ކުއްލި ޚަބަރު

އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވައިފި

އެމަނިކުފާނުގެ މި އެންގެވުން ގާނޫނީ ޓީމު މެދުވެރި ކުރައްވާ އަންގަވާފައިވާކަން "މި" ނޫހަށް ވަނީ ކަށަވަރުވެފައެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފި އެވެ.

އެމަނިކުފާނުގެ މި އެންގެވުން ގާނޫނީ ޓީމު މެދުވެރި ކުރައްވާ އަންގަވާފައިވާކަން "މި" ނޫހަށް ވަނީ ކަށަވަރުވެފައެވެ. އެކަމާއި ގުޅިގެން ޕީޕީއެމްގެ ރަސްމީ ބަހެއް ނުލިބުނެވެ. ނަމަވެސް އެ މައުލޫމާތާއެކު ނޯޓްގެ ސައްހަ ކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅަކު ދެންމެ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އެންގެވީ ގާނޫނީ ޓީމު މެދުވެރިކޮށް ނަމަވެސް އެކަމާއި ގުޅޭގޮތުން ގާނޫނީ ޓީމުން ވެސް ވާހަކަ އެއް ނުދެއްކި އެވެ.

ޔާމީންގެ މިފަދަ އެންގެވުމެއް މި އައީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީން ކުރިމަތި ލައްވަން ހުށަހެޅުއްވި ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފައިވަނިކޮށެވެ.

ޔާމީންގެ ކެނޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އީސީން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު ބަލައި ނުގަންނަން ނިންމާފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި، އެމަނިކުފާނުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އީސީ އިން ކެނޑިޑެސީ ބަލައިނުގަތީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ހަވާލާދީ އެވެ. އެ މާއްދާގައި ބަޔާން ކުރަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.

އެ މާއްދާގައި "ހުކުމް"ގެ ގޮތުގައި މާނަކުރަނީ ނިހާއީ ހުކުމެއް ކަމަށާއި، ޔާމީންގެ މައްޗަށް ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ވަކާލާތުކުރެއްވި އެވެ.

ކެންޑިޑެސީ ފޯމް ބަލައި ނުގަންނަން ނިންމި އަނެއް ސަބަބަކީ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ޖަލު ހުކުމާއެކު ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު އެބަ އޮތުމުން ދަރަންޏެއް ސާބިތުވެފައިވާތީ އެވެ. ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައި ވަނީ އެ ފައިސާ ދައްކާ ހަލާސްކުރަން ޖެހޭ މުއްދަތު އަދި ހަމަނުވާ ކަމަށެވެ. އަދި އެ މައްސަލަ އޮތީ އިސްތިއުނާފީ މަރުހަލާގައި ކަމަށާއި އެއީ ސާބިތުވެފައިވާ ދަރަންޏެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުގެ ފުލް ބެންޗުގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބަޔާންކޮށްފައި ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ ދައްކަން އަންގާފައިވާ ކަމަށެވެ. ހަމަސް ދުވަސް ހަމަވުމުން މީރާއިން ނޯޓިސް ފޮނިކަން އެނގޭ ކަމަށާއި، އެ ނޯޓިސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ހަވާލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ އިނގިލީގެ ނިޝާން ޖައްސަވައި ސޮއިކުރައްވާފައިވާ ކަމަށް ކަރެކްޝަންސްގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ.

އެ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތުމުން އެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.