އިންޑިއާ އައުޓް ހުއްޓުވަން ނެރުނު ގަރާރު ބާތިލު ނުކުރާތީ ޔާމީންގެ ސުވާލު އުފައްދަވައިފި

"ކީއްވެގެންތޯއޭ މި ސަރުކާރަށް އެ ގަރާރު ބާތިލު ނުކުރެވިގެން މި އުޅެނީ. ބާތިލު ކުރީމަ ދެއްތޯ މާދަން ވެސް އަޅުގަނޑު ގޭގައި ހަމަ އިންޑިއާ އައުޓް ބެނާ ހުންނާނީ،"

ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް: ކެމްޕޭންގައި: ކެމްޕެއިން މަޑުޖެހުނީ ގަރާރުގެ ސަބަބުން ކަމަށް ވިދާޅުވި

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ޕީޕީއެމާއި ޕީއެންސީން  ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ރައީސް ޑރ މުހައްމަދު މުއިއްޒަށް ބާތިލު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ސުވާލު ކުރައްވައިފި އެވެ.

އޭޕްރީލް 21، 2022 ވަނަ ދުވަހު ރައީސް ސޯލިހް ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ބަޔާންކުރައްވާފައި ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އޭރުގެ އިދިކޮޅު ކޯލިޝަނުން ހިންގި އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.

އެ ކެމްޕެއިނާ ގުޅޭ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓުވަން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް އަމުރު ވެސް ކުރެއްވި އެވެ. އެެއާއެކު ރައީސް ޔާމީންގެ ގެކޮޅާއި އޭރުގެ ޕީޕީއެމް އޮފީސް އިމާރާތާއި މާލޭގެ އުސް އިމާރާތްތަކަށް ނަގާފައިވާ އެ ހަރަކާތުގެ ބޮޑެތި ބެނާތައް ފުލުހުން ވަނީ ނަގާފައެވެ. އަދި މަގުތަކާއި ފާރުތަކުގައި ހުރި ނިޝާންތަކާއި ކުރެހުންތައް ފޮހުނެވެ.

ރޭ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާ އެއްގައި ޔާމީން ވިދާޅުވީ ރައީސް ސޯލިހް އެ ގަރާރު ނެރުއްވީ އިންޑިއާ ރުއްސަން ކަމަށެވެ. އެ ހަރަކާތް ކިތަންމެ ކުރިއަށް ގެންދަން ބޭނުންފުޅުވި ނަމަވެސް ހުއްޓާލަން ޖެހިވަޑައިގަތީ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލައްވަން ބޭނުންފުޅު ނުވާތީ ކަމަށް ވެެސް ވިދާޅުވި އެވެ.

"[އިންޑިއާ އައުޓް] އެ ހަރަކާތް އަޅުގަނޑުމެން ހުއްޓާލީ ސަލާމަތީ ބާރުތަކާއި އަޅުގަނޑުމެން ކްލޭޝް ވާން ބޭނުން ނުވާތީ،"

ރައީސް އަބްދުﷲ ޔާމީންގެ ގެ، ހ. ދޫވެހީގައި އިންޑިއާ އައުޓް ބެނާ ދަމާފައި

ރައީސް ޔާމީން ވަނީ އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށާ އެެއީ ބާތިލު ކުރަން ޖެހޭ ގަރާރެއް ކަމަށް ވެސް ރޭ ވިދާޅުވެފައެވެ.

އިދިކޮޅު ގައި ތިބެ "ގޮވެލިފައްޗެއް" ހެން އެގޮތަަަށް ގޮވާ އަޑުއުފުލި ބަޔަކު މިއަދު ސަރުކާރަށް އައިސް އެ ގަރާރު ބާތިލުނުކޮށް އުޅެނީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ. އަދި އެއީ ކުރީން ދެއްކެވި ވާހަކަތަކާއި ދިމާ އިިދިކޮޅު އަމަލެއް ކަން ފާހަގަ ކުރައްވާ ސަރުކާރުގެ އިހްލާސްތެރި ކަމާމެދު ސުވާލު އުފެއްދެވި އެވެ.

"ކީއްވެގެންތޯއޭ މި ސަރުކާރަށް ޖަސްޓު ސްޓްރޯކް އޮފް އަ ޕެން އެ ގަރާރު ބާތިލު ނުކުރެވިގެން މި އުޅެނީ. ބާތިލު ކުރީމަ ދެއްތޯ މާދަން ވެސް އަޅުގަނޑު ގޭގައި ހަމަ އިންޑިއާ އައުޓް ބެނާ ހުންނާނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ގަރާރު ބާތިލު ކުރުމުން އަލުން އެ ހަރަކާތް ކުރިއަށް ގެންދަވަން ބޭނުންފުޅުވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެންމެ ބޮޑު އެއް ވައުދަކީ ވެސް އެއީ އެވެ. އިންތިހާބުގެ ކެމްޕެއިން ގައި ބޭއްވެވި ހުރިހާ ޖަލްސާތަކާއި ބައްދަލްވުންތަކާއި ރެލީތަކުގައި ތަކުރާރު ކުރައްވާ ދެއްކެވީ އެ ވާހަކަފުޅެކެވެ.

ވެރިިކަމުގެ ފުރަތަމަ ދުވަހު އެކަން އިންޑިއާ ސަރުކާރަށް އެންގެވި އެވެ. އަދި މާޗް 15 ގެ ކުރީން ހުރިހާ ސިފައިން ގެންގޮސް ނިންމަން ވަނީ ހުށައަޅާފައެވެ. އެކަމާ ގުޅޭ މަޝްވަރާތައް ދެ ގައުމުގެ އެންމެ މަތީ ފަންތީގައި ދަނީ ހިނގަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ވެސް ހިނގަމުން ދަނީ އެއްވާނެއް ގައި ކަމަށާ އެ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ދޫކޮށް ނުލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ނަމަވެސް ރައީސް ސޯލިހް ނެރުއްވި ގަރާރާ ގުޅޭ ވާހަކަފުޅެއް ނުދައްކަވަ އެވެ. ކެމްޕެއިން ގައި ވެެސް އެކަމާ ގުޅޭ އެއްވެެސް ވާހަކަފުޅެއް ނުދައްކަވަ އެވެ. ގަރާރާ ގުޅޭގޮތުން ނޫސްވެރިން ވެެސް / އެހެން ފަރާތަކުން ވެެސް ރައީސާއި އަދި ސަރުކާރާ ވެސް ސުވާލެއް ނުކުރެ އެވެ.

ނަމަވެސް ރައީސް ޔާމީންގެ މި ސުވާލާ އެކު ގަރާރު ބާތިލު ކުރުމާ ގުޅޭ ވާހަކަތައް ފެށި އެކަމާ ގުޅޭގޮތުން ސަރުކާރަށް ވާހަކަ ދައްކަން ޖެހޭނެ ކަމަަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.