ގޯތިލިބޭ ދާއިމީ ލިސްޓް | ގޯތިލިބޭ އެތައް ބައެއް އިތުރު ވެއްޖެ

ގޯތިލިބޭ ވަގުތީ ލިސްޓުގެ އަދަދަކީ 10،314 މީހުންނެވެ. ނަމަވެސް ދާއިމީ ލިސްޓު ނެރުނުއިރު މި އަދަދު ވަނީ 18،955 އަށް އިތުރުވެފަ އެވެ.

ގޯތި ލިބޭ ލިސްޓުގައި ހިމެނޭ 1300 އަށްވުރެ ގިނަ މީހުން ދިރިއުޅެން ގޯތި ދޭނީ ހުޅުމާލޭން -- މި

ގޯތި ލިބޭ މާލެ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރާނެ ކަމަށް ރޭ ޕްލޭން މިނިސްޓްރީން ރޭ އިރާކޮޅު އިއުލާނުކުރި އެވެ. މިއާއެކު ގިނަ ބައެއްގެ ނިދި ނަގާލި އެވެ. އެކަމަށް އިންތިޒާރު ކުރަމުން ދިޔަ ގިނަ އާއިލާތަކެއް ތިބީ ނުނިދައި ހޭލާ އެވެ. އެ ލިސްޓުގައި ނަން އޮތް ތޯ ނުވަތަ ނެތް ތޯ ޔަގީންކޮށްފައި ނޫނީ ލޮލުފިޔައެއް ވެސް ނުޖެހުމަށެވެ. އެންމެ ފަހުން މި ލިސްޓު އާއްމުންނަށް ފެންނަ ވަރުވީ މެންދަމުން އަލިވެ 2:30 ގަ އެވެ. ލިސްޓު ނެރުނުއިރު ކުރިން ނެތް އެތައް ބައެއް އިތުރުވެ ލިބޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު އޮތީ ގެޒެޓްކޮށްފަ އެވެ. މިހާރު ދިނުމަށް ހަމަޖެހިފައިވާ 5،000 ގޯތި ލިބޭ މީހުންގެ ނަން ހިމެނޭ ވަގުތީ ލިސްޓްގައި ހިމެނޭ މީހުންގެ އަދަދަކީ 10،314 މީހުންނެވެ. ޝަރުތު ހަމަވެ އެހެން ނަމަވެސް 9،544 މީހަކަށް މި ވަގުތު ގޯތި ނުލިބޭނެ އެވެ. 

ނަމަވެސް، ޕްލޭނިން މިނިސްޓްރީން މިހާރު އާއްމުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓާ ބެހޭ ގޮތުން ރައީސް އޮފީހުގައި ރޭ އިރާކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯއްޗަށް ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށާ މި އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން އެންމެންނަށް ގޯތި ލިބޭނެކަމުގެ ލިޔުން ލިބިގެންދާނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރީން 18،000 މީހުންނަށް ގޯތި ކަނޑާ ރަޖިސްޓްރީ ދީ ނިންމޭނެ ކަމަށާ ޝަތުރު ހަމަވާ 97 ޕަސެންޓް މީހުންނަށް ގޯތިދީ ނިމޭނެ ކަމަށެވެ. 

ދާއިމީ ލިސްޓުގެ މުހިންމު މައުލޫމާތު

  •  ގޯއްޗަށް އެދި 15،146 ފޯމު ހުށަހެޅި
  •  ޝަރުތު ހަމަވަނީ 12،794 ފޯމު
  •  އެންމެ ގިނައިން ގޯއްޗަށް ކުރިމަތިލީ މައްޗަންގޮޅިން
  •  މާލޭގެ 4،947 ގެއަކުން އެ ސްކީމަށް ކުރިމަތިލި
  •  ފޯމުލީ މިހުންގެ ތެރޭން ޝަރުތު ހަމަވީ 19،857 މީހުން
  •  ދާއިމީ ލިސްޓުގައި ވަގުތީ ލިސްޓަށްވުރެ 8،641 މީހުން އިތުރު
  •  ގޯތި ނުދެވެނީ ސިންގަލް 18-25 އަހަރުގެ ޝަރުތުހަމަވާ 684 މީހަކަށް
  •  ޖޮއިންޓުކޮށްގެން 25 އަހަރުން ދަށުގެ 2068 މީހަކަށް ގޯތިދިން
  •  ހުޅުމާލެ އިން 1،351 ގޯތި ދޭނެ
  •  ހުޅުމާލެ ގޯތިތަކުގެ ގުރު ނެގުން އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި
  •  ގުޅީފަޅުން 2،218 ގޯތި
  •  ގިރާވަރުފަޅުން 5،432 ގޯތި
ގޯތި ސްކީމުގެ ފަސް މަންޒަރު - އެމްޑީޕީ މެނިފެސްޓޯގައި ލިޔެފައިވާ ގޮތުގެ މަތިން ދޭ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން 150 ހެކްޓަރު އަދި ހިއްކަން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. މަޝްރޫއުގެ އަގަކީ ޖުމްލަ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ. އަދި ގިރާވަރު ފަޅު ހިއްކަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލައިގެން ފައިސާ ހޯދައިގެންނެވެ.

މި ސްކީމުން ދޭ ބިމުގެ ސައިޒުގެ ބޮޑުމިން 3.7 މިލިއަން އަކަފޫޓަށްވުރެ ބޮޑެވެ. އެއީ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާގެ އަގުހުރި ބިމެވެ. މި ސްކީމުންދޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއް ލައިގެން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ބޮޑު ކުރުމުގެ ފުރުސަތު ދީފައި އޮވެ އެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަން ލައިފިނަމަ 4،000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.