ކުރިން ކުރި އާއްމުންކުރި ގިނަ މަސައްކަތްތައް މިހާރު ވަނީ ހުއްޓާލާފަ އެވެ. ގިނަ މީހުން ތިބީ ޕްރައިވެޓް ސެކްޓާގެ މަސައްކަތްތަކުގެ ބަދަލުގައި ސަރުކާރުގެ އެސްއޯއީތަކުގެ ވަޒީފާގަ އެވެ. މިއީ އިގްތިސޯދަށް ލިބޭނެ ބޮޑު ގެެއްލުމެކެވެ.
ގދ. ވާދޫއަކީ މީގެ ހަތަރު ކުރީގައި ގަދަޔަަށް މަހަށް ދިޔަ ރަށެކެވެ. ރަށުގެ ގިނަ ބަޔަކު އޭރު މަހަށް ދިޔަ އެވެ. އެކަމަކު މިއަދު އެ ރަށު އޮޑިއަކަށް އަރާނެ ދިވެއްސަކު ނުވެ އެވެ. ކުރިން މަހަށް ދިޔަ ހުރިހާ މީހުން މިހާރު ތިބީ ސަރުކާރު ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ އެކި ފެންވަރުގެ ވަޒީފާގަ އެވެ. ކޮންމެ މީހަކީ ވެސް ސުޕަވައިޒަރެކެވެ. ނޫނީ މަސައްކަތު މީހެވެ. ކުރަން ޖެހޭ ހަމައެކަނި ކަމަކީ ކޮންމެ ދުވަހަކު ހެނދުނު ނިދިމޫނައިގެން އޮފީހަށް ގޮސް ސޮއި އަޅާލުމެވެ.
އެއްވެސް މަސައްކަތެއް ނެތަސް ގިނަ ރަށްރަށުގެ ވަޒީފާތަކުގައި ތިބި މީހުނަށް ބަރާބަރަށް މަހު މުސާރަ ލިބެ އެވެ. ކޮންމެ މަހަކު ގެއަށް ޔަގީން ކަމާއެކު 15،000ރ. އާއި 25،000ރ، އާ ދެމެދުގެ ވައްދަ އެވެ. އެސްއޯއީތަކުން ބޭކާރަށާއި ހިޔާނާތަށް ވާގޮތަށް އޮއްސަމުންދާ މި "ބޭކާރު ވަޒީފާ" ތަކާއެކު ރާއްޖޭގެ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ގާތްގަނޑަކަށް އެންމެން ތިބީ ސަރުކާރު ވަޒީފާގަ އެވެ. ކުރިން ރަށްރަށުގައި ކުރި ގިނަ މަސައްކަތްތަކުން ދިވެހިން އަތް ދޫކޮށްލައިފި އެވެ. ރަށްރަށުގެ ޕްރައިވެޓް ސެކްޓަރުގެ އިންޖީނު ހުއްޓެމުން ގޮސް ނިވިއްޖެ އެވެ.
މީގެ އެއް ދިމާއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ލ. ގަމާއި ގުޅުންހުރި ރަށްތަކެވެ. އެ އަތޮޅުގެ ގިނަ ރަށްތަކުން "މި" ނޫހަށް ވާހަކަ ދެއްކި އެސްއޯއީ ވަޒީފާތަކުގައި ތިބި ގިނަ މީހުންގެ ބުނާ ގޮތުގައި މިހާރު އެއްވެސް ފިކުރެއް ނެތެވެ. ވިސްނާކަށް ނުޖެހެ އެވެ. މަސް ނިމޭއިރަށް އެކައުންޓުގައި ފައިސާ ހުންނާނެ އެވެ.
"ކޮބާ މައްސަލައަކީ.؟" ލ. ގަމު ކުންފުނި ފެނަކަ ކޯޕަރޭޝަންގެ ވަޒީފާގައި އުޅޭ ޒުވާނަކު "މި" ނޫހަށް ވާހަކަ ދައްކަމުން ބުނެލި އެވެ.
ލ. އަތޮޅަކީ ދަނޑުވެރިކަމުގައި ގިނަ އަދަދެއްގެ ދިވެހިން ކުރިން އުޅުނު އަތޮޅެވެ. މި މަސައްކަތާ އެއް ވަރަށް މަސްވެރިކަން ވެސް އެ އަތޮޅުގައި ރަނގަޅަށް ކުރެ އެވެ. އެކަމަކު އެ އަތޮޅުގެ ދަނޑުވެރިކަމުން ދިވެހިން އެއްކޮށް އަތްދޫކޮށް ހުރިހާ މީހުން ސަރުކާރު ވަޒީފާތަކަށް ނުކުމެ ހަމަޖެހިއްޖެ އެވެ. އަތޮޅަށް ބަލާއިރު ފެނަކަ ކުރިއަށް ގެންދާ މަސައްކަތް ތަކަށް އެކަނި ވެސް ގިނަ ބަޔަކު ވަނީ ނަގާފަ އެވެ. އެ މުވައްޒަފުން ނިސްބަތް ވަނީ ލ. އިސްދޫ / ކަލައިދޫ އަދި ދަނބިދޫ އަށެވެ. ލ. ކަލައިދޫގައި 140 ގެ ހުންނައިރު ރަށުގެ އާބާދީއަކީ 1,026 އެވެ. ރަށުގެ ގެ ތަކުގެ ތެރޭން 130 ގޭގެ މީހުން އެ ވަޒީފާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކޮންމެ ގެއެއްގައި އެވްރެޖުކޮށް ދެ މީހުން ވަޒީފާގައި މަސައްކަތް ކުރާނެ ކަމަށް އެނގިފައިވެ އެވެ.
އެ ރަށުން އެކަނި 260 މީހުން ފެނަކަ ކުންފުނީގެ ވަޒީފާގައި ބޮޑު މުސާރަ ވެރިންގެ ގޮތުގައި އެބަތިއްބެވެ. މާނައަކީ އާބާދީގެ ބޮޑުބައި އޮތީ ސަރުކާރު ވަޒީފާގަ އެވެ. އެ މީހުންނަކީ ވަގުތީ ވަޒީފާގައި އުޅޭ ކޮންޓްރެކްޓް މުވައްޒަފުން ނަމަވެސް މިއީ ދާއިމީ ވަޒީފާއެއްގެ ގޮތުގައި އެމްޑީޕީން އެންމެ ފަހުން ބޭއްވި އެތެރޭގެ އިންތިހާބުގައި އެ މުވައްޒަފުންނަށް ވަނީ ޔަގީންކަން ދީފަ އެވެ. މީގެ ނަތީޖާއަކީ އަމިއްލަ މަސައްކަތް ކުރި ގިނަ ބަޔަކު އެ މަސައްކަތް ހުއްޓާލައި ވަޒީފާގައި ތިބުމެވެ.
އިސްދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ކިޔައި ދިން ގޮތުގައި ރަށު ފެނަކަ ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ފަސް ވަގުތު ކޮއްތާއި ހިލޭ ކޮފީ ހިތަކަށް ދީފައި ކޮންމެ މަަހަކު "ޓޭކްހޯމް" ގެ ގޮތުގައި 10،000ރ. އާއި 18،000ރ. ގެއަށް ގެންދަން ލިބެ އެވެ. އެހެންވެ ރަށުގެ އާބާދީއެއްކޮށް ތިބީ މަސައްކަތް ހުއްޓާލައި އެ ކަމަށް ހުސް ވެގެންނެވެ.
"ކައްކަން އެކަނި އެބައުޅޭ އަންހެންވެރިންގެ 25 މީހުން. މި ހުރިހާ މީހުންނަކީ ކުރިން ދަނޑުވެރިކަމާއި އެހެން މަސައްކަތްތަކުގައި ތިބި މީހުން،" ނަން ނުޖެހުމަށް އެދި ކިޔައި ދިނެވެ.
މިފަދަ އެތައް ރަށެއް ރާއްޖޭގައި މިހާރު އެބައޮތެވެ. ގިނަ ރަށްރަށުގައި ކުރިން ކުރި އަމިއްލަ މަސައްކަތް ހުއްޓާލައި މި މީހުންނަކީ ކޮންމެ ދުވަހު ހަމައެކަނި ސޮއި ކޮށްލާފަ ގެއަށްދާ ފަސޭހަ ބަޔަކަށް ވަނީ ވެފަ އެވެ. ބައެއް ރަށްރަށުގެ ކޮންމެ ގެއެއްގައި މިހާރު ސަރުކާރު މުވައްޒަފަކު އެބަތިއްބެވެ. އަނެއްބައި ރަށްރަށުގެ ބޮޑު ބައެއްގެ ވަޒީފާއަކީ ސަރުކާރު އެސްއޯއީތަކެވެ.
ވައްކަމާއި ހިޔާނާތާއި ފަސާދައިން ބޮއްސުންލައި ނިޒާމް އެކޮޅުކޮޅުން ޖަހާފައިވާ ފެނަކައިން ރާއްޖޭގެ 151 ރަށުގައި އިންޖީނުގެ ބަލަހައްޓާއިރު އެ ކުންފުނީގެ ޕްރޮޖެކްޓްތަކުގައި ރަށްރަށުގައި މަސައްކަތް ކުރާ ކޮންޓްރެކްޓް / ދާއިމީ މުވައްޒަފުންގެ އަދަދުގެ އަންދާޒާ 5،000 އަށްވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މިއީވެސް ހަމަ އަންދާޒާއެކެވެ. މާލެއަށް އެކަނި ބެލިއަސް ހެޔޮވަރު ސްކޫލަކަށް ދާ ކުދިންގެ އަދަދަށްވުރެ ގިނަ މީހުން ފެނަކައަށް ސޮއި ކުރާން ދެ އެވެ.
ސަރުކާރާ ހެދި ސޮއިކޮށްލާފައި އަތް އުރާލައިގެން ހޮޅުއަށީގައި ތިބޭ ކަންނެތް ދިރިއުޅުމަށް ގިނަ ބައެއްގެ ދިރިއުޅުން ބަދަލު ވެގެން ގޮސްފައިވާއިރު މުޅި ގައުމު މިހާރު ބަދަލުވަމުން މިދަނީ "ވެލްފެއާ" ސްޓޭޓް އަކަށެވެ. މިއީ އާސަންދައިގެ އެހީ ނުކިޔަސް އަތް އުރާލައިގެން ހުއްޓައި ހިލޭ އެއްޗެއް ލިބޭ ލިބުމެވެ. އެހެންވެ މިއީ "ވެލްފެއާ" ސްޓޭޓް ތަކުން ނޫނީ ނުފެންނާނެ މަންޒަރެކެވެ.
އެންމެން މިހާރު ބޭނުން ވަނީ "އީޒީލައިފް" އެކެވެ. މަހަށް ދާން އޮޑިއަށް އަރާނެ ދިވެއްސަކު މިހާރަކު ނުވެ އެވެ. ދަނޑަށް ވަންނަނާނެ ދިވެއްސަކު ނެތެވެ. ގިނަ މީހުން ބޭނުން ވަނީ ފަސޭހަ އިން އާމްދަނީ ލިބޭ ސަރުކާރު ކުންފުޏެއްގެ ވަޒިފާ އެކެވެ. އެކަމަކު މި ކަމަކީ މިހާރު ރާއްޖޭގެ ސިސްޓަމް އޮތްގޮތުން ސިޔާސީ ނަޒަރަކުން ބެލިނަމަވެސް ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
މިހާރު ގިނަ ބަޔަކު އެސްއޯއީތަކުގެ ވަޒީފާގަ ތިއްބަސް ވެރިކަން ބަދަލު ވިޔަސް ނޫނީ ނުވިޔަސް އެ މީހުން އެ ތަންތަނުގައި ތިބޭނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ މިހާރު އޮތް ގޮތުން ވެރިކަން ބަދަލު ނުވި ނަމަވެސް ކިރިޔާ ފިކުރު ބަދަލުވާ ކަމުގެ ނިޝާނެއް ފެންނަން ހިސާބުން ވަޒީފާ ތަކުން އެއްލާލާ މަންޒަރު މިހާރުވެސް ދަނީ ފެންނަމުންނެވެ. އެހެންވެ މިހާރު އީޒީކޮށް ތިއްބަސް ސަރުކާރުތަކުން ދޫކުރާ މިފަދަ މަޅިތަކުގައި ބެދުމުގެ ކުރިން ވިސްނާލުން ބުއްދިވެރި އެވެ.
މީގެ ކުރިން ވެސް ސަރުކާރުތަކުން ހުށަހެޅި "މިފަދަ މަޅި" ތަކުގައި ބެދިފައި ތިބި މީހުން ކުރި ތަޖުރިބާ އެ އޮތީ ފެންނާށެވެ. ލ. އަތޮޅު ރަށެއްގައި ކުރީގެ ސަރުކާރުން ހިންގި ފާނަ އާލާ ކުރުމުގެ މަޝްރޫއަކަށް އެ އަތޮޅު ރަށެއްގެ ގިނަ ބަޔަކު ދިޔައީ އެ މީހުންގެ ޒަމާންވީ މަސައްކަތް އެއްކޮށް ހުއްޓާލާފަ އެވެ. ނަމަވެސް ސަރުކާރުން ހިންގި "އަވާމެންދުރެއް ފަދަ" މި މަސައްކަތުން ފައިދާއެއް ނުވި އެވެ. އަހަރެއް ފަހުން ބެލިއިރު އެ މީހުން ކުރިން ކުރި ދަނޑުވެރިކަމުގެ މަސައްކަތަށް އަލުން ދެވޭނެ ގޮތެއް ނެތެވެ. ދަނޑުތައް އޮތީ ވާވަދެ ހުއިއަށްވެ ވީރާނާވެފަ އެވެ. މިހާރު އެސްއޯއީ ތަކުން "އުކާ ވަޒީފާ" ތަކުގެ މަޅިން ވެސް އެ ފަދަ ގޮތެއް ނުވާނެއެކޭ ބުނަން އެހާ ފަސޭހައެއް ނޫނެވެ. މިހާރުގެ ހާލަތަށް ބަލާއިރު އެސްއޯއީތަކުގެ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި ގިނަ ބަޔަކު ދާއިމީ ވަޒީފާއެއް ކަމަށް ހީކޮށް ބޮޑެތި ލޯނުތައް ވެސް ދަނީ ނަގަމުންނެވެ. އިންސްޓޯލްމަންޓަށް ސައިކަލް ދަނީ ގަންނަމުންނެވެ. މީގެ ކޮންމެ ދަރަންޏަކީ ވެސް އާމްދަނީ ނުލިބޭ ދުވަހަކުން އިތުރު ޑިޕްރެޝަން އަކަށް މީހާ ވައްޓާލާނެ ކަމެކެވެ.
އާބާދީގެ ބޮޑު ބައެއް ސަރުކާރު ކުންފުނިތަކުގެ ވަޒީފާ ދިނުމަކީ އިގްތިސޯދީ ނަޒަރަކުން ވިސްނާއިރު ހަދާ ބޮޑުވެންވާ ގޯހެކެވެ. ސަބަބަކީ އެސްއޯއީ ތަކަކީ އެއްވެސް ފައިދާއެއް ނުވާ ތަންތަނަށްވެފައި މިގޮތަަށް ކުރާ ހަރަދުތަކަކީ ބޭކާރު އިޝްރާފަށް ވުމެވެ. އެސްއޯއީ ތަކުން ކޮންމެ އަހަރަކު ވެސް ބަޖެޓުން މިލިއަނުން ފައިސާ ޕަންޕް ކުރަން ޖެހެ އެވެ. މިދިޔަ އަހަރު އެކަނި ދެ ބިލިއަން ރުފިޔާ އެސްއޯއީ ތަކަށް ބަޖެޓުން ޕަންޕް ކޮށްފައިވެ އެވެ. އެހެންވެ މިގޮތަށް ކުންފުންޏަށް ނުކަތާ ވަރަށް ވަޒީފާ އުފައްދައިގެން ފެނަކަ / އާރްޑީސީ ސްޓައިލަަށް ހިންގުމަކީ ކޮރަޕްޝަނަށް ނޫނީ ނުވާނެ އެވެ.
އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި ވަޒީފާ އުފައްދަން ޖެހެނީ ޕްރައިވެޓް ސެކްޓާއިންނެވެ. އެ ނޫން ގޮތަކަށް އެސްއޯއީތަކުން ވަޒީފާތަކެއް ނެރެގެން ވަޒީފާ އިތުރު ކުރުމަކީ ހެދޭނެ ބޮޑު ގޯހެކެވެ.
"ކުރިން ކަރަންޓް ދެވޭނެ ގޮތެއް ނެތީމަ ސްޓެލްކޯ އުފެއްދީ. ބޭންކްއެއް ނެތީމަ ބޭރު ބަޔަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އުފެއްދީ. އޭރު ޕްރައިވެޓް ސެކްޓާގައި އެ ކެޕޭސިޓީއެއް ނެތް. އޭރަށް ބަލާއިރު އެކަން ސެންސް މޭކް ކުރޭ. އެކަމަކު މިހާރު މިކަންތައް ދަނީ އެގޮތަކަށް ވެސް އެގޮތަކަށް ނޫން،" ނަސީރު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނި ތަކަށް ފައިސާ ޖަމާކޮށް އެ ތަޅާ ބޭލުމަކީ އެމްއެމްޕީއާރުސީ ކޮރަޕްޝަން ފަދަ ކަމެއްގެ ގޮތުގައި ބެލިދާނެ އެވެ. މި ދެކަމުގައި ތަފާތަކީ ކޮބައި ހެއްޔެވެ؟ އެމްއެމްޕީއާރްސީއަކީ ސަރުކާރު 100 ޕަސެންޓް ހިއްސާވާ އެސްއޯއީ އެކެވެ. އޭރު އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަން ހިންގީ ރިސޯޓް ހަދަން ރަށް ނެރެގެން އެ ރަށުގެ އެކްއިޒިޝަން ކޮސްޓުން ވައްކަން ކޮށްގެންނެވެ. އޭރު ވައްކަމުގެ އަޑީގައި ތިބީ އޭރު ވެރިކަމުގައި ތިބި ސިޔާސީ މީހުންނާއި ގުޅުންހުރ ފަރާތްތަކެވެ. މިހާރު މިކަން ކުރަނީ އެސްއީއޯ ތަކުން ރަށްރަށުގައި މަސައްކަތް ކުރުމުގެ ނަމުގަ އެވެ. ބައެއް ކުދި ރަށްރަށުގައި ކުރާ މަސައްކަތްތަކަ ވެސް ތިން އިރުގެ ކޮއްތު ހިލޭ ލިބެ އެވެ. މިކަން ކުރަނީ ބައެއް މަޖިލީސް މެންބަރުންގެ ރަހުމަތްތެރިން ނުވަތަ އާއިލާ މީހުންނެވެ. މިކަމަށް ފަހި ކުރަން މެންބަރުންގެ ދައްތައިން ފެށިގެން ބައްޕައާ ހަމައަށް ވަކި ފަރުދުންގެ ވިޔަފާރި (އެސްޕީ) ތައް ވަނީ ހަދާފަ އެވެ. ކާންދީފަ މި އެސްޕީ ތަކުން އެސްއޯއީ އަށް ބިލް ކޮށްލަ އެވެ. މިއީ ކޮރަޕްޝަނެއް ނޫން ހެއްޔެވެ؟
ސަރުކާރު ކުންފުނިތަކަށް މުޅި ރާއްޖޭގެ އެންމެ ރައްޔިތުން ވެއްދުމަކީ އިގްތިސޯދީ ބާރުވެރިކަން އެކަށް ގެއްލިގެންދާނެ ކަމެކެވެ. ޕްރައިވެޓް ސެކްޓާއިން ދިވެހިން ދުރުވާ ވަރަކަށް އޭގެތެރެއަށް ބިދޭސީން ވަދެ ދަނީ ގަދަ ކުރަމުންނެވެ. މި ހިސާބަށް ގައުމުގެ ހާލަތު ވެއްޓިގެން މިދަނީ ދިވެހި މީހާގެ ކަންނެތް ކަމުންނާއި ދިވެހ ސަރުކާރުގެ ނިޔަތް ގޯސްވުމުންނެވެ.