ދަރަނީގެ ފައިލުން ފެންނަ މަންޒަރު | ސިޔާމަށް ގެރެންޓީ ދޭކަށް ނުޖެހޭ

ސިޔާމް ހުށަހެޅުއްވީ ދެ ބިލިއަނުގެ ގެރެންޓީއެއް ހޯދުމަށެވެ.އެކަމަކު ސަރުކާރުން ތެޅިފޮޅެނީ ހަރަދު ފޫބައްދަން ފައިސާ ހޯދާށެވެ. މި ގެރެންޓީ ދީފިނަމަ ރާއްޖެއަށް ފައިނޭންސް ހޯދަން އޮތް ފައިލުން ދެ ބިލިއަން އުނިވާނެ އެވެ. މިއީ ހެދޭނެ ގޯހެކެވެ.

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ދައުލަތުގެ ދަރަނީގެ ކަރުދާސްތައް ހާވާލާއިރު ފެންނަނީ އެހާ ރީތި މަންޒަރެއް ނޫނެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 100 ބިލިއަނުން މައްޗަށް ޖެހިފައި ވެއެވެ. މިދިޔަ ފަސް އަހަރު ޗާޕުކުރި ފައިސާ އާއި ނެގި ލޯނުތަކާއެކު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ހުރީ އެ މަތިވެގެން ދިޔަދިޔައިނުން ގޮސް ސީލް ކަނޑައިގެންދާ ހިސާބުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރުން ތެޅިފޮޅެން ޖެހިފައިވަނީ ދަރަނީގެ ޕޯޓްފޯލިއޯއިން ފައިނޭންސް ހޯދާނެ މަގެއް ހޯދާށެވެ. ތަރައްގީގެ ބިޔަ މަޝްރޫއު ތަކެއް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި އޮތްއިރު އެކަމަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އެދަނީ ހެދެން އޮތް ފެނޭތޯ ހޯދަމުންނެވެ. 

މިކަމަށް ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ ދަރަނި ރީސްޓްރަކްޗާ ކުރުމެވެ. ދަރަނީގެ ފައިލް ހާވައިގެން ޖާގަތަކެއް ހޯދުމެވެ. އެކަމަށް މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ލީކްވެ ސިހުން ލިބިގެން ދިޔައީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ ގޮތުން ނުފޫޒު ގަދަ ލީޑަރު މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ރިސޯޓެއް ހަދަން ސަރުކާރުގެ އެހީއަށް އެދުމެވެ.

ކާމިޔާބުކަމާއެކު އެންމެ ފުޅާކޮށް ވިޔަފާރި ކުރައްވާ ސިޔާމް ރައީސް މުއިއްޒުއަށް ސިޓީ އަކުން އެދިވަޑައިގެންފައިވަނީ 165 މިލިއަން ޑޮލަރު ނުވަތަ 2.5 ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަރުކާރުން ގެރެންޓީއެއް ދިނުމަށެވެ. އެ ލޯނު ނަގަނީ މާލެ އަތޮޅުގައި ސިޔާމްގެ 1،500 ކޮޓަރީގެ ބިޔަ ރިސޯޓެއް ހަދާށެވެ. ނަމަވެސް އެ ސިޓީ އާއްމުވުމާއެކު ގިނަ ސުވާލުތަކެއް މާލީ ދާއިރާގެ މާހިރުން ވަނީ އުފައްދަމުންނެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ސިޔާމަކީ ސަރުކާރުން ގެރެންޓީ ދީގެން ބޮޑުކޮށް ފަލަ ކުރާ ވަރަށްވުރެ މާ ބޮޑު ވިޔަފާރިވެރި އެކެވެ. 

އަނެއް ބަޔަކު ބުނަނީ ތަރައްގީގެ މަޝްރޫއު ހިންގާނެ ފައިސާ ނެތިގެން ސަރުކާރުން އުޅޭއިރު ސިޔާމަށް ކޮންމެހެން ސޮވެެރިން ގެރެންޓީ ދޭން ޖެހޭ ހެއްޔެވެ؟ މި ގެރެންޓީއާއެކު ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ވާނީ ގޯސް ނޫން ހެއްޔެވެ؟ މިކަން ކޮށްފިނަމަ ރާއްޖެއަށް ފައިސާ ހޯދަން އޮތް އޮތް މަސައްކަތަށް ބުރަ ބޮޑުވުން ނުން ކަމެއް ނުވާނެ ނޫން ހެއްޔެވެ؟

"މިހާރު ވެސް ރާއްޖެ އަށް ފައިނޭންސް ހޯދަން އެހާ ފަސޭހައެއް ނޫން. އެކަމަށް އޮތް ޖާގަ ކުޑަ. އެހެންވެ ކޮންމެހެން މި ވަގުތު ސިޔާމަށް ރާއްޖޭގެ ދަަރަނި މަތިވާނެ ގޮތަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ލޯނުގެ ގެރެންޓީ ދިނުމަކީ ރަނގަޅު ގޮތެއް ތޯ ސުވާލު އުފެދޭ،" އިގްތިސޯދީ މާހިރަކު މި މައްސަލައިގައި އޭނާގެ ހިޔާލު ވިދާޅުވި އެވެ.

ސިޔާމް، ދައުލަތުން ސޮވްރިން ގެރެންޓީ ހޯދަން އެދިފައިވާއިރު މިހާރު ރާއްޖޭގެ ފައިނޭންޝަލް ހާލަތު އެކަމަށް ތަން ނުދޭ ކަމަށް ބުނެވިދާނެ އެވެ. ފިނޭންސުން މިހާތަނަށް އާއްމު ކޮށްފައިހުރި ދަރަނީގެ ހިސާބުތައް ދައްކާ ގޮތުގައި ފެންނަ ހަގީގަތަކީ ދައުލަތް ހިންގަން ވެސް ފައިނޭންސް ހޯދަން ހުރި ދޮރުތައް ވަރަށް ވެސް ހަނިކަމެވެ.

ދައުލަތަށް އާމްދަނީ ހޯދަން ހުރީ ދަތި މަގުތަކެއް

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް

މަރުކަޒީ ބޭންކް އެމްއެމްއޭއިން އެންމެ ފަހުން ރާއްޖޭގެ މާލީހާލަތާ ބެހޭ ގޮތުން މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. އޭނާ ވަނީ ދައުލަތަށް މި އަހަރު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އާމްދަނީ ހޯދަން ހުރި އޮޕްޝަންތައް މަދުވުންކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

މި އަހަރުގެ ބަޖެޓަށް ބަލާއިރު ހަރަދުތައް ހަމަޖައްސަން ސަރުކާރަށް 16.3 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. މި ފައިސާ ހޯދަން ބަލާއިރު މިހާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަރަށް ވިސްނަވަން ޖެހޭ ފަދަ ހާލަތްތައް ކުރިމަތީގައި އެބަހުއްޓެވެ. 

ރައީސް މުއިއްޒު ވެރިކަމަށް  ވަޑައިގެންނެވިއިރު މިދިޔަ ސަރުކާރުން ލޯނު ނަގައިގެން ފައިސާ ޗާޕުކޮށް އޮތީ މުޅި ސިސްޓަމް ހަލާކުކޮށް ގަޑުބަޑުކޮށްލާފަ އެވެ. އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައި ވާއިރު ފަސް އަހަރުގެ ވެރިކަމެއް ނިމުނުއިރު ނުވަ ބިލިއަންގެ ބިލްތައް އަދާނުކޮށް ހުއްޓެވެ. އޭގެ ތެރޭގައި އިގްތިސޯދުގެ އިންޖީނު ހިންގާ މެދުފަންތީގެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދެ ބިލިއަނާ ކައިރި ކުރެ އެވެ. އެ ފައިސާ ދައްކަން ޖެހޭތީ ޖާގަ ހަދަން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް މި ސަރުކާރުން ވަނީ އަޅާފަ އެވެ. އަދި ސަރުކާރުން ވަނީ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ޓީބިލް / ބޮންޑު މެދުވެރިކޮށް ފޯރު ކޮށްދޭނެ ފަރާތްތަކެއް ހޯދަން ވެސް އިއުލާނު ކޮށްފަ އެވެ. އެގޮތުން މި އަހަރަށް 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށް އެ އިއުލާނު ކުރި އެވެ. މި ފައިސާ ހޯދަނީ އެތެރޭގެ ބާޒާރުންނެވެ.

މި ފައިސާގެ ތެރޭން އެތެރޭގެ ބާޒާރަށް ޓީބިލާއި އިސްލާމިކް އިންސްޓްރޫމަންޓް ވިއްކައިގެން ހޯދަން ކަނޑައަޅާފައި ވަނީ 3.1 ބިލިއަން ރުފިޔާ އެވެ. އެތެރޭގެ ބާޒާރަށް ޓްރެޝަރީ ބޮންޑް ވިއްކައިގެން 800 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން 4.7 ބިލިއަން ރުފިޔާ ހޯދާއިރު، ބޭރުގެ ބަޖެޓް ސަޕޯޓް ލޯން ބޮންޑް އަދި ސްކޫކް 6.9 ބިލިއަން ރުފިޔާ ހޯދާނެ އެވެ. އަދި ގްރީން ނުވަތަ ބްލޫ ބޮންޑް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައި ވެއެވެ.

ބަޖެޓު ފޮތުގައި މިހާ ތާށިކޮށް އޮތްއިރު ސަން ސިޔާމް ފަދަ މަހުޖަނު ވިޔަފާރިވެރިއެއްގެ ކުންފުންޏަކަށް ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯ އިން ގަނޑެއް އުނިކޮށް ޖާގައެއް ދިނުމަކީ މި ހާލަތުގައި ހޭދޭނެ ބޮޑު ގޯހެކެވެ. ސިޔާމް ހުށަހަޅުއްވާފައި އޮތީ 165 މިލިއަން ޑޮލަރުގެ ގެރެންޓީއަކަށެވެ. މި ގެރެންޓީ ދިނުމަށްވުރެ ރަނގަޅު ރޭޓެއްގައި މި އަދަދުން ދައުލަތުން ލޯނެއް ނަގައިގެން ދެ އެއާޕޯޓް އެޅިޔަސް މާރަނގަޅު ވާނެ އެވެ. މިއީ 2،000 ފްލެޓު އެޅޭނެ ފައިސާ އެވެ.

ދީފިނަމަ، ސިޔާމަށް ދެވޭ ދެވަނަ ގެރެންޓީ

ރައީސް މުއިއްޒު، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި މިއަދު ބައްދަލު ކުރައްވަނީ

ސަން ސިޔާމް ސަރުކާރުން ސޮވްރިން ގެރެންޓީއެއް ހޯދަން ހުށަހަޅުއްވާފައިވާއިރު މިއީ އެ ކުންފުނިން ސޮވްރިން ގެރެންޓީއަކަށް އެދުނު ދެވަނަ ފަހަރެވެ. ސަން ސިޔާމަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސަރުކާރުން ގެރެންޓީ ދީގެން ބޮޑު ލޯނެއް ނަގައި މަޝްރޫއު ހިންގި ފުރަތަމަ ވިޔަފާރިވެރިޔާ އެވެ. އޭނާގެ އަމިއްލަ ވިޔަފާރި ތަރައްގީ ކުރަން ދިވެހި ސަރުކާރުން ސޮވްރިން ގެރެންޓީއެއް ދީފައިވަނީ 2017 ވަނަ އަހަރު އެވެ. 

އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސްއެއް ސިޔާސީ ލީޑަރުގެ ގޮތުގައި ހުންނެވި ސަން ސިޔާމްގެ އޭއެސްއެޗް ކުންފުނިން ނ. ދިގުރަށުގައި އިރުފެން ރިސޯޓް ތަރައްގީ ކުރަން އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރުގެ (ދެ ބިލިއަން ރުފިޔާ) ލޯނެއް ނެގި އެވެ. މިހާރު އެއީ މަޝްހޫރު "ސިޔާމް" ވޯލްޑް އެވެ. އެ ރިސޯޓުގައި 500 ކޮޓަރި ހުންނައިރު މިއީ މިހާރު އެންމެ މަތިން އާމްދަނީ ވަންނަ އެންމެ އެނދު ގިނަ އެއް ރިސޯޓެވެ. މިފަހަރު ސިޔާމް ސަރުކާރަށް ހުށަހަޅުއްވާފައިވަނީ މާލެ އަތޮޅުގައި އޮންނަ އެމަރަލްޑް ލޭގޫންގައި ރިސޯޓެއް ތަރައްގީ ކުރާށެވެ. އެ ފަޅަކީ ސަން ޝިޔާމް އޮޅުވެލި ރިސޯޓާއި ރިހިވެލި މޯލްޑިވްސް ރިސޯޓް އޮންނަ ފަޅެވެ. މި ފަޅުގައި ސިޔާމް ހަދަން މަސައްކަތް ކުރަމުން ގެންދަނީ 1،500 ކޮޓަރީގެ ރިސޯޓެކެވެ. 

ސިޔާމް ގެރެންޓީ ހޯދަން އެދުނު ސިޓީގައިވާ ގޮތުން މި ރިސޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އެ މަޝްރޫއު ހިންގަން ނިންމާފައި ވަނީ ސަރުކާރުން ސޮވްރިން ގެރެންޓީ ދީފިނަމަ ޗައިނާ އެގްޒިމްއިން ލޯނު ނަގައިގެންނެވެ.

ސަން ސިޔާމް އަނެއްކާވެސް ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ސަރުކާރުން ސޮވްރިން ގެރެންޓީއެއް ހޯދަން ހުށަހަޅުއްވާފައިވާއިރު މިހާތަނަށް ސަރުކާރުން އަދި މި ގެރެންޓީ ދީފައެއް ނުވެ އެވެ. މިކަން ވަނީ "މިރާ" އަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ޔަގީން ކޮށްދެއްވާފަ އެވެ. މިނިސްޓަރު ޝަފީގު ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާތަނަށް އަމިއްލަ އެއްވެސް ފަރާތަކަށް ސޮވްރިން ގެރެންޓީ ދީފައި ނުވާނެ އެވެ.

ސިޔާމްގެ އަމިއްލަ ވިޔަފާރި ފުޅާކުރަން ތަރައްގީކުރާ ރިސޯޓަކަށް ސަރުކާރުން ސޮވްރިން ގެރެންޓީ ހޯދަން ހުށަހެޅުއްވުމަކީ އެކަމުގައި ގިނަ ސުވާލު ތަކެއް އުފެދޭ ކަމެއް ނޫން ހެއްޔެވެ؟

ލަވައި ދީގެން ބޮޑު ކުރާ ވަރަށްވުރެ ސިޔާމް ބޮޑު

ސަން ސިޔާމްގެ ސިޔާމް ވޯލްޑް : ގެރެންޓީ ދީގެން ހެދި ރާއްޖޭގެ އެންމެ ބިޔަ ރިސޯޓް

ސަން ސިޔާމްގެ ވިޔަފާރިއަށް ބަލާއިރު މިހާރު ސިޔާމްއަކީ ކޮންމެހެން ދިވެހި ދައުލަތުން ސޮވްރިން ގެރެންޓީ ދީގެން، ލަވައިދީގެން ބޮޑު ކުރަން ޖެހޭ ވަރަށްވުރެ ބޮޑު ވިޔަފާރިއެއްކަން ސިޔާމްގެ ކާމިޔާބީއާއި ވިޔަފާރީގެ ޕޯޓްފޯލިއޯއިން އެނގެ އެވެ. ރާއްޖޭގެ ބައި ގަރުނުވީ ޓޫރިޒަމް ސިނާއަތުގައި ސިޔާމް ހިދުމަތް ކުރައްވާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި 30 އަހަރުގެ ދިގު ތާރީހުގެ ތެރޭގައި މިހާރު ފަސް ލަގްޒަރީ ރިސޯޓެއް ދަނީ ރާއްޖޭގައި ހިންގަވަމުންނެވެ. އަދި ރާއްޖޭގެ އިތުރުން ސްރީލަންކާގައި ވެސް ލަގްޒަރީ ރިސޯޓެއް ހިންގަވަ އެވެ. މި ރިސޯޓް ތަކަކީ ރާއްޖޭގެ ފެންވަރުގައި މަތީ ފަންތީގެ ފުރިހަމަ ރިސޯޓްތަކެވެ. އަދި އޭނާ އަކީ ދިވެހި ޓޫރިޒަމް ވިޔަފާރިވެރިންގެ ތެރޭން ކާމިޔާބުކަމާއެކު މި ވިޔަފާރީގައި ދެމި ތިއްބެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ ކުރިން ބޭރުގެ ބްރޭންޑްތަކާއެކު ވެސް ރިސޯޓް ހިންގަވާފައިވެ އެވެ. އެހެންވެ މިހާރު ސަން ސިޔާމް އަށް ދައުލަތުން ސޮވްރިން ގެރެންޓީ ދޭން ޖެހޭ ސަބަބެއް ނެތެވެ. އެއީ އަމިއްލަފުޅަށް ޕްރޮޕަޓީތައް ބޭރުގައި މޯގޭޖު ކޮށްގެން ލޯނު ހޯދޭވަރުގެ ވަރުގަދަ ނަމެކެވެ. 

މި މޮޑެލް ނޫން ގޮތްގޮތަށް ބޭރުން ޕާޓްނަރުން ހޯއްދަވައިގެން ވެސް ރިސޯޓެއް ތަރައްގީ ކުރުމަކީ ސިޔާމްއަށް ދާދި ފަސޭހަ ކަމެކެވެ. ބޭރުން ފައިސާއެއް ހޯއްދަވަން ސިޔާމް ދައުލަތަށްވުރެ ވެސް ކުޅަދާނާނަ ވާނެކަން އޭނާގެ ކާމިޔާބީއިން ދޭހަވެ އެވެ. ސިޔާމްގެ ވިޔަފާރީގެ ވަރުފަދަކަން ދޭހަވާ އަނެއް ކަމަކީ ނ. އިރުފުށި ރިސޯޓް ހިންގުމާ ގުޅޭގޮތުން ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެ އިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް 31 މިލިއަން ޑޮލަރު (480 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އެއް ފަަހަރާ ދާދި ފަހުން ދައްކާ ހަލާސް ކުރުމެވެ. މިކަމުން އެނގިގެން ދަނީ ސަން ސިޔާމް ކުންފުނީގެ މާލީ ގާބިލްކަމެވެ.

އެހެންވެ މި ވަރުގެ ކުންފުންޏަކަށް ދައުލަތުން ކޮންމެހެން ލޯނު ނަގަން ގެރެންޓީދޭން ޖެހޭ ހެއްޔެވެ؟ އެހެންވެ ސިޔާމަށް ލޯނު ނަގަން ދައުލަތުން ގެރެންޓީ ދޭނަމަ ޔުނިވާސަލްގެ ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) އަށް ވެސް ގެރެންޓީ ދޭން ޖެހޭނެ އެވެ. ނޫނީ ރާއްޖޭގައި 11 ރިސޯޓް ހިންގަވާ އުއްޗު އާއި ޗަމްޕާ ހުސެއިން އަފީފުއަށް ވެސް ސޮވްރިން ގެރެންޓީ ދޭން ނުޖެހޭ ހެއްޔެވެ؟ އަނެއްކާ މި ގެރެންޓީ ދޭނަމަ އެންމެ އައުލާކަން ބޮޑު އެއް ބޭފުޅަކީ ވިލާގެ ޗެއާމަން ގާސިމް އިބްރާހިމެވެ. ގާސިމް ކޮންމެ ވިސްނުންފުޅެއްގައި ނަމަވެސް އެތައް ސަތޭކަ އިޖުތިމާއީ ހިދުމަތްތަކެއް ކުރައްވައިފި އެވެ. ބޭރުން އެތައް ދިވެހިންނެއް ކިޔަވަން ފައިސާ ދެއްވި އެވެ. އެހެންވީއިރު ދައުލަތުން ގާސިމްއަށް ވެސް ސޮވްރިން ގެރެންޓީ ދޭން ނުޖެހޭ ހެއްޔެވެ؟ މި ލިސްޓަށް ރާއްޖޭގައި ތިބި ބޭރުގެ ވިޔަފާރިވެރިން ވެސް ލާން ނުޖެހޭ ހެއްޔެވެ؟ 

ކޮމެންޓް

2
450
އަޅި އަލީ
4 days ago

ދިވެހި ދައުލަތުން ގެރެންޓީ ދީގެން ހެދި ރިސޯޓްގަ 80% ބިދޭސީ މުއައްޒިފުން!

މަށޭ
1 week ago

މަށަށްވެސް ދީބަލަ 15 މިލިއަން ޑޮލަރުގެ ގެރެންޓީއެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.