ފޯރިގަދަ ކެމްޕެއިން ނިމިއްޖެ، ވޯޓް ގަޑި ގުނެނީ

ރިޔާސީ ކެމްޕެއިން މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު ނިންމާލަން ޖެހެއެވެ. އާދިއްތަ ދުވަހުގެ ހެނދުނު ހައެއް ޖެހުމާއި ހަމައަށް ކެމްޕެއިންގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ.

މާލެ މައި މަގު ކެމްޕެއިނަށް ތައްޔާރުކޮށްފައި -- ވަގުތު ފޮޓޯއެއް

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު ނިންމާލައިފި އެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭނެ އެންމެ ފޯރިގަދަ އިންތިހާބެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިންތިހާބެވެ. މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. 

ރިޔާސީ ކެމްޕެއިން މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު ނިންމާލަން ޖެހެއެވެ. އާދިއްތަ ދުވަހުގެ ހެނދުނު ހައެއް ޖެހުމާއި ހަމައަށް ކެމްޕެއިންގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ބޮޑު އެއްވުމަކުން ނިންމާލުން
ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ބޮޑު އެއްވުމަކުން ނިންމާލުން

ހުރިހާ ކެންޑިޑޭޓުން ވެސް ކެމްޕެއިން ނިންމާލީ ފޯރިގަދަ ހަރަކާތްތަކުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިން ނިންމާލީ އުސްފަސްގަނޑުގައި ބޭއްވި ބޮޑު އެއްވުމަކުންނެވެ. އެއްވުމުގައި ރައީސް ސޯލިހް ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނެންގެވި ސެލްފީގެ އަދަދަށް ވެސް އިދިކޮޅަށް ވޯޓް ނުލިބޭނެ ކަމަށެވެ. މިއީ އެންމެ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރާނެ ފަހަރު ކަމަށްވެސް ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ނިންމާލުން
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ނިންމާލުން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ނިންމާލުމަށް ބޮޑު ހިނގާލުމަކާއެކު އެއްވުމެއް ބޭއްވި އެވެ.

މަޖިދީމަގުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ. އެއްވުން އޮތީ އާޓިފިޝަލް ބީޗު ސަރަހައްދު ގައެވެ. މުޅި ސަރަހައްދު އޮތީ އާންމުންނައިގެން ފުރިފައެވެ. މިއީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި އެންމެ ބޮޑު ހަރަކާތެވެ. އެއްވުމުގައި މުއިއްޒު ވެސް ވާހަކަ ދެއްކެވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން ނިންމާލަން ބޭއްވި ބޮޑު ހިނގާލުން
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން ނިންމާލަން ބޭއްވި ބޮޑު ހިނގާލުން

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ނިންމާލުން އޮތީ ވެސް ހިނގާލުމަކުންނެވެ. ގާސިމްގެ ކެމްޕެއިން ނިންމާލުމުގެ ހަރަކާތުގައި ވެސް ވަރަށް ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

ހިނގާލުމުގައި ގާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޓްރާސްޕޯޓް މިނިސްޓަރު / ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި ގާސިމްގެ އެޑްވައިޒަރުންނާއި އެމަނިކުފާނުގެ. ދަރިކަލުންނާއި ދަރިކަނބަލުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެފައިވެއެވެ. ހިނގާލުމުގައި ގާސިމް ވަނީ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީއަށް ވޯޓް ދޭން ޖެހޭ ކަމަށް ގަބޫލު ކުރެއްވޭ ސަބަބުތައް ވިދާޅުވެ ދެއްވާފައެވެ.

ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައި
ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައި

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައެވެ. ނާޒިމްގެ ކެމްޕެއިން ނިންމުމުގެ ގޮތުން ބޭއްވި ސައިކަލް ބުރު އޮތީ ހުޅުމާލޭ ގައެވެ. ގިނަ ބަޔަކު ސައިކަލް ބުރުގައި ވަނީ ބައިވެރިވެފައެވެ. ނާޒިމްގެ އަރިހުގައި އެމްއެންޕީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ސައިކަލު ބުރަށް ފަހު ނާޒިމް ވެސް ވަނީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވާފައެވެ. ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ގައުމަށް ގެނެސް ދެއްވާނެ ބަދަލުތައް ވިދާޅުވެ ދެއްވާފައެވެ.

ހާއްސަކޮށް ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކޮށް ދިނުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކޮށްދެއްވި އެވެ. އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގެނެސް ދެއްވާނެ މުހިންމު ބަދަލުތައް ތަފްސީލު ކޮށްދެއްވި އެވެ.

ފާރިސް މައުމޫންގެ ކެމްޕެއިން ނިންމާލުން
ފާރިސް މައުމޫންގެ ކެމްޕެއިން ނިންމާލުން

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ވެސް ވަނީ ހިނގާލުމެއް ބާއްވާފައެވެ. ފާރިސްއާ އޭނާގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ވަނީ މާލޭގެ މައި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދަވާފަ އެވެ. ފާރިސްއާ އެކު އޭނާގެ ސަޕޯޓަރުން ވެސް ވަަނީ ހިނގާލުމުގައި ބައިވެރިވެފައެވެ.

ފާރިސް ވަނީ އޭނާގެ ބައެއް ތަސައްވުރު ވެސް ހިނގާލުމުގައި ހިއްސާކޮށްފައެވެ. ހިނގާލުމަށް ފަހު ފާރިސް ދެން ވަނީ ޒުވާނުންނާ ބައްދަލު ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

އިލްޔާސް ލަބީބުގެ ކެމްޕެއިން ނިންމާލުން
އިލްޔާސް ލަބީބުގެ ކެމްޕެއިން ނިންމާލުން

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިން ނިންމުން އޮތީ ރަސްފަންނު ސަރަހައްދު ގައެވެ. އިލްޔާސް ބައިވެރިވެވަޑައިގެން ހަރަކާތުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވަނީ އިންތިހާބުން މޮޅުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އިލްޔާސް ވަނީ ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް އޭނާއަށް ވޯޓް ދޭން އެދިވަޑައިގެންފައެވެ.

އުމަރު ނަސީރު ރެލީގައި

އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ކެމްޕެއިން ނިންމާލުމުގެ ގޮތުން ރޯޑް ރެލީ އެއް ބާއްވާވާފައެވެ. އުމަރު ވަނީ ރޯޑް ރެލީގައި އޭނާގެ ތަސައްވުރު ހާމަ ކުރައްވާފައެވެ.

އިންތިހާބުގައި ދެން ވާދަކުރަނީ ހަސަން ޒަމީލް އެވެ. އޭނާ ވެސް ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓް ނެގުން އޮތީ މާދަމާ އެވެ. އިރުއޮއްސި ހައެއް ޖެހުމާއެކު ކެމްޕެއިން ކުރުން ވަނީ މަނާ ވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.