ފުޅާ ކޯލިޝަނެއް ހެއްދެވޭނީ ކޮން ބޭފުޅަކަށް؟

ދެ ކެންޑިޑޭޓުން ވެސް ވަނީ އިތުރު ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަމަށް މަޝްވަރާކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެއެވެ. އެކަމަށް އާންމު ދައުވަތެއް ވެސް މިހާރު ވަނީ ދެއްވާފައެވެ.

ދެވަނަ ބުރުގައި ވާދަ ކުރައްވާނެ ދެ ކެންޑިޑޭޓުން: ކޯލިޝަން ފުޅުމާ ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވޭ

ނިކުންނާނެ ނަތީޖާއަކާ މެދު މުޅި ގައުމުގެ ޝައުގުވެރިކަން ހުއްޓިފައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ހޮނިހިރު ދުވަހު ނިމުނީ އެވެ. ހައިރާން ކުރަނިވި ނަތީޖާތަކެއް ދައްކަމުންނެވެ. އިންތިހާބު އެއްބުރުން ނުނިމުމެވެ. އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއަށް ވުރެ 15،000 ވޯޓް މަދުން ލިބިވަޑައިގެން މުއިއްޒާ އެކު ދެވަނަ ބުރަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިންތިހާބުގައި ދެން ވެސް ހުރީ ހައިރާން ކުރަނިވި ނަތީޖާތަކެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރީން އުފެއްދި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން ވަނީ 15،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެންމެ އާދައިގެ ކެމްޕެއިނެއް ހިންގެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވަރުގަދަ ކެމްޕެއިނެއް ކުރެއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ވުރެ ގިނަ ވޯޓް ހޯއްދަވާ އިންތިހާބުން ހަތަރު ވަނަ ހޯއްދަވާފައެވެ.

"ކިންގްމޭކާ" ގޮތުގައި މަޝްހޫރު ގާސިމް އިބްރާހިމަށް މި ފަހަރުގެ އިންތިހާބުގައި ލިބިވަޑައިގަތީ އެންމެ ތިން ޕަސެންޓް ވޯޓެވެ. 

ހައިރާން ކުރަނިވި ނަތީޖާތަކާއެކު ދެން އޮތީ އިންތިހާބުގެ ދެވަނަ ބުރެވެ. މިވަގުތު އޮތް އެންްމެ ބޮޑު ސުވާލަކީ އިންތިހާބު ކާމިޔާބު ކުރުމަށް މުއިއްޒުއާ ރައީސް ސޯލިހް ކުރައްވާނެ މަސައްކަތްތަކާމެެދު އޮތް ސުވާލެވެ. އެ މަސައްކަތްތަކުން ހޯއްދެވިދާނެ ކާމިޔާބާ ގުޅޭ ސުވާލެވެ. ދެ ބޭފުޅުން ވެސް އެންމެ އިސްކަން ދެއްވާނީ ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ ތާއީދު ހޯއްދެވުމަށެވެ. އެ ޕާޓީތަކާ އެކު ކޯލިޝަން ހައްދަވާ ވޯޓް އިތުރު ކުރެއްވުމަށެވެ. އެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވީ ކޮން ބޭފުޅަކަށް ހެއްޔެވެ؟ ގިނަ ޕާޓީތަކާއި ލީޑަރުންގެ ތާއީދު ހޯއްދަވަން ފަސޭހަ ވާނީ ކޮން ބޭފުޅަކަށް ހެއްޔެވެ.

ދެ ކެންޑިޑޭޓުން ވެސް ވަނީ އިތުރު ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަމަށް މަޝްވަރާކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެއެވެ. އެކަމަށް އާންމު ދައުވަތެއް ވެސް މިހާރު ވަނީ ދެއްވާފައެވެ. އަދި މިއަދު ނޫނީ މާދަމާ އެ މަޝްވަރާތައް ޕާޓީތަކާ އެކު ފެށޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

މީގެ ކުރީ އިންތިހާބުތަކާއި މި ފަހަރުގެ އިންތިހާބު ހުރިހާ ގޮތަކުން ވެސް ތަފާތެވެ. މީގެ ކުރީން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީތަކާއެކު ހެދި ފަދަ ގޮތަކަށް ކޯލިޝަނެއް މި ފަހަރު ހެދުމަކީ ދުރު ކަމެކެވެ. އެއީ މި ފަހަރު ނަތީޖާ އައި ގޮތުންނެވެ.

އިލްޔާސް ލަބީބާއި އުމަރު ނަސީރަށް ފިޔަވާ އެހެން ކެންޑިޑޭޓަކަށް މާ ގިނަ އަދަދެއްގެ ވޯޓް ލިބިވަޑައިގެންފައެއް ނުވެއެވެ. އެ ދެ ބޭފުޅުންނަށް ވެސް ލިބިވަޑަައިގެންފައިވަނީ ކުރީ ފަހަރުތަކުގައި ތިންވަނަ / ހަތަރުވަަނަ އަށް ވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓްގެ އަދަދާއި ބަލާއިރު ބޮޑުތަނުން މަދު އަދަދެކެވެ. އަނެއްކޮޅުން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ އިންތިހާބުގައި އެއްވަނަ / ދެވަނަ އަށް ވަޑަަައިގެންނެވި ކެންޑިޑޭޓުންނާއި ބަލާއިރު މާބޮޑު ތަނުން ގިނަ ވޯޓް މި ފަހަރުގެ އިންތިހާބުގައި އެއްވަނަ / ދެވަނަ އަށް ވަޑައިގެންނެވި ކެންޑިޑޭޓުން ވަނީ ހޯއްދަވާފައެވެ.  

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން: ނަތީޖާ ނިކުތީ ހީކުރި ގޮތާ މުޅީން ތަފާތުކޮށް

ކުރީގެ ދެ އިންތިހާބުގައި ވެސް ތިންވަނަ ހޯއްދެވީ ގާސިމެވެ. އެމަނިކުފާނު ކޮންމެ ފަހަރަކުހެން ވިހިހާހާއި ތިރީސް ހާހާ ދެމެދުގެ އަދަދެއްގެ ވޯޓް ހޯއްދަވާފައިވެއެވެ. އެެހެން ކަމުން ދެވަނަ ބުރުގައި އިންތިހާބުން މޮޅުވާން ގާސިމްގެ ތާއީދު ކޮންމެހެން ވެސް މުހިންމެވެ. ނަމަވެސް އެ އަދާއި ގާތް ކުރާ މިންވަރަށް ވެސް މި ފަހަރު އިތުރު ކެންޑިޑޭޓަކަށް ވޯޓް ލިބިވަޑައެއް ނުގަންނަވައެވެ.

ތިންވަނަ ހޯއްދެވި އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި ވޯޓްގެ އަދަދު މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓްގެ އަދަދާއި ރައީސް ސޯލިހަށް ލިބިވަޑައިގެން ވޯޓްގެ އަދަދުގެ ފަރަގުގައިވެއެވެ. އެހެންވީމަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ވޯޓް ދިން ހުރިހާ ރައްޔިތުންގެ ވޯޓް ލިބުނަސް މުއިއްޒު ބަލިކުރެވޭނެ ގޮތެއް ނެތެވެ. އެހެންވީމަ ކޯލިޝަނަށް ގިނަ ޕާޓީތަކާއި ލީޑަރުން ގެނައުމަށް ރައީސް ސޯލިހަށް ކުރައްވަން އޮތީ މުއިއްޒަށް ވުރެ ބޮޑު / ބުރަ މަސައްކަތެކެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ބޮޑު އެއްވުމަކުން ނިންމާލުން: އުންމީދު ކުރި ނަތީޖާ ލިބިވަޑައެއް ނުގެންނެވި

އަނެއްކޮޅުން ތާއީދު ހޯދުމަށް ނުވަތަ ކޯލިޝަން ހެދުމަށް ރައީސް ސޯލިހަށް ވުރެ ޑރ. މުއިއްޒަށް ހުރިހާ ގޮތަކުން ވެސް އޮތީ ފަސޭހަ ދަތުރެއް ކަމަށް ބެލެވެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ވެސް ރައީސް ނިކުންނެވީ ކޯލިޝަނަކާ އެކު އެވެ. އެއީ އެމްޑީޕީއާ އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭހެނެވެ.

އެ ކޯލިޝަނަަށް ވަރަށް ބޮޑަށް ގަބޫލު ކުރެވިފައި އޮތީ އެއްބުރުން / ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އިންތިހާބު ފަށަނީ ވެސް 130،000 ވޯޓުން ކަމަށް އެ ބޭފުޅުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ރައްޔިތުން ނިމުން އައީ މުޅީން އިދިކޮޅަށެވެ. ފުރަތަމަ ޖެއްސެވި ހިސާބުން ބެލި ނަަމަވެސް 45،000 ވޯޓް ލިބިވަޑައިނުގަތެވެ. ކެމްޕެއިން ނިންމާލީ ވޯޓްގެ 56 ޕަސެންޓަށް ވުރެ އެންމެ ވޯޓެއް ވެސް މަދު ނުވާނެ ކަމަށް ވިދާޅުވަމުންނެވެ. އެެކަމަކު އެހެނެއް ނުވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރައީސް ސޯލިހް ވިދާޅުވި ގޮތުގައި އިންތިހާބާމެދު ވިސްނާނުލެވި ކަންތައްތަކެއް އެބަހުއްޓެވެ. މޮޅުވާން އިތުރު ބަޔަކާއެކު ކޯލިޝަން ހަދަން ޖެހެއެވެ. އެކަމަކު ސުވާލަކީ މިއީ އެވެ. އެކަން ކުރާނީ ކިހިނެތް ހެއްޔެވެ.

ޑިމޮކްރެޓްސް ފިޔަވާ ދެން އޮތީ ފެށުނީއްސުރެ އެމްޑީޕީއާ ވާދަވެރި ޕާޓީތަކެވެ. އެހެންވީމަ އެ ބޭފުޅުންގެ ތާއީދު ހޯދަން ދަތިވެދާނެ އެވެ. އެކަމަކު އެއީ މުޅީން ނެތް ފުރުސަތެކޭ ނުބުނެވޭނެ އެވެ. އެއީ ގާސިމާއި ނާޒިމް ވެސް މީގެ ކުރީން ރައީސް ސޯލިހާ އެކު މަސައްކަތް ކުރައްވާފައިވުމެވެ. އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވުމެވެ.

ނަމަވެސް ނާޒިމާއި ގާސިމް ކެމްޕެއިން ދެއްކެވި ވާހަކަފުޅުތަކާއި ރައީސް ސޯލިހް އެ ދެ ބޭފުޅުންނަށް އަމާޒު ކުރެއްވި ނުސީދާ ބަހުގެ ހަމަލާތަކާއެކު އަލުން އެކުވެ މަސައްްކަތް ކުރުމަށް އޮތީ ހުރަސް އެޅިފައެވެ. އަނެއް ކޮޅުން މިދިޔަ ފަސް އަހަރު އެ ދެ ބޭފުޅުންނަށް ކުރެއްވުނު ތަޖުރިބާއާ ސަރުކާރުން އަމަލުކުރި ގޮތަކީ ވެސް ގާސިމާއި ނާޒިމްގެ ތާއީދު ހޯދުމަށް ރައީސް ސޯލިހަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ރިޔާސީ އިންތިހާބުން ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރެއްވުމަށް ރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ރެލީގައި މުއިއްޒު ސަޕޯޓަރުންނާއެކު

ދެން ހުންނެވީ އުމަރެވެ. ވަރަށް ބޮޑަށް ޔަގީން ކުރެވެނީ އުމަރާއެކު އެއްވެސް މަޝްވަރާއަކާ ހަމައަށްވެސް ވަޑައިނުގެންނެވޭނެ ކަމެވެ. އުމަރަކީ ފާޅުގައި މި ސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ލީޑަރެވެ. އެހެން ކަމުން އުމަރުގެ ތާއީދު ހޯއްދެވުމަކީ ކުރެއްވޭނެ ކަމެއް ނޫނެވެ.

ރައީސްގެ ސަޕޯޓަރުންގެ އެންމެ ބޮޑު އުންމީދަކީ ނަޝީދުގެ ތާއީދު އަލުން ލިބުމެވެ. އެމަނިކުފާނުގެ ޑިމޮކްރެޓްސް އިން ހޯދި 15،000 ވުރެ ގިނަ ވޯޓް އެ ޕާޓީގެ އެހީގައި ރައީސްގެ ކޮޅަށް އަނބުރާ ލުމެވެ. އެކަމަކު އެއީވެސް ފަސޭހަ ކަމެއް ނޫނެވެ. ނަޝީދަށް މިދިޔަ ފަސް އަހަރަކީ ސިޔާސީ މަސައްކަތުގައި އެންމެ އުނދަގޫ ވި ފަސް އަހަރެވެ. އަމިއްލަ އެދުންފުޅުގައި ނަމަވެސް އެދިވަޑައިގެންނެވި ހަމަ އެންމެ ކަމެއްވެސް ރައީސް ކޮށްދެއްވާފައެއް ނުވެއެވެ. މީގެ ދެ އަހަރު ކުރީން އެމަނިކުފާނު އަވަހަރާ ކޮށްލަން ހަމަލާއެއް ދިނުމާއި އެ ހަމަލާއާ ގުޅިގެން ތަހުގީގު ދިޔަ ގޮތާއި ސަރުކާރުގެ އެކަށީގެންވާ ސަމާލުކަން އެކަމަށް ނުބެހެއްޓި ކަމަށް ކުރެވޭ ތުހުމަތާއި ނަޝީދު އެމްޑީޕީން ވަކިވުމާއި އެކަމުން އަސަރެއް ނުކުރާނެ ކަމަށް އެމްޑީޕީގެ ވެރީން ވިދާޅުވި ވިދާޅުވުން ފަދަ ކޮންމެ ކަމަކީ ނަޝީދާއި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން ހުރި ގޮންޖެހުންތަކެވެ.

ޑިމޮކްރެޓްސްގެ ބައެއް ސަޕޯޓަރުން މިހާރު ވެސް ތިބީ ގޮތް ނިންމައިގެންނެވެ. އެމީހުން ތިބީ ނަޝީދު އެދިވަޑައިގަތަސް ރައީސަށް ދެވަނަ ބުރުގައި ވޯޓް ދެއްވާ ގޮތަކަށް ނޫނެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުން ވަކިކުރި މީހުންނާއި ނަޝީދަށް އިންތިހާ ބޮޑު ލޯތްބާއި ތާއީދު ދޭ މީހުން ހިމެނެއެވެ. 

އަނެއްކޮޅުން ރައީސާއެކު ކޯލިޝަންގައި އަދާލަތު އޮތުމަކީ ވެސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ރައީސަށް ތާއީދު ކުރަން އިންތިހާ ދަތިވާ ކަމެކެވެ. ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތް އަދާލަތުން ސަރުކާރާއެކު އޮތީ މަގާމުތަކެއް ހޯދުމުގެ އެދުމުގައި ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދާލަތުގެ އަނެއް ބަޔަކު ރައީސާއެކު ތިބީ ނަޝީދު ދެކެ އަންނަ ރުޅިއެއްގެ ސަބަބުންނެވެ. އެ ވާހަކަ ސިއްރު ސިއްރުން ދައްކަނިކޮށް ބަޔަކު ވަނީ އެ ވާހަކަތައް ރެކޯޑްކޮށް މިހާރު ފަޅާވެސް އަރުވާލާފައެވެ. މިއީވެސް ދެ ރައީސުންގެ މެދުގައި އޮތް ދުރުކަން އިތުރަށް ދުރުކޮށްފިން ސަބަބެކެވެ.

އެހެންވީމަ މިހާރު ކޯލިޝަން ފުޅާކޮށް އިތުރު ބައެއްގެ ތާއީދު ހޯދުމަށް ރައީސް ސޯލިހަށް އޮތީ ހަނި ފުރުސަތެކެވެ. އުނދަގޫ މަގެކެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ބޮޑު އެއްވުމަކުން ނިންމާލުން: މިހާރު އޮތް ޕާޓީތަކާއެކު ކާމިޔާބެއް ނުހޯއްދެވުނު

މުއިއްޒުއަށް އެ މަގު ހުރިހާ ގޮތަކުން ވެސް ފަސޭހަ ކަމަށް ބުނާން ޖެހެއެވެ. ސަރުކާރުން ބޮޑު އިންސައްތައެއް ދޭން ޝަރުތުކޮށްގެން ކޯލިޝަން ހަދާން ޖެހޭ ފަދަ އެއްވެސް ޕާޓީއެއް މިހާރު ނެތްކަން މި ފަހަރުގެ އިންތިހާބުން ވަނީ ސާފުވެފައެވެ.

އެހެންވީމަ ދެން އޮތީ އެހެން އެއްބަސްވުމަކުން މުއިއްޒަށް ތާއިދު ދެއްވުމެވެ. އެކަން ބައެއް ޕާޓީތަކާއި ލީޑަރުން ކުރައްވާނެ ކަމަށް ބެލެވެއެވެ. އެއް ބޭފުޅަކީ ހަތަރުވަނަ އެންމެ ގިނަ ވޯޓް ހޯއްދެވި އުމަރު ނަސީރެވެ. އުމަރުގެ ތާއީދު މުއިއްޒަށް ދެއްވުން ވަރަށް ގާތެވެ. އުމަރުގެ ތާއީދާއެކު އޭނާއަށް ވޯޓް ދިން ވަރަށް ގިނަ ބައެއްގެ ވޯޓް މުއިއްޒަށް ލިބުމުގެ ފުރުސަތު ބޮޑެވެ. ކާނަލް ނާޒިމްގެ ތާއީދު ވެސް ދެއްވުން އެންމެ ގާތީ މުއިއްޒަށެވެ. ނާޒިމްގެ އެމްއެންޕީގެ އިސް ބޭފުޅުންގެ ތެރޭގައި ސަރުކާރާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ބޭފުޅުން ވަރަށް މަދެވެ. 

ދެން އޮތީ ކުރީގެ ކިންގްމޭކަރު ގާސިމް އިބްރާހިމެވެ. ކޯލިޝަނަށް ވަޑައިގެންނެވި ނަމަވެސް މިހާރު އެމަނިކުފާނަކީ އެންމެ ތިން ޕަަސެންޓެވެ. ގާސިމް ކޮންމެ ކޮޅެއް ހިޔާރު ކުރެއްވި ނަމަވެސް މުއިއްޒަށް ލިބިވަޑައިގަންނަވާނެ ބޮޑު ގެއްލުމެއް ނެތެވެ. އަނެއް ކޮޅުން މުޅި ޖޭޕީ އެކީ ގާސިމް ވަޑައިގަންނަވާ ކޮޅަކަށް ނުވެސް ދާނެ އެވެ. ގާސިމްގެ އެންމެ އަރިހުގައި މުއިއްޒުގެ އާއިލީ ބޭފުޅުން އެބަ ތިއްބެވެ. މުއިއްޒާއެކު މިދިޔަ ދުވަސްތަކުގައި އެކުގައި މަސައްކަތް ކުރެއްވި ކިތަންމެ ބޭފުޅަކު ބޮޑެތި ނަންނަން ދީފައިވާ މަގާމުތަކުގައި ގާސިމް އަރިހުގައި އެބަތިއްބެވެ. ގާސިމް ވަޑައިގަންނަވާންވީ ކޮޅެއް ނިންމަން އަރިސް ބޭފުޅުންގެ މަޝްވަރާ ހޯއްދަވައިފިނަމަ މުއިއްޒު އަރިހަށް ވަޑައިގަތުމަށް ދަންނަވާނެ ކަމީ މާބޮޑަށް ސާފު ކަމެކެވެ.

އެެހެންވީމަ ސަރުކާރުމަތީން ފޫހިވެފައި ތިބި ޑިމޮކްރެޓްސްގެ މެންބަރުންނާއި ގާސިމް އަރިހުގައި ތިއްބެވި އެކި ކުލަކުލައިގައި ކުރީން އުޅުއްވި ބޭފުޅުންނާއި އުމަރާއި ނާޒިމްގެ ތާއީދު ލިބިވަޑައިގަތުމުގެ ފުރުސަތު އެންމެ ބޮޑީ މުއިއްޒަށެވެ. އެހެން ވެއްޖެނަމަ ދެވަނަ ބުރެއްގައި ފަސޭހަކޮށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު މުއިއްޒަށް އެބައޮތެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް: ކޯލިޝަން ހެދުމުގެ ފުރުސަތު ބޮޑީ މުއިއްޒަށް

ނަމަވެސް ރައީސް ސޯލިހްގެ ތަޖުރިބާކާރުގެ ޓީމުގެ އިތުރު ވިސްނުންތަކެއް ވެސް އެބަ ހުއްޓެވެ. އެއީ މި އިންތިހާބުގައި ވޯޓްލާން ނުނިކުންނަ 70،000 މީހުންގެ ތެރެއިން ގިނަ ބަޔަކު ދެވަނަ ބުރުގައި ވޯޓްލާން ނުނިކުމެ އޭގެ ތެރެއިން 50،000 ވޯޓް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި އެހެން ކެންޑިޑޭޓުންނަށް ވޯޓް ދިން ގިނަ މީހުންގެ ވޯޓް ވެސް ރައީސަށް ލިބޭނެ ކަމަށެވެ.

އެ ހިސާބުން ފަސޭހަ ކަމާއެކު ދެވަނަ ބުރު ރައީސް ކާމިޔާބު ކުރައްވާ ކަމެވެ. އެކަމަކު އެހެން ވާނެތޯ އެއީ ބޮޑު ސުވާލެކެވެ. ރައީސާއި އެމްޑީޕީން މިދިޔަ ދެތީން މަސް ދުވަހު އެންމެ ބޮޑަށް އެދުނީ ވީހާވެސް ގިނަ ބަޔަކު ނިކުމެ ވޯޓްލައިދީ އެއްބުރުން އިންތިހާބު ކޮށް ދިނުމަށެވެ. އެކަމެއް އެމަގުން ނުހިނގި އެވެ. އެހެންވީމަ ދެވަނަ ބުރުގައި އިތުރު ބައިލައްކަ މީހުން ނިކުމެ ރައީސަށް ވޯޓްލައި ހޮވައިދީފާނެ ހެއްޔެވެ. 

މި ހުރިހާ ސުވާލެއްގެ ސާފު ޖަވާބު ލިބޭން އޮތީ ދެވަނަ ބުރުގެ ނަތީޖާ އިންނެވެ. އެ ނަތީޖާ ލިބެން ސަޕޯޓަރުން ހިފަހައްޓާ އުންމީދު ގަދަ ކުރަން ކޮންމެ ވާހަކަ އެއްވެސް ދެއްކިދާނެ އެވެ. އެކަން ސިޔާސީ ވެރީން ކުރައްވާނެ އެވެ. 

ކޮމެންޓް

1
450
ތީބާ
7 months ago

މައި ޕރެޑިކްޝަން. އިބޫ- ގާސިމް، ފާރިޝް މުއިޒް- އަންނި، ނާޒިމް، އުމަރު، ޒަމީލް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.