ވިހިއަށާވީހުގެ އަރަނި ބަޖެޓް، ކެމްޕޭން ފޮންޏަކަށްވުން ގާތް

މުސާރަ ބޮޑު ކުރުމާއި ހަރަދުތައް އިތުރުވުމާއެކު އަންނަ އަހަރު އިތުރަށް ހައެއްކަ ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ. އެ ފައިސާ ހޯދަނީ ކިހިނެއް ހެއްޔެވެ؟ އެ ފައިސާ ހޯދުމަކީ ކޮންމެ ސަރުކާރެއް އޮތަސް ފަސޭހަ ކަމަށްނުވާނެ އެވެ.

ވޭތުވެދިޔަ 10 އަހަރުތެރޭގައި ވެސް އެއްވެސް ސަރުކާރަކުން އަރަނި ބަޖެޓެއް ހުށައަޅާފައެއް ނެތެވެ. މި މުއްދަތުގައި މިހާތަނަށް އަރަނި ބަޖެޓަކާ އެންމެ ގާތަށް ވެސް ދިޔައީ 2018 ވަނަ އަހަރު އެވެ. އޭރުގެ ސަރުކާރުން ކުޑަ ދަރަންޏަކާއެކު ބަޖެޓެއް ހުށަހަޅައި އަރަނި ބަޖެޓެއްގެ ގޮތުގައި ސިފަ ކުރި އެވެ. އެކަމަކު ގިނަ ބަޔަކަށް އިއްޔެ ހައިރާން ކަމާއެކު "އުންމީދެއް" ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ބަސް ފުޅަކުންނެވެ. 

ރިޔާސީ އިންތިހާބުގެ ފޯރިގަދަ ކެމްޕޭން ހަފުލާއެއްގައި ރައީސް ސޯލިހު އިތުބާރާއެކު ވިދާޅުވީ 2028 ގައި ސަރުކާރުން އަރަނި ބަޖެޓެއް ހުށަހަޅާނެ އެވެ. މިހާރުގެ ދަރަނި ބަޖެޓުން ނެއްޓި އަރަނި ބަޖެޓެއް ފެނިގެން ދާނެ އެވެ. ރައީސް އެ ވިދާޅުވުމުގައި ބެއްލެވި ކަންތައްތަކެއް ވެސް ހުންނާނެ އެވެ. ޖެއްސެވި ހިސާބުތަކެއްވެސް ހުންނާނެ އެވެ. ވިހިއަށާވީހަށް އަރަނި ބަޖެޓެއް ފެންނާނެ ކަމަށް ވިދާޅުވިއިރު ހިސާބުން އެ ދުވަހާ ހަމައަށް ފެންނަ މަންޒަރުތަކެއް ވެސް ހުންނާނެ އެވެ. 

ވިހިއަށާވީހަށް އަރަނި ބަޖެޓަކަށް ހުރި ގޮންޖެހުންތަކަކީ ކޮބައި ހެއްޔެވެ؟ ރައީސް ވަރަށް އިތުބާރާއެކު ވިދާޅުވީ އަރަނި ބަޖެޓެއް ހުށަހެޅިދާނެ އެވެ.

އަރަނި ބަޖެޓަކާ ދިމާލަށް ރާއްޖެ ދަތުރުކުރަން ފަށާފައިވާ މޭރުމަކުން ރައީސް ވާހަކަފުޅު ދެއްކެވިއިރު ބައެއް ހިސާބު ނަމްބަރު ތަކެއް ވެސް ވިދާޅުވެ ދެއްވި އެވެ. މީގެ އެ ނަމްބަރަކީ އެއް ނަމްބަރަކީ 2018 އިން 2028 އަށް ރާއްޖޭގެ އިގްތިސޯދުގެ ސައިޒު 170 ބިލިއަނަށް ގެންދެވޭނެ ވާހަކަ އެވެ. ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތް ކުރެއްވީ ނޮމިނަލް ޖީޑީޕީގެ ވާހަކަ އެވެ. އަނެއް ނަމްބަރަކީ ފައިސާ އިތުރުވަމުންދާ ވާހަކަފުޅެވެ. މި އަހަރު 45 ބިލިއަން ރުފިޔާ ފަހަނަ އަޅައި 50 ބިލިއަން ރުފިޔާއާ ދިމާލަށް ދަތުރު ކުރައްވާ ވާހަކަ އެވެ. ރައީސް މި ނަމްބަރުތަކަށް އިޝާރާތް ކުރައްވައި ދެން ވިދާޅުވީ 2028 ގައި ބަޖެޓް އަރަނި ވާނެ ކަމަށެވެ. މިއީ އުފާވެރި ހަބަރެވެ. އެކަމަކު ސުވާލަކީ އެކަން ހާސިލް ވެދާނެ ހެއްޔެވެ؟ 

ރައީސް ވިދާޅުވެ ދެއްވި ދެ ނަމްބަރުން ހިސާބު ހެދި ނަމަވެސް 2028 ގައި އަރަނި ބަޖެޓަކަށް ދާން ހުރި ގޮންޖެހުންތައް ގިނަ އެވެ. އެ އަހަރު އަރަނި ބަޖެޓެއް ހުށަނޭޅޭނެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އަރަނި ބަޖެޓެއް ހުށަޅަން ބަލާއިރު ފުރަތަމަ ބަލަން ޖެހެނީ މިހާރު އިގްތިސޯދުގެ ހާލަތާއި މީގެ ފަސް އަހަރު ފަހުން އިގްތިސޯދު ހުންނާނެ ގޮތުގެ އަންދާޒާ އަކަށެވެ. އެ އަންދާޒާ ހަދަން ޖެހެނީ މިހާރު ހުރި ނަމްބަރުތަކުގެ މަތީގައި ހުރެގެންނެވެ. ދަރަނި އެއްޗެއް އަރަނި އެއްޗަކަށް ބަދަލު ކޮށްލެވޭނެ އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އާމްދަނީ އިތުރު ކުރުމެވެ. އަނެއް ގޮތަކީ ހަރަދުތަކެއް ކުޑަ ކޮށްލުމެވެ. މިހާރުގެ ހާލަތަށް ވިސްނައި 2028 އާ ހަމައަށް ދުރުމި އަޅާއިރު ފެންނަނީ ހަރަދު ކުޑަކުރުމާއި އާމްދަނީ ހޯދުން ފަސޭހަ ނުވާނެ ތަނެވެ. 

ރާއްޖެއަށް އާމްދަނީ އިތުރު ކުރަން މިހާރު ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟ އެކަމަށް ހުރި ހުރަސްތަކީ ކޮބައި ހެއްޔެވެ؟ އަރަނި ބަޖެޓަކަށް ދާނަމަ އާމްދަނީ ކިހާ ވަރަކަށް ބޭނުން ވާނެ ހެއްޔެވެ؟ ދެހާސް އަށާވީހުގެ ކުރީގައި އަންނަ ބޮޑު ދަރަނި އެއް ބިލިއަން ޑޮލަރު ދައްކައި ދެ އަހަރުފަހުން ބަޖެޓު އަރަނި ކުރެވިދާނެ ހެއްޔެވެ؟ 

މި އަހަރުގެ އެޕްރީލްއާ ހަމައަށް ބަލާނަމަ އާމްދަނީގެ ގޮތުގައި ހިލޭ އެހީ ހިމަނައިގެން ލިބިފައިވަނީ 2.46 ބިލިއަން ރުފިޔާ އެވެ. ހަރަދުގެ ގޮތުގައި ހޭދަވީ 3.75 ބިލިއަން ރުފިޔާ އެވެ. މީގެތެރޭން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައި ވަނީ މުސާރަ އާއި ޕެންޝަން ދޭށެވެ. ރިކަރަންޓް ހަރަދުތަކަށެވެ. މާނައަކީ އެޕްރީލް މަހަށް އެކަނި ބެލި ނަމަވެސް ލިބުނު އާމްދަނީ އަށް ވުރެ 1.29 ބިލިއަން ރުފިޔާ ވަނީ އިތުރަށް ހަރަދުވެފަ އެވެ. މިއީ އެންމެ މަހެއްގެ ހިސާބުތަކެވެ. އެންމެ މަހަކަށް ބަލާނަމަ އެއް އަކުރުގެ އަދަދަކުން ބަޖެޓުގެ ދަރަނި ދެއްކި ނަމަވެސް އަހަރު ދުވަހަށް ހިސާބު ޖަހަމުން ގޮސް 2028 ވަނަ އަހަރާ ހަމައަށް ގޮސް ހުއްޓޭއިރު ފެންނަ މަންޒަރު ތަފާތުވާނެ އެވެ. 

ވޭތުވެދިޔަ ފަސް އަހަރު ދުވަހަށް ބަލާނަމަ އަރަނި ބަޖެޓެއް ހުށަހަޅަން ހުރި ގޮންޖެހުންތައް ވަރަށް ސާފުކޮށް ފެނެ އެވެ. ދައުލަތަށް 2017 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 20.26 ބިލިއަން ރުފިޔާގެ އެވެ. މިދިޔަ 2022 އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 28.52 ބިލިއަން ރުފިޔާ އެވެ. މިއީ އުފާވެރި މަންޒަރެކެވެ. މިއީ އަށް ބިލިއަން ރުފިޔާގެ އިތުރުވުމެވެ. އަދި އާމްދަނީ މި އަހަރު އިތުރު ވެސް ވާނެ އެވެ. އެކަމަކު މިއާއެކު ދައުލަތުގެ ހަރަދު ދަނީ އިންތިހާއަށް އުފުލެމުންނެވެ. 

ފަސް އަހަރު، 2017 އާ ހަމައިން ގުނާނަމަ އެ އަހަރުގެ ހަރަދު ހުރީ 22.50 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު މިދިޔަ 2022 ވަނަ އަހަރު ހަރަދު ވަނީ 40 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މިއީ ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. ބަޖެޓުގެ ދަރަންޏަށް ބަލާނަމަ 2017 ގައި ބަޖެޓުގެ ދަރަނި 2.24 ބިލިއަންގައި ހުރިނަމަވެސް 2022 ވަނަ އަހަރު މި އަދަދު ވަނީ 11.36 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ. މި އަދަދުތަކުން އެނގެނީ އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ އެތައް ގުނައެއް ހަރަދުތައް މަތިވަމުންދާ ކަމެވެ. 

ދަރަނި މަތިވުމަކީ ބޮޑު ދައްޗެއް

ހަރަދާއި އާމްދަނީ ހުރިގޮތުގެ އިތުރުން ހިސާބުން ފެންނަނީ އަރަނި ބަޖެޓު ހުށަޅަން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ދަރަނި އުފުލެމުން ދިއުމެވެ. 

މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 107.77 ބިލިއަން ރުފިޔާގަ (ޖީޑީޕީގެ ނިސްބަތުން 113.2 ޕަސެންޓް) ގަ އެވެ. މިހާރު ވެސް ހުރީ ތިން އަދަދުގެ ނަމްބަރެއްގަ އެވެ. ދަރަނި އަދާ ކުރަން ސަރުކާރުގެ ސްޓްރެޓެޖީއެއް ހަދައި ޕްލޭން ތަކެއް ގެންގުޅުނަސް 2025 ގައި ލައްވާލާ ބޮޑު ދަރަންޏަކީ މިހާތަނަށް ދިވެހި ސަރުކާރަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށްވާނެ އެވެ. އެވްރެޖުކޮށް އަހަރަކު ތިން ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަމުން އަންނައިރު އެ އަހަރު އެކަނި އެއް ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހޭނެ އެވެ. 

މި ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ މި ފައިސާ ދައްކަން ޖެހުމަކީ އޭގެ ތިން އަހަރު ފަހުން އަންނަ 2028 ގެ އަރަނި ބަޖެޓެއް ހުށަހަޅަން ކުރިމަތިވާނެ ގޮންޖެހުމަކަށް ވެދާނެ ހެއްޔެވެ؟ 

މި ދަރަނި ދެއްކޭނެ އެއްގޮތަކީ ބޭރުގެ މާކެޓަށް ނުކުމެގެން ފައިސާ ހޯދުމެވެ. ބޮންޑެއް ނޫނީ ސްކޫކެއް ވިއްކާލުމެވެ. މިކަން ކުރަން ބަލާއިރު ދުނިޔޭގެ މާކެޓުގެ އިންޓްރެސްޓް ރޭޓަށް އަންނަ ބަދަލަކީ ގޮންޖެހުމަކަށްވާނެ އެވެ. އަދި ރާއްޖޭގެ ދަރަނި މަތިކޮށް ހުރުމަކީ މިގޮތަށް ހިންގާ ހަރަކާ ތަކުން ފައިސާ ހޯދަން ގޮންޖެހުމަކަށްވުން ގާތެވެ.

މިކަން އެނގެނީ މިހާތަނަށް ފައިސާ ހޯދަން ބޭރުގެ މާކެޓުތަކުގައި ހިންގި ހަރަކާތްތަކާއި އަހަރުން އަހަރަށް އިންޓްރެސްޓް ރޭޓް މަތިވަމުން ދާތަން ފެންނާތީ އެވެ. ސަނީ ސައިޑް ބޮންޑު ވިއްކައިގެން ކުރިން ފައިސާ ހޯދީ ހަތް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގަ އެވެ. އެކަމަކު ފަހުން ފައިސާ ލިބުނު ޕަސެންޓޭޖް ވަނީ މަތިވި އެވެ. 

ތަޖުރިބާކާރުންގެ އަންދާޒާއަކީ ރާއްޖޭގެ މިހާރުގެ ފިޒިކަލް ހާލަތަށް ބަލާއިރު މިގޮތަށް އާމްދަނީ ހޯދާނަމަ 12 ޕަސެންޓަށްވުރެ ކުޑަކޮށް ބޭރުގެ މާކެޓުން ފައިސާ ހޯދުމަކީ މިހާރު ނާދިރުކަމަށް ވާނެ އެވެ. މިއީ ދަރަނި އަދާ ކުރަން ބަލާއިރު ކުރިމަތިވާނެ ގޮންޖެހުމަކަށް ވާނެ އެވެ. ކޮންމެ ސަރުކާރެއް އޮތަސް މިކަން ފަސޭހައެއް ނުވާނެ އެވެ. 

އާމްދަނީ މައްޗަށް ޖައްސަން ގޮންޖެހުން ގިނަ

އަރަނި ބަޖެޓަކަށް ދާން ބޭނުންނަމަ އަނެއް ގޮތަކީ އާމްދަނީ ބޮޑުތަނުން އިތުރު ކުރުމެވެ. މިހާރު 30 ބިލިއަން އާމްދަނީ އަށް ލިބޭނަމަ އެ އަދަދު 90 ބިލިއަނަށް މައްޗަށް ޖައްސަން ހިފުމެވެ. އެކަން ކުރެވޭނެ އެއްގޮތަކީ ޓެކްސް ރޭޓުތައް މަތި ކުރުމެވެ. މިދިޔަ އަހަރު ޖީއެސްޓީ އާއި ޓޫރިޒަމް ޓެކްސް މިވަނީ މަތިކޮށްފަ އެވެ. ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ޓީޖީއެސްޓީ 12 އިން 16 އަށް ވަނީ އުފުލާލާފަ އެވެ. މި ބަދަލާއެކު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. މިއީ ހަމައެކަނި އާމްދަނީގެ އޭންގަލުން ބަލާނަމަ ފެންނަން އޮތް މަންޒަރެވެ. 

މިއާއެކުއެކީގައި ޓީޖީއެސްޓީ ފަދަ ޓެކްސް ތަކާ ކުޅުމުގެ ނަތީޖާއަކީ ކޮވިޑް-19 އަށްފަހު ވާދަވެރި މާކެޓުތައް ހުޅުވިގެން އައިވަގުތު ރާއްޖެ އަށް ވާދަކުރަން ދަތިވުމެވެ. އެހެންވެ މިހާރުގެ ސުވާލަކީ އާމްދަނީ އިތުރު ކުރަން އަންނަ ދައުރުގައި އަނެއްކާ ވެސް އިތުރު ޓެކުހެއް ނަގާނީ ހެއްޔެވެ؟ ނުވަތަ ޓެކްސް ރޭޓުތައް މަތި ކުރާނީ ހެއްޔެވެ؟ ނޫނީ އިމްޕޯޓް ޑިއުޓީއާ ކުޅޭނީ ހެއްޔެވެ؟ ނުވަތަ އިންކަމް ޓެކުހުގެ ރޭޓުތަކާ ކުޅޭނީ ހެއްޔެވެ؟ މި ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ 

ސަރުކާރުގެ ޖުމްލަ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފި އެވެ. ޓީޗަރުންނާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ މައްޗަށް ޖައްސައިފި އެވެ. ދެން އޮތީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރުމެވެ. މުސާރަ ބޮޑު ކުރުމާއެކު ބަޖެޓަށް އިތުރު ހަ ބިލިއަން ރުފިޔާ ވަރު އަންނަ އަހަރު އިތުރަށް ބޭނުންވާނެ އެވެ. މި ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟

މިހާރު ހުރި ޓޫރިޒަމް ޓެކްސް އަނެއްކާ ވެސް މަތިކޮށްފިނަމަ ރާއްޖޭގެ ވާދަވެރި މާކެޓުތަކާ ރާއްޖެއާ ފެއަށް ޖެހުމުގެ ބިރު ކުޑައެއް ނޫނެވެ. މިކަމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން ވެސް ބުނެފައިވެ އެވެ. 

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ ރިއަލް އެސްޓޭޓް ވިޔަފާރިއަށް އައިސްފައިވާ ހީނަރު ކަމާއެކު އެގައުމުގެ އިކޮނޮމީއަށްވެސް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި ރަޝިއާއިން ކުރަމުންދާ ދިގު ދެމިގެންވާ ހަނގުރާމައިގެ "ތަދު" އެމީހުންގެ އާއްމު ރައްޔިތުންގެ ޖީބަށް ކުރަމުންދެ އެވެ. އަދި އިނގިރޭސި އިންތިހާބު ބޯމަތީގައި އޮތުމުން އެ ގައުމުގެ އިކޮނޮމީ ވެސް އޮތީ ފާޑެއްގެ ގޮތަކަށެވެ. މިއީ މައިގަނޑު ޓޫރިސްޓު މާކެޓުތަކުން މީހުން އައުމުގައި ހުރި ގޮންޖެހުންތަކެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އަންނަ 2024 ގައި މަޖިލިސް އިންތިހާބު އޮތްއިރު ކޮންމެ ސަރުކާރެއް އަޔަސް ހަރަދު ކުޑަނުކޮށް ހެދޭނެ "އިސްތިރި" މަދެވެ. ނަމަވެސް ހަރަދު ކުޑު ކުރާނަމަ ބަދަލެއް ފެނުމުގެ ފުރުސަތު އޮތީ އެ އިންތިހާބަށް ފަހު އެވެ. މިއީ ސިޔާސީ މަޖިލިސް އިންތިހާބަކީ ކުޅިބައި ރާވަން ބާއްވާ ބޮޑު މުބާރާތައްވުމެވެ. 

ނުހެދި ހުރި ރިސޯޓުތަކެއް ނުހެދޭ

މި ހުރިހާ ގޮންޖެހުންތައް ކުރިމަތީގައި އެނބުރޭއިރު އަނެއް ގޮތަކީ ޓޫރިޒަމަށް އިތުރު އެނދު ތަކެއް ނެރުން ވެސް ފަސޭހަ ނުވުމެވެ. މިކަން ކުރަން ހުރި ގޮންޖެހުންތަކަށް މިހާރު ރިޔާސީ އެއްވެސް ކެނޑިޑޭޓެއްގެ މެނިފެސްޓޯގައި ވާހަކައެއް ނުދައްކަ އެވެ. ނުހެދި ހުރި ރިސޯޓުތައް ހަދާނެ ގޮތް ކިޔައެއް ނުދެ އެވެ. ރާއްޖޭގައި 100 އަށްވުރެ ގިނަ ރިސޯޓް ދޫކޮށް، ނުހެދި އެބަހުއްޓެވެ. މި ސަރުކާރު އައި ފަހުން ވެސް ތިން ބުރަކަށް ރަށް ދޫކޮށްފި އެވެ. އެއް ފަހަރު 17 ރަށެއްވެސް ނެރުނެވެ. އެ ރަށްތަކުން އިންވެސްޓަރުން ޝައުގުވެރި ވެގެން އެވޯޑު ކުރެވިފައިވަނީ ތިން ރަށެކެވެ. މިހާރު ފެންނަ މަންޒަރަކީ ސަރުކާރުން ދޫކުރާ ރަށްތަކަށް ކުރިން ބަޑިއަޅާފަ އިންވެސްޓަރުން ހިފަން އަޔަސް މިހާރު އެ މަންޒަރު ނުފެންނަ ތަނެވެ. 

ރާއްޖޭގެ ތާރީހުގައި ކުރިމަތިވި އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާއި ދުނިޔޭގެ އިންވެސްޓްމަންޓް ބާޒާރަށް އައިސްފައިވާ ހުރަސްތަކާއެކު ރާއްޖޭން ނެރޭ ރަށްތަކަށް ކުރިން އޮތް ޝައުގުވެރިކަމެއް މިހާރަކު ނެތެވެ. މިއީ ރިސޯޓު ތަކެއް ނެރެގެން އާމްދަނީ ހޯދަން ކުރިމަތިވާނެ ގޮންޖެހުމަކަށްވާނެ އެވެ.   

ބަޖެޓު އަރަނި ކުރެވޭނެ އަނެއް މަގަކީ ޓޫރިސްޓުން އިތުރު ކުރުމެވެ. ޓޫރިސްޓުން އިތުރު ކުރަން އޮތް އެއް ހުރަހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނުނިމުމެވެ. ވީއައިއޭގެ މިހާރުގެ މަސައްކަތް ނިމި އެންމެ އަވަހަށް ވެސް ހުޅުވޭނީ 2025 ގަ އެވެ. މިއީ ވެސް އަންދާޒާ އެކެވެ. މި އަހަރު ދެ މިލިއަން ޓޫރިސްޓުން އިތުރުވާނެ އެވެ. އެކަމަކު މިއީ ނޭވާ ކޮޅުން އިތުރުވާނެ އަދަދެކެވެ. މިއީ ހަމައެކަނި ނަމްބަރެވެ.

ޓޫރިޒަމް އެހެން ހިސާބު ތަކުން ދައްކަނީ ޓޫރިސްޓު އެނދު އިތުރުވެ ނަމްބަރު މަތިވިޔަސް އާމްދަނީ އިތުރު ނުވާތަނެވެ. މިދިޔަ އަހަރު 1.6 މިލިއަން މީހުން އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ބެލި ނަމަވެސް އެއް މިލިއަން ފަހަނަ އަޅައިފި އެވެ. އެކަމަކު މިއީ އަތްޖަހައި އުފާ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ނަމްބަރުން ފެންނަނީ ނުތަނަވަސްކަމެވެ. ނަމްބަރުން ނުބަލައި ހިސާބު އަދަދުން ބަލާނަމަ އެހާ އުފާވެރިއެއް ނޫނެވެ.

ރާއްޖޭގައި 2018 އާހަމަ އަށް ހުރީ 43،000 ޓޫރިސްޓު އެނދެވެ. މިހާރު މި އަދަދު ވަނީ 61،000 އަށްވުރެ މަތިވެފަ އެވެ. މި މުއްދަތުގައި 18,000 އެނދު އަލަށް މާކެޓަށް ނުކުމެއްޖެ އެވެ. އެކަމަކު 2018 ގައި 62.1 ޕަސެންޓުގައި ހުރި އޮކިއުޕެންސީ ރޭޓް މިދިޔަ އަހަރާ ހަމައަށް ބަލާނަމަ ހުރީ 58 ޕަސެންޓު ދަށުގަ އެވެ. އަދި މިދިޔަ ޖޫން މަހު ހުރި 42.2 ޕަސެންޓުގަ އެވެ. މީގެ މާނައަކީ ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ ތެރޭން ފުރެމުން ގޮސްފައިވަނީ އެންމެ 42 ޕަސެންޓު އެނދެވެ. އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޖެނުއަރީ މަހަކަށް ބަލާނަމަ 2018 ގައި އޮކިއުޕެންސީ 74 ޕަސެންޓުގައި ހުއްޓަސް މި އަހަރުގެ ޖެނުއަރީ މަހު ހުރީ 72 ޕަސެންޓުގަ އެވެ. މި ދެ އަހަރަށް އަޅާ ކިޔާނަމަ އެވްރެޖު ސްޓޭ އިތުރުވީ ފަސް ދުވަހަށެވެ. އަދި 2018 ގައި ޓޫރިޒަމަށް އާމްދަނީގެ ގޮތުގައި ތިން ބިލިއަން ޑޮލަރު ލިބުނު ނަމަވެސް މިދިޔަ އަހަރު ލިބުނީ ހަތަރު ބިލިއަން ޑޮލަރެވެ. އަދި 2018 ގެ ޖޫން މަހު ޓޫރިޒަމަށް އާމްދަނީގެ ގޮތުގައި 247.66 މިލިއަން ޑޮލަރު ލިބުނު ނަމަވެސް މި އަހަރުގެ ޖޫން މަހު ލިބުނީ 358.40 މިލިއަން ޑޮލަރެވެ. މި ނަމްބަރުތަކުން ފެންނަނީ ޓޫރިސްޓުންގެ ނަމްބަރު މަތިވިޔަސް އާމްދަނީ އިތުރުވެގެން ފޮނިވެވެން ނެތްތަނެވެ. 

އަރަނި ބަޖެޓަކަށް އޮތް އަނެއް ހުރަހަކީ ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ ބާރު ދިވެހިންގެ އަތުގައި ނެތުމެވެ. ދިވެހި ގައުމީ އެއާލައިންގައި އެ ބުންވަރު ނެތުމެވެ. ގައުމީ އެއާލައިން ފުޅާވުން ލަސްވުމެވެ. މިހާރު ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ ބާރު އޮތީ ވާދަވެރި ސްރީލަންކާ މީހުންގެ އަތުގަ އެވެ. މިއީ ކުރިމަގުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެވެ. އެއާލައިން ސެކްޓާގެ އަގުތަކަށް ބަލައި ވިސްނާލުމުން އެކަން ރީތިކޮށް ފެންނާނެ އެވެ.  

މި ހުރިހާ ގޮންޖެހުންތައް ހުރީ ބޯމަތީގައި އެވެ، އެންމެ ބޮޑު ގޮންޖެހުމަކީ އާމްދަނީ ހޯދުމެއް ނޫނެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ހަރަދުތައް ހިފެހެއްޓުމެވެ. އަންނަ އަހަރުގެ ބަޖެޓަށް އެންމެ މަދުވެގެން ހަ ބިލިއަން ރުފިޔާވަރު އިތުރަށް ބޭނުންވާނެ އެވެ. އަދަދު ހޯދަން ކޮންމެ ސަރުކާރެއް އަޔަސް ޖެހޭނީ ދަރަނި ނަގާށެވެ. އެއަށް ބަޖެޓު ސަޕޯޓޭ ކިޔަސް ކޮންމެ ނަމެއް ކިޔަސް ދަރަނި ވާނީ ދަރަންޏަށެވެ. މިގޮތަށް ނަގާ ކޮންމެ ދަރަންޏަކީ އަރަނި ބަޖެޓެއް ހުށަހަޅަން ދުރަށް ގެންދާ ގެންދިއުމަކަށްވާނެ އެވެ.  

ކޮމެންޓް

2
450
ޒުލޭ
10 months ago

މިހާރު ވަމުންދާ ވައުދުތައް ފުއްދާ ނިމޭ އިރު ، ނޫނީ ނުނިމި ހުރި ޕްރެޖެކްޓް ތައް ނިމޭއިރު ދަރަނި އިތުރަށް ބޮޑުވެފަ އޮންނާނީ

ފާއިޒާ
10 months ago

ބަޖެޓް އަރަނި ވާނެ އެ ބުންޏަސް އެއި ކިހިނެތްތޯ ކިހިނެތް ކަން ހުލާސާ އެއް ނަމަވެސް ވާނެ ރައްޔިތުން ނަށް ހާމަ ކޮށްދެން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.