ޕީޕީއެމުން ވަކިވެވަޑައިގެންނެވި ސަބަބު ރައީސް ވަހީދު ސާފުކޮށް ދެއްވައިފި

"ޕީޕީއެމުން ނިކުންނަން މަޖުބޫރުވީ. އެއީ ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކަށް ނިކުތުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނީ. އަޅުގަނޑު އުންމީދު ކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަަމަށް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހިނދެއްގައި،"

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު / ރައީސް އަބްދުﷲ ޔާމީން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންނެވި ސަބަބުތައް އެ ޕާޓީގެ ކުރީގެ އެޑްވައިޒަރު / ކުރީގެ ރަައީސް ޑރ. މުހައްމަދު ވަހީދު ހަަސަން މަނިކު މިރޭ ތަފްސީލާ އެކު ސާފުކޮށް ދެއްވައިފި އެވެ.

ރައީސް ވަހީދު އެކަން ސާފުކޮށް ދެއްވީ އުތުރުގެ މައި ސިޓީ -- ކުޅުދުއްފުށީ ގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަހީދު ވިދާޅުވީ ޔާމީންގެ އަރިހުގައި ޕީީޕީއެމްގައި 10 އަހަރު ހުންނެވި ކަމަށެވެ.

އެމަނިކުފާނު ޕީޕީއެމްގައި ހުންނެވީ ރައީސް ޔާމީނަށް ފުރުސަތު ނެތް ހާލަތެއްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައިގެން ކަމަށެވެ. ނަމަވެސް އެންމެ ކުޑަމިނުން ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުއްވަން ފުރުސަތު ވެސް ނުދެއްވި ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ތިން ޕްލޭނެއް އޮތެވެ. ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެވަޑައިެގން އިންތިހާބުގައި ވާދަ ކުރެއްވުމެވެ. ޕްލޭން ބީ އަކީ ޔާމީނަށް ފުރުސަތު ނެތް ހާލަތެއް ގައި ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުން ކަމަށެވެ.

"ޕީޕީއެމުން ނިކުންނަން މަޖުބޫރުވީ. އެއީ ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކަށް ނިކުތުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނީ. އަޅުގަނޑު އުންމީދު ކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަަމަށް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހިނދެއްގައި،"

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު 10 އަހަރު އެ ޕާޓީއެއްގައި ހޭދަކުރެއްވި ޕާޓީން އެއްވެސް އިހްތިރާމެއް ނުބެހެއްޓުމުން ދެން އެ ޕާޓީގައި ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެމަނިކުފާނަށް އެއްވެސް ތާކު ހުންނަވަން މަޖުބޫރު ކަމެއް ނެތް ކަމަށާ އެމަނިކުފާނު ބޭނުންފުޅު ކޮންމެ ތާކު ހުންނެވުމުގެ ފުުރުސަތު އެބަ އޮތް ކަމަށެވެ.

"ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން ކަންކަން ހިނގާ ދިޔައީ. ރަައީސް ޔާމީން އެންގެވީ ތިމަންނާ އަށް ދެން ނިކުމެވަޑައިނުގެންނެވޭ އޭ ބޮއިކޮޓް ކުރާކަށް ވެސް ގަސްތެއް ނުކުރަމޭ، އެހެންވީމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭށޭ. ނުނެރެވިއްޖެޔާ ތިމަންނަ މި ހުރީ ޕީއެންސީގެ ކެންޑިޑޭޓަށް ވެސް ތާއީދު ކުރާށޭ. އެހެން ވިދާޅުވީ. އެކަމަކު އެހެނެއް ނޫން ކަންކަން ދިޔައީ،"

މިރޭގެ ޖަލްސާ ގައި ރައީސް ވަހީދު ވިދާޅުވީ ކަންކަން އެހެން ދިމާވުމުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެއްވޭނެ ބޭފުޅަކީ ކޮބައިތޯ ބެއްލެވި ކަމަށާ ގާސިމަށް ތާއީދު ކުރެއްވީ މައްސަލަތަކަށް އޮތް ހައްލަކީ އެމަނިކުފާނު ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. ރައީސް ވަހީދު ވަނީ މިރޭގެ ޖަލްސާގައި ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.