"އޮތްހާ ފައިސާއެއް އެއްކުރިޔަސް އަންޑަވޯޓާ ޓަނަލް ނޭޅޭނެ"

"އެހެން ނަމަވެސް ބްރިޖަކުން ނުގުޅޭނެ، ޓަނަލަކުން ނުގުޅޭނެ، އަޅުގަނޑު މި ދަންނަވަނީ ދުނިޔޭގަ އޮތްހާ ލާރިއެއް އެއްކޮށް އަޅައިގެން ވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ އެ ޓަނަލް އެޅޭނެ ހެންނެއް،" ފައްޔާޒް ރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ދުނިޔޭގަ އޮތްހާ ފައިސާއެއް އެއްކުރިޔަސް، މާލެއާ ރަސްމާލެއާ ދެމެދު އަޅަން ނިންމާފައިވާ އަންޑަވޯޓާ ޓަނަލް ނޭޅޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ޖަލްސާއެއްގައި ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައި އެތަން ތަރައްގީ ކުރުމަކީ ބޯހިޔާވަހިކަމަށް އޮތް ހައްލެއް ނޫން ކަމަށެވެ. 

ކުރީ ސަރުކާރުން ބޯހިޔާވަހިކަން ދޭން ހިއްކަން ފެށީ ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ހުޅުމާލެ އެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ފުށިދިއްގަރުފަޅު ހިއްކަން ފަށައި، މި ހުރިހާތަނެއް އަންޑަވޯޓާ ޓަނަލަކުން ގުޅާލާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ޓަނަލް ހަދާނީ ކަނޑު އަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ. އަދި އެ މަސައްކަތް ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު މަޝްރޫއު އަކަށް ކަމަށާއި، އެއާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރު ވެގެންދާނެ ކަމަށެވެ.

"އެހެން ނަމަވެސް ބްރިޖަކުން ނުގުޅޭނެ، ޓަނަލަކުން ނުގުޅޭނެ، އަޅުގަނޑު މި ދަންނަވަނީ ދުނިޔޭގަ އޮތްހާ ލާރިއެއް އެއްކޮށް އަޅައިގެން ވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ އެ ޓަނަލް އެޅޭނެ ހެންނެއް،" ފައްޔާޒް ރޭ ވިދާޅުވި އެވެ.

އެފަދަ ޓަނަލެއް އަޅާނަމަ ގާތް ގަނޑަކަށް 200 ބިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް އޭނާ އަންޒާދާ ކުރެއްވި އެވެ. އަދި ވިދާޅުވީ، "އަޅުގަނޑަކަށް ނޭނގެ ރައީސް ޑރ. މުއިއްޒު އިންޖީނިއަރަކަށް ހުރެ އެވާހަކަ ދެއްކެވީ ކީއްވެގެން ކަމެއް ވެސް. ހަމަ ހައިރާންވާ ކަހަލަ ވާހަކަ ދައްކަވަމުން ދަނީ،"

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށްވާއިރު، ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ ތަންތަން ބަހައްޓާފައި މާ ދުރުގަ އޮތް އެހެން ފަޅެއްގައި އެ މަޝްރޫއު ފަށާނަމަ އެކަމަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދައުރުގަ ތަންކޮޅެއް ލަސްކޮށް އަޅުގަނޑުމެންނަށް އެހިސާބަށް ދެވުނީ. އެހެން ނަމަވެސް ފުރިހަމަ، ހުރިހާ އެންމެންނަށް އޭގެއިން މަންފާ ލިބޭނެ ހައްލެއް ލިބިގެން ދިޔައީ،" ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ އުތުރުތިލަފަޅުގައި އެގްރިކަލް ޒޯނެއް ތަރައްގީކުރަން ޗައިނާއާ ހަވާލުކުރި މަޝްރޫއަކީ އެ ގައުމުގެ މިލިޓަރީ މަސައްކަތް ކުރަން ދިން ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.

"200 މިލިއަން ޑޮލަރު އެއީ އެތަނަކީ [އުތުރުތިލަފަޅަކީ]. ރިސޯޓު ހަދަން އެފަޅު ވިއްކާލައިފިކަމަށްވަންޏާ 150 އާ 200 މިލިއަން ޑޮލަރާ ދޭތެރޭގެ އިކުއިޒިޝަން ކޯސްޓެއް ލިބޭނެ ތަނެއް. އެތަން ރިސޯޓް ހަދަން ދީފަ ލިބޭ ލާރިން އަމިއްލައަށް ދަނޑުވެރިކަން ކުރައްވަންވީ ނޫންތޯ ޑރ. މުއިއްޒު،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ލ. އަތޮޅުގައި ވެސް ދަނޑުވެރިކަން ކުރާނެ ބޮޑެތި ބިންތައް އެބަހުރި ކަމަށެވެ. އެކަން ލޮނުގައި ކުރަން އުޅެނީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.