ރައީސްގެ ހަމަލާއެއް މުއިއްޒަށް؛ ބާރު އޮއްވާ ނުކުރެވުނު ކަމެއް ދެން ވެސް ނުވާނެ

"މިއަދު އެ ވިދާޅުވަނީ ތިމަންނަ އެތަނުގަ ގެ އަޅާ ދޭނަމޭ. ކިހިނެއްތޯ ގަބޫލުކުރާނީ އެ ދައްކާ ވާހަކަ؟ އެހެންވީމަ މިހިރި މިހިރި ކަންތައްތަކާ ދޭތެރޭ އެބަ ޖެހޭ ވިސްނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފެހެންދޫގައި ވާހަކަދައްކަވަނީ: އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައި

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ނުކުރެއްވުނު ކަމެއް ވެރިކަމަށް އައިސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، އޭނާ ރޭ އިއުލާނު ކުރެއްވި މެނިފެސްޓޯއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޅުވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. ފެހެންދޫއަށް ވަޑައިގެން މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މި ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ސްކޫލުތަކުގެ ދިރާއީ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ވާހަކަ އެވެ.

މުއިއްޒަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެކަން ކުރީ ރިސޯޓުތަކުގެ މުވައްޒަފުންނާ ވާހަކަދައްކައިގެން އެމީހުންގެ ލަފާ ހޯދައިގެން ކަމަށެވެ. މުއިއްޒު އެހެން ވިދާޅުވުމުން މުވައްޒަފުންގެ ޝަކުވާތައް ގިނަވެ އެކަން ބަދަލު ނުކުރައްވާނެކަން އިއުލާނު ކުރައްވާފައި ވާތީ ރައީސް ފާޑުވިދާޅުވި އެވެ.

ދެން ރައީސް ފާހަގަކުރެއްވީ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވަމުން ގެންދަވާ ވާހަކަތަކެވެ. ރައީސް ވިދާޅުވީ މުއިއްޒަކީ އެންމެ ގިނަ ދުވަހު ރާއްޖޭގެ ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާ ކަމަށާއި އެދުވަހު ނުކުރެވުނު ކަމެއް ދެން ވެސް ނުކުރެއްވޭނެ ކަމަށެވެ.

"ބަލަ މިއޮއް ހުރިހާ ދުވަހު ކީއްތޯ ކުރެއްވީ؟ ރާއްޖޭގެ ޕްލޭނިން މިނިސްޓަރު ކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ. ނިކުމެ ވަޑައިގެން އެ ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ތިމަންނަގެ ކުރިއަށް އޮތް ދައުރުގަ ފުރިހަމަކޮށްދޭނަމޭ. ބަލަ ނުފެނޭތޯ މިރަށުގަ ފެނާ ނަރުދަމާ ނެތްތަނެއް ކުރިއަކުން؟ ކަރަންޓުގެ ހިދުމަތް ނުލިބިގެން މީހުންގެ ޓީވީތަކާ އައިސްއަލަމާރިތަކާ އެއާކޮންޑިޝަންތަކާ ފުނޑު ފުނޑުވެގެން ދިޔަ ތަނެއް؟" ރައީސް ސުވާލު އުފެއްދެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފެހެންދޫގައި ވާހަކަދައްކަވަނީ: އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައި

ރައީސް ދެން ފާޑުވިދާޅުވީ މުއިއްޒު އިއުލާނު ކުރެއްވި މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ގެދޮރު ދިނުމުގެ ސިޔާސަތަށެވެ. މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންނަށް ގޯތި އަޅައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުން ގުޅިފަޅުން ދިން ގޯތިތައް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އަތުލެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ގޯތިތައް އަތުލުމަށްފަހު އެމީހުންނަށް ބަދަލު ވެސް ނުދޭ ކަމަށެވެ. ގޯތި އަތުލި މީހުންނަށްވީ ބަދަލު ދޭން ޖެހުނީ މި ސަރުކާރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބިން ހިއްކި ކޮންޓްރެކްޓަރަށް ވެސް އެ ސަރުކާރުގައި ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

"މިއަދު އެ ވިދާޅުވަނީ ތިމަންނަ އެތަނުގަ ގެ އަޅާ ދޭނަމޭ. ކިހިނެއްތޯ ގަބޫލުކުރާނީ އެ ދައްކާ ވާހަކަ؟ އެހެންވީމަ މިހިރި މިހިރި ކަންތައްތަކާ ދޭތެރޭ އެބަ ޖެހޭ ވިސްނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުއިއްޒު ރޭ ދެއްކި އެއްވެސް ވާހަކައެއް ތާކުންތާކު ނުޖެހޭ ކަމަށެވެ. އެ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރުމަށް ވެސް ގޮވާލެއްވި އެވެ. ރައްޔިތުންނަށް ހެޔޮ ނިޔަތެއްގައި، ހެޔޮ ހިތުން ކަންކަން ކޮށްދިނީ މި ސަރުކާރުން ކަމަށާއި، ދެން ވެސް ކޮށްދޭނީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ރޭ ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ގޯތިތައް ސަރުކާރުން އަޅައިދެއްވާނެ ކަމަށެވެ. އެކަން ކުރާނީ ސަރުކާރު ކުންފުންޏެއް އުފައްދައިގެން އެކަމަށް ހާއްސަ ފަންޑެއް ކަނޑައަޅައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

1
450
އޯކޭ
8 months ago

މައްސަލައެއް ނެތް.ތިޔަ ދެމީހުންނަކީ ސިޔާސީ ދެމީހުން. އެކަމަކު ކަލޭ ގެ ސަރުކާރުން ކޮށްދިން ފަސޭހައެއް ނެތް ފެންނާކަށް. ޢެހެންވެ ބޮޑެތިބފަސޭހަ ކޮށްދިން ބަޔަކަށް ވޯޓް ދެވޭނީ. ޢަނެއްކަމަކީ ކަލެއަކީ އެއްވެސް ހިނގުމުގެ ތަޖްރިބާއެއް ނެތް ، މި ޒަމާނުގެ ތަޢްލީމެއް ނެތް މީހެއް. މުޢިއްޒު ކިޔެވީ ޔޫކޭ އިން. ޑޮކްޓްރިއޭޓް. ޢެއީވެސް ތަފާތެއް އަހަރެމެން ބަލާ. ކަލޭ ތިޔައީ ރިޔާސީ ބަހުސުން ކުރީފަހަރު ވެސް ފިލި މީހެއް . ޜޔ އާ ވާދަ ނުކުރެވޭނެތި. މިހާރު ތިއުޅެނީ މިފަހަރުގެ ބަހުޘުންވެސް ފިލަން. މުޢިއްޒުއާ ވާދަ ކުރަން ނުކެރިގެން... އެހެންވީމަ ކަލޭ ދައްކާ ވާހަކަ އަޑުއަހާކަށް ނުވާނެ.ކަލޭ ތިޔައީ އިންޑިޔާގެ ޕަޕެޓެއް!!! ޢެހެން ނޫނީ އެގްރީމެންޓްތައް ރައްޔިތުންނަށް ހާމަ ކުރޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.