ހުކުމާއެކު އިންތިހާބު ލަސްކުރާ ބިލާ ގުޅިގެން އޭޖީގެ ލަފަޔެއް ހޯއްދަވަނީ

އެ މައުލޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވީ މަޖިލީސް އިންތިހާބު ރޯދައިގެ ކުރިން ބާއްވަން ކަމަށެވެ. ނަމަވެސް އެކަމަށް ވެސް މަޖިލީހުން އެއްބަސް ނުވީ ކަމަށެވެ.

ކެނދިކުޅުދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނާ ހިލާފަށް ގެނައި އިސްލާހު ތަނެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައި ވާތީ، އިއްޔެ ދެވަނަ ފަހަރަށް ފާސްކުރި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ކުރެއްވުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބް ލަފަޔެއް ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުވުމާއެކު އިސް މަގާމުތަކަށް ވަޑައިގެންނެވުމަށް މަޖިލީހުގެ ހަތް މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެޔާއެކު އެ މެމްބަރުން ނުލައި، މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ ގޮތަށް މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެ މާއްދާތައް މިހާރު ބާތިލު ކުރި ނަމަވެސް ގަވާއިދުގެ 242 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެންކަމުން އަދިވެސް ޖަލްސާތައް ބާއްވަނީ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެންނެވެ.

އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ ބަންޑާރަ ނައިބް އޮފީހުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި ދައުލަތާ އެއްކޮޅަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ. ހުކުމުގައި ބުނީ، މަޖިލީހުން އިސްތިއުފާ ދެއްވި ހަތް މެމްބަރުން ނުގުނުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން، މަޖިލީސް މެމްބަރުންގެ އަދަދު ކަނޑައަޅާ އުސޫލާ ހިލާފު ނިންމުމެއް ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ގާނޫނީ އަދަދަކީ ޖުމްލަ މެމްބަރުންގެ 25 ޕަސެންޓްގެ ގޮތުގަ އެވެ.

މި ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނ. ކެނދިކުޅުދޫގައި ވިދާޅުވީ، މަޖިލީސް އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ޖުމްލަ މެމްބަރުންގެ އަދަދު ގުނައިގެން ނެގި ވޯޓަކުން ކަމަށެވެ.

"އެހެންވީމަ ބަންޑާރަ ނައިބްގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފަ. އެއީ މިކަހަލަ ނިންމުމެއް ނިންމީމަ ސުވާލު އެބަ އުފެދޭ 80 މެމްބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލައާ އޭގެ ކުރީގެ އެތައް މައްސަލައެއް ނިންމާފަ ހުރިއްޔާ އެ ނިންމި މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާމެދު އެހެންވީމަ އެބަ ސުވާލު އުފެދޭ،" ރައީސް ވިދާޅުވި އެވެ.

ކެނދިކުޅުދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް އަދި އިސްވެރިން --

ރައީސް ވިދާޅުވީ އެ އިސްލާހު ފާސްކުރަން 47 މެމްބަރުން ވޯޓް ދިން ނަމަވެސް، ކޯރަމް ހަމަކުރަން ބެލީ 80 މެމްބަރުންގެ ގޮތުގައި ވާތީ، އެކަމުގައި ބަންޑާރަ ނައިބްގެ ލަފަޔެއް މުހިންމު ކަމަށެވެ.

އެ މައުލޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވީ މަޖިލީސް އިންތިހާބު ރޯދައިގެ ކުރިން ބާއްވަން ކަމަށެވެ. ނަމަވެސް އެކަމަށް ވެސް މަޖިލީހުން އެއްބަސް ނުވީ ކަމަށެވެ.

"މިހާރު އޮތް މަޖިލީހުން އެއްގޮތަކަށް ވެސް އެއްބަސްނުވީ ރޯދައިގެ ކުރިއަށް ބަދަލުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކޮށްދޭން. ގާނޫނު އިސްލާހު ކުރަން އެބޭފުޅުން އެއްބަސްނުވި ސަބަބު ކިޔާދެއްވަން އެބަޖެހޭ ނޫންތޯ. އަބަދުވެސް މި އަޑު އިވެނީ ރޯދައިގެ ތެރޭގަ ބޭއްވީމަ ރައްޔިތުންނަށް އުނދަގޫވާނެއޭ. އެހެންވީމަ ކީއްވެގެންތޯ އަވަސްކޮށްލަ ނުދިނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނާހިލާފަށް އެމަނިކުފާނު އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމަށެވެ. ރޯދަ މަހު އިންތިހާބު ބޭއްވުމަކީ ރައްޔިތުންނަށް ދެވޭ ތަކުލީފެއްކަން އެނގިވަޑައިގެންނެވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމައި ނުދިނީ ކަމަށެވެ. ސަރުކާރު ހިންގުމަށް އެންމެ ބޮޑު އެއްބާރުލުމެއް ބޭނުންވާ ތަނަކީ މަޖިލީސް ކަމަށްވާއިރު، ގާނޫނުއަސާސީ ބައްޓަން ކޮށްފައި އޮތް ގޮތުން، ރައްޔިތުންގެ ހެވާ ލާބައަށް ކޮންމެ ކަމެއް ކުރަން މަސައްކަތް ކުރިޔަސް އެކަން ހުއްޓުވާ ހުރަސް އެޅުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ، އަޅުގަނޑު ގާނޫނުއަސާސީއާ ހިލާފަށް ހަމަ އެއްކަމެއް ވެސް ނުކުރާނަން. އަޅުގަނޑަށް ރައްޔިތުން ހަވާލުކުރި ޒިންމާ އަދާމިކުރަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީގަ. ﷲ ގަންދީ އަޅުގަނޑު ކުރި ހުވަޔަކީ، އޭގެ ކޮންމެ ލަފްޒަކަށް އަޅުގަނޑު ޒިންމާ ވާންޖެހޭ ދުނިޔޭގަ ވެސް އާހިރަތުގަ ވެސް ޒިންމާވާންޖެހޭ ހުވައެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.