ޓްރެއިލާއާއެކު ފިލްމަށް ކުރާ އިންތިޒާރު ވަނީ ބޮޑުވެފައެވެ. ޓްރެއިލާގައި ފެންނަ ގޮތުން އެންމެން ހޯދަން އުޅޭ ފޮއްޓަކީ ފައިސާ ހުރި ފޮއްޓެކެވެ.
ދިވެހި ފިލްމް "ޖޯކަރު" ގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރީންނަށް ދައްކާލާފައެވެ. މީގެ ދެ ދުވަސް ކުރީން "ޖޯކަރު" ޓްރެއިލާ އާންމު ކުރީ އޮލިންޕަހުގައި ބޭއްވި ކުޑަ އިވެންޓެއްގައެވެ. ފިލްމުގެ ކާސްޓާއި ދާއިރާގެ ބައެއް ފަންނާނުން ބައިވެރިވި މި އިވެންޓްގައި ފިލްމުގެ އޮފިޝަލް ޕޯސްޓަރުތައް ވެސް ވަނީ ދައްކާލާފައެވެ.
ހެއްވާ މަޖާ ކަންތައްތަކެއް ހިމެނޭ މި ފިލްމުގެ ޓީޒާ މީގެ ކުރީން ވަނީ އާންމު ކޮށްފައެވެ. ޓީޒާގައި ފެންނަނީ ފޮއްޓެއް ހޯދަން ބަޔަކު ކުރާ މަސައްކަތެވެ. ޓީޒާގައި ބުނާ ގޮތުން އެއީ ވަރަށް މުހިންމު ފޮއްޓެކެވެ. އަދި އެއީ އެންމެންގެ ދިރިއުޅުމާ ގުޅުން ހުރި ފޮއްޓެކެވެ. އެ ފޮށީގެ މުހިންމުކަން އެންމެންނަށް ވެސް އެނގެ އެވެ.
ޓްރެއިލާއާއެކު ފިލްމަށް ކުރާ އިންތިޒާރު ވަނީ ބޮޑުވެފައެވެ. ޓްރެއިލާގައި ފެންނަ ގޮތުން އެންމެން ހޯދަން އުޅޭ ފޮއްޓަކީ ފައިސާ ހުރި ފޮއްޓެކެވެ. އެ ފޮށި ހޯދަން އުޅުމުގެ ތެރޭގައި ދިމާވާ އެކި ކަންކަން ޓްރެެއިލާ އިން ފެނި އެވެ. ޓީޒާއާ ޓްރެއިލާ ވެސް ނިމެނީ "ފޮށި ޗޯރު" އޭ ގޮވާ އަޑުންނެވެ. ޓްރެއިލާ އިން ވެސް ފިލްމު މަޖާ ވާނެ މިންވަރު ވަޒަން ކޮށްލެވެ އެވެ.
ޓްރެއިލާ ބެލުމަށް ފަހު އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. ޓިކެޓް ވިއްކަން ފަށަނީ ކޮން އިރަކު ހެއްޔެވެ.
ފިލްމު އޮލިމްޕަހަށް ގެންނާނީ އަންނަ ސެޕްޓެމްބަރުގަ އެވެ. މިހާރު އޮތީ ބުކިންއަށް ހުޅުވާލާފައެވެ. އަވަހަށް ޓިކެޓް ބުކް ކުރާށެވެ.
ފިލްމުގެ މައިގަނޑު ރޯލްތަކުން ފެންނާނީ އަހުމަދު ނިމާލާއި ޝީލާ ނަޖީބުގެ އިތުރުން އަހުމަދު ސައީދާއި އަލީ އާޒިމް (ދޮންއައްޔަ) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އިބްރާހީމް ރަޝީދު (ބްރޯ) އެވެ. މީގެ އިތުރުން ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާން ވެސް ފެނިގެންދާނެ އެވެ.
ޝަފީގްއާ ޔޫއްޕެގެ ކޮންމެ ފިލްމަކުން ހެން އާ އެކްޓަރުން / އެކްޓްރެސް އިން ތައާރަފު ކުރެއެވެ. އެގޮތުން މި ފިލްމުން ވެސް ތިން ފަންނާނަކު ތައާރަފު ކުރާނެ އެވެ. އެއީ މުހައްމަދު އީމާއުއާ ޝަހީދާ އަހުމަދާއި މޫސާ އަލީފް އެވެ.
ސްކްރީންޕްލޭ ލިޔެ ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ޔޫއްޕެ އެވެ. ޕްރޮޑިއުސަރުންނަކީ ހެއްވާ މަޖާ ރީތި ފިލްމުތަކެއް ގެނެސްދިން އިސްމާއީލް ޝަފީގް އާއި ޒުވާން ޕްރޮޑިއުސަރު އަލީ ޝާނީޒް މުހައްމަދެވެ. އޭނާއަކީ މި ފަހުން ސްކްރީނަށް ގެނައި އެންމެ ރީތި އެއް ފިލްމު "ލޯބިވެވިއްޖެ" ގެ އެއް ޕްރޮޑިއުސަރެވެ.