އިމްރާންގެ ނުސީދާ ހަމަލައެއް ސަލަފަށް: ސިޔާސީ މަސައްކަތް ކުރާނީ ޕާޓީތަކުން

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރާއްޖެ ހިންގުމަށް މިވަގުތު ކަނޑައެޅިފައިވާ ނިޒާމުގައި ސިޔާސީ މަސައްކަތް ކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ.

އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އަދި ސަލަފުގެ ރައީސް އަައްޝައިހް އަބްދުﷲ ބުނު މުހައްމަދު

ސިޔާސީ މަސައްކަތް ކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުސީދާކޮށް ޖަމިއްޔަތުއް ސަލަފަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

ސިޔާސީ ގޮތުން ވަށައި ނުޖެހޭ އަދި އޮއްޓަރު ނުހުންނަ ޓްވީޓްތައް ކުރުން އާދައަކަށް ހައްދަވާފައިވާ އިމްރާން ސަލަފަށް ބަހުގެ ހަމަލާ އެއް ދެއްވާފައި މިވަނީ ރައީސް ސޯލިހްގެ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އެ ޖަމިއްޔާގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްްގެ އިލްމުވެރީންގެ ތާއީދު އޮތްކަން ހާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރާއްޖެ ހިންގުމަށް މިވަގުތު ކަނޑައެޅިފައިވާ ނިޒާމުގައި ސިޔާސީ މަސައްކަތް ކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ. އަދި ޖަމިއްޔާތަކުން ކުރަން ވާނީ ޖަމިއްޔާތަކުން ކުރުމަށް ކަނޑައެޅިފައިވާ ކަންކަން ކަމަށް ވިދާޅުވި އެވެ.

އިމްރާންގެ މި ޓްވީޓަށް ބައެއް އިލްމުވެރީންނާއި ވަރަށް ގިނަ އާންމުން ވަނީ ފާޑުކިޔާފައެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިޒަމާނުގެ ސިޔާސީ އަދި ދުސްތޫރީ ނިޒާމުތަކާއި އިސްލާމީ ސިޔާސީ ނިޒާމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ދުސްތޫރީ ނިޒާމަށް އަހުލުވެރި ނޫން ބޭފުޅަކު އެފަދަ ވާހަކަ ދެއްކެވުމުން ހައިރާން ވެވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ.

ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ސައުދާން ވަނީ 10،000 މީހުން ތިބި ކަމަށް ތުހުމަތުކުރާ ސިޔާސީ ޕާޓީއަކުން 10 މީހުން ހަމަނުވާ ޖަމިއްޔާއެއް ދެކެ ބިރުން ދިވެހި ދައުލަތުގެ ދާހީލީ ވަޒީރު ޓުއީޓުކުރާ ހިސާބަށް ދިއުމީ ހުރި ނިކަމެތިކަން ހާމަވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ. ޝައިހް ޒަމްޒަމް ފާރިސް ވެސް ވަނީ އިމްރާނަށް ރައްދު ދެއްވާފައެވެ. ޝެއިހް ވިދާޅުވީ ވެރިން އިންތިހާބު ކުރުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލު ކުރެވިފައި އޮތް ހަމަ އެނަކި ބަޔަކީ ސިޔާސީ ޕާޓީތައް ނޫން ކަމަށެވެ. އަދި އެއީ ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ މުތްލަގު ހައްގެއް ކަމަށާ އެކަން ހަނިކުރަން އުޅުމަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ކަމުގެ ހެއްކެއް ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދައުވަތުގެ މަސައްކަތް ކުރަނީ ޖަމިއްޔަތުއް ސަލަފުންނެވެ. އިސްލާމިކް މިނިސްޓްރީއަށް ވެސް އެ ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކާއި ގާތް ކުރެވޭ އަދަދަކަށް ވެސް މަސައްކަތް ނުކުރެވެއެވެ. ދިވެހީންގެ އެންމެ ބޮޑު އިތުބާރާއި ލޯތްބެއް ލިބިފައިވާ ގިނަ އިލްމުވެރީން ނިސްބަތްވާ ސަލަފަކީ އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ޖަމިއްޔާ އެވެ. އަދާލަތު ކުރިއަށް ދިއުމަށް އޮތް ހުރަހަކީ އެ ޖަމިއްޔާ ކަމުގައި ދެކި މި ސަރުކާރާއެކު އަދާލަތަށް ލިބިފައިވާ ބާރު ބޭނުންކޮށް ސަލަފު ބަލިކަށިކޮށް އެ ޖަމިއްޔާ ފަނޑުކޮށްލުމަށް އެ ޕާޓީގެ ވެރީން ދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. 

ސަލަފަކީ މެންބަރުން އިތުރުކޮށް ޖަމިއްޔާގައި ގިނަ މެންބަރުންތަކެއް ދަފްތަރު ކޮށްގެން ހިންގާ ޖަމިއްޔާއެއް ނޫނެވެ. އެ ޖަމިއްޔާގެ ޓާގެޓަކީ ދައުވަތުގެެ މަސައްކަތުގައި ހަރަކާތްތެރިވާނެ ވޮލަންޓިއަރުންގެ ބޮޑު ފޯހެއް އޮތުމެވެ. މިހާރުވެސް ދައުވަތުގެ މަސައްކަތުގައި އެ ޖަމިއްޔާއާއެކު ހަރަކާތްތެރިވާ އެކި އުމުރުގެ ގިނަ އަދަދެއްގެ ވޮލަންޓިއަރުން އެބަ ތިއްބެވެ.

ކޮމެންޓް

2
450
އިންމަ
8 months ago

ހުރިހާވެސް ކަނބޮޑުވުމަކީ އަދާލަތާއި އިމްރާނުގެ ރިލަވެންސް ގެއްލުން. ދީނީ ބައެއް ގޮތުގަ ކޯލިޝަން ތަކަށް ބޯކޮއްޕަމުން މިހާތަނަށް އައީ. މިއަދު އިނގޭ ތީ ލާދީނިއްޔަތުގަ ހުދުފުއް ޖަހާ ޕާޓީއެއް ކަން

ދި އެކްޓިވިސްޓް
8 months ago

އިމްރާން ހުންނަނީ ބިރުން، ހުރިހާ ދީނީ އިލްމު ވެރިން މިހާރު އިމްރާނާ ދެކޮޅު. ސިޔާސީ ގޮތުން އެންމެ ބާރުގަދަ 5 ޕާޓީގައި ވެސް މިވީ ގޮތުން އަދާލަތު ނުހިމެނޭ. ދެން ވާނެ މޮޅެއްކޮބާ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.