އެތައް ތަނެއްގައި ކިތަންމެ ފަހަރު ވިދާޅުވެފައި އޮތަސް މަސައްކަތެއް ނެތް ވަޒީފާއެއްގައި މީހުން ބައިތިބިގެން ނުވާނެ އެވެ. މުސާރަ ދީގެނެއް ނުވާނެ އެވެ. އެ ހަލާލެއް ވެސް ނުވާނެ އެވެ. އެ ވާނީ ވައްކަން ކުރުމަށެވެ.
ފެނަކައެއްގެ ވާހަކަ އަބަދު ދައްކަ އެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ދޭން އުފެއްދި (ފެނަކަ) ކުންފުނި އުފަންވި ފަހުން އެ ތާނގެ މައްސަލަތަކުގެ ވާހަކައެއް ނޯންނަ ހިނދެއް ނާދެއެވެ. އަދި ނިމިގެން މިދިޔަ ފަސް އަހަރު ފެނަކައިގެ ހުތުރު އަމަލުތައް ގިނަވެ އެ އަޑުތައް ގަދަވި އެވެ. ބޮޑެތި އަގުގައިތަކުގައި މަޝްރޫއުތައް ހަވާލު ކުރުމާއި ކުންފުނީގެ ވަތްގަނޑުން މުށް ޖަހާފައި ފައިސާ ވަގަށް ނެގުމާއި ކުންފުންޏަށް ނުކަތާ ވަރަށް ބޭކާރު މީހުން ވެއްދުމުގެ ވާހަކަ މި ކުންފުންޏާމެދު ދައްކާވަރުން ހީވަނީ އެކަން ކަމަކީ އެ ކުންފުނީގެ ހިންގާ ގަވައިދުގައި އޮންނަން ޖެހޭ ކަމެއް ހެނެވެ.
އެ ދަރަޖައަށް ކުންފުނީގެ ހާލަތު ވެއްޓިގެން ދިޔައިރު ވެސް އެންމެފަހުން ހުންނެވި އެމްޑީ "ފެނަކަސައީދު" ހުންނެވި ހަނު އެވެ. ސައީދުގެ ފެނަކައިގެ ތެރޭގައި ހިންގަމުން ދިޔަ ނުކިއްސަރު ކަންތައްތައް ފޮރުވަން "ޒީރޯ ޓޮލޮރެންސް" ބޯޑު އަޅުވައިގެން ތިބީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ 65 މެންބަރުންނެވެ. މަޖިލީހުގެ މެޖޯރިޓީއަށް ސަޕޯޓް ދެއްވަން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ވެރިކަމުގެ ފަހު އަހަރު ވެގެން ގޮސްފައި ވަނީ ފެނަކައިގެ ހާލަތު ގޯސްވެ ގޯހުން ގޯހަށް ވެއްޓުނު އަހަރަކަށެވެ. ކުންފުންޏަށް ނުކަތާ ވަރަށް މީހުން ނަގައި ކުންފުނީގައި ހުރި ގޮނޑިމޭޒާއި ފައިލް ކެބިނެޓްތަކުގެ މަތީގައި ނުތިބެވޭހާ މީހުން އިތުރުކޮށް އެތުރި އެވެ.
އެއަށްފަހު އައީ ރިޔާސީ އިންތިހާބެކެވެ. އިންތިހާބުގައި ވޯޓު ހޯދަން ނުކުންނެވި ދެ ކެނޑިޑޭޓުން ވެސް ގެންދެވީ ވައުދުވަމުންނެވެ. އެއް ބޭފުޅަކު ހުންނަވަނީ އަނެއް ބޭފުޅަކުވާ ވައުދަކަށް ބައްލަވާށެވެ.
ކުރީގެ ރައީސް ސޯލިހު އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގަންނަވަމުން ރައީސް މުއިއްޒު ވެވަޑައިގެންނެވި އަދި ތަކުރާރު ކުރައްވަމުން ގެންދެވި އެއް ވައުދަކީ އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރުމުގެ ވައުދެވެ. އެ ވައުދުވެ ވަޑައިގެންނެވިއިރު ފެނަކަ އޮތީ އެތަކެއް ސަތޭކަ ވަގުތީ މުވައްޒަފުން ނަގައި ރަށްތަށް ފުރާލާއިގެނެވެ.
މަސައްކަތެއް ހަވާލުކުރަން ވާހަކަ ދައްކާލާ އިރަށް އެ ރަަށަކުން އެ ކުންފުންޏަށް އެތައް ބައެއް މީހުން ނަގައިގަންނަނީ އެވެ. ޕްރޮޖެކްޓް ހިންގަން ކަމަށް ބުނެ ނަގާފައިވާ ކޮންޓްރެކްޓް ސްޓާފުންގެ ހިސާބު ގުނަން އޭރު ފެނަކަ އަށް ވެސް ނޭނގެ އެވެ. ރަށްރަށުގައި އަބުރުވެރިކަމާއެކު އަމިއްލަ މަސައްކަތުގައި ތިބި މީހުން ހުއްޓުވައި ތިބީ ފެނަކައިގެ ގޮނޑި މޭޒު ނެތް ވަޒީފާތަކަށް ލީ އެވެ. މަސައްކެއް ނެތަސް އެ އެންމެން ނެގުމުގެ ނަތީޖާއަކަށްވީ ދަރާ ވިކިފައި އޮތް ކުންފުނީގެ ހާލަތު އަތްލާން ނުކެރޭ ވަރަށް ހަލާކު ވުމެވެ.
މި ގޮތަށް މީހުން ނަގައިގެން "ވަޒިފާއެއް" ނެތަސް މުސާރަ ދެވޭނެ ހެއްޔެވެ؟ ރައްޔިތުންގެ ޓެކްސް ފައިސާ މިގޮތަށް ހިލޭ ބެހުމަކީ އެކަން ކުރަން ޖެހޭ ގޮތް ހެއްޔެވެ؟ މިއީ ގައުމެއްގައި ކަންކަން ކުރަން ޖެހޭނެ އުސޫލު ހެއްޔެވެ؟ ވައުދެއް ވެފައި ވެއްޖެއޭ ކިޔައިގެން، ހައްދަވައިގެން ކުރާނެ މަސައްކަތެއް ނެތަސް މަސައްކަތެއް ނުކުރުވިޔަސް މަސައްކަތް ކުރެވޭ އުމުރުފުރައިގެ ބަޔަކަށް ނުވިޔަސް ހިލޭ މަހުން މަހަށް ފައިސާ ދެވޭ އުސޫލަކީ ކޮން ގައުމެއްގައި އޮންނަ އުސޫލެއް ހެއްޔެވެ؟
"ހަގީގަތަކީ ކުންފުންޏާ ނުބައްދަލު އަދަދަކަށް ސްޓާފުން އެބަތިބި. މިއީ 79 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް މަހަކު މުސާރައަށް ހޭދަ ކުރަން ޖެހޭ ކުންފުންޏެއް. ވިސްނުމެއް ނެތް ކުންފުނީގެ މުވައްޒަފުން މަދު ކުރާކަށް. އެކަމަކު ކުންފުންޏަށް ބޭނުން ނުހިފޭ ބޭނުން ނުވާ މުވައްޒަފުންނަކަށް ނުތިބެވޭނެ. ފުރަތަމަ މިދަނީ ބަލަމުން ކުންފުންޏަށް ކޮން ބައެއް ތޯ ބޭނުން ހިފޭނީ،" ފެނަކަ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވި އެވެ. އޭނާގެ ނަން ދެން ބަދަލުވާނީ "ފެނަކަމުއާ" އަށެވެ.
މުއާޒު ވިދާޅުވި ގޮތުގައި އޮނިގަނޑުގެ ބޭރުން ވެސް ފެނަކައަށް މީހުން ވައްދާފައި ތިބިއިރު، ކޮންޓްރެކްޓުގެ މުއްދަތު ހަމަވެފައި ތިބި އެތައް މުވައްޒަފުންނެއް އެބަތިއްބެވެ. މަސައްކަތެއް ނެތި އެ ގޮތަށް މީހުން ބައިތިއްވުމަކީ ފެނަކަ އާއި މިރާއްޖެއަށް ވެސް އެންމެ ފައިދާ ހުރި ގޮތްތޯ އޭނާ ވަނީ "މި" ނޫހާ ވާހަކަފުޅު ދައްކަވާ ސުވާލު އުފައްދަވާފަ އެވެ.
ފެނަކައިގެ މުވައްޒަފުންގެ އަދަދު އިތުރުވި އަދަދު އެނގެނީ ސަރުކާރު ކުންފުނިތަކުގެ ޒިންމާދާރު ފަރާތުގެ ގޮތުގައި އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރިޕޯޓަކުންނެވެ.
އެ ރިޕޯޓްގެ ނަމްބަރުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއަށް ފެތުރިގެން އޮތް ފެނަކައިގައި 2018 ވަނަ އަހަރު ނިމުނުއިރު ތިބީ 2758 މުވައްޒަފުނެވެ. އެކަމަކު މިހާރު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 8،126 އަށް އިތުރުވެފަ އެވެ. އަދި 2018 އިގަ މުސާރައަށް ހަރަދު ކުރަނީ މަހަކު 23 މިލިއަން ރުފިޔާ ނަމަވެސް މިހާރު 82 މިލިއަން މަހެއްގެ މައްޗަށް މުސާރައަށް ހަރަދު ކުރެ އެވެ.
މި ބޮޑު ހަރަދާ ހެދި ފެނަކަ ވަނީ އޮޔާ ދަމައިގެންފަ އެވެ. ފެނަކައިގެ ޖުމްލަ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރާއިރު، އާއްމު އާދައިގެ ކުދިކުދި ކުންފުނިތަކަށް ދޭން ޖެހި ނުދީހުރި ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް ވުރެ މައްޗެވެ. މި ހާލަތުގައި ކުންފުނި ބާއްވައިގެން އަނެއްކާވެސް ޕީޕީއެމް / ކޮންގްރެސް ޕާޓީ - ޕީއެންސީގެ ވަޒީފާ "ބަހާ" ޖަގަހައަކަށް ފެނަކަ ހަދަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރާން ޖެހެ އެވެ.
ފެނަކައިގެ ސަބަބުން ރާއްޖޭގެ އެތައް ވިޔަފާރިއެއް ބަނގުރޫޓު ވެއްޖެ އެވެ. އެ ކުންފުނީގެ ތެރޭން "ފެނަކަ ސައީދު" ހިންގި ކަމަށް ތުހުމަތު އޮތް "މާސިންގާ ވައްކަމު" ގެ ހަގީގަތް ހޯދަން މިނިވަން، އަވަސް އޮޑިޓެއް ކުރަން ޖެހެ އެވެ. އެ ކުންފުންޏާ ހެދި ރާއްޖޭގެ އެތައް ރައްޔިތުންނެއް އެތައް ރަށެއް ފަގީރު ވެގެން ހިނގައިދާނެ ކަމަށް ކުރިން "މި" ނޫހުގައި ލިޔު ރިޕޯޓެއްގައި ބުނެފައިވެ އެވެ. މިކަން ކުރިމަތިވާނެ ހާލަތު އޭރު އެ ރިޕޯޓުގައި ބުނެދީފައިވެސ ވެއެވެ. އެ ސިނާރިއޯ މިއަދު މިވަނީ އައިސްފަ އެވެ.
ރަށުގެ ގިނަ ބަޔަކު އޭރު މަހަށް ދިޔަ އެވެ. އެކަމަކު މިހާރު އެ ރަށު އޮޑިއަކަށް އަރާނެ ދިވެއްސަކު ނުވެ އެވެ. ކުރިން މަހަށް ދިޔަ ހުރިހާ މީހުން މިހާރު ތިބީ ފެނަކަ ވަޒީފާގަ އެވެ. ކޮންމެ މީހަކީ ވެސް ސުޕަވައިޒަރެކެވެ. ނޫނީ މަސައްކަތު މީހެވެ. ކުރަން ޖެހޭ ހަމައެކަނި ކަމަކީ ކޮންމެ ދުވަހަކު ހެނދުނު ނިދި މޫނައިގެން ފެނަކައަށް ގޮސް ސޮއި އަޅާލުމެވެ.
އެއްވެސް މަސައްކަތެއް ނެތަސް ގިނަ ރަށްރަށުގެ ވަޒީފާތަކުގައި ތިބި މީހުނަށް ބަރާބަރަށް މަހު މުސާރަ ލިބެ އެވެ. ކޮންމެ މަހަކު ގެއަށް ޔަގީން ކަމާއެކު 15،000ރ. އާއި 25،000ރ، އާ ދެމެދުގެ ވައްދަ އެވެ. ފެނަކައިން، އެހެން އެސްއޯއީތަކުން ބޭކާރަށާއި ހިޔާނާތަށް ވާގޮތަށް ފައިސާ ވތަޅާ ބުރުއްސޭ ގޮތަށް ދޭ "ބޭކާރު ވަޒީފާ" ތަކާއެކު ރާއްޖޭގެ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ގާތްގަނޑަކަށް އެންމެން ތިބީ ސަރުކާރު ވަޒީފާގަ އެވެ. ކުރިން ރަށްރަށުގައި ކުރަމުން ގިނަ މަސައްކަތްތަކުން ދިވެހިން އަތް ދޫކޮށްލައިފި އެވެ. ރަށްރަށުގެ ޕްރައިވެޓް ސެކްޓަރުގެ އިންޖީނު ހުއްޓެމުން ގޮސް ނިވިއްޖެ އެވެ.
މީގެ އެއް ދިމާއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ލ. ގަމާއި ގުޅުންހުރި ރަށްތަކެވެ. އެ އަތޮޅުގެ ގިނަ ރަށްތަކުން "މި" ނޫހަށް ވާހަކަ ދެއްކި ފެނަކަ ވަޒީފާތަކުގައި ތިބި ގިނަ މީހުންގެ ބުނާ ގޮތުގައި މިހާރު އެއްވެސް ފިކުރެއް ނެތެވެ. ވިސްނާކަށް ނުޖެހެ އެވެ. މަސް ނިމޭއިރަށް އެކައުންޓުގައި ފައިސާ ހުންނާނެ އެވެ.
"ކޮބާ މައްސަލައަކީ.؟" ލ. ގަމުގައި ފެނަކަ ވަޒީފާގައި އުޅޭ ޒުވާނަކު "މި" ނޫހަށް ވާހަކަ ދައްކަމުން ބުނެލި އެވެ.
ލ. އަތޮޅަކީ ދަނޑުވެރިކަމުގައި ގިނަ އަދަދެއްގެ ދިވެހިން ކުރިން އުޅުނު އަތޮޅެވެ. މި މަސައްކަތާ އެއް ވަރަށް މަސްވެރިކަން ވެސް އެ އަތޮޅުގައި ރަނގަޅަށް ކުރެ އެވެ. އެކަމަކު އެ އަތޮޅުގެ ދަނޑުވެރިކަމުން ދިވެހިން އެއްކޮށް އަތްދޫކޮށް ހުރިހާ މީހުން ސަރުކާރު ވަޒީފާތަކަށް ނުކުމެ ހަމަޖެހިއްޖެ އެވެ.
އަތޮޅަށް ބަލާއިރު ފެނަކައިން ކުރިއަށް ގެންދާ މަސައްކަތް ތަކަށް އެކަނި ވެސް ގިނަ ބަޔަކު ވަނީ ނަގާފަ އެވެ. އެ މުވައްޒަފުން ނިސްބަތް ވަނީ ލ. އިސްދޫ / ކަލައިދޫ އަދި ދަނބިދޫ އަށެވެ. ކަލައިދޫގައި 140 ގެ ހުންނައިރު ރަށުގެ އާބާދީއަކީ 1,026 އެވެ. ރަށުގެ، ގެ ތަކުގެ ތެރޭން 130 ގޭގެ މީހުން އެ ވަޒީފާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކޮންމެ ގެއެއްގައި އެވްރެޖުކޮށް ދެ މީހުން ފެނަކަ ވަޒީފާގައި މަސައްކަތް ކުރެ އެވެ.
ވައްކަމާއި ހިޔާނާތާއި ފަސާދައިން ބޮއްސުންލައި ނިޒާމް އެކޮޅުކޮޅުން ޖަހާފައިވާ ފެނަކައިން ރާއްޖޭގެ 151 ރަށުގައި އިންޖީނުގެ ބަލަހައްޓާއިރު އެ ކުންފުނީގެ ޕްރޮޖެކްޓްތަކުގައި ރަށްރަށުގައި މަސައްކަތް ކުރާ ކޮންޓްރެކްޓް / ދާއިމީ މުވައްޒަފުންގެ އަދަދުގެ އަންދާޒާ 5،000 އަށްވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މިއީވެސް ހަމަ އަންދާޒާއެކެވެ. މާލެއަށް އެކަނި ބެލިއަސް ހެޔޮވަރު ސްކޫލަކަށް ދާ ކުދިންގެ އަދަދަށްވުރެ ގިނަ މީހުން ފެނަކައަށް ސޮއި ކުރާން ދެ އެވެ.
ސަރުކާރާ ހެދި ސޮއިކޮށްލާފައި އަތް އުރާލައިގެން ހޮޅުއަށީގައި ތިބޭ ކަންނެތް ދިރިއުޅުމަށް ގިނަ ބައެއްގެ ދިރިއުޅުން ބަދަލު ވެގެން ގޮސްފައިވާއިރު މުޅި ގައުމު މިހާރު ބަދަލުވަމުން މިދަނީ "ވެލްފެއާ" ސްޓޭޓް އަކަށެވެ. މިއީ އާސަންދައިގެ އެހީ ނުކިޔަސް އަތް އުރާލައިގެން ހުއްޓައި ހިލޭ އެއްޗެއް ލިބޭ ލިބުމެވެ. އެހެންވެ މިއީ "ވެލްފެއާ" ސްޓޭޓް ތަކުން ނޫނީ ނުފެންނާނެ މަންޒަރެކެވެ.
ކުރީން ކިތަންމެ އީޒީ ޖޮބެއްގައި އުޅުނަސް މިހާރު މިވަނީ އެކަން ބޮލު ރިހުމަކަށް ވެފައެވެ.
ފެނަކައިން މުވައްޒަފުން ވަކި ކުރާކަމަށް ބުނެ ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި އެގޮތަށް ފެނަކައިގެ ވަޒީފާއަަށް ދިޔަ މީހުން މި ދަތުރުޖެހޭނެ ކަމަށް އޭރު ވެސް އޭނާ ވިދާޅުވަމުން ގެންދެވި އެވެ.
"މަސައްކަތެއް ނެތް މުސާރަ ލިބޭ ގޮތަށް ވަޒީފާތަކަށް ދިޔަ ބޭފުޅުންގެ ޒިންމާއެއް ވެސް މީގައި އެބައޮތް. އަޅުގަނޑުމެން އޭރުވެސް ބުނިން މިވާހަކަ" އާޒިމް ވިދާޅުވި އެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް ކުރާނެ މަސައްކަތެއް ނެތް ވަޒީފާއެއްގައި މީހުން ބައިތިއްބައިގެން މުސާރަ ދީގެނެއް ނުވާނެ އެވެ. ދައުލަތުން އެކަން ކުރަން ބޭނުންނަމަ ސްޓެޓިސްޓިކް ބިއުރޯ އިން އެންމެ ފަހުން ނެރުނު ބޯހިމެނުމަށް ބަލައި ރާއްޖޭގައި ވަޒީފާ ނެތް އެންމެންނަށް ހިލޭ މުސާރަ ދޭ ގޮތަށް އުސޫލު ބަދަލު ކުރަންވީ އެވެ.
އެހެންނޫނަމަ މިގޮތަށް ހުރި ވަޒީފާތަކަށް އެހެން ހައްލެއް ހޯދައިގެން ނަމަވެސް އެ މީހުންނަށް މަސައްކަތެއް ދީގެން މުސާރަ ހަލާލުވާ ވަރު ކޮށްދޭން ޖެހޭނެ އެވެ. ހަމަ ރައީސަކު ވައުދެއް ވެވަޑައިގަތޭ، ކުރިން ރައީސް ވިދާޅުވެފައި އެބައޮތޭ ކިޔާފަ "ހެލިކޮޕްޓަރު މަނީ" ހެން ފައިސާ އޮއްސާ އުސޫލަކީ މިޒާމާނުގެ އިކޮނޮމީ ދަންނަ ގޮތެއް އުސޫލެއް ނޫނެވެ.
ރައްޔިތުންގެ ބޮލަށް ޗިޕެއް "ލަޑާލަން" ހިލޭ ފައިސާ ބަހާ ގައުމަކަށް މިތަން ހަދަން މަޖިލީސް މެންބަރުން އުޅުއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރައީސް މުއިއްޒު ވިދާޅުވިޔަސް އަދި އެތައް ތަނެއްގައި ކިތަންމެ ފަހަރު ވިދާޅުވެފައި އޮތަސް މަސައްކަތެއް ނެތް ވަޒީފާއެއްގައި މީހުން ބައިތިބިގެން ނުވާނެ އެވެ. މުސާރަ ދީގެނެއް ނުވާނެ އެވެ. އެ ހަލާލެއްވެސް ނުވާނެ އެވެ. އެ ވާނީ ސީދާ ދައުލަތުން ވައްކަން ކުރުމަށެވެ.
މޯނިންމެނޭޖަރ ނައިޓްމެނޭހަރ ޑެއިލީމެނޭޖަރ ޝޮޕިންގމެނޭޖަރ ޖަނަރޭޓަރމރނޭޖަރ ޝިފްޓަރުމެނޭޖަރ ސްޓޭޝަން މެނޭޖަރ ފައުންޑޭޝަންމެނޭޖަރ ރޫފްމެނޭޖަރ މިހެން ގޮސް ހުސް މެނޭޖަރ
ވަރަށް ރަނގަޅު ރިޕޯޓެއް.ސާބަސް.ފެނަކަ ސައީދުއާ މެދު ފިޔަވަޅު އަޅަން ޖެހޭ.ކުންފުނި ބަގުރޫޓް ކޮށްފަ އޭނައެހޭރީ ރިސޯޓް ހަދައިގެން.ރައްޔިތުން މިޖެހެނީ ޒިންމާ ނަގަން.ކޮންކަހަލަ އިސޫލެއް.ކޮންމެ ރަށެއްގަ ފެނަކަ އިމާރާތެއް އެޅީ ސީދާ ބައި އެޅޭ ގޮތަށް.މީ ޔަގީން ކަމެއް.7 މިލިޔަން ރުފިޔާއަށް ބިޑު ހުށަހެޅީމަ 9 މިލިޔަނަށް ދެނީ 2 މިލިޔަނުގެ ކަޓެއް ޖީބަށް. ކަރަޕްޓް -- ފެނަކަ ސައީދު އަކީ.
ރަނގަޅަށް ތިބުނީ. ހަމަ އެއްވެސް ކަމެއް ނުކޮށޤ އޮފީސްއަށް ގޮސް ސޮއި ކޮއްލާފަ ކޮފީގަ ތިބޭ މީހުން ގިނަވާނެ ތިތާ. ހާއްސަކޮށް ފިރިހެނުން. ކަނޑާލާ ބޭކާރު ބޯތައް
ޔޫހާ ދެން ހާދަ އިނގިގަނެގެން ތިއުޅެނީ؟ ފެނަކައިން ބޮނޑިއެއް ބުއީދޯ؟