މުއިއްޒުގެ ވެރިކަމެއްގައި ޔާމީން ޖަލުން ނުނެރޭނެކަން ޔަގީން: މާރިޔާ

މާރިޔާ ވިދާޅުވީ ރައީސް ޔާމީން ދޫކުރައްވާ ވާހަކަ ޑރ. ޖަމީލް ވިދާޅުވުމުން މުއިއްޒުގެ ރިއެކްޝަން ހުރި ގޮތް އެ ވަގުތު ޓީވީން ފެނިވަޑައިގަތް ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ --

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުން ނުނެރުއްވާނެ ކަން ޔަގީންވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހްގެ ކެމްޕޭން ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ޓްވީޓެއް ކުރައްވާ މާރިޔާ އެހެން ވިދާޅުވީ ރޭ ފުވައްމުލަކު ސިޓީގައި އޮތް މުއިއްޒުގެ ކެމްޕެއިން ޖަލްސާ ގައި އެ ސިޓީއަށް ނިސްބަތްވާ ރައީސް ޔާމީންގެ އިސް ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ހިއްސާ ކުރައްވައެވެ.

ޖަމީލް ވަނީ ރިޔާސީ އިންތިހާބުން މުއިއްޒު ކާމިޔާބު ހޯއްދެވި ނަމަވެސް ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ގޮތެއް ނެތް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް ޖަމީލް ވަނީ މުއިއްޒު ހުވާ ކުރައްވަން ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން ކަމަށް ހަރުއަޑުން ވިދާޅުވެފައެވެ. އަދި ކުރެވޭނެ ކަމަށާ އެކަން ކުރަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.

"މާރިޔާ އެބަ ވިދާޅުވޭ ރައީސް ޔާމީން މިނިވަންވާނެ ގޮތެއް ނެތޭ. ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތަސް މިނިވެވާނެ ގޮތެއް ނެތޭ. ނޫން.. ނޫން.. ޑރ. މުއިއްޒު ހޮވުމާއެކީގައި ހުވާ ކުރައްވަން ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން. އެކަން ކުރޭވޭނެ. އެކަން ކުރަން ޖެހޭ. އެކަމުގެ ގާނޫނީ އަސާސް އެބަ އޮތް. މިއަކީ ހައްގު ދައުވާ އެއް ނޫން. މިއަކީ ހައްގު ޝަރީއަތެއް ނޫން. މިއަކީ ހައްގު އަދުލެއް ނޫން. މިއަކީ ހައްގު އިންސާފެއް ނޫން" ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.

އެ ވީޑިއޯ ހިއްސާ ކުރައްވާ މާރިޔާ ވިދާޅުވީ ރައީސް ޔާމީން ދޫކުރައްވާ ވާހަކަ ޑރ. ޖަމީލް ވިދާޅުވުމުން މުއިއްޒުގެ ރިއެކްޝަން ހުރި ގޮތް އެ ވަގުތު ޓީވީން ފެނިވަޑައިގަތް ކަމަށެވެ. އަދި ޖަމީލް ކިތަންމެ ހަރު އަޑުފުޅުން ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ޕީއެންސީގެ ޑރ. މުއިއްޒު، ރައީސް ޔާމީން މިނިަވން ނުކުރައްވާނެ ކަން އެކަމަނާއަށް ޔަގީން ކުރެވޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވަނީ ޖަމީލް އެ ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު މުއިއްޒުގެ ބޮޑީ ލެންޖުއޭޓް ހުރި ގޮތުން މުއިއްޒު އަމަލު ކުރައްވާނެ ގޮތެއް ނިންމެވުމަށް ރައްޔިތުންގެ އަރިހު އެދިވަޑައިގެންފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުން ޖަމީލް އެހެން ވިދާޅުވުމުން އެއްވެފައިވާ ސަޕޯޓަރުން ތަރުހީބުގެ ހޫނު އަތްތިލަ ބަޑިއެއް ޖައްސަވައެވެ. ނަމަވެސް މުއިއްޒު އިންނަވަނީ މަޑުމަޑުންނެވެ. ނަމަވެސް އެ ވާހަކަފުޅަށް ތާއީދު ކުރައްވާ ގޮތުން ބޯ ޖައްސަވާލައްވައެވެ. ވެރިކަމުގެ ފުރަތަމަ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރެއްވުން ކަމަށް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެއްވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.