ޕީއެސްއެމް އަދި އެމްއެންޔޫގެ ހިޔާ ފްލެޓްތައް އަޅައިދޭން މުއިއްޒުގެ ވައުދު

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މުވައްޒަފުންގެ ލިސްޓެއް އެމްއެންޔޫ އިން ހެދި ނަމަވެސް އެ މަޝްރޫއު ގެއްލުނީ އެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ފުވައްމުލަކުގައި ވާހަކަދައްކަވަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަން ފެށި ހިޔާ މަޝްރޫއު އަލުން ފައްޓަވައި، އެ މަޝްރޫއުގެ ތެރޭގައި ހިމެނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފްލެޓްތައް އަޅުއްވައިދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒު ރޭ ފުވައްމުލަކު ސިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ހިންގަން ފެށީ ގިނަ ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެހެން ވަރަށް ހަރުދަނާ ޕްލޭނެއްގެ ދަށުން ކަމަށެވެ. އެކަމަކު މި ސަރުކާރުން އެ މަޝްރޫއު ވުޖޫދުން ގެއްލުވާލައިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޕީއެސްއެމް އަދި އެމްއެންޔޫ ފްލެޓްތައް އަޅުއްވައިދެއްވާނެ ކަމަށެވެ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން ބާކީ ނުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑުމެންގެ ހައުސިން ޕޮލިސީން އެއްވެސް ރައްޔިތަކު ބާކީ ނުވާ ސިޔާސަތުގެ ދަށުން އެ މުވައްޒަފުންނަށް ފްލެޓް ހަމަޖެހޭނެ. ހުޅުމާލޭގައި ގާއިމް ކުރެވޭ ހައުސިން މަޝްރޫއުގެ ތެރެއިން ޕީއެސްއެމްގެ މުވައްޒަފުންނަށް އެ ފުރުސަތު ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މުވައްޒަފުންގެ ލިސްޓެއް އެމްއެންޔޫ އިން ހެދި ނަމަވެސް އެ މަޝްރޫއު ގެއްލުނީ އެވެ. މުއިއްޒު ދެއްވި ޔަގީންކަމަކީ ހަމަ އެ ލިސްޓުގައި އޮތް މީހުންނަށް ހުޅުމާލޭގައި ފެލްޓްތައް އަޅުއްވައިދެއްވާނެ ކަމެވެ.

ސިފައިންނާ ފުލުހުންގެ ފެލްޓް މަޝްރޫއު ވެސް ނުނިމޭކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ވެސް ބާރު ސްޕީޑްގައި އޭނާގެ ވެރިކަމެއްގައި ނިންމަވައިދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ސިފައިންނާ ފުލުހުންނަށް އަމާޒުކޮށްގެން ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށް ވެސް ވައުދުވެވަޑައިގަތެވެ.

ޔާމީންގެ ސަރުކާރުގައި ނެރުނު ހުޅުމާލެ ދެވަނަ ދިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް ލިބޭ މީހުން ލިސްޓު މި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެޔާއެކު އޭރު ފްލެޓް ލިބުނު ގިނަ ބަޔަކަށް ފްލެޓް ގެއްލުނެވެ. މުއިއްޒު ވަނީ އޭނާގެ ވެރިކަމުގައި އެންމެ ފުރަތަމަ ފްލެޓް ދޭނީ އެ ލިސްޓުން އުނިކުރި މީހުންނަށް ކަމަށް މި ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި 65،000 ގެދޮރު ގާއިމްކޮށްދޭނެ އެވެ. އެ ގެދޮރުތައް ދޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ގުޅިފަޅާ، ގިރާވަރުފަޅާ، ފުށިދިއްގަރުފަޅު ހިއްކައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި ސަރަހައްދުތައް ތަރައްގީކޮށް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. 

ކޮމެންޓް

1
450
ދިޔާނާ
8 months ago

އަޅުގަނޑު އެމް އެން ޔޫ، ނޫނީ ޕީ އެސް އެމް އަކު ނޫޅެން، ވަޒީފާ އެއްވެސް ނެތް އެތާކު . އޮތަސް ޝަރުތު ހަމައެއް ނުވޭ. އެހެންވީ އެއްވެސްތާކަށް ލައްވާ ނުލާ މީހުންނަށް ފްލެޓް ދޭނެ މީހެއް ވާނެބާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.