އާޒިމާާގެ ކެމްޕެއިން ދަތުރު ކެންސަރާ ހަނގުރާމަ ކުރައްވާ ތިން ބޭކަނބަލަކަށް

އިންތިހާބު ތަކުގައި ވާދަ ކުރުމަކީ އަންހެނުންނަށް ވަރަށް ބޮޑު ޗެލެންޖެއް ކަމުން އަންހެނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް އެ ތިން އަންހެން ބޭފުޅުންނަށް ކެމްޕެއިން ދަތުރު ހާއްސަ ކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. އައިޝަތު ރަމީލާ، ކުރީގެ މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: ތިން ބޭފުޅުން ވެސް ވަނީ ކެންސަރާ ހަނގުރާމަ ކުރައްވާފައި

މާލެ ސިޓީގެ މޭޔަރު ކަމަށް ވަޑައިގަތުމަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރު ތިން ބޭފުޅަކަށް ހަދިޔާ ކުރައްވާ ކަަމަށް ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެ އެވެ.

އާޒިމާގެ މެނިފެސްޓޯ ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައި މެނިފެސްޓޯގެ ތަފްސީލު ހިއްސާ ކުރެއްވުމުގެ ކުރީން އާޒިމާ ވިދާޅުވީ މޭޔަރު އިންތިހާބުގެ ކެމްޕެއިން ދަތުރަކީ ހުރިހާ ގޮތަކުން އޭނާއަށް ހާއްސަ ދަތުރެއް ކަމަށެވެ. އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ހުންނެވިކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ މިދިޔަ މުއްދަތު ގައި ތިން ސަރުކާރެއް ގައި މިނިސްޓަރު ކަން ކުރައްވާ ދައުލަތުގެ ވަރަށް ގިނަ / ބޮޑެތި މަގާމުތައް ވަނީ ފުރުއްވާފައެވެ.

ނަމަވެސް މިއީ އެކަމަނާ އިންތިހާބެއް ގައި ވާދަ ކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ. މި ދަތުރުގެ އެންމެ ހާއްސަ ކަމަކީ އެއީ ކަމުގައި ވިދާޅުވި އެެވެ. އަދި ވިދާޅުވީ އެކަމަނާގެ އެ ދަތުރު ވަަރަށް ހިތްވަރު ގަދަ ތިން އަންހެން ބޭފުޅަކަށް ހާއްސަ ކުރައްވަން ބޭނުންވާ ކަމަށެވެ.

އުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު

ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވުމާއި އިންތިހާބު ތަކުގައި ވާދަ ކުރުމަކީ އަންހެނުންނަށް ވަރަށް ބޮޑު ޗެލެންޖެއް ކަން ފާހަގަ ކުރައްވާ އެހެން މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް އެ ތިން އަންހެން ބޭފުޅުންނަށް ކެމްޕެއިން ދަތުރު ހާއްސަ ކުރަން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ގޮތުން އެކަމަނާގެ މި ދަތުރު ހާމަ ކުރަނީ ކެންސަރާ ހަނގުރާމަ ކުރައްވާ ތިން އަންހެން ބޭފުޅަކަށް ކަމަށް ވިދާޅުވި އެވެ. އެއީ؛

  •  ޑރ. އައިޝަތު ރަމީލާ - އެގްރިކަލްޗާ އެންޑް އެނިމަލް މިނިސްޓަރު
  •  އައިމިނަތު އާތިފާ ޝަކޫރު - ކުރީގެ ހައުސިން މިނިސްޓަރު
  •  ހީނާ ވަލީދު - އެންސްޕާގެ ސީއީއޯ / ޕީޕީއެމްގެ ތަރުޖަމާން

"އަޅުގަނޑުގެ މި ޖާނީ [އިންތިހާބަށް ކުުރިމަތިލާ މި ކުރި މަސައްކަތް] އަޅުގަނޑު ހަދިޔާ ކުރަން ބޭނުން ވަނީ މި ތިން ބޭފުޅުންނަށް،" އާޒިމާ ވިދާޅުވި އެވެ.

މި ބޭފުޅުންގެ ތެރެއިން މިނިސްޓަރު ރަމީލާ މިހާރު ވެސް ހުންނެވީ ކެންސަރު ފަރުވާ އަށް ރާއްޖެ އިން ބޭރުގައެވެ. އެކަމަނާ އަށް ކެންސަރު ޖެހި ފަރުވާ އަށް ވަޑައިގަންނަވާކަން ހާމަ ކުރެއްވީ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ބާވަތެއް ކަން ހާމަ ކުރައްވާފައެއް ނުވެއެވެ.

އާތިފާ ވެސް ވަނީ ކެންސަރަށް ފަރުވާ ހޯއްދަވާފައެވެ. އެކަމަނާ ވެސް ކުރީ ސަރުކާރު ގައި މިނިސްޓަރު ކަން ކުރެއްވިއިރު ވެސް ފަރުވާ ކުރިއަށް ގެންދެވި އެވެ. ވަރަށް ހިތްވަރާ އެކު ހިދުމަތު ގައި ދެމި ހުންނަވާ ނަމޫނާ ދެއްކެވި އެވެ.

ހީނާ އަކީ ވެސް ކެންސަރަށް ފަރުވާ ހޯއްދެވި ބޭފުޅެކެވެ. ފަރުވާއަށް ފަހު ރާއްޖެ ވަޑައިގަތީ ވަރަށް ފަހުންނެވެ. ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުންނަވާ ފަރުވާ ހޯއްދެވި އެވެ. ރާއްޖެ ވަޑައިގަތަސް އަދިވެސް ފަރުވާގެ ބައެއް ކަންކަން އޮތީ ކުރިއަށެވެ. ޕީޕީއެމްގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނަވާ ވަރަށް މުހިންމު އެހާމެ ބުރަ މަސްއޫލިއްޔަތެއް އުފުއްލެވީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ. ކެންސަރަށް ފަރުވާ ހޯއްދަވާކަން އާންމުންނަށް އެނގުނީ ވެސް ވަރަށް ފަހުން އެކަމަނާ އެކަން ހާމަ ކުރެއްވުމުންނެވެ. މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުއްލެވުމާއި މީޑިއާއާ ބޭއްވެވި ގާތް ކަމާއި ވަގުތުން ޖަވާބު ދެއްވުން ފަދަ ކަންކަމުގެ ސަބަބުން ބޮޑު އާލާސްކަންފުޅެއް ގައި އުޅުއްވާ ކަން ނޫސްވެރީންނަށް ވެސް އެނގިފައެއް ނުވެ އެވެ.

ކޮމެންޓް

1
450
ސަރ
4 months ago

މީހުންގެ އިމޯޝަންސްއާ ނުހައްގުން ކުޅެގެން ކާމިޔާބެއް ނުވަނެ އާޒިމާއަކީ ރަނގަޅު މީހެއް ނޫން މުޅިން ސަރުކާރުން ކައިގެން އުޅޭ އަންހެން ވިސްނާ މާލޭ މީހުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.