ދީނަށް ފުރައްސާރަ ކުރުމުން ޕާކިސްތާނުގައި ދެ ފައްޅިއެއް އަންދާލައިފި

މި މައްސަލަ އުފެދުނީ ކީރިތި ގުރުއާން މުސްހަފަކުން ވީދާލާފައިވާ ސޮފުހާތަކެއް ކްރިސްޓިއަނުންގެ ސަރަހައްދަކުން ފެނިގެނެވެ.

ކްރިސްޓިއަނުންގެ ދެ މީހަކު އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ޖަރަންވާލާ ޓައުންގެ ދެ ފައްޅިއަކަށް ހަތިޔާރު އެޅި ބަޔަކު ހަމަލާދީ، އަލިފާން ޖަހައި ގެއްލުން ދީފި އެވެ.

ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް ސަތޭކަ ބަޔަކު ލަޓިބުރި އާއި ދަނޑިބުރި ފަދަ ތަކެތި ހިފައިގެން ގޮސް ސެލްވޭޝަން އާމީ ޗާޗާއި ސެއިންޓް ޕޯލް ކެތޮލިކް ޗާޗަށް ހަމަލާދީ އަލިފާން ރޯ ކޮށްލިއިރު އެ މީހުންގެ ތެރެއިން އިތުރު ބަޔަކު ބައެއް ގޭގެއަށް ހަމަލާ ދީ ހުޅުޖަހައި އަދި ބައެއް ގޭގޭގެ ކުޑަދޮރުތައް ތަޅާލާފަ އެވެ.

ޕަންޖާބުގެ ޕްރޮވިންޝަލް ޕޮލިސް އިންސްޕެކްޓަރު މުހައްމަދު ނަވީދު ވިދާޅުވީ އެ ޕްރޮވިންސްގެ ވެރިރަށް ލާހޯރާއި 115 ކިލޯމީޓަރު ދުރުގައި އޮންނަ ޖަރަންވާލާގައި ރުޅި އަރައިގެންފައިވާ ގިނަ ބަޔަކު ކޮންޓްރޯލް ކުރަން ކަމާބެހޭ ފަރާތްތަކުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މި ހާލަތުގައި އަޅަންޖެހޭ ގާނޫނީ ހުރިހާ ފިޔަވަޅެއް އަޅަމުން،" ނަވީދު ވިދާޅުވި އެވެ.

ޕާކިސްތާނުގެ ދީނަށް ފުރައްސާރަ ކުރުމުގެ ގާނޫނުތަކުގެ ދަށުން، ދެ ކްރިސްޓިއަނެއްގެ މައްޗަށް ފުލުހުން ވަނީ ރިޕޯޓެއް ހުށަހަޅާފަ އެވެ.

މި މައްސަލަ އުފެދުނީ ގުރުއާން މުސްހަފަކުން ވީދާލާފައިވާ ސޮފުހާތަކެއް ކްރިސްޓިއަނުންގެ ސަރަހައްދަކުން ފެނިގެނެވެ. އެ މައްސަލައާ ގުޅިގެން މުސްލިމުން މުޒާހަރާކޮށް، ކުށްވެރިން ހައްޔަރު ކުރުމަށް ޑިމާންޑް ކޮށްފައި ވެއެވެ. 

ސެލްވޭޝަން އާމީ ޗާޗާ ގާތްގަނޑަކަށް 50 މީޓަރު ދުރުގައި މޮބައިލް ފިހާރައެއް ހިންގާ ޖަރާންވާލާގެ ރައްޔިތެއް ކަމަށްވާ ޝާހިދު މެހްމޫދު އަލްޖަޒީރާއަށް ބުނީ ފިހާރައަށް ދެވުނީ ހެނދުނު 10 ޖަހާކަންހާއިރު ކަމަށާއި އޭރު ޗާޗުގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު އެއްވެފައި ތިބި ކަމަށެވެ. 

މެހްމޫދު އިތުރަށް ބުނީ ފައްޅިތައް ކައިރީގަ އާއި ކްރިސްޓިއަން ކޮލޮނީގެ ވަށައިގެން ވެސް މީހުން އެއްވެ ތިބި ކަމަށެވެ. އަދި ފަހުން ހަމަލާދީ ބައެއް ފައްޅިތަކަށް ގެއްލުން ދިން ކަމަށެވެ. 

މައިނޯރިޓީސް އެލަޔަންސް ޕާކިސްތާނުގެ ޗެއާމަން އަކްމަލް ބާޓީ ވަނީ އެ ހާދިސާ ކުށްވެރި ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.