ޔާމީން މިނިވަންކޮށް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނާނެ: މުއިއްޒު

"އިރާދަކުރެއްވިއްޔާ ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެނެސް މި ގައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް އަޅުގަނޑުމެން ގެނަސްދޭނަން،"

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގުރައިދޫ ގައި

ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް އަނިޔާވެރިކަމާ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެނެސް މި ގައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ގޮތުން ދެއްވި ވަދާއީ ތަގުރީރުގައި މުއިއްޒު ވިދާޅުވީ މާދަމާ އަކީ ދިވެހީންގެ ގައުމީ ހަޔާތުގައި މުހިންމު ދުވަހެއް ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ވިޔަވަތިކަމާ ތަމައްދުން މި ގައުމަށް ގެނައުމަށްޓަކައި މިނިވަން ދިވެހިރާއްޖެއެއް ދަރީންނާ ދަރީންގެ ދަރީންނަށް ވާރުތަކޮށްދިނުމަށްޓަކައި ނިންމާ އިހްލާސްތެރި އަމާނާތްތެރި ނިންމުމަކަށް ވާން ޖެހޭނެ ކަމަށެވެ.

"ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިމެމުންދާއިރު އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު ޖަވާބުދޭން ޖެހޭ ސުވާލުތަކެއްް އެބަހުރި. މި ފަސް އަހަރުގެ ތެރޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތުވީ ރަނގަޅުތޯ. ދިރިއުޅުމުގެ ހަރަދު ބަރަދަށް ލުއިކަމެއް ލިބުނުތޯ. އާރުލާ ކަހަލަ ތަރައްގީގެ ނިޝާންތަކެއް ގައުމުން ފެންނާން އެބަހުރިތޯ. އިސްލާމްދީނާ ދިވެހީންގެ މިނިވަންކަން މި ފަސްގަނޑުގައި ދެމެހެއްޓޭނޭކަމަށް ލިބުނީ ކޮން އިތުބާރެއްތޯ. މިފަދަ އެތައް ސުވާލެއް،"

މުއިއްޒުގެ ވާހަކަފުޅުގައި މީގެ 5 އަހަރު ކުރީން ރައީސް ޔާމީން، ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވައި ކަންބޮޑުވެވަޑައިގަތީ ވޯޓުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން ބޭރުގެ ނުފޫޒުތަކުގެ ދަށުވެ ދިވެހީންގެ އަމިއްލަ ބާރު މި ގައުމުގައި ކުޑަވެގެން ހިނގައިދާނެތީކަން ފާހަގަ ކުރެއްވި އެވެ. ދަރަނިވެރިކަން ބޮޑުވެ މި ގައުމު ބަނގުރޫޓުވާ ހާލަތަށް ހިނގައިދާނެތީ ކަންބޮޑުވުން ފާޅުކުރެއްވިއިރު މިއަދު އެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ޕީޕީއެމާ ޕީއެންސީގެ ކޯލިޝަނުން ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރައި ހޯދައިދިނުމަށްޓަކައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުކުމެ މިތިބީ ވަރުގަދަ އަޒުމެއްގައި. އިރާދަކުރެއްވިއްޔާ ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެނެސް މި ގައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް އަޅުގަނޑުމެން ގެނަސްދޭނަން،"

މުއިއްޒު ވަނީ ކޮންމެ ދިވެހިރައްޔިތަކަށް ހިޔާވަހިކަމާ އާމްދަނީގެ މަގުތަކާ ވަޒީފާގެ ފުރުސަތު ކަށަވަރު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށްދީ ތައުލީމާ ސިއްހަތާ އިޖްތިމާއީ ކަންކަން ހަރުދަނާ ކޮށްދީ ރައްޔިތުން އެދޭ ތަރައްގީ އަމަލީ ގޮތުން ގެނަސްދޭނޭ ސަރުކާރެއް އަނެއްކާވެސް ގާއިމުކޮށްދޭން ވެސް ވައުދުވެވަޑައިގަތެވެ.

ހެޔޮވެރިކަމެއް މި ގައުމުގައިކޮށް ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެކަމުގެ އިހްސާސް ދިވެހީންގެ ހިތްތަކަށް އަނެއްކާ ވެސް ވައްދައިދެެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.