މިހާރު ތިބި ޓީޗަރުންނަށް ޑިފޯލްޓުން ލައިސަންސް ލިބޭނެ

ޓީޗަރުންނަށް ދޫކުރާނީ ޑިޖިޓަލް ލައިސެންސެކެވެ. މި ލައިސަންސް ދޫކުރާނީ ހަތަރު އަހަރަށެވެ. އެކަމަކު ވަގުތީ ޓީޗަރުންނަށް ލައިސަންސް ދޫކުރާނީ ދެ އަހަރަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --

ތައުލީމީ ގާނޫނުގެ ދަށުން ލާޒިމްކޮށްފައިވާ ޓީޗަރުން ރަޖިސްޓްރީ ކުރުމަށް ފަހު ދޫކުރާ ލައިސެންސް، މިހާރު ހިދުމަތުގައި ތިބި ހުރިހާ ޓީޗަރުންނަށް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގެޒެޓްކޮށްފަ އެވެ. އެކަމާ ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރު ފެށޭއިރު މިހާރު ތިބި ހުރިހާ ޓީޗަރުންނަށް ޑީފޯލްޓުން ލައިސަންސް ލިބިގެންދާނެ ކަމަށެވެ.

އެކަމަކު އެޑްމިނިސްޓްރޭޝަންގެ ބޭނުމަށް ގަވާއިދުގައި ބުނާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓީޗަރުންގެ ތައުލީމީ ސެޓްފިކެޓުތަކާއި ޕޮލިސް ރިޕޯޓާއި ޓީޗަރުންގެ ސުލޫކީ މިންގަނޑަށް އަމަލުކުރުމުގެ އިގުރާރު ހިމެނެ އެވެ. ދިވެއްސެއް ނަމަ ކުށުގެ ރިކޯޑު ވެސް ހުށަހަޅަން ޖެހެ އެވެ.

"މިހާރު ތައުލީމީ ދާއިރާގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ބައި ޑިފޯލްޓް ލައިސަންސް ލިބޭ. އަޅުގަނޑުމެން އަސްލުގަ މި ގަވައިދާ އެއް ގޮތަށް ލައިސަންސް ދޭނީ މީގެ ދެ އަހަރަށް ފަހު، ކިޔަވަން ފަށާފައި ހަތަރު އަހަރު ނިންމާ ކުދިންނަށް. އެހެންވީމަ މިހާރު ތައުލީމީ ދާއިރާގައި ތިބި ހުރިހާ ބޭފުޅުންނަށް ލައިސެންސް ލިބޭނެ ލައިސަންސް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންނަށް ދޫކުރާނީ ޑިޖިޓަލް ލައިސެންސެކެވެ. މި ލައިސަންސް ދޫކުރާނީ ހަތަރު އަހަރަށެވެ. އެކަމަކު ވަގުތީ ޓީޗަރުންނަށް ލައިސަންސް ދޫކުރާނީ ދެ އަހަރަށެވެ.

ގާނޫނު ބުނާގޮތުގައި ލައިސަންސް ދެވޭނީ މިނިސްޓްރީން ކަނޑައަޅާ ފެންވަރުގެ ކޯހެއް ހަތަރު އަހަރު ފުރިހަމަކޮށްފައިވާ ޓީޗަރުންނަށެވެ. މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވި ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ފެންވަރުގެ ކޯސް ހަދަން ފަށާނީ 2025 އިން ފެށިގެންނެވެ. އެއް އަހަރު ދޫކޮށްލާފައި ވަނީ ޓީޗަރުން ތަމްރީނު ކުރާ ތަންތަނަށް ގާނޫނުގައި ބަޔާންކޮށްފައިވާ ފެންވަރަށް ކޯސް ރިވައިސް ކުރަން ފުރުސަތު ދިނުމަށް ކަމަށެވެ.

ރާއްޖޭގެ ސްކޫލެއްގައި ކިޔައިވދޭ ޓީޗަރުންތަކެއް: މިހާރު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ -- މި

ގާނޫނުގައި ވަކި ފެންވަރެއްގެ ހަތަރު އަހަރުގެ ކޯހެއް ފުރިހަމަކުރާ ފަރާތްތަކަށް އެކަނި ލައިސަންސް ދޭން ބަޔާންކޮށްފައި އޮތް ނަމަވެސް މިހާރު ޓީޗިން ކޯސްތައް ކިޔަވަން ފަށާފައިވާ ފަރާތްތަކަށް ލައިސަންސް ދޭނެ ކަމަށް އާތިޔާ ވިދާޅުވި އެވެ. ގާނޫނުގަ ބުނާ ފެންވަރަށް ބަލަން ފަށާނީ 2025 އިން ފެށިގެން ހަތަރު އަހަރު ފަހުން 2028 ގެ ޑިސެމްބަރުން ފެށިގެން ގްރެޖުއޭޓްވާ ފަރާތްތަކަށެވެ.

"މިހާރު ކިޔަވާ ދަރިވަރުންނަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެ. މިހާރު ތިބޭނެ އިޔާ ވަންގަ ތިބި ކުދިންނާ އިޔާ ޓޫގަ ތިބި ކުދިންނާ. އެކުދިން ގްރެޖުއޭޓް ވެގެން އައީމަ އެކުދިންނަށް ލައިސަންސް ލިބޭނެ،" އާތިޔާ ވިދާޅުވި އެވެ.

ޓީޗަރުންނަށް ލައިސަންސް ދޭ ގަވާއިދު ބުނާ ގޮތުގައި ލައިސަންސް ދޭނީ ޓީޗަރުން ވަޒީފާގައި ތިބި ރޭންކްތަކަށް ބަހާލައިގެންނެވެ. ގަވާއިދުގައި ޓީޗަރުން މާނަކޮށްފައިވާ ގޮތަށް ބަލާއިރު ޓީޗަރުންގެ ތެރޭގައި ލީޑިން ޓީޗަރުންނާއި ސްޕަވައިޒަރުންނާއި ޕްރިންސިޕަލުން ވެސް ހިމެނެ އެވެ.

އަދި ލައިސަންސް ދޫކުރަން ކަނޑައަޅާފައި ވަނީ ހަމައެކަނި ސަރުކާރު ސްކޫލްތަކަށް އެކަންޏެއް ނޫނެވެ. ޕްރައިވެޓް ސްކޫލްތަކާއި، ކޮމިއުނިޓީ ސްކޫލްތަކާއި، ޕްރީ ސްކޫލްތަކާއި، ބޭބީ ނާސަރީ އަދި ނާސަރީއަށް ކިޔަވައިދޭ ސްކޫލްތަކުގެ އިތުރުން، ޓިއުޝަންދޭ ޓީޗަރުންނާއި ގްރުއާން ކްލާސްތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.