ޖާހްގެ މި ފްލެޓުތައް ނިންމުން އަވަސް ކުރަން އާބަންކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފްލެޓުތައް ބަލައްވައިގެންފައިވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް ހިމެނެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމް (ޖައުޝާ ޖައުފަރު) ގެ ޖާހު ކުންފުނިން ހުޅުމާލޭގައި މީގެ ހަ އަހަރު ކުރިން ފެށިގެން އަޅަން ފެށި ނަމަވެސް ނުނިމި ޝަކުވާތައް ފުނިޖެހިފައިވާ "ދަ ގާޑަން" ގެ މަސައްކަތް ނިންމަން އާބަންކޯ އިން މިނިވަން ކޮންސަލްޓަންޓެއް ހޯދަން ތައްޔާރު ވެއްޖެ އެވެ.
ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ އާއި އަށް މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކި އެޕާޓްމަންޓުގެ ތެރޭގައި ސުވިމިން ޕޫލް ވެސް ހިމެނޭ މި ފްލެޓުތަކުގެ މަސައްކަތް ނުނިމިގެން ދާދި ފަހުން ވަނީ ހުޅުމާލެ ބަލަހައްޓާ އާބަންކޯ އިން އެ މަސައްކަތާ ހަވާލުވެފަ އެވެ.
އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަ ގާޑަންސްގެ މަސައްކަތް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ވީ އެންމެ އަވަހަށް ނިންމުމަށް އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއް ހޯދަން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ލިބޭ ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އާބަންކޯ މިހާރު ޖާހްއާ މަަޝްވަރާ ކުރާ ކަމަށެވެ. އަދި މިކަން އެންމެން ރަނގަޅަށް ކުރަން ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ، މަސައްކަތްތައް ނިންމުމަށް ލަފާ ހޯދުމަށް އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއް ހޯދުމަށް ނިންމާ މިހާރު އެ މަސައްކަތް ކުރާ ކަމަށެވެ.
އާބަންކޯ އިން ބުނީ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ދަ ގާޑަން އިން އެޕާޓްމަންޓްތައް ގަނެފައިވާ ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް އެ ޕްރޮޖެކްޓް ނިންމުމެވެ.
އަދި މި ހޯދުން ތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދެއްވާ ލަފާގެ މަތިން އައު ކޮންޓްރަކްޓަރަކާއި މަސައްކަތް ހަވާލު ކުރެވޭނެ އެވެ. އަދި، މި މަސައްކަތް ކުރަމުން ދާއިރު، ދަ ގަޑަންގެ ގެ ކަސްޓަމަރުންނާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުންނެވެ.
އާބަންކޯއިން ބުނީ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ ދެ ފަރާތައް ވެސް ގެއްލުން ނުވާނެހެން، 2024 ވަނަ އަހަރު ޖަނަވަރީ މަހު ނިންމުމެވެ. ނަމަވެސް މިތަން ނުނިމިގެން މީގެ ކުރިން އެތައް ފަހަރަކު މުޒާހަރާވެސް ކޮށްފައިވެ އެވެ.