ތިން ބޭންކާއެކު ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" ހިދުމަތަށް

ޕޭމަންޓް ސިސްޓަމްގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ހުންނެވިއިރު 2017 ވަނަ އަހަރު އެވެ. ރަސްމީކޮށް ކުންފުންޏަކަށް މަސައްކަތް ހަވާލުކުރީ 2020 ވަނަ އަހަރު އެވެ.

ނައިބް ރައީސް ފައިސަލް ނަސީމު ގައުމީ ޕޭމަންޓް ސިސްޓަމް ތައާރަފުކޮށްދެއްވަނީ -- އެމްއެމްއޭ

ރާއްޖޭގެ މާލީ ނިޒާމަށް އިންގިލާބީ ބަދަލު ތަކެއް ގެނުވާނެ ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" ތިން ބޭންކްއާއެކު މިރޭ އިފްތިތާހުކޮށްފި އެވެ. 

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" ތައާރަފުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. 

ޕޭމަންޓް ސިސްޓަމް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގައުމީ ޕޭމަންޓް ސިސްޓަމްއަކީ ރާއްޖޭގެ މާލި ނިޒާމަށް އަންނަ ބޮޑު އިންގިލާބެއް ކަމަށާ މި ހިދުމަތާއެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. 

"މިއީ މުޅި ދުނިޔެއަށް އަންނަ ބަދަލާއެކު އެހެން މީހުން ކުރާ މަސައްކަތާ އެއްގޮތަށް ގެވޭނެ ބަދަލެއް. އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރު އަދާކުރަން. ދުނިޔެއަށް އަންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮތްކަމެއް ނޫން. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އެ މިޝްރާބަށް ދަތުރު ކުރުން،" ނައިބް ރައީސް ވިދާޅުވި އެވެ. 

ގައުމީ ޕޭމަންޓް ސިސްޓަމް ފަށާފައިވަނީ މިޒާތުގެ ސިސްޓަމްތައް ގާއިމް ކުރަން ދުނިޔޭގައި މަޝްހޫރު ކުންފުންޏެއް "ޓިއޭޓޯ އެވްރީ" ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ ހަވާލުކޮށްގެންނެވެ. އެއީ ފިންލެންޑުގެ ކުންފުންޏެކެވެ. މި ސިސްޓަމް ގާއިމު ކުރަން ހަވާލުކުރި ޓިއޭޓޯ އެވްރީ އަކީ 1968 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ.

ނައިބް ރައީސް ފައިސަލް ނަސީމު ގައުމީ ޕޭމަންޓް ސިސްޓަމް ތައާރަފުކޮށްދެއްވަނީ -- އެމްއެމްއޭ

ފަވަރަ އިން ލިބޭނެ ފަސޭހަ

  •  ޕޭމަންޓް ސިސްޓަމާއެކު ކޮންމެ މީހަކަށް "ފަވަރަ އައިޑީ" އެއް
  •  އެކައުންޓް ކިޔައި ނުދީ ޕޭމަންޓް ހޯދާލެވޭނެ
  •  ޗެކާއި ނަގުދު ފައިސާ ނޫން ގޮތެއް ހޯދޭނެ
  •  ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުން
  •  ކޮންމެ ތަނެއްގައި ހުރެގެން ވެސް ފައިސާ ޖަމާކޮށް ފޮނުވޭނެ
  •  އެމްއެމްއޭގެ ސެންޓްރަލް އިންފްރާސްޓްރަކްޗާއަށް ހުރިހާ ނިޒާމެއް ގުޅިގެންދާނެ
  •  ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކެއް ގުޅިގެންދާނެ
  •  ފައިސާ މުއާމަލާތް ކުރަން އެކައުންޓް ބޭނުންނުކޮށް އީ-މެއިލް ފޯނު ނަމްބަރު ބޭނުން ކުރެވޭނެ
  •  ފަވަރަ ރިކުއެސްޓުން އެހެން ފަރާތްތަކަށް ވަގުތުން ފައިސާ ލިބޭނެ
  •  ޕޭމަންޓް ސިސްޓަމު ގާނޫނާއި ހަދާ ގަވައިދުތަކުން ފުރުސަތު ފަހިވާނެ

ޕޭމަންޓް ސިސްޓަމް ތައާރަފުކޮށްފައިވަނީ ތިން ބޭންކްއެއްގެ ސިސްޓަމްއާ ގުޅާލައިގެންނެވެ. މިގޮތުން ގުޅާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ. 

މި ރަސްމިއްޔާތުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ދުނިޔެ ކުރިއަށްދަނީ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ކަމަށާ މަސައްކަތް ކުރަމުންދަނީ އެފަދަ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެންނަން ކަމަށެވެ. އަދި މި ސިސްޓަމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ކަރުދަނާ ޕޭމަންޓް ސިސްޓަމެއް ގާއިމްކޮށް އިގްތިސޯދީ ކުރިއެރުމުގައި އެންމެހާ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން. މިރެއަކީ ވަރަށް ތާރީހީ ރެއެއް. މިއީ އިގްތިލާބީ ބަދަލެއް، މިއީ ފަސޭހަ ވަގުތުން ފައިސާ ފޮނުވޭނެ ނިޒާމެއް. ރާއްޖެއަށް އީޖާދީ އެތައް ފުރުސަތެއް ހުޅުވޭނެ. ބޭންކްގެ ބްރާންޗެއް ނެތަސް ބޭންކިންގެ ހިދުމަތް ލިބޭނެ،" ހާޝިމް ވިދާޅުވި އެވެ. 

ފަވަރައިގެ ފެށުން އައިގޮތް - ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" ގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ގަވަރުނަކަށް ހުންނެވީ އަހުމަދު ނަސީރު އެވެ. އެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އަދި ރަސްމީކޮށް މި މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ 2020 ވަނަ އަހަރު އެވެ.

ކޮމެންޓް

1
450
ދިޔާނާ
8 months ago

ތަރައްގީގެ ކުލަވަރު އެބަފެނޭ، ކޭޝް ލެސް ޕޭމެންޓްސް ސިސްޓަމް އަށް ގައުމު ބަދަލް ކޮއްލަބަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.