"ޔާމީން ހެއްދެވިހެން މިލިއަނުން ޑޮލަރު ބަހައްޓައިގެން ރައީސް ނޫޅުއްވާނެ"

"ރައީސް ޔާމީން ހެދިހެން ކެމްޕޭނު ފައިސާއޭ ކިޔާފަ މިލިއަނުން ޑޮލަރު އޮވެފަ، ކެމްޕޭނަށް ހަރަދު ނުކޮށްފަ، އެ ނުޖެހޭނެއޭ ޕާޓީއަށް އަނބުރާ ދޭކަށް، އެކަހަލަ ވާހަކަތަކެއް ނުދާނެ. ވަރަށް ސާފު ކެމްޕޭނެއް ރައީސް ސޯލިހު ކުރައްވަމުން ގެންދަވަނީ،"

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވިހެން ކެމްޕޭނަށޭ ވިދާޅުވެ މިލިއަނުން އެކައުންޓްގައި ޑޮލަރު ބަހައްޓަވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫޅުއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭނު ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް ކުރައްވަމުން ގެންދަވަނީ ސާފު ކެމްޕޭނެއް ކަމަށެވެ. ކެމްޕޭނު ކުރުމުގެ އުސޫލާ ހިލާފު އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމަށެވެ.

މާރިޔާ މިސާލު ޖެއްސެވީ ރައީސް ޔާމީން އޭރު އަމަލު ކުރެއްވި ގޮތަށެވެ. މާރިޔާ ވިދާޅުވީ ކެމްޕޭނު ދުވަސްވަރު ކެމްޕޭނަށޭ ވިދާޅުވެ މިލިއަނުން އެކައުންޓްގައި ފައިސާ ބެހެއްޓުމަށްފަހު ކެމްޕޭނަށް އެފައިސާ ހަރަދުކޮށްފައި ނުވާ ކަމަށެވެ. ޔާމީން ހެއްދެވިހެން ރައީސް ހިޔާނަތްތެރި ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ހެދިހެން ކެމްޕޭނު ފައިސާއޭ ކިޔާފަ މިލިއަނުން ޑޮލަރު އޮވެފަ، ކެމްޕޭނަށް ހަރަދު ނުކޮށްފަ، އެ ނުޖެހޭނެއޭ ޕާޓީއަށް އަނބުރާ ދޭކަށް، އެކަހަލަ ވާހަކަތަކެއް ނުދާނެ. ވަރަށް ސާފު ކެމްޕޭނެއް ރައީސް ސޯލިހު ކުރައްވަމުން ގެންދަވަނީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕޭނު ނިންމާލުމަށްފަހު އެ އޮންނަ އުސޫލުގެ ތެރެއިން ކެމްޕޭނަށް ކުރި ހަރަދުތަކުގެ ތަފްސީލުތައް އިލެކްޝަން ކޮމިޝަނަށް ރައީސް ހުށަހެޅުއްވި ކަމަށެވެ. ރައީސްގެ ކެމްޕޭނަށް މިފަހަރު ވެސް އެ އޮންނަ އުސޫލާ ހިލާފަށް ފައިސާ ހޯދާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ކޮންމެ އަހަރެއް ނިމުމުން އެކައުންޓްތަކުގެ ތަފްސީލުތައް ރައީސްގެ އިތުރުން ސަރުކާރުގައި ތިބި ހުރިހާ ސިޔާސީ ބޭފުޅުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކެމްޕޭނަށް ކިހާ ފައިސާ ހަރަދު ކުރޭތޯ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން މާރިޔާ ވިދާޅުވެފައި ވަނީ ހަރަދުތަކުގެ ތަފްސީލް އެނގޭނީ ކެމްޕޭނު ނިމުމުން ކަމަށެވެ.

މީގެ ކުރިން ރައީސްގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް އިދިކޮޅުން ފާޑުކިޔުމުން އެކަމަށް ވެސް މާރިޔާ ރައްދު ދެއްވާފައިވެ އެވެ. ދައުލަތުގެ އެއްވެސް ވަސީލަތެއް ރައީސްގެ ކެމްޕޭނުގައި ބޭނުން ނުކުރާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.