"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާގެ އެލަވަންސްއެއް އަޅުގަނޑުމެން ދޭން ފަށާނަން،"
ވަޒީފާ އިން މުސްކުޅި ކުރާ އުމުރުން 70އަށް މަތިކޮށް ދޮށީ އުމުރުގެ މީހުންގެ އިނާޔަތް 7،000 އަށް ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާނު ކުރައްްވައިފި އެވެ.
މާވެޔޮ މަގުގައި "ހުވަދޫ ޖަގަހަ" ހުޅުވުމަށް ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިދިޔަ ފަސް އަހަރު މަސައްކަތް ކުރީ ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލުތަކާއި ތަަރައްގީ ގެނެސް ދެއްވުމަށް ކަމަށެވެ.
އިތުރު ދައުރަކަށް ކުރިމަތިލައްވާ ކެމްޕެއިން ފެއްޓެވިއިރު ކެމްޕެއިން ތެރެއިން އިވިވަޑައިގެން އެއް ވާހަކަ އަކީ ދޮށީ އުމުރުގެ މީހުންގެ އިނާޔަތް ބޮޑު ކުރެވޭނެ ގޮތެއްތޯ ކުރެވޭ ސުވާލު ކަމަށާ މިހާރު ލިބޭ 5،000 ރުފިޔާ އިން ދެކޮޅު ނުޖެހޭ ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. ރައީސް ވަނީ އެ ސިޔާސަތަށް ބަދަލު ގެންނަވާފައިވާ ކަން ހާމަ ކުރައްވާފައެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާގެ އެލަވަންސްއެއް އަޅުގަނޑުމެން ދޭން ފަށާނަން،" ކުރިއަށް އޮތް ދައުރު އެ ބަދަލު ގެންނަވާނެ ކަން ހާމަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
އަދި ވަޒީފާއިން މުސްކުޅި ކުރާ އުމުރު 65 އަހަރުން 70 އަހަރަށް މަތި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތަށް ބަދަލު ގެނެސް މިހާރު ދެމުންދާ އިނާޔަތް ބޮޑު ކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ދެއްވީ މި އަހަރުގެ ޖޫން މަހު އެވެ.
އުމުރުން 65 އަހަރުވުމުން ދައުލަތުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލު ތަންފީޒު ކުރައްވާ އެ އިނާޔަތް ދެއްވަން ފެއްޓެވީ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަމަށް ވަޑައިގެން ވަރަށް އިސްކަން ދެއްވާ އެކަން ތަންފީޒު ކުރެއްވި އެވެ.
އޭރު ގާނޫނުގައި ކަނޑައަޅާފައިވަނީ ކޮންމެ މަހަކު 2،000 ރުފިޔާގެ އިނާޔަތެކެެވެ. ނަމަވެސް ކޮންމެ ތިން މަހުން އެއް ފަހަރު އިންފްލޭޝަނަށް އަންނަ ބަދަލުތައް ބަލާ އެ އަދަދަށް ބަދަލު ގެނަން ކަނޑައަޅާފައި އޮތެވެ. އިނާޔަތް 2،300 ރުފިޔާއަށް ބޮޑު ކުރައްވާ ރައީސް ވަހީދުގެ ވެރިކަމުގައި ދެއްވަން ފެއްޓެވި އެވެ.
އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ގާނޫނަށް ބަދަލު ގެންނަވާ ދޮށީ އުމަރުގެ މީހުންނަށް ދޭ އިނާޔަތް 5،000 ރުފިޔާ ކަމުގައި ހަމަޖެއްސެވި އެވެ.