އުވާލާ ޖަމިއްޔާ ލިސްޓް މިނިސްޓަރަށް ފެނުނީ ނޫސްތަކުން، ލިސްޓްގައި ބޮޑެތި މައްސަލަތަކެއް

އާންމުކުރި ލިސްޓްގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފު: އުވާލާ ޖަމިއްޔާ ލިސްޓް ނެރުނީ މިނިސްޓަރަށް ނޭންގި

ނަވާރަސަތޭކައަށް ވުރެ ގިނަ ޖަމިއްޔާތައް އުވާލާ ލިސްޓްގައި ހިމަނާ މިއަދު ގެޒެޓްކުރީ އެނގިވަޑައިގެން ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތަކީ ޔޫތު މިނިސްޓްރީ އެވެ.

ޔޫތު މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ ގިނަ ޖަމިއްޔާތަކެއް އުވާލާ ލިސްޓަށް ވަނީ ލައިފައެވެ. ލިސްޓްގައި 1989 ޖަމިއްޔާއެއް ހިމެނެއެވެ.

އުވާލާ ލިސްޓަށް ލައިފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި އެ ޖަމިއްޔާގެ މެންބަރަކަށް / މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އަދި އެބައޮތެވެ.

އެ ފުރުސަތު އޮތީ 24 ސެޕްޓެމްބަރުގެ ނިޔަލަށެވެ. އެ ތާރީހަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލާ ލިސްޓަށް ލާފައިވާ ޖަމިއްޔާތަކުގެ ތެރޭގައި މައުމޫން ފައުންޑޭޝަނާއި ޖަމިއްޔަތުއް ސަލަފުގެ އިތުރުން ރާއްޖޭގެ ވަރަށް މަޝްހޫރު ޖަމިއްޔާތައް ހިމެނެއެވެ. އަދި އަތޮޅުތަކާއި ރަށްތަކަށް ނިސްބަތްވާ ވަރަށް ހިދުމަތްތެރި ޖަމިއްޔާތައް ހިމެނެއެވެ.

ލިސްޓްގައި ހިމެނޭ ވަރަށް ގިނަ ޖަމިއްޔާތަކުން ވަނީ އަހަރީ ރިޕޯޓް ހުށަހަޅައި ހިންގާ ކޮމެޓީ ރަޖިސްޓްރީވެސް ކޮށްފައިވަނިކޮށް އުވާލާ ލިސްޓްގައި ހިމަނާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ޖަމިއްޔާތަކުން ބުނި ގޮތުގައި މީގެ ތިން ހަތަރު މަސް ކުރީން ލިޔެކިޔުންތައް ވަނީ ފޮނުވާފައެވެ. އަދި އެކި ގޮތްގޮތުން ރަޖިސްޓްރާއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވެފައެއް ނުވެއެވެ.

އެކަމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން ފެނިވަޑައިގަތީވެސް ނޫސްތަކުން ކަމަށެވެ. އަދި އާންމުކުރި ލިސްޓްގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވަރަށް ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމިއްޔާތައް ވެސް ލިސްޓްގައި ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އަޅުގަނޑަށް ލިބިފަ. މިކަންކަން ބަލާ ރަނގަޅު ކުރުމަށް ވާނީ ރިކުއެސްޓު ކޮށްފަ،" މަހުލޫފް ވިދާޅުވި އެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް އުވާލަން ލިސްޓްގައި ހިމަނާ ގެޒެޓް ކުރުން އެ އެސޯސިއޭޝަންތަކާއި ކުލަބުތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް އެކަން ބަލާ ފިޔަވަޅު އަޅަައިދޭން އެދިފައެވެ. ބައެއް ޖަމިއްޔާތަކާއި ކުލަބު / އެސޯސިއޭޝަންތަކުން ބުނީ ރަޖިސްޓްރާގެ އެ އަމަލުގެ ސަބަބުން އެ ޖަމިއްޔާ / ކުލަބު، އެސޯސިއޭޝަންގެ ތަސައްވުރު ކިލަނބުވެ އާންމުންގެ މެދުގައި އޮތް އިހްތިރާމާއި ގަދަރަށް އުނިކަން އައިސްފައިވާ ކަމަށެވެ.

ބައެއް ޖަމިއްޔާތަކަކީ އެކި ފަރާތްތަކުން އަބަދުވެސް އެހީތެރިވެދޭ އަދި އެހީތެރީން ފޯރުކޮށްދޭ ފައިސާގައި ހަރަކާތްތައް ހިންގާ ޖަމިއްޔާތަކެއް ކަމުން ދެ އަހަރުގެ އަހަރީ ރިޕޯޓާއި ހިންގާ ކޮމެޓީ ރަޖިސްޓްރީ ނުކޮށްގެން ކަމަށް ބުނެ އުވާލަން އުޅޭ ކަމަށް ރަޖިސްޓްރާ އާންމު ކުރުމަކީ އެހީތެރިވެދޭ ފަރާތްތަކުގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.

ކޮމެންޓް

1
450
ކަންބަލާފައި ބުނާނީ
8 months ago

ޔޫތު މިނިސްޓަރީ އިން ގެޒެޓު ކެންސަލް ކުރީ މިއަދު، ގެޒެޓު ކުރީ 25 ޖުލައި 2023 ގައި ކުޑަކޮށް ޒިންމާދާރުވެބަލަ މުޅިން ރޯގޯސް ތިއޮތީ ގޮވާފައި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.