އިދިކޮޅުން ދެއްކި ދޮގު ވާހަކަތަކަށް ރައްދު ނުދެވުން އެއީ އެންމެ ބޮޑު ޗެލެންޖް: ރައީސް

"އެއީ އެންމެ ބޮޑު ޗެލެންޖު ފުރަތަމަ ބުރުގައި. އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދޭނަން، އެއީ ދޮގު ކަމަށް،"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އިދިކޮޅުން ފެތުރި ދޮގު ވާހަކަތަކަށް ރައްދު ނުދެވުމަކީ ޗެލެންޖެއް ކަމަށް ވަނީ ވިދާޅުވެފައި --

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ދިމާވި އެންމެ ބޮޑު ގިންޖެހުމަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ފަތުރަމުން ދިޔަ ދޮގު ވާހަކަތަކަށް ރައްދު ނުދެވުން ކަމަށާއި، ދެވަނަ ބުރުގެ ކެމްޕޭނުގައި ހާމަކުރަން ހުރި ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނު ތެރޭގައި އިދިކޮޅުން ދެއްކި އެންމެ ބޮޑު އެއް ވާހަކައަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެލުވާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްކޮށް އިންޑިއާގެ އަޅުވެތިކަމުގައި ސަރުކާރު އޮތް ކަމަށެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓިވިއުއެއްގައި ރައީސް މިއަދު ވިދާޅުވީ އެކަންކަން ރައްދު ނުދެވުން އެއީ ހެދުނު ގޯހެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެވާހަކަތައް ދެއްކީ ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށާއި އެކަންކަން އޮޅުންފިލުވައިދެވޭ ވަރަށް ކެމްޕޭނުތެރޭގައި އެމަނިކުފާނަށް މަސައްކަތް ނުކުރެއްވުނު ކަމަށެވެ.

"އެއީ އެންމެ ބޮޑު ޗެލެންޖު ފުރަތަމަ ބުރުގައި. އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދޭނަން، އެއީ ދޮގު ކަމަށް، ރާއްޖޭގެ މިނިވަންކަމާ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްދީފަ ނޯންނާނެ ކަމާ، އޭއްޗިހިތައް ކިޔާ ދިނީމަ އަޅުގަނޑު ހިތުން ރައްޔިތުންނަށް ވިސްނޭނެ އޮޅުވާލުމަކާ ދޮގެއްގެ ތެރެއިން ކޮށްފަ ހުރި ކަންތައްތަކެއްކަން. އަޅުގަނޑު ހިތުން އެކަން ކުރެވޭނެ އިރާދަކުރެއްވިއްޔާ ދެވަނަ ބުރުތެރޭގަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެވަނަ ބުރުގެ ކެމްޕޭނުގައި އެހުރިހާ ކަންތައްތަކެއް ރައްޔިތުންނަށް އޮޅުން ފިލާނެހެން ކިޔައިދެއްވާނެ ކަމަށެވެ. އެކަން އެގޮތަށް ކުރެވިއްޖެނަމަ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ އިންތިހާބުގައި އެމަނިކުފާނަށް މަދުން ވޯޓު ލިބުނު އަނެއް ސަބަބަކީ ވަރަށް ގިނަ މީހުންނަށް ވޯޓު ނުލެވުން ކަމަށެވެ. އެގޮތުން ހަވީރު ވޯޓުލާން ތިބި ގިނަ މީހުންނަށް ކިޔޫ ބަންދުކުރުމުން ވޯޓު ނުލެވުނު ކަމަށެވެ. ބައެއް ދާއިރާތަކުގައި 300 ނުވަތަ 400 މީހުންނަށް ގަޑި ހަމަވެ ކިޔޫ ބަންދުކުރުން ވޯޓު ނުލެވި ވާކަމަށް ދާއިރާތަކުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަންކަން ރަގަޅު ކުރުމަށް ދެވަނަ ބުރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ ގައުމު ގޮސް މި ވެއްޓޭ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރައްވާށޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ވަރަށް ބަނަ، ވަރަށް އަނދިރިކޮށް މިފެންނަނީ. އަނެއް ކެންޑިޑޭޓްގެ ލިންކުތައް ބަލާއިރު އަޅުގަނޑުމެން ބިރުގަންނަ ކަހަލަ ކަންތައްތަކެއް އެބަ ފެނޭ އެކަން އެގޮތަށް ވެއްޖިއްޔާ،" ރައީސް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތަީ 39.19 ޕަސެންޓް ވޯޓެއްވެ. އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ޑރ. މުހައްމަދު މުއިއްޒަށް 46 ޕަސެންޓް ވޯޓް ލިބިވަޑައިގެންފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.