ޓެކްސް ނުދައްކާ ބޮޑެތި ނަންތަކެއް: ލަދުގަންނަވާ ލިސްޓު މި މަހު ނެރޭނެ

ނަން ހާމަ ކުރަނީ މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން ތަކެވެ.

ފިލިތެޔޮ ރިސޯޓް: ދައުލަތަށް ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ އަދަދު ވަރަށް ގިނަ -- މޭކްމައި ޓްރިޕް

މިދިޔަ އަހަރުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތައް "ލަދު ގަންނަވާ ލިސްޓަ"ަށް ލައި ނަން މި މަހު ހާމަކުރަން ފަށަން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތައްޔާރު ވެއްޖެ އެވެ.

މީރާ އިން ނެރެފައިވާ އިއުލާނެއްގައި ބުނީ އެ އޮތޯރިޓީން އެކުލަވާލި "ނޭމް އެންޑް ޝޭމް" ނުވަތަ ނަން ހާމަކޮށް ލަދުގަންވާލުމުގެ އުސޫލުގެ ދަށުން ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކާ ތިބި ފަރާތްތަކުގެ ނަން މި މަހު ހާމަ ކުރަން ފަށާނެ ކަމަށެވެ.

މީރާ އިން ވަނީ މި އުސޫލުގެ ދަށުން މެއި މަހު ބިމު ކުލި ނުދައްކާ 12 ރިސޯޓާއި ހަތަރު ކުންފުންޏެއްގެ ނަން ހާމަ ކޮށްފަ އެވެ. މި ނަންތަކުގައި ޓޫރިޒަމް ދާއިރާގެ 12 ރިސޯޓެއް ހިމެނޭއިރު، މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެ އެވެ. ލިސްޓުގައި ގިނައިން ހިމެނެނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ރަށްތަކެވެ.

ކުލި ނުދައްކައިގެން ކުރިން އިއުލާނު ކުރި 12 ރިސޯޓް

  •  އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
  •  ތްރީއޭ ކުންފުނީގެ ފިލިތެޔޮ
  •  ރީކޯ މޫސަގެ ރަހާ ރިސޯޓް
  •  އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
  •  ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
  •  ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު
  •  ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
  •  އައްޑޫ ސައުތު ޕާމް މޯލްޑިވްސް
  •  ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
  •  ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
  •  ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
  •  ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓު

މި ލިސްޓު މީރާއިން އިއުލާނު ކުރި ނަމަވެސް އެ ފަރާތްތަކުން މިހާރު އަންނަނީ ޓޫރިޒަމް މިނިސްޓްރީއާއެކު ކުލި ދެއްކުމުގައި އަމަލު ކުރާނެ ގޮތްތަކެއް ހޯދަން މަޝްވަރާ ކުރަމުންނެވެ. އެހެންވެ މި ނަންތައް "ނޭމް އެންޑް ޝޭމް" އުސޫލުން ގެޒެޓްކޮށްފައެއް ނުވެ އެވެ.

ކުލި ނުދައްކާ ދަނޑުވެރި ރަށްތައް

  •  މަސްމީރު އަކުއާ ކަލްޗާ ކޮމްޕެނީގެ ށ. އެރިޔަދޫ
  •  އޯޝަން ކުއާޓިއާ ޕްރޮޕަޓީސްގެ ޅ. ގާއެރިފަރު
  •  ސީނު މޯލްޑިވްސްގެ ށ. މެދުކުނބުރުދޫ
  •  މުހައްމަދު ވަހީދު، ށ. މަޑިދޫ

އެ އޮތޯރިޓީން ބުނީ ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން މި އަހަރުގެ އެކި މަސް މަހަށް ބަހާލައިގެން ހާމަ ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކައިވާ ފަރާތްތަކުގެ ނަން އަންނަ އަންނަ މަހު ހާމަ ކުރަން ފަށާނެ ކަމަށެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މި އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން
އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ވަނީ ފަށާފަ އެވެ.

"މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ތިބި ފަރާތްތަކުން ލަސް ނުކޮށް ޓެކްސް
ދައްކަން ނުވަތަ، އެ އޮތޯރިޓީއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް ދާން އިލްތިމާސްކުރަމެވެ." މީރާ އިން ބުނެފައިވެ އެވެ. އިތުރު މައުލޫމާތު ހޯދަން ރަސްމީ ގަޑީގައި އެ އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ ވައިބަ ނަންބަރު "9821415"
އަށް މެސެޖްކުރަން ވެސް އެދެ އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓު ދައްކާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ފައިސާ ހޯދަން އޮޑިޓަ ޖެނެރަލް އޮތީ ލަދާ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.