިލާގެ މައްޗަށް ގިނަ ޑޮކިއުމެންޓް ތަކެއް ހުށަހެޅިގެން ދިޔައިރު އަދިވެސް އެއްގޮތް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ސަމިޓުން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓާ އިތުރަށް ބައިވެރި ކުރުމާއެކު ސެކްޓާ ތަކަށް މަޝްރޫއުތައް ބައްޓަން ކުރުމަކީ ކުރާނެ ކަމަށް ބައިވެރިން ބުނެފައިވާ ކަމަށެވެ. 

"އެންމެ އިސްކަމެއް ދޭނީ އެކުލަވާލި ޑްރާފްޓް އެންމެންގެމެދުގައި ހިއްސާ ކުރެވި ގައުމީ ޑޮކިއުމެންޓެއްގެ ގޮތުގައި އަމަލު ކުރަން ފެށުމުގެ ކުރިން ހުރިހާ ބޭފުޅުންގެ ހިޔާލު ގެނެސް އާއްމުންނަށް ފެންނާނެ ގޮތް ހަދަން. މި މަސައްކަތުގައި ވަރަށް ފަންނީ ޓެކްނިކަލް މަސައްކަތް ތަކެއް ހިމެނޭ އެހެންވެ މި މަސައްކަތުގައި އުޅުއްވާ ފަންނީ ބޭފުޅުންގެ ހިޔާލަކީ އެބަޖެހޭ އިތުރަށް ޑީޕްޑައިވެއް ކޮށްލަން. [ފުނަށް ގޮސް ފަންނީ ގޮތުން ހުރި މައްސަލަތައް ބަލަން] އެހެންވެ އެ ކަންކަމަށް އިތުރަށް ވޯކްޝޮޕް ތަކެއް ބޭއްވޭނެ." ސައީދާ ވިދާޅުވި އެވެ. 

އެންމެ އިސްކަމެއް ދޭނީ އެކުލަވާލި ޑްރާފްޓް އެންމެންގެމެދުގައި ހިއްސާ ކުރެވި ގައުމީ ޑޮކިއުމެންޓެއްގެ ގޮތުގައި އަމަލު ކުރަން ފެށުމުގެ ކުރިން ހުރިހާ ބޭފުޅުންގެ ހިޔާލު ގެނެސް އާއްމުންނަށް ފެންނާނެ ގޮތް ހަދަން

ޓްރޭޑް ނެޓްގެ އެމްޑީ ސައީދާ އުމަރު

މީގެ އިތުރުން ސައީދާ ވިދާޅުވީ ސަމިޓުގެ ބައިވެރިން ދެއްވި އަނެއް ހިޔާލަކީ ޑިޖިޓަލައިޒޭޝަން މަސައްކަތުގައި އާއްމުން ހޭލުންތެރި ކުރަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ހާއްސަކޮށް މާލެއިން ބޭރު ޓެކްނޮލޮޖީއާ ފަރިތަނޫން ފަރާތްތަކަށް ވެސް މައުލޫމާތު ދިނުމުގެ މުހިންމުކަން. އެންމެ އިސްކަމެއް ދޭނީ އެކަމަށް،" ސައީދާ ވިދާޅުވި އެވެ. 

މޯލްޑިވްސް 2.0 - އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.