ކޯޓަށް ހުށަހެޅި މާއްދާތައް ބާތިލުކޮށް، މެމްބަރުން ގުނާ ގޮތް ބަދަލުކުރަން ފާސްކޮށްފި

ގަވާއިދު އިސްލާހު ކުރަން އާންމު ކޮމެޓީން ފާސްކޮށްފައިވާއިރު، ކުރިން ގެނެސްފައިވާ އިސްލާހަށް އަމަލު ނުކުރަން ސުޕްރީމް ކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން ވަނީ ނިންމާފަ އެވެ.

ބުރާސްފަތި ދުވަހު އާންމު ކޮމެޓީން ބޭއްވި ބައްދަލުވުން: ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި ގަވާއިދުގެ މާއްދާތަކެއް ބާތިލު ކުރަން ވަނީ ފާސްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ ގޮތް ބަދަލު ކުރަން ގަވާއިދަށް އިސްލާހު ގެނައި މާއްދާތައް ބާތިލުކޮށް، އެކަންކަން އެހެން މާއްދާއެއްގައި ހިމަނަން އާންމު ކޮމެޓީން ފާސް ކޮށްފި އެވެ.

އާންމު ކޮމެޓީން މީގެ ކުރިން އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ.

އެ މާއްދާތައް ބާތިލު ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ވައްދާފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އާންމު ކޮމެޓީން ވަނީ އެ މާއްދާތައް ބާތިލު ކުރަން ނިންމާފަ އެވެ. އަދި، އެ މާއްދާތަކުގައި ހުރި ކަންކަން ކުޑަ ބަދަލަކާއެކު ގަވާއިދުގެ 242 ވަނަ މާއްދާ އިސްލާހު ކުރަން ވަނީ ފާސް ކޮށްފަ އެވެ.

އެއީ މަޖިލީހުގެ ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާނެ ގޮތް ބަޔާން ކޮށްފައިވާ މާއްދާ އެވެ. 

އެ މާއްދާއަށް އިތުރު ކުރަން ކުރަން ފާސްކޮށްފައި ވަނީ، "ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ."

ގަވާއިދު އިސްލާހު ކުރަން އާންމު ކޮމެޓީން ފާސް ކޮށްފައިވާއިރު، ކުރިން ގެނެސްފައިވާ އިސްލާހަށް އަމަލު ނުކުރަން ސުޕްރީމް ކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ އަމުރަށް ކިޔަމަން ނުވާން މަޖިލީހުން ވަނީ ނިންމާފަ އެވެ.

އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީސް ގޮނޑި ދޫކޮށްލުމާއެކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ރައީސް އަޒުލު ކުރެވޭ ގޮތް ފަސޭހަކޮށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކޮށްފަ އެވެ. ގަވާއިދަށް ގެނައި ބަދަލުގައި ވަނީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށެވެ. އެހެންކަމުން، އިސްތިއުފާ ދެއްވި ހަތް މެމްބަރުންނާ ނުލައި މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.