ސަރުކާރަށް 26,280 ގަޑިއިރު ؛ ބިދޭސީންނަށް 48 ގަޑިއިރު

މި މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މިކަން ދެން ހައްލު ވާނެ ކަމަށް ނުބެލެވެ އެވެ. މިހާރު ވެސް މި ކަމަށް ވަގުތު ވަނީ ކުޑަތަން ވެފަ އެވެ. އެހެންވެ އޭގެ ފަހުން އެކަން ހައްލު ކުރަން އިތުރު ވަގުތެއް ނޯންނާނެ އެވެ.

މުޒާހަރާ ކުރި ބިދޭސީން ތަކެއް ބެލެހެއްޓުމުގައި ފުލުހެއް މަޑުކޮށްލައިގެން: ބިދޭސީންގެ މައްސަލަ ވަނީ ބޮޑުތަނުން ގޯސްވެފައި

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ގޯސް ވެފައިވާ މިންވަރު ދިވެހި ރައްޔިތުންގެ ލޯ މައްޗަށް މިފަހުން އެންމެ ރަނގަޅަށް ސިފަ ވެގެން ދިޔައީ އޮކްޓޫބަރު 5، 2019 ވަނަ ދުވަހު އެވެ. 

މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ފެށި އަންޑޮކިއުމެންޓެޑް ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމުގެ ޕްރޮގްރާމުގެ ދަށުން ބިދޭސީން ރަޖިސްޓްރީވާން ހުޅުވާލުމާއެކު 12،000 މީހުންގެ ޖާގައިގެ ގަލޮޅުދަނޑު ފުރާލި އެވެ. އަދި މަޖީދީމަގުގެ އެކި ސަރަހައްދުތައް ބަންދުކޮށް ފުލުހުން ނެރެ ކިއު ތަރުތީބު ކުރަން ޖެހުނެވެ. މި މަސައްކަތް ފެށުމާއެކު އޭރުގެ މިނިސްޓަރު ފައްޔާޒު ފައިސަލް ބިދޭސީންގެ މައްސައިގެ ގޯސްވުމުގެ ހުރިހާ އިލްޒާމެއް އެޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބޮލުގަ އެވެ. ބިދޭސީންގެ މައްސަލަ ރައީސް ޔާމީންގެ ސަރުކާރުގެ ބޮލަށް ކަނޑާލުމާއެކު މިނިސްޓަރު ފައްޔާޒު ވެ ވަޑައިގެންނެވި ވައުދަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެ އަހަރު ނުވަތަ 17,520 ގަޑިއިރުގެތެރޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމުގެ ވަރުގަދަ އަމާޒެއް އޮތް ވައުދެވެ. އެ ޔަގީންކަން ވެސް ދެއްވި އެވެ. އެ ގޮތުން އެކަން ނުވެއްޖެނަމަ މިނިސްޓަރު ކަމުގައި ނުހުންނަވާނެ ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ. 

އެކަމަކު ކުރީގެ ރައީސް ސޯލިހާ ވެރިކަން ނިމިގެން ދިޔައިރު ބިދޭސީން ރަޖިސްޓްރީ ކުރަން ކަރުދާހުގައި ސޮޔެއް އެޅުން ނޫން އެއްވެސް ހައްލެއް ނުލިބުނެވެ. ވެރިކަން ނިމިގެން ދިޔައިރު ވެސް ރާއްޖޭގައި ތިބީ ކިތައް ބިދޭސީންކަމެއް ޔަގީންކަމާއެކު ބުނަން އެނގޭ ދައުލަތުގެ މުވައްސަސާއެއް ނެތެވެ. ރާއްޖޭގައި އުޅެނީ ގަވައިދާ ހިލާފަށް ކިތަން މީހުން ކަމެއް އެނގޭނެ އިންސާނެއް ނެތެވެ. މިނިސްޓަރު ފައްޔާޒު އިސްތިއުފާ ނުދެއްވާ ވެރިކަމުގެ ދައުރު ނިމެން ދެން ވެސް ހުންނެވި އެވެ. 

އަނެއްކާވެސް މިވަނީ ބިދޭސީން މައްސަލައިގެ ހައްލު ހޯދަން ރާއްޖޭގެ އާ ވެރިކަމުން މަސައްކަތް ފަށާފަ އެވެ. މިހާރު މި މަސައްކަތް އޮތީ ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް އެއް ފުރާޅެއްގެ ދަށަށް ގެންގޮސް މަސައްކަތް ކުރާ ހޯމްލޭންޑް ސެކިއުޓީ މިނިސްޓަރީގެ ދަށުގަ އެވެ. 

މިހާރު ހުންނެވި މިނިސްޓަރު އަލީ އިހުސާން ވިދާޅުވާ ގޮތުން އެއް އަހަރުތެރޭ ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާނައި ނިންމާނެ އެވެ. މި މަސައްކަތް މިދިއަ ބުރާސްފަތި ދުވަހު ވަނީ މިކަމަށް ހާއްސަ ކުރަނގި އޮޕަރޭޝަން ފަށާފަ އެވެ. 

މިނިސްޓަރު އިހުސާންގެ ވައުދަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ހައްލު ތިން އަހަރު ނުވަތަ، 26,280 ގަޑިއިރުގެ ތެރޭ ގެނެސް ދެއްވުމެވެ. މިކަމަށް ރައީސް މުއިއްޒުގެ ސަރުކާރަށް 26،000 ގަޑިއިރު ބާކީ އޮތްއިރު ރައްޔިތުންގެ ސުވާލަކީ މި ފަހަރު ވެސް މިކަންވާނެ ހެއްޔެވެ؟ 

ހުއްދަ ނެތް ބިދޭސީންގެ ރަސްމީ އަަދަދެއް ނެތް

ހުއްދަނެތި ނުވަތަ ރަސްމީ އެއްވެސް ލިޔެކިއުމެއް ނެތި އުޅެނީ ކިހާ ބިދޭސީންނެއް ކަމެއް އިތުބާރާއެކު އެނގޭނެ އެއްވެސް ޑޭޓާއެއް ސަރުކާރުގައި ނެތް ކަން ޔަގީން ވެއެވެ. މިކަން ޔަގީންވީ ބިދޭސީންގެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ގައުމީ ސަލާމަތާބެހޭ ކޮމެޓީން ރަސްމީ ޑޮކިއުމެންޓެއް ނެތި އުޅޭ ބިދޭސީންގެ މައްސަލާގައި ދައުލަތުގެ ކަމާބެހޭ ގުޅުންތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓުންނެވެ.

މަޖިލީހުން 2020 ވަނަ އަހަރު ހެދި އެ ރިޕޯޓުގައިވާ ގޮތުން ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންގެ ޖުމްލަ ޢަދަދު ބުނެދެން އެނގޭނެ މުއައްސަސާއެއް ހުރިކަމަށްވެސް ޤަބޫލުނުކުރެވެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ހާލަތު ބަލަން މަޖިލީހުން ހެދި ރިޕޯޓް

އެ ރިޕޯޓުގައިވާ ގޮތުން ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކުގައާއި އިންސްޕެކްޝަންތަކުގައި ވޯކް ވިސާގެ އިތުރުން ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ބިދޭސީން ވެސް ރާއްޖޭގައި ވަޒީފާ އަދާ ކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މީގެ އިތުރުން ކާކުކަން ބުނެދެން އެނގޭ އެއްވެސް ޑޮކިއުމަންޓެއް ނެތް ގިނަ އަދަދެއްގެ ބިދޭސީން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. އަދި ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ތިބި ބިދޭސީން ވެސް ވަޒީފާތަކުގައި އުޅުމުގެ ފުރުސަތު އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ މާނައަކީ ހުއްދަނެތި އުޅޭ އެއްވެސް ބިދޭސީއެއްގެ ރަސްމީ މައުލޫމާތެއް ދިވެހި ދައުލަތަށް ނޭނގުމެވެ. އެންމެފަހުން 2022 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުގެ މައުލޫމާތުގައި ހިމެނޭ 132,493 ބިދޭސީންގެ އަދަދުނޫން އެއްވެސް ރަސްމީ ހިސާބެއް ސަރުކާރަކު ނެތެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 2014 ވަނަ އަހަރު ތިބީ 63،000 އެވެ. ނަމަވެސް 2022 ވަނަ އަހަރު ބޯހިމެނުގެ މައުލޫމާތު ނެގުމާއި ހަމައަށް 132،371 މީހުން ވަނީ ހަމަވެފަ އެވެ. މިއީ ރާއްޖޭގެ އާބާދީގެ 26 ޕަސެންޓެވެ.

މި އަދަދަކީ ބިދޭސީންގެ ރަސްމީކޮށް ތިބި އަދަދު ކަމަށް ވާނަމަ މިހާރު ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އާބާދީގެ ބޮޑު ބަޔަކީ ގަވައިދުގެ ބޭރުން އުޅޭ މީހުންނަށްވުމުގެ ބޮޑު ޕަސެންޓެއް އެބައޮތެވެ.

ލައްކައެއް ގަވައިދާ ހިލާފަށް އުޅުން ގާތް

ބިދޭސީންގެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝަމާލް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން 179،954 ބިދޭސީން އުޅެ އެވެ. އަދި ރަޖިސްޓްރީ ނުކުރާ 66،000 ބިދޭސީން އުޅޭ ކަމަށް ބެލެވެ އެވެ. އެހެން ކަމުން ފަސް ލައްކައެއްހާ މީހުންގެ އާބާދީ އޮންނަ ރާއްޖޭގައި 250،000 އެއްހާ ބިދޭސީން އުޅުމުގެ ފުރުސަތު އޮންނާނެ އެވެ. މި މައުލޫމާތަށް ބާރު ދޭ އަނެއް ވާހަކަފުޅެއް ދެއްކެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ފައްޔާޒު ފާހަގަ ކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި 62،000 އެއްހާ އަންޑޮކިއުމެންޓެޑް ބިދޭސީން އުޅޭ ކަމަށް ލަފާކުރެވެ އެވެ. މި އަދަދު 80،000 އާއި އެއް ލައްކަ އާއި ދެމެދުގައި ހުރުން ވެސް ގާތެވެ.

މި ހުރިހާ މައުލޫމާތުތަކެއްގެ މައްޗަށް ބުރަވާއިރު ރާއްޖެ މިހާރު މިއޮތީ ގާތްގަނޑަކަށް އިގްތިސޯދު ބިދޭސީންގެ އަޅުވެތިކަމެއްގެ ތެރޭގައި ބުނަން ފަސް ޖެހެން ޖެހޭ ސަބަބެއް ނެތެވެ. ދިވެހިންގެ ކަންބޮޑު ވެގެން މި އުޅެނީ ކޮން މެހެން ބިދޭސީ އާބާދީ އިތުރުވެގެނެއް ނޫނެވެ. ގައުމުގެ އިގްތިސޯދު ފުޅާވެ ގައުމީ އުފެއްދުންތެރިކަން އިތުރުވެ މަސައްކަތް ގިނަވާ ވަރަކަށް އުފެދޭ ވަޒީފާ ތަކަށް މީހުން ބޭނުން ވާނެ އެވެ. އެކަމަކު މައްސަލައަކީ މިގޮތަށް އަންނަ މީހުންގެ ބޮޑު ބައެއް ހުއްދަނެތި އުޅެމުން ދިއުމެވެ. މި މީހުނަށް ފިޔަވަޅު ނޭޅި ދާ ކޮންމެ ދުވަހަކީ ގައުމުގެ މިނިވަންކަން ނުރައްކަލާ ގާތަށް ގެންދާ ދުވަހެކެވެ. އެ މީހުންނަށް ފިޔަވަޅު ނޭޅޭކަމުގެ އިހުސާސްވަމުން ދާ ކޮންމެ މިނެޓަކީ ގައުމު ނުރައްކަލުގެ ތެރެއަށް ފައިބަމުންދާ ދުވަހެވެ.

ތަންފީޒު ނުވުން، ބިދޭސީން ފާލުން ނެއްޓުން

މިހާރު ފުލުހުންގެ ކުށުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ބިދޭސީން ކުށުގައި ބައިވެރިވުން ދަނީ އިތުރުވަމުންނެވެ. ޑްރަގު ދެވިންނާއި އެ ވިއްކާ މީހުނާއި ހަށި ވިއްކުމާއި އަދި އިގްތިސޯދުގެ ކުދިމެދުފަންތީގެ ވިޔަފާރިގެ ފުލް ކޮންޓްރޯލް އެ މީހުން ގާތްގަނޑަކަށް ނަގައިފި އެވެ. ނެޓްވޯކެއްގެ ގޮތުގައި މިހާރު ރާއްޖޭގެ އިގްތިސޯދު ކޮށިއަރުވާލުމަކީ ބިދޭސީންނަށް މިހާރު ދާދި ފަސޭހަކެމެވެ. 

މިނިސްޓަރު އިހުސާން މުއްދަތެއް ވިދާޅުވި ނަމަވެސް ނުރައްކާތެރި މި މައްސަލައަށް ފިޔަވަޅު އަޅަން ހަގީގަތުގައި ތިން އަހަރު ގިނަ އެވެ. ނަމަވެސް މައްސަލައިގެ ކޮޅެއް މެދެއް ނޭނގޭ މިކަމުގެ ތެރެއަށް ފީނަން ވެސް ވަގުތު ބޭނުން ވާނެ އެވެ. އެކަމަކު ގަވައިދާ ހިލާފުވާ ބިދޭސީން ބޭރު ކުރުމާ ހަމައިން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތަށް ފަހަތު ފަޔަަށް ބުރަވެއްޖެނަމަ މިހާރުގެ މިނިސްޓަރު އަލީ އިހުސާން އަށް ވެސް ޖެހޭނީ އިމްރާނަށް ކުރިމަތިވި ދައުރެވެ. އިމްރާން މިނިސްޓަރުކަމުގައި ފަސް އަހަރު ހޭދަކޮށް ފައިބައިގެން އެ ދިޔައީ އެންމެ އިތުބާރު ނުކުރެވޭ ހޯމް މިނިސްޓަރުގެ ލަގަބައިގެނެވެ.

އުންމީދީ ވާހަކަތަކާއެކު ފިޔަވަޅުތަކެއް

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

މި ސަރުކާރުގެ ހޯމްލޭންޑް މިނިސްޓަރު ވަނީ ގަވައިދާ ހިލާފުވާ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ވައުދެކެވެ. އެއަކާ ދުރަކަށް ދެނެއް ވަޑައެއް ނުގެންނެވޭނެ އެވެ. އަދި އޭނާގެ މިނިސްޓްރީން ވަނީ ހާއްސަ ޓާސްކް ފޯހެއް އުފައްދައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްތަކެއް ވެސް ފަށާފަ އެވެ. އޭގެ މައުލޫމާތު ބަރާބަރަށް ދޭން ޖެހޭނެ އެވެ. އޮޅުވާލުމެއް ބާއްވައިގެނެއް ނުވާނެ އެވެ. ފޮރުވާނެ އެއްޗެއް އޮވެގެނެއް ނުވާނެ އެވެ.

އަހަރެއްގެ ތެރޭ ބިދޭސީގެ ދަފުތަރު ފެންނާނެ

  •  ފުރަތަމަ އަހަރު - އިނގިލީގެ ނިޝާން ނަގައި ހުރިހާ ބިދޭސީންގެ ދަފުތަރެއް އުފައްދާނެ
  •  ދެވަނަ އަހަރު - ރަސްމީ ލިޔެކިޔުން ނެތް، ސިސްޓަމް ތެރަށް ނުގެނެވޭނެ މީހުން ރާއްޖޭން ބޭރު ކޮށްލަން
  •  މަރުހަލާތަކުން މީހާ ޔަގީން ނުވިނަމަ ޑީޕޯޓް ކުރާނެކަމުގެ ޔަގީންކަން

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި މިކަން ކާމިޔާބުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތެވެ.މި މަސައްކަތުގެ ފުރަތަމަ ފޭސް އެއް އަހަރުތެރޭ ނިންމާލާނެ އެވެ.

މަސައްކަތުގެ މުހިންމު ބައެއް - ރާއްޖޭގައި ތިބި ބައެއް މީހުނަކީ އަތުގައި އެއްވެސް ރަސްމީ ލިޔުމެއް ނެތް މީހުންނެވެ. އެހެންވެ މިއީ ސަރުކާރަށް އެންމެ ޗެލެންޖިން މަސައްކަތައް ވާނެ އެވެ. ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބިދޭސީ މީހާގެ އަތުގައި އޭނާގެ މައުލޫމާތު އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތް ނަމަ އެ މީހާގެ ފޮޓޯއާ ފިންގަޕްރިންޓު ނެގުމަށް ފަހު، ރާއްޖޭގެ ސިސްޓަމްތަކުން އެމީހެއްގެ މައުލޫމާތު ނަގަން ނިންމާފަ އެވެ. މިވަރުން އެ އުސޫލުން ވެސް އެ މައުލޫމާތު ނުލިބިއްޖެނަމަ ބިދޭސީ މީހާ ފޯރު ކޮށްދޭ މައުލޫމާތުތައް ނަގާނެ އެވެ. މިކަމަށް ފަހު އެ މީހާ ނިސްބަތްވާ ގައުމެއްގެ އެމްބަސީ އަށް ފޮނުވައިގެން ޔަގީންކުރާނެ އެވެ. އެއިން އެއްވެސް މަރުހަލާ އަކުން، ސައްހަ މައުލޫމާތު ނުލިބޭ ނަމަ ވަކި މުއްދަތެއް ފަހުން އެމީހަކު ޑިޕޯޓް ކޮށްލާނެ އެވެ.

ގަވައިދާ ހިލާފަށް ވިޔަފާރި ކުރާނަމަ ޑީޕޯޓް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ހިތޯބުގައި ރައީސް މުއިއްޒު ވަނީ ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ވަގުތުން ޑީޕޯޓް ކޮށްލާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މި ފިޔަވަޅު އަޅަން ފަށައިފިނަމަ ދަތިތަކެއް ކުރީކޮޅު ކުރިމަތިވި ނަމަވެސް ހަމަ މަގަށް އެޅެން ފަށާނެ އެވެ. 

ރައީސްގެ ވިދާޅުވި ގޮތުގައި އާމްދަނީ ހޯދަން މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށް ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ އެވެ. އެގޮތުން ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅައިފައި ވާނެ އެވެ. އަދި ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ފަށައިގެންފައިވެ އެވެ. އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލު ކުރެވޭނީ ގިނަ ދުވަހުން ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު ގާނޫނު ތަންފީޒު ކުރުން ދަމަހައްޓައިގެނެވެ.

"... ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ވަނީ ފަށައިގެންފައެވެ،" މޭޑޭގެ ހިތާބުގައި ރައީސް ވިދާޅުވެފައި ވެއެވެ.

މި ހުރިހާ ވާހަކަތަކާއެކު އަނެއްކާ ވެސް ސަރުކާރަށް މިވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިތުރު ވަގުތު ދެވިފަ އެވެ. މިފަހަރު އޮތީ ތިން އަހަރު ނުވަތަ 26,280 ގަަޑިއިރެވެ. މި ވަގުތުގައި މި މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މިކަން ދެން ހައްލު ވާނެ ކަމަށް ނުބެލެވެ އެވެ. މިހާރު ވެސް މި ކަމަށް ވަގުތު ވަނީ ކުޑަތަން ވެފަ އެވެ. އެހެންވެ އޭގެ ފަހުން އެކަން ހައްލު ކުރަން އިތުރު ވަގުތެއް ނޯންނާނެ އެވެ.  

ކޮމެންޓް

1
450
އާދު
1 week ago

ވަގައް އުޅެމީހުނަ މަރަން ވީ 1 ކަކު މަރާލާއިރައް ތިކަން ހައްލުވީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.