އިންޑިއާ-ރާއްޖެ ހުޅުގަނޑު ރޯކުރީ ޔާމީން: ގާސިމް

"އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާއި ދެމެދުގައި އޮތް ހިތްހަމަނުޖެހުމާއި، ހުޅުގަނޑު ރޯކުރީ ޕީޕީއެމްގެ ލީޑަރަކަށް ހުރި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާއި ދެމެދު ހުޅުގަނޑު ރޯކުރެއްވި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް މައުމޫނާއި ހަމައަށް ކުރީގެ ރައީސުން ގެންގުޅުއްވީ ހަމަހަމަ ހާރިޖީ ސިޔާސަތެއް ކަމަށާ ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމާ އެކު އެ ސިޔާސަތަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން ވަޑައިގެންނެވި ބޭފުޅުން ވެސް އެ ގޮތް ބަދަލު ނުކުރައްވާ އަމަލު ކުރެއްވި ކަމަށެވެ. ނަމަވެސް ގާސިމް ވިދާޅުވި ގޮތުގައި އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާއި ދެމެދު ހުޅުގަނޑު ރޯކުރެއްވި ބޭފުޅަކީ ޔާމީނެވެ.

"އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާއި ދެމެދުގައި އޮތް ހިތްހަމަނުޖެހުމާއި، ހުޅުގަނޑު ރޯކުރީ ޕީޕީއެމްގެ ލީޑަރަކަށް ހުރި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. މިއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް،"

ގާސިމް އެހެން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ނަމުގައި ރައީސް ޔާމީން ފައްޓަވާ ވަރަށް ބޮޑަށް ފުޅާކުރެއްވި ހަރަކާތަށް އަމާޒު ކުރައްވަ އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ޕީޕީއެމާއި ޕީއެންސީން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ރައީސް ޑރ މުހައްމަދު މުއިއްޒަށް ބާތިލު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ރައީސް ޔާމީން ސުވާލު ކުރެއްވުމުން ވެސް ގާސިމް ވަނީ އެ ސުވާލަށް ވެސް ރައްދު ދެއްވާފައެވެ.

ގާސިމް ވަނީ އެ ގަރާރު ބާތިލު ކުރައްވަން ރައީސް މުއިއްޒު ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

"އެބަ އެނގޭ ރައީސް މުއިއްޒު ހުންނެވީ އެކަން އެގޮތަށް ކުރައްވާކަށް [އިންޑިއާ އައުޓް ގަރާރު ބާތިލު ކުރައްވާ] ނޫން ކަން. މިއަދު އެ ބާވަތުގެ ވާހަކައެއް ދައްކަން [ރައީސް މުއިއްޒު] ބޭނުންފުޅު ނުވާ ކަމަށް،" ގާސިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ފިޔަވާ އޭގެ ކުރީން އައި ތިން ސަރުކާރު ގެންނަން ވެސް ގާސިމް ވަނީ މަސައްކަތް ކުރައްވާފައެވެ. ތިން ސަރުކާރުން ވެސް އެންމެ ބޮޑު މަންފާއެއް ހޯއްދެވި އެއް ބޭފުޅަކީ ގާސިމެވެ. ސަރުކާރު ހުންނަވާހާ ހިނދަކު ސަރުކާރުގެ ތެރޭ ހިނގާ ނުރަނގަޅު ކަންކަމާ ވާހަކައެއް ނުދައްކަވަ އެވެ. އިންޑިއާ ސިފައިންގެ މައްސަލާ ގައި ވެސް ގާސިމް އަމަލު ކުރެއްވީ އެ ގޮތަށެވެ.

އަނބިކަނބަލުން ޓްރާސްޕޯޓް މިނިސްޓަރު ކަމުގައި ހުންނެވުމުން ރައީސް ސޯލިހްގެ ސަރުކާރުގައި އިންޑިއާ ސިފައިންގެ މައްސަލައާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ. އިންޑިއާ ސިފައިން ޔުނީފޯމް ގައި އުޅޭތަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސަރުކާރު ދިފާއު ވެސް ކުރެއްވި އެވެ. ނަމަވެސް ރިޔާސީ ރޭހަށް ނިކުންނަވާ މުޅީންހެން ދެއްކެވީ އިންޑިއާ ސިފައިން ތިބި ވާހަކަ އެވެ. ހަނިމާދޫ ގައި ކެމްޕެއިން ބައްދަލްވުމެއް ބޭއްވެވި ދުވަަހަކު އިންޑިއާ ސިފައިން އެތަނަށް އައިސް ކުރާ ކަންކަން ބަލާފައިވާ ކަމަށް ވިދާޅުވެ ވެސް ވާހަކަ ދެއްކެވި އެވެ.

މަޖިލީހުގައި ގާސިމް މިއަދު ވާހަކަ ދެއްކެވި ވަގުތު ބައެއް މެންބަރުން ވަނީ އެކަންކަން ހަނދާން ކޮށް ދެއްވާ އޭރު އެ ވާހަކަ ނުދެއްކެވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ނުދެނަ ހުރީން އޭރަކު އެކަން ހިނގާ ދިޔައީކީއެއް ހުއްދަ ނުހޯދާ ކަމެއް،" އުޒުރު ދައްކާ ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.