އަނދުން ހުސެއިން ވިދާޅުވީ ފްލެޓް ދީފައި ހުރީ ދޮގު މައުލޫމާތަށޭ

އަނދުން ހުސެއިން ވިދާޅުވީ ފްލެޓުތަކަށް ޕޮއިންޓް ދިން ގޮތް އާ ސަރުކާރުން އަލުން ބަލަން ޖެހޭ ކަމަށެވެ. އެ ރިވިއުކޮށްފިނަމަ ހައްގުވާ އިތުރު ބަޔަކަށް ފްލެޓު ލިބޭނެ ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެޅި 4،000 ފްލެޓް ދިނުމުގައި ޕޮއިންޓް ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފްލެޓު ލިސްޓް ރިވިއުކުރަން ގޮވާލައިފި އެވެ. 

ރައީސް ސޯލިހު ސަރުކާރުން ދިން ގޯތިތައް މި ސަރުކާރުން އަތުލަން އުޅޭ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ދިފާއުގައި ވަކާލާތު ކުރެއްވުމުގެ ބަދަލުގައި ހުސެއިން ވިދާޅުވީ އެ ފްލެޓުތަކަށް ޕޮއިންޓް ދިން ގޮތް ގޯސް ކަމަށާ އެކަން އަލުން ރިވިއު ކުރަން ޖެހޭ ކަމަށެވެ. 

"ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް ދެވޭނެ ކަމަށް ކަނޑައެޅީ ފުރަތަމަ 4،000 ފްލެޓު ދެވޭނެ ކަމަށް އޮތް އޮތުން އަޅުގަނޑު ބަލައެއް ނުގަންނަން. އެއީ އަޅުގަނޑުމެންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު، ނޫނީ މިނިސްޓަރަކު ފްލެޓް ދެއްވި ނަމަވެސް. އަޅުގަނޑުގެ ދާއިރާގެ ޖެހިގެން ހުރި ގެއަށް ލިބިފަ އަނެއް ގެއަށް ނުލިބުނީމަ އަޅުގަނޑު ދެނެއް ނުޖެހޭ ޕޮއިންޓް ދިން ގޮތް ކިޔައިދޭކަށް،" 

ރައީސް ސޯލިހުގެ ގިނަ ސިޔާސަތުތަކަށް އެންމެ ބޮޑަށް ތައުރީފު ކުރެއްވި މެންބަރު ވިދާޅުވީ ރަށްރަށުގައި މާލެ ނައިސް ތިބި މީހުނަށް ވެސް ފްލެޓު ދީފައި އެބަހުރި ކަމަށެވެ. 

"މިކަމުން އަޅުގަނޑުމެންނަށް ސިފަވީ ތިމަންނަމެންނަށް ހުށަހެޅި ހުރިހާ އެޕްލިކޭޝަންގައި މައުލޫމާތުގެ ތެދު ދޮގު ބަލާނެ ވަގުތެއް ނެތޭ. ތިމަންމަމެނަކަށް ނުލިބުނޭ. ސަރުކާރެއް އަންނަނީ ފަސް އަހަރަށްވުރެ އެންމެ ދުވަހެއް ވެސް މަދަކުން ނޫން. އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ދިމާވި ގޮތަށް ދިމާނުވެ ފަސް އަހަރު ނިންމިއިރު ސަރުކާރުގެ ވަޒީރުންނަށް ނައިބު ވަޒީރުންނަށް މިކަން އޮންނަން ޖެހޭނީ އިންސާފުވެރިކޮށް. ހަމަ މީހަކު ޖަހާފަ ދިންހާ އެއްޗަކަށް ފްލެޓު ދޭނެ އުސޫލަކަށް ނޫން. ގޮސް ރަނގަޅަށް ބަލާފިއްޔާ އެ ހައްގުވާ ގިނަ ބަޔަކު ހިމެނުމުގެ ފުރުސަތު އެބައޮތް،" ހުސެއިން ވިދާޅުވި އެވެ. 

ފްލެޓް މައްސަލަ އޭސީސީގައި

ސަރުކާރު ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން އެޅި 4،000 ފްލެޓު ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން މައްސަލަ ވަނީ އޭސީސީ އަށް ލާފަ އެވެ. 

އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މިދިޔަ ސަރުކާރު ވެރިކަމުގައި ތިބިއިރު އޭސީސީ އިން އަންގައިގެން ހުއްޓާލި ފްލެޓުތަކުގެ އިންވެސްޓިކޭޝަންގެ ފުރަތަމަ ބައި 20 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އަންގާފައިވާތީ އެކަމަށް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ވިދާޅުވީ މިއީ ޖިނާއީ ތަހުގީގަކަށްވާތީ އެ ކޮމިޝަން [އޭސީސީ] ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ދީފައިވާ އެކްސެސް ވަގުތީ ގޮތުން ކަނޑާލަންވާނެ ކަމަށް. އެހެންވީމަ ޖިނާއީ ތަހުގީގެއް ދާނަމަ ލަސްވާނެ. އެހެންވެ އެކަން އަޅުގަނޑުމެން އޮޅުން ފިލުވާނަން،" ހައިދަރު ވިދާޅުވި އެވެ. 

ފްލެޓު މައްސަލަ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ލޯނު ނަގައިގެން ދެ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުގެ ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން 4،000 ފްލެޓެވެ. މި ލިސްޓުން 13،000 މީހުން ޝޯޓް ލިސްޓުކޮށް މީގެތެރޭން ޕޮއިޓްދޭ އުސޫލުން ފްލެޓު ލިބޭނެ މީހުން ކަނޑައެޅީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ގެއްލުނު ފަހުންނެވެ. ފްލެޓު ލިބުނު މީހުންގެ ލިސްޓު އާއްމު ކުރިއިރު ފްލެޓު ހައްގުވާ އެތައް ބަޔަކު ވަނީ އެ ލިސްޓުން އުނި ކޮށްފަ އެވެ. އެހެންވެ 7،000 އަށްވުރެ ގިނަ ޝަކުވާ ވަނީ އޭސީސީއަށް ލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.