"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ މި ސިޔާސަތުތަކާއި ހަަމަހަމަ ކުރެވޭ ވަރުގެ ސިޔާސަތެއް އަޅުގަނޑުމެންނާ އެކީގައި މިއަދު ވާދަކުރަން ނިކުމެ ތިއްބެވި އެއްވެސް ބޭފުޅަކަށް ހުށައެއް ނޭޅުއްވޭނެ،"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ހުށައަޅާ ސިޔާސަތުތަކާއި ހަމަހަމަ ކުރެވޭ ވަރުގެ ސިޔާސަތެއް އެހެން އެއްވެސް ބަޔަކަށް ހުށަނޭޅޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ނ. ވެލިދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. ރައީސް ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގައި ޒުވާނުންނަށް ހާއްސަ ސިޔާސަތުތައް ހިމެނޭ "އާ ޒުވާނުންގެ ޖީލު" އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެހެން ރިޔާސީ ކެންޑިޑޭޓުން ގެންނަވާ ސިޔާސަތުތަކާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި ވަޒަން ކުރެއްވުމަށް ފަހު ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފައެވެ.
ވަރަށް އިތުބާރާ ޔަގީންކަމާއެކު އެމަނިކުފާނު ވަނީ އެމްޑީޕީން ހުށައަޅާ ސިޔާސަތުތަކާއި ހަމަހަމަ ކުރެވޭ ވަރުގެ ސިޔާސަތެއް އެހެން އެއްވެސް ބަޔަކަށް ހުށަނޭޅޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ މި ސިޔާސަތުތަކާއި ހަަމަހަމަ ކުރެވޭ ވަރުގެ ސިޔާސަތެއް އަޅުގަނޑުމެންނާ އެކީގައި މިއަދު ވާދަކުރަން ނިކުމެ ތިއްބެވި އެއްވެސް ބޭފުޅަކަށް ހުށައެއް ނޭޅުއްވޭނެ،" ރައީސް ވިދާޅުވި އެވެ.
އެފަހުން ވާދަވެރި ބައެއް ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވި އެވެ. ވިދާޅުވީ އެއް ކެންޑިޑޭޓަކު ނިކުންނަވާ ހުންނެވީ އައްޑަނައާ ކަނޑިބަޑި ހިއްޕަވައިގެން ކަމަށެވެ. އެ ބޭފުޅެއްގެ ނަން ވިދާޅުނުވި ނަމަވެސް އެ އިޝާރާތް ކުރައްވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށެވެ. އެމަނިކުފާނުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ގޮތުން އެރުވީ އައްޑަނަ އެެކެވެ.
ރައީސް ދެން ވިދާޅުވީ ދެން ތިއްބެވި ކެންޑިޑޭޓުންގެ ތެރޭގައި ދެކޮޅު ޖެހޭ ސިޔާސަތެއް ނެތް ކެންޑިޑޭޓުން އެބަ ތިއްބެވި ކަމަށެވެ. ބެލެވޭ ގޮތުން އެމަނިކުފާނު ފާޑުވިދާޅުވީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްއަށެވެ. ރައީސް ވިދާޅުވީ އެ ބޭފުޅުން ހެނދުނު ދައްކާ ވާހަކައާ މެންދުރު ދައްކާ ވާހަކަ ދިމާ ނުވާ ކަމަށެވެ.
"އެއް ބޭފުޅަކު ނިކުމެވަޑައިގެން އެ ހުންނެވީ އައްޑަނައާ ހަތިޔާރު، ކަނޑިބަޑި ހިއްޕަވައިގެން. އަނެއް ބޭފުޅަކީ ހެނދުނު ތެދުވާ ގޮތަށް އެއް ސިޔާސަތެއް ހާމަކުރުމަށް ފަހު މެންދުރު އަނެއް ގޮތަށް ބަދަލުވާ ބޭފުޅެއް. ރޭގަނޑު އެހެން ވާހަކައެއް ދައްކަވާނީ،"
ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަން މަސައްކަތް ކުރެއްވީ އިތުރު ކެންޑިޑޭޓުންނަށް ވެސް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ދެ ކެންޑިޑޭޓަކަށް ފާޑު ވިދާޅުވުމަށް ފަހު ދެން ވިދާޅުވީ ވިދާޅުވާން އުޅުއްވި ވާހަކަ ވިދާޅުނުވެ މިރެއަށް ހުއްޓަވާލައްވާނީ ކަމަށެވެ.