އާމާފުށީ ހަ ގޯތި ވިއްކައިގެން | 24.6 މިލިއަން ރުފިޔާ

މިވަރުގެ ކާމިޔާބު މުއާމަލާތެއް މިހާތަނަށް ރާއްޖޭގެ ކައުންސިލަކުން ކޮށްފައެއް ނެތެވެ. މި ލިބުނު ކާމިޔާބީއާއެކު މާފުށީ ކައުންސިލްގެ މަސައްކަތް ހަލުވި ވެގެންދާނެ އެވެ،

މާފުށި ކައިރިއީ އަލަށް ހިއްކި ރަށް : މި ރަށުން ވަނީ ހަ ގޯތި ވިއްކައި އެވޯޑް ކޮށްފަ

ރާއްޖޭގައި ބިމުގެ އަގު އެންމެ ބޮޑު ރަށަކީ މާލެ އެވެ. އެކަމަކު މި ރަށް ނަގާފައި އެންމެ ޑިމާންޑް ބޮޑު އެއް ރަށަކަކީ މިވަގުތު ކ. މާފުއްޓެވެ. ބިމުގެ "ވެލިއު" އެންމެ ހައި އެއް ރަށަކަށް މި ރަށްވާނެ އެވެ. މިރަށުގެ ކައުންސިލުން ވަނީ އަލަށް ހިއްކި މާފުށީގެ އާ ރަށުން މިދިޔަ އަހަރު ބީލަމުގެ އުސޫލުން ހަ ގޯއްޗެއް ވިއްކަން ނިންމާފަ އެވެ. މި ގޯތި ވިއްކައިގެން ކައުންސިލުން ވަނީ 24.6 މިލިއަން ރުފިޔާ ހޯދާފަ އެވެ.
 

އާމާފުށިން ގޯތި ވިއްކަނީ އަލަށް ހިއްކި މި ރަށުގެ އެންމެ ޕްރައިމް ލޮކޭޝަނުންނެވެ. މި ހުރިހާ ގޯއްޗެއްވެސް ހުރީ ބީޗް ފްރަންޓާ ގާތުގަ އެވެ. މި ބިންތަކުގެ ބިޑް ފޮތް ވިއްކާފައިވަނީ މާރިޗު މަހު 24 ވަނަ ދުވަހުން މިދިޔަ މަހުފެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާފުށީ ކައުންސިލުން ވަނީ އިއްޔެ މި ގޯތިތައް ކާމިޔާބު ކުރި ފަރާތްތަކަށް ބިންތައް އެވޯޑުކޮށްފަ އެވެ. މާލޭގެ ބައެއް ވިޔަފާރިވެރިންނާއި މާފުށީގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނިންވެސް ބިން ގަނެފައިވެ އެވެ. 

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު އަދި ކުންފުނީގެ ރައީސް ސަލްމާން

ބީލަމުގެ އުސޫލުން ވިއްކި ބިންތައް ގަތުމަށް ހަ ފަރާތަކުން ވަނީ ބިޑް ފޮތް ގަނެފަ އެވެ. ނަމަވެސް ބިޑަށް ކުރިމަތިލާފައިވަނީ ހަތަރު ފަރާތަކުންނެވެ. ބިމުގެ އަގުތައް ހުރީ އަކަފޫޓެއް 2،000ރ. އަށްވުރެ މަތީގަ އެވެ. ބިން ވިއްކައިގެން ޖުމްލަ 24.6 މިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ވަނީ ކައުންސިލަށް ލިބިފަ އެވެ.

ގޯތި ވިއްކި ގޮތާއި އަގުތައް

  • އަލަށް ހިއްކި މާފުށިން ވިއްކަނީ ހަ ގޯތި
  • ބީލަމުގެ އެންމެ ކުޑަ އަގު އަކަފޫޓެއް 2،000ރ. އަށް
  • ގޯތީގެ ސައިޒް 1،961.42 އާއި 1،961.48 އަކަފޫޓު
  • ގޯތި ވިއްކުމުގެ ބިޑް ފޮތް ވިއްކާ އަގު 30،000ރ. އަށް
  • ބިޑް ސެކިއުރިޓީ 100،000ރ.
  • ކާމިޔާބު ކުރާ ފަރާތްތަކުން ކައުންސިލަށް ދައްކަން ޖެހޭ އެޑްވާންސް 50،000ރ.

ކައުންސިލަކުން ކާމިޔާބު މަސައްކަތެއް

ރާއްޖޭގެ ރަށަކުން މި ވަރަށް ބިން ވިއްކައިގެން އާމްދަނީ ހޯދުމަކީ ރާއްޖޭގެ ކައުންސިލަކުން މިހާތަނަށް ކުރި އެންމެ ކާމިޔާބު އެއް މުއާމަލާތެވެ. މި ކާމިޔާބީ އާއި މާފުށީ ކައުންސިލްގެ އާމްދަނީ ބޮޑުތަން ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި ދާދިފަހުން އެ ރަށުގައި އުފެއްދި ކައުންސިލް ކުންފުނި މެދުވެރިކޮށް ރަށުގެ ގިނަ މަސައްކަތްތަކެއް ކުރަމުން މި ފައިސާއިން ބޮޑު ބައެއް ލިބިގެންދާނެ އެވެ. 

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ ހިއްކި ރަށް މިހާރު އޮތް ހާލަތާ ބަލާއިރު ލިބުނު ޑިމާންޑް ގޯސް ނޫން ކަމަށެވެ. 

"މީހުން އާބާދުވާން ހިއްކި ތަނެއް މިއީ. އެކަމަކު އަދި ނަރުދަމާ އާއި ފެން އެޅިފައެއް ނެތް. އެކަމަށް މި މަސައްކަތް ކުރަނީ ސަރުކާރާ ގުޅިގެން. މިހެން އޮތް ތަނަނަކަށް މިވަރުގެ ޝައުގުވެރިކަމެއް ލިބުނީމަ ކައުންސިލުން ހިތްހަމަ ޖެހޭ،" ސޮލާހު ވިދާޅުވި އެވެ. 

އަލަށް ހިއްކި މާފުށީގެ މައުލޫމާތު

  • މަސައްކަތް ފެށީ 2019 ވަނަ އަހަރު
  • ނިމުނީ 2021 އޮކްޓޫބަރު މަހު
  • މަސައްކަތް ކުރީ އެމްޓީސީސީން
  • ހިއްކީ 25 ހެކްޓަރުގެ ބިން
  • 1,100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް
  • މަޝްރޫއުގެ އަގު 118.07 މިލިއަން ރުފިޔާ
މާފުށި - މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ އެއް ރަށެވެ. އެ ރަށުގެ އާބާދީ އަކީ 1,824 އެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ. އެއީ މާލެ ފިޔަވަައި ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ބޮޑު ރަށެވެ. އެ ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.