ނުހެދި ހުރި ރިސޯޓުތަކުން ދައްކަންޖެހޭ ޖޫރިމަނާގެ ހަތަރު ބިލިއަން ރުފިޔާ މައާފު ކޮށްދީފި

ސަރުކާރުން ބުނަނީ މި ބަދަލުގެ ސަބަބުން ނުހެދި ހުރި ރަށްތައް ހަދަން ފެށޭނެ ކަމަށެވެ. ނަމަވެސް ކުލި ދައްކާ ރިސޯޓް އޯނަރުން ބުނަނީ މިއީ އިންސާފެއް ނޫން ކަމަށެވެ.

ތްރީއޭގެ ރިސޯޓެއް : ކުލި މައާފުކޮށްދިން ފަރާތްތަކުގެ ތެރޭގައި ބޮޑު އަދަދެއް ހިމެނެނީ މި ކުންފުނި

ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ބައެއް ރިސޯޓުތަކާއި ހަދަމުންދާ ބައެއް ރިސޯޓު ތަކުން ބިމު ކުލީގެ ޖޫރިމަނާގެ ގޮތުގައި މިހާތަނަށް އަރާފައިވާ 260 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ) ސަރުކާރުން މާފް ކޮށްދީފި އެވެ.

ނުހެދި ގިނަ ދުވަސްވެފައިވާ ރިސޯޓްތަކާއި ބޮޑެތި އަދަދުތަކުން ބިމު ކުލީގެ ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ބޮޑު އަދަދެއް މައާފު ކޮށްދޭން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. 

މި ނިންމެވުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "މި" ނޫހަށް ވިދާޅުވީ ރައީސް މިގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ އިންވެސްޓާ ކޮންފިޑެންސް އުފެދުމެވެ. މިކަމުގެ ސަބަބުން ނުހެދި ހުރި ރިސޯޓްތައް ހަދަން ފެށި އޭގެ ފައިދާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ޑެޓް ރީސްޓްރަކްޗާ ކުރުމަކީ ހަމައެކަނި ގައުމަށް ކުރަން ޖެހޭ ކަމެއް ނޫން. މިކަމުގެ ސަބަބުން ކުދި އެމަންޓްތައް ދައްކަން ހުރި ރިސޯޓުތަކަށް ޑިސްއެޑްވާންޓޭޖެއް އޮތްނަމަވެސް ޖުމްލަކޮށް ފައިދާ ކުރާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މި އަދަދު މައާފު ކުރި ނަމަވެސް އަދިވެސް ދައްކަން ޖެހޭ ފައިސާ ހުންނާނެ އެވެ.

އެނގިފައިވާ ގޮތުގައި ޖޫރިމަނާ މައާފު ކޮށްފައި ވަނީ ހިންގަމުންދާ 13 ރިސޯޓުގެ އިތުރުން ހަދަމުންދާ 10 ރިސޯޓަކުންނެވެ. މީގެ އިތުރުން ރިސޯޓު ހެދުމުގެ އެއްބަސްވުންތައް ބާތިލު ކުރެވިފައިވާ 13 ރަށެއް ވެސް މި ލިސްޓްގައި ހިމެނެ އެވެ. 

މީގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މީގެ ކުރިން 12 ރިސޯޓެއްގެ ނަން "ނޭމް އެންޑް ޝޭމް" ލިސްޓެއްގެ ގޮތުގައި އާއްމު ވެސް ކުރި އެވެ. ނަމަވެސް މިފަހަރު މައާފުކޮށްފައިވަނީ ޓެކުސްއަކަށް ނުވާތީ މި ޓެކްސް މައާފު ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް އޮވެ އެވެ. 

ކުލި ނުދައްކައިގެން ކުރިން އިއުލާނު ރިސޯޓް

  •  އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
  •  ތްރީއޭ ކުންފުނީގެ ފިލިތެޔޮ
  •  ރީކޯ މޫސަގެ ރަހާ ރިސޯޓް
  •  އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
  •  ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
  •  ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު
  •  ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
  •  އައްޑޫ ސައުތު ޕާމް މޯލްޑިވްސް
  •  ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
  •  ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
  •  ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
  •  ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓު

ކުލި ނުދައްކާ ޖޫރިމަނާ އަރަމުންދާ ރަށްތަކެއް މައާފުކޮށް ދިނުމާ ގުޅިގެން ބަރާބަރަށް ކުލި ދައްކާ ބައެއް ރިސޯޓުތަކުގެ ވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. "މި" ނޫހަށް ވާހަކަ ދެއްކި ރިސޯޓެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ބަރާވަރަށް ކުލި ދައްކާ ފަރާތްތަކަަށް ސަރުކާރުން އެ ދެއްކީ ނުބައި މިސާލެކެވެ. 

ކުލި ދެއްކުން އޮންނަ ގޮތް އެނގޭ ތަ؟ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއ،ި ފަޅުފަޅާއ،ި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނ،ީ ސަރުކާރުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ އެމެރިކާ ޑޮލަރުންނެވެ. ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުން ސަރުކާރަށް ކުލި ދައްކަމުން ގެންދާނ،ީ ކޮންމެ އަހަރަކު ދައްކަންޖެހޭ ކުލި ހަތަރު ބަޔަށް (ކުއާޓަރަށް) ބަހައިލައިގެންނެވެ. އަދި ކޮންމެ ކުއާޓަރެއްގެ ކުލ، އެ ކުއާޓަރެއް ފެށޭ ދުވަހުގެ ކުރިން ސަރުކާރަށް ދައްކަންޖެހޭނެ އެވެ. ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުނ،ް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީޚާ ހަމަޔަށް ކުލި ނުދައްކައިފިނަމ،ަ ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށ،ް ދައްކަންޖެހޭ ކުލީގެ 0.0493 ޕަސެންޓްގެ ޖޫރިމަނާއެއް ދައްކަންޖެހޭނެ އެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ރަށެއްގެ ނުވަތަ އެ ފަޅެއްގެ ނުވަތަ އެ ބިމެއްގެ ކުލީގެ އެއްބަސްވުމުގައި އެއަށްވުރެ ބޮޑު މިންވަރެއް ޖޫރިމަނާގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސ،ް 29 ޖުލައި 2019 އިން ފެށިގެން ޖޫރިމަނާ ހިސާބުކުރާނީ 0.0493 ޕަސެންޓުގެ ނިސްބަތުންނެވެ. 

ކުލި މައާފުކޮށްދެވޭނީ ކިހިނެއް ؟ ގަވާއިދުގައިވާ ގޮތުން ކުލި ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ނުވަތަ
ބިންބިމުގެ ތެރެއިން ނުވަތަ ފަޅުތަކުގެ ތެރެއިން ހަދައި ނިމި ހިންގަން ފަށައިފައި ނުވާ ތަންތަނުގެ ތެރެއިނ،ް ގަވާއިދު ނަންބަރު
"ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި
ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގައި އެ ތަންތަނުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާއަށް ލުއި ހޯދުމަށް ހުށަހެޅުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ލުއި ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ފަރާތްތަކަށެވެ.

ކުލި މައާފުކޮށްދެވޭނެ ފަރާތްތައް

  • 1.ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ނުވަތަ ބިންބިމުގެ ތެރެއިން ނުވަތަ ފަޅުތަކުގެ ތެރެއިން ހަދައި ނިމި ހިންގަން ފަށައިފައިވާ ތަންތަން
  • 2.ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ނުވަތަ ބިންބިމުގެ ތެރެއިނ،ް ނުވަތަ ފަޅުތަކުގެ ތެރެއިން ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ތަންތަން

އޮޑިޓަ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓު ދައްކާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ފައިސާ ހޯދަން އޮޑިޓަ ޖެނެރަލް އޮތީ ލަދާ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.