ނަދީމްގެ މަރުގެ ތުހުމަތުވާ މީހުން ބަންދުކޮށްދޭން އެދުނުއިރު ފެނަކައިން ވަޒީފާ ދީފައި

މިއަދުގެ އަޑުއެހުން ކުރިއަށް ދަނިކޮށް ފަނޑިޔާރު ހުސައިން މަޒީދު ވަނީ މީގެ ތެރެއިން ކަރަމް އާއި ޝާމިންއަށް ފެނަކައިން ވަޒީފާ ދީފައިވާތީ ސުވާލު އުފައްދާފަ އެވެ.

ނަދީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް މީހުން މީގެ ކުރިން ބަންދުގައި ތިބެ ޝަރީއަތެއްގައި ބައިވެރިވަނީ --

މީގެ ހަތް އަހަރު ކުރިން ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް ހަތަރު މީހުން ބަންދުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެދުނުއިރު، އޭގެ ތެރެއިން ދެ މީހަކަށް ފެނަކަ ކޯޕަރޭޝަނުން ސީނިއީ މަގާމުތަކެއްގެ ވަޒީފާ ދީފައިވާތީ ފަނޑިޔާރުން ސުވާލު އުފައްދަވައިފި އެވެ.

ނަދީމް މަރާލިކަމުގެ ތުހުމަތު އޮތީ ގ. ޝާރާޒް މުހައްމަދު މަފާޒުގެ މައްޗަށެވެ. މި މައްސަލައިގައި ދެން ހިމެނެނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒެވެ. އެމީހުންގެ މައްޗަށް އޮތީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށެވެ.

މި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެމީހުން ވަނީ މިނިވަންވެފަ އެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް، އޭގެ ފަހުން އެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދުކޮށްދިނުމަށް ވަނީ އެދިފަ އެވެ. އެމީހުން ބަންދުކޮށްދޭން އެދުނީ ދަށު ކޯޓުން ސަލާމަތްވާ މީހުންގެ މައްސަލަ އިސްތިއުނާފް ކުރުމުން އެމީހުން ބަންދު ކޮށްދިނުމަށް ދައުލަތަށް ހައިކޯޓުގައި އެދެވޭނެ ކަމަށް ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

މިއަދު ވަނީ އެމީހުން ބަންދުކޮށްދޭން އެދިފައިވާތީ ދެވަނަ އިޖުރާއީ އަޑުއެހުން ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުމަށް އައިސްފައި ވަނީ ޝާމިނާއި މަފާޒް އެކަންޏެވެ. މިއަދު ހަތަރު މީހުން ވެސް އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ބައިވެރިވެފަ އެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ދަނިކޮށް ފަނޑިޔާރު ހުސައިން މަޒީދު ވަނީ މީގެ ތެރެއިން ކަރަމް އާއި ޝާމިންއަށް ފެނަކައިން ވަޒީފާ ދީފައިވާތީ ސުވާލު އުފައްދާފަ އެވެ. އެގޮތުން ދެ މީހުންނަށް ދައުލަތުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކުން ސީނިއާ އޮފިޝަލެއްގެ މަގާމު ދީފައިވާއިރު، އެމީހުން ޖަލަށް ލާން ދައުލަތުން އެދިފައިވާތީ ދައުލަތުގެ ސްޓޭންޑް ސާފުނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.  

މިއަދު މިމައްސަލައިގައި ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީސް

"މީގަ ދައުލަތުގެ ސްޓޭންޑް އޮޅޭގޮތްވޭ އެބަ. އެހެންވީމަ ދައުލަތުން ބޭނުންވަނީ މި މީހުންނަށް ވަޒީފާގަ ބޭތިއްބުންތޯ ނޫނީ މި މީހުން ޖަލުގަ ބޭތިއްބުންތޯ. ކިހިނެއްތޯ މީގަ މިގޮތަށް ވަޒީފާ ދީފަ އޮންނަ ހާލަތެއްގަ ފަނޑިޔާރުން ބަލާނީ، ދައުލަތުގެ ސްޓޭންޑް އޮޅޭ ގޮތަށް އޮތީ،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވެފައި ވަނީ އެފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ބަޔަކަށް ފެނަކައިން ވަޒީފާ ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން ދެކޭ ކަމަށެވެ. މިއަދުގެ އަޑުއެހުމަށް އައުމާ ހަމައަށް އެމީހުން އެފަދަ މަގާމެއްގައި ތިބިކަން ނޭންގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި މައްސަލައިގެ ވަށައިގެން ހުރި ހުރިހާ ކަމެއްގެ މައްޗަށް ރިއާޔަތް ކުރެވޭއިރު ދައުލަތުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަމުގަވިޔަސް، އެކަން ކޮށްފައިވާ ގޮތަކީ އެންމެ ޒިންމާދާރު ގޮތަކަށް ކަން ދައުލަތަކުން ނުދެކެން. އެގޮތަށް ނުދެކޭ ސަބަބުގެ އެއްކަމެއް އެއީ [ހައިކޯޓަށް ފޮނުވާފައިވާ] ތިން ސިޓީއަކުން ދައުލަތުގެ ސްޓޭންޑަކީ ކޮބައިކަން އެނގޭނެ،" ނައުޝާދު ވިދާޅުވި އެވެ.

ނައުޝާދު އިޝާރާތް ކުރެއްވީ އެމީހުން ބަންދުކޮށްދިނުމަށް އެދި ހައިކޯޓަށް ފޮނުވާފައިވާ ތިން ސިޓީއަކަށެވެ. އެމީހުންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލެއްގެ ސަބަބުން އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައިގެ ތުހުމަތުވާ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އިތުރު ކުށްތައް ކޮށްގެން ބަންދުކޮށްފައިވެ އެވެ. އޭގެ ތެރެއިން މަފާޒް ބަންދުކޮށް އޭނާގެ މައްޗަށް އިތުރު ދައުވާތައް ވެސް ކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.