"އަޅުގަނޑުމެންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް. ކޯނީ ރިޕޯޓްގެ ވާހަކަދައްކާނެ ކަމެއް ނެތް،" ރައީސް ސޯލިހަށް ރައްދު ދެއްވާ ނާޒިމް ވިދާޅުވި އެވެ.
ބިރު ދައްކަވަން ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ފަހަތަށް ޖެހިވަޑަައިނުގަންނަވާނެ ކަމަށާ ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ ފާޑު ވިދާޅުވުމުން އަމާޒު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ވީތަނެއް ނޭނގި ގެއްލިފައިވާ ކަމަށާއި، ރިޕޯޓަށް ވީ ގޮތެއް ހޯދަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންނެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ހދ. ނޭކުރަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުވެގެން ދިޔަ ގޮތް ތަހުގީގު ކުރުމަށްފަހު އެކުލަވައިލި ކޯނީ ރިޕޯޓަކީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށެވެ. އެ ގެއްލުނު މައްސަލަ ބަލާ ތަހުގީގު ކުރުމަށް ފަހު އެކަމުގައި ޒިންމާވާން ޖެހޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކުރީ ދުވަހެއްގެ ޑިބޭޓުގައި [ރިޔާސީ ބަހުސްގައި] ކޮންމެވެސް ބޭފުޅަކު [ކާނަލް ނާޒިމް] ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގެ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ މިހާރު ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ. މިއަދަކު އެއެއް ނެތް. އެކަން ބަލާ ތަހުގީގު ކުރީމަ އެނގޭނެ އޭގެ ޒިންމާވާ މީހާ" ރައީސް ވިދާޅުވި އެވެ.
ހިޔާ އަވަށުގައި މިރޭ އޮތް އެމްއެންޕީގެ ޑިނާ ނައިޓްގައި ރައީސަށް ރަައްދު ދެއްވާ ނާޒިމް ވިދާޅުވީ ފެބްރުއަރީ ހަތެއް ގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އެ ދުވަހު އަދާ ކުރެއްވީ ގާނޫނީ ވާޖިބު ކަމަށެވެ.
ނާޒިމް ވަނީ ކޯނީގެ ރިޕޯޓް ގެއްލިއްޖެ ކަމަށް ވިދާޅުވެ މައްސަލަ ފުލުހަށް ހުށައަޅުއްވާ ބިރު ދައްކަން ނޫޅުއްވުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް. ކޯނީ ރިޕޯޓްގެ ވާހަކަދައްކާނެ ކަމެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.
ކޯނީ ރިޕޯޓް ގެއްލިއްޖެ ކަމަށް ރައީސް ވިދާޅުވުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެ ރިޕޯޓަކީ އާންމުކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓް އަދިވެސް އޮންލަައިން ކޮށް ބަލާލެވެން އެބަ އޮތެވެ.
ރައީސް ސޯލިހް ވަނީ ރިޔާސީ ބަހުސް ގައި ވެސް ފުރުސަތު ހޯއްދަވާ ކޯނީ ރިޕޯޓްގެ ވާހަކަ ދެއްކެވުމުން ނާޒިމަށް ރައްދު ދެއްވަން މަސައްކަތް ކުރަައްވާފައެވެ. ނަމަވެސް އެ ފުރުސަތު މޮޑަރޭޓަރު ނުދެއްވީ އެވެ.
ނާޒިމް ވަނީ އޭނާ ކުށެއް ކުރައްވާފައި ނުވާނެ ކަމަށާ ފަސް ބައި ސާފު ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުއްޓަވާލައްވާނީ ރައީސް ސޯލިހް ވެރިކަމުން ބާލާފަައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފަހަތުން ދުވެވޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑުގެ ފަސްބައި ސާފުވާނެ. ފަހަތުން ދުވާނެ އެއްޗެއް ނޯންނާނެ،" ރައީސަށް ރައްދު ދެއްވާ ނާޒިމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. އެކަމަކު އެ ރިޕޯޓުގައި ބަޔާން ކޮށްފައި ވަނީ އެ ވެރިކަން ނިމިގެން ދިޔައީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި 21 ރޭ ކުރި މުޒާހަރާތަކަކަށް ފަހު ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއަކަށް ފަހު އެވެ. ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އުފެއްދީ ނަޝީދު އިސްތިއުފާ ދެއްވަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި އެއީ ބަޣާވާތެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރާތީ އެކަން ތަހުގީގު ކުރުމަށެވެ.
ނުބޭލޭނެ، ނުބޭލޭނެ ، މިބުނީނު ނުބޭލޭނޭ.
އަނެއްކާވެސް ބަގާވާތެއް ކުރަންވަންތޯ ތި ވިސްނަނީ
ޒިންމާ ވާންޖެހޭނީ ކާކުބާ