ފައްވާރާ މަރާމާތުކޮށް ހުޅުވުން؛ އެމްޓީސީސީގެ ބުރަ މަސައްކަތެއް

ފައްވާރާ މަރާމާތު ކުރުމުގެ މަސައްކަތުގައި އެމްޓީސީސީ މުވައްޒަފުން ވަނީ 24 ގަޑިއިރު ހުއްޓާ ނުލާ މަސައްކަތް ކޮށްފަ އެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ފައްވާރާ މަރާމާކޮށް ރޭ ވަނީ ހުޅުވާފައި --

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ނުވަތަ "ޖުމްހޫރީ ފައްވާރާ" ފަރުވާކޮށް އެންމެ ފުރަތަމަ ހުޅުވީ 2015 ވަނަ އަހަރު "މިނިވަން 50" މުނާސަބަތާ ގުޅިގެންނެވެ. އެތަން ފަރުމާ ކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން، އެމްޓީސީސީ އިންނެވެ.

ފައްވާރާ ފަރުމާކޮށްފައި ވަނީ މިނިވަންކަމުގެ ބަހާތައް ކަމުގައިވާ ގައުމީ އެއްބައިވަންތަ ކަމާއި އަމިއްލަވަންތަ ކަމަށް ރިއާޔަތްކޮށެވެ. ފެން އަރުވާ ނިޒާމް ގާއިމްކޮށްފައި ވަނީ އާންމުންގެ ސިއްހަތަށާއި ރައްކާތެރިކަމަށް ވެސް ރިއާޔަތްކޮށްގެންނެވެ. 

އޭރު މިތަން ހުޅުވުމާއެކު އެންމެ ބޮޑު އުފަލެއް ލިބިގެން ދިޔައީ ކުޑަ ކުދިންނަށެވެ. އެތަނަކީ ގިނަ ކުޑަކުދިން ފެންކުޅި ކުޅެ ސަކަރާތްޖަހާ ތަނަކަށްވާތީ، އެތަން ފަރުމާކޮށްފައި ވަނީ ބަލިމަޑުކަމެއް ނުފެތުރޭނެހެން ފެން ސާފުކުރެވި ބަދަލު ކުރެވޭ ގޮތަށެވެ. 

އެތަން ފަރުމާކޮށްފައި ވަނީ ފެން އަރުވާ ގަޑީގައި މިއުޒިކް ވެސް އިވޭނެހެންނެވެ. މިއުޒިކް ޖަހަނީ ނަމާދު ގަޑިތަކާ ދިމާނުވާނެހެންނެވެ.

އެމްޓީސީސީ އިން ވަރަށް ބުރަ މަސައްކަތުން ވަރަށް ފުރިހަމައަށް ބިނާކުރި މި ފައްވާރާއަށް ދޭން ޖެހޭ އަޅާލުން ނުދެވުމުގެ ސަބަބުން ވޭތުވެ ދިޔަ ފަސް އަހަރު މިތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. 

އެމްޓީސީސީ އިން ބުނި ގޮތުގައި، ރޭ ޖުމްހޫރީ ފައްވާރާ އަލުން ހުޅުވާފައި ވަނީ ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުމުގެ ސިޔާސަތުގެ ދަށުން ރައީސް ދެއްވާފައިވާ ހާއްސަ އިރުޝާދުގެ ދަށުން ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން، އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެތަން މަރާމާތުކުރަން ނިންމުމުން ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ފައްވާރާ މަރާމާކޮށް ރޭ ވަނީ ހުޅުވާފައި --

"މި ބިނާ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލިވެގެން ދިޔަކަމީ މި ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް. ސަބަބަކީ ޖުމްހޫރީ ފައްވާރާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން އެކަން ރަމްޒު ކޮށްދިނުމަށް މި ކުންފުނިން ހަދާފައިވާ މުހިންމު ބިނާއަކަށްވާތީ،" އެމްޓީސީސީ އިން ބުންޏެވެ.

ފައްވާރާ މަރާމާތު ކުރުމުގެ މަސައްކަތުގައި އެމްޓީސީސީ މުވައްޒަފުން ވަނީ 24 ގަޑިއިރު ހުއްޓާ ނުލާ މަސައްކަތް ކޮށްފަ އެވެ. 

ރޭ ފައްވާރާ ހުޅުވީ މި އަހަރުގެ ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލުން ފާހަގަ ކުރުމާއި ފައްވާރާ ހުޅުވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ. ރައީސް މުއިއްޒު ރޭ މިތަން ހުޅުއްވައިދެއްވުމާއެކު އާންމުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. އެތަން ހުޅުވުމާއެކު ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ އެތަނަށް ޖަމާވެ ފެންކުޅި ކުޅެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.