ނުހެދިހުރި ރިސޯޓްތަކަށް ފަންޑު އުފައްދާ ކުންފުނި: ހުސްތޮށިގަނޑެއް

ފަންޑު އުފައްދަން ހެދި ކުންފުނި، މިދިޔަ ސަރުކާރުން ހެދީ ގިނަ ފަންޑުތަކެއް އުފައްދާށެވެ. އެކަމަކު ފަސް އަހަރު ވެގެން ދިޔައިރު ވެސް ފަންޑެއް އުފެއްދިފައެއް ނެތެވެ. މީގެ ބަދަލުގައި ހަަރަދުވީ ބަޖެޓުންނެވެ.

ފަންޑު މެނޭޖުމަންޓުގެ ކުރީގެ އެމްޑީ މަނިކް އަދި ކުރީގެ މިނިސްޓަރު ފައްޔާޒު އަދި ކުރީގެ ރައީސް ސޯލިހު

މިދިޔަ ސަރުކާރުން މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އުފެއްދިއިރު ވަރަށް ގިނަ ފޮނި ކެނޑި އެވެ. މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބެއްލެވުމުގެ ދަށުން "ފައްޔާޒު ކުންފުންޏެއް" ގެ ގޮތުގައި އޭރު އެކުލަވާލި އެމްއެފްއެމްސީން ނުހެދި ހުރި ރިސޯޓް ހަދާނެ ވާހަކަ އާއި ހަދާނެ ގޮތުގެ ވާހަކަ ދެއްކި އެވެ. އެކަމަށް ފަންޑެއް ހަދާނެ ކަމަށް ވެސް ބުންޏެވެ. އެ ކުންފުނިން ބޭރުގައި ފަންޑެއް ލިސްޓު ކުރާ ކަމަށް ބުނެ ވެސް ވާހަކަ ފެތުރި އެވެ. އެކަމަކު ފަސް އަހަރު ނިމި ފައިބައިގެން ދިޔައިރު އެ ކުންފުނި ވެސް އޮތީ ސަރުކާރުގެ އެހެން ކުންފުނިތައް ފަދައިން ހުސްއަތާ އެވެ. ނުހެދި ހުރި ރިސޯޓް ހަދަން އުފެއްދި ފަންޑުން އެއް ކަމެއް ވެސް ނުވި އެވެ. އެއްވެސް އޮތީ ހުސް ތޮއްޓާ އެވެ. 

ސަރުކާރުގެ ރަސްމީ އިދާރާއިން "މިރާ" އަށް ލިބިފައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުގައި މި ކުންފުނީގައި ތިން ފަންޑެއް ރަޖިސްޓްރީ ކުރަން މަސައްކަތް ކޮށްފައިވެ އެވެ. އެކަމަކު ފަސް އަހަރުތެރޭ ރަސްމީކޮށް އެއްވެސް ފަންޑެއް ރަޖިސްޓަރީ ކުރެވިފައެއް ނެތެވެ. ނަމަވެސް ކަރުދާހުގައި ކޮންމެވެސް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެކަމަކު ރަސްމީކޮށް ފަންޑެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވަނީ ފެއިލްވެފަ އެވެ. 

އުފައްދަން ބުނި ފަންޑުތައް

  •  މޯލްޑިވްސް އިންފްރާސްޓްރަކްޗާ ޑިވްލޮޕްމަންޓް ފަންޑު
  •  މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ފަންޑު
  •  މޯލްޑިވްސް ރިނިއުބަލް އެނާޖީ ފަންޑް

އެމްއެފްއެމްސީ އިން ބުނެފައިވާ ގޮތުގައި މި ފަންޑުތައް އުފެދުމުގެ މަސައްކަތް ލަސްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އިގެ ބަލާއާފާތެވެ. އެ ބަލިމަޑުކަމާއެކު އެ ކުންފުނިން އަހައްމިއްޔަތުކަމެއް ދީފައި ވާނީ އެ ކުންފުންޏަށް ސަރުކާރުން ހަވާލުކުރި އެސެޓްތައް ތަރައްގީ ކުރާށެވެ. 

"... އެ ވަގުތު ސަރުކާރުން ފަންޑުތައް އެސްޓާބްލިޝްކޮށް ސަރުކާރުން އިކުއިޓީ ލުމަކީ އުނދަގޫ ކަމަކަށް ވުމާއެކު ފަންޑު ސްޓްރަކްޗާ މެދުވެރިކޮށް އެކިއެކި ކަންކަމަށް ފަންޑު ހޯދުމުގެ ބަދަލުގައި މި ކޯޕަރޭޝަންގެ މަގުސަދަކަށްވީ ސަރުކާރުން ހަވާލު ކޮށްފައިވާ ސްޓްޓްރެޖިކް އެސެޓްތައް އާމްދަނީ ލިބޭނެ އާމްދަނީ ލިބޭނެ ފީޒިބަލް ޕްރޮޖެކްޓްސްތަކެއްގެ ގޮތުގައި ޑިވްލޮޕްކޮށް އެ ޕްރޮޖެކްޓްތަކަށް ވަކިވަކިން ފައިސާ ހޯދުމެވެ،" އެމްއެފްއެމްސީ އިން ބުނެފައިވެ އެވެ. 

އެ ކުންފުނިން ބުނި ގޮތުގައި ދުރު ރާސްތާގައި މި ފަންޑުތައް އުފެއްދިދާނެ އެވެ. މިވަގުތު އަންނަ އެސެޓްތައް އެއަށް ބަދަލު ކުރެވިދާނެ އެވެ. މި ފަންޑު މެދުވެރިކޮށް އިތުރު އިންވެސްޓަރުން ހޯދަން މަަސައްކަތް ކުރެވިދާނެ އެވެ.

ބޯޓު ގަންނަން ހަވާލުކުރުން ހަމައެކަނި ސުރުހީއެއް

މިހުރިހާ ކަމެއްގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފަންޑު މެނޭޖުމަންޓާއި ގައުމީ އެއާލައިނުން ވަނީ ބޯޓެއް ހޯދަން ކަމަށް ބުނެ ސޮޔެއް ކޮށްފަ އެވެ. އޭރު އެ ކުންފުނިން ބުނީ މި އެއްބަސްވުމަކީ ރާއްޖެއަށް ޓޫރިސްޓުން ގެންނަން ބޮޑު ބޯޓެއް ހޯދާނެ އެއްބަސްވުމެކެވެ. 

އެކަމަކު ރަސްމީ އިދާރާތަކުން ލިޔުމުން "މިރާ" ދީފައިވާ މައުލޫމާތުކުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތްތަކުގައި ޕްރިމިލިނަރީ ރިސާޗެއް ހެދުން ނޫން އެއްވެސް ކަމެއް ކޮށްފަ އެއް ނެތެވެ. އެހެންވެ އެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ. 

ބޭރުން އެޅި ސަރުކާރުގެ ސަބްމެރިން ކޭބަލްގެ ކަންކަމުގައި ވެސް އެ ކުންފުނި މަސައްކަތް ކޮށްފައި ވެއެވެ. މި މަސައްކަތް ކޮށްފައިވަނީ އެންއެމްއެމްސީގެ ސަބްސިޑަރީ ކުންފުންޏަކުންނެވެ. 

ކުންފުނީގެ ކެޕިޓަލް 600 މިލިއަން

ފަންޑު މެނޭޖުމަންޓް ކުންފުނި ފަންޑު މެނޭޖަރެއްގެ ގޮތުގައި ބަހައްޓައިގެން ސަރުކާރުން އަގުބޮޑު ގިނަ މަސައްކަތްތަކެއް ފަށާފައިވެ އެވެ. މި މުއާމަލާތްތަކުގެ ތެރޭގައި ދެ ފަޅެއް 99 އަހަރަށް ކުއްޔަށް ދިނުމުގެ އަގު ބޮޑު މުއާމަލާތެއް ވެސް ހިމެނެ އެވެ. ގިރާވަރު ފަޅު ހިއްކާ ތަރައްގީ ކުރުމާއި ހަންކެނޑެ އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއު އަދި ގާފަރު އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއުގެ އިތުރުން ދިޔަނެރު ފަޅު ހާބަރެއް ތަރައްގީ ކުރުމުގެ މަޝްރޫއެއްގެ އިތުރުން އީޔޫއިން ދިން ފަންޑެއް ބަހަން ހަވާލު ކުރުން ވެސް ހިމެނެ އެވެ. މި މަޝްރޫއުތަކުގެ ތެރޭން އެންމެ ފާހަގަ ކޮށްލެވޭ އެއް މަޝްރޫއަކީ ނ. ދިގުފަޅާއި އެ އަތޮޅު ދެކެނަންފަރު 99 އަހަރަށް ވިއްކާލުމެވެ. 

ކޮމެންޓް

1
450
ބުސްރީ
4 months ago

ބައެއްމީހުން ހަމަ ލަދުގެ ކަންފުޅެއްވެސް ނެތީއޭ. މި ސަރުކާރު މިހެންނޭ އެހެންނޭ ކިޔަން . ފުރަތަމަ ތިމާމެންނަށް ކަމެއް ނުކުރެވުނުކަން އަދި ކެއިވަރު ހާމަ ކޮށްލަބަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.