އިމްރާނަކަށް ނޭނގޭނެ ؛ ރާއްޖޭގައި މުޒާހަރާ ކުރާނެ، މުޒާހަރާ ކުރެވޭނެ

މި ސަރުކާރާއެކު އިދިކޮޅުގެ ހަރަކާތްތަށް ކިރިޔާ ހިންގާލަން ފެށި ދުވަހުން ފެށިގެން އެ ހަރަކާތްތައް ހުއްޓުވުމަށް ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރާ ކަމުގެ ތުހުމަތު އިމްރާނުގެ ބެލުމުގެ ދަށުން ހިންގާ ފުލުހަށް ތުހުމަތު އޮވެ އެވެ.

މޭޑޭގެ މުޒާހަރާގައި އިމްރާން ތަގުރީރު ދެއްވާއިރު ފަހަތުގައި ރައީސް ސޯލިހާއި އަލީ ވަހީދު

ރޭ ސަރުކާރު ކޯލިޝަނުން މ. ދިއްގަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގެ އެންމެ ވަރުގަދަ އުސްއައްޔަކީ ސިޔާސީ ޕާޓީއެއްގެ ރައީސް ކަމުގައި ހުންނެވި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިދިކޮޅު ޕާޓީތަކަށް ދެއްވި ވަރުގަދަ އިންޒާރެކެވެ.

މުޒާހަރާތަކާއި މަގުމަތީ ހަރަކާތްތަކުން ސިޔާސީ މައިދާނުގައި ސަމާލުކަން ހޯއްދެވި އިމްރާން ރޭ ވިދާޅުވި ގޮތުގައި އެ ފަދައިން ސިޔާސީ ހަރަކާތް ހިންގި ދުވަސްތައް މާޒީވެ ހިނގައްޖެ އެވެ. މިހާރު ސިޔާސީ ހަަރަކާތް ހިންގަންޖެހޭނެ ހަމައެކަނި ގޮތަކީ ރައްޔިތުންނަށް، ވައުދުތަކާއި، މެނިފެސްޓޯއެއް "ވިއްކައިގެނެ" ވެ. 

"މިއަދު އަޅުގަނޑުމެންގެ ވާދަވެރިން އެ ދެއްކި މަންޒަރަކީ ރާއްޖޭގެ 2021 [2023] ވަނަ އަހަރުގެ ހާލަތާ އެއްގޮތަކަށް ވެސް މުނާސަބު، ގާބިލް، ވައްތަރު ހާލަތެއް ނޫން. އަޅުގަނޑުމެން މިއަދު މިތިބީ އެ ހާލަތު، ރަައީސް [ސޯލިހު] ވިދާޅުވިހެން، ދެހާހުގެ ކުރީކޮޅުގެ އަހަރުތަކަށް ލައި، މާޒީގެ ސަފުހާ ތަކަށް ލައި ނިންމާލައިގެން މިތިބީ." އޭނާ ވިދާޅުވި އެވެ.

އެ ވާހަކަ ވިދާޅުވުމަށް ފަހު، ދެން އޭނާގެ މައުލޫ ބަދަަލުކޮށްލި މިސްރާބު ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. އޭނާ ދެން ދެއްކެވި ވާހަކަތަކުގައި ވިދާޅުވި ގޮތުަގައި މިހާރު އޮތް ސަރުކާރުގެ ދެވަނަ ދައުރެއްގައި މުޒާހަރާ ކުރަން ޖާގަ ނުދޭނެ އެވެ. އެކަމެއް ނުކުރެވޭނެ އެވެ. 

"ދިވެހިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާކަށް ދެނެއް ގަޔަށް ބޮލަށް އަރައި، ވެލި އުކައި، ފެން އުކައިގެން [އުޅޭކަށް] ޖާގައެއް ނުދޭނަން. ސިޔާސީ ހަރަކާތް ހިންގަން އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާ ކުރުން ކަމަކަށް [ވިޔަކަ] ނުދޭނަން"،

"ޑިމޮކްރެޓްސް ބޭފުޅުން ކަމުގައި ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމުގައި ވިޔަސް، އެހެން ޕާޓީއެއްގެ ބޭފުޅަކު ކަމުގައި ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރު ދެން ތި ސަކަރާތް ޖައްސަވަން ނަހައްދަވާ!" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް އަރައި ވަޑައިގަންނަވާ އިރު މުޒާހަރާ ކުރާ ކުރުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.  

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭގެ ޖަލްސާގައި ވާހަކަ

އިމްރާނުގެ މި ވާހަކައާއެކު، އިދިކޮޅު އެކި ޕާޓީތަކުގެ އެކްޓިވިސްޓުންނާއި، ލީޑަރުންނާއި އާންމުން ވަނީ އެ ވާހަކައަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ގިނަ މީހުންނަށް އެ ވާހަކަ ވަކިން ބޮޑަށް ކަމު ނުދިޔައީ އަމަން ގާއިމު ކުރުމުގެ ބާރާ ހަވާލުވެ ހުންނެވި ވަޒީރަކު ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގެއް ހިފަހައްޓަވާނެ ކަމަށް ފާޅުގައި ވިދާޅުވުމުންނެވެ.

"ރައްޔިތުންގެ ހިޔާލު ފާޅު ނުކުރެވޭ ސަރުކާރެއް ރައްޔިތުން ނޫފައްދާނެ.ވިސްނުން ތިހުރީ ހިޔާލު ފާޅު ކުރުމެގެ މިނިވަންކަން ކަސްތޮޅު އަޅުވަން." ދަ ޑިމޮކްރެޓްސްގެ އެކްޓިވިސްޓަކު ހިޔާލު ފާޅުކުރިއެވެ.

ގިނަ ބަޔަކު އެ ވާހަކައަށް ރައްދު ދިނީ މާޒީއަށްލައި، ބޭއްވި ކަމަށް އިމްރާން ވިދާޅުވާ ދުވަސްތައް ހަނދާން އާ ކުރަމުންނެވެ.

"ޓެރަރިރަޒަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ތާރީހު އޮތް ބޭފުޅެއް. ހައިރާނެއް ނުވޭ. ސިޔާސީ މަންފާއަށް ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ" ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ހަމަނުޖެހުން ބޮޑު އެއް އެއްވުން ކަމުގައިވާ 2015 ވަނަ އަހަރުގެ މޭޑޭގެ އެއްވުމަށެވެ. އިމްރާން އެ ސިފަ ކުރައްވާ ފަދަ "ގަޔަށް ބޮލަށް އަރައި" ހެދުމުގެ މަންޒަރުތައް ފެނުނު އެ ދުވަހުގެ މުޒާހަރާއާ ގުޅިގެން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ ހުކުމްކުރި އެވެ. އޭނާ އެކަންޏެއް ނޫނެވެ. މުޒާހަރާގެ އެތައް ބައިވެރިންނެއް ހައްޔަރުކޮށް އެކި ހުކުމްތައް ޖެހިއެވެ. އެއީ އޭރުގެ ސަރުކާރާ ދެކޮޅަށް އާންމުންގެ އެތައް ބަޔަކު ގުރުބާންވި، ވަރުގަދަ، އަޑު ބާރު، ވަޔަލެންޓު ހަރަކާތެކެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލަން ކުރި ސިލްސިލާ މުޒާހަރާތަކުގައި ވެސް އިމްރާނުގެ ބައިވެރިވުން އޮތެވެ. އޭރު ބޭއްވި ބޮޑު އިއްތިހާދުގެ އެއްވުމާއި، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ދަންދެން ސިލްސިލާކޮށް ކުރިއަށް ދިޔަ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވިއެވެ.

ކުރުކޮށް ދަންނަވާނަމަ، އިމްރާނު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ގޮތަށް ސަރުކާރު އޮތް ކޮންމެ ހިނދެއްގައި އިމްރާން ހުންނެވީ މަގުމަތީގަ އެވެ. މިހާރުގެ ސަރުކާރަށް ވަޑައިގެން، ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެ ކަމަށް ބުނުމަކީ އެއްވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ނޫނެވެ. 

އިދިކޮޅު ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން؛

މި ސަރުކާރު ފެށުނީއްސުރެ، ބަލިކަށިވެ، މަޑުޖެހިފައި އޮތް އިދިކޮޅުގެ ހަރަކާތްތަށް ކިރިޔާ ހިންގާލަން ފެށި ދުވަހުން ފެށިގެން އެ ހަރަކާތްތައް ހުއްޓުވުމަށް ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރާ ކަމުގެ ތުހުމަތު އިމްރާނުގެ ބެލުމުގެ ދަށުން ހިންގާ ފުލުހުންގެ މުއައްސަސާއަށް އޮވެއެވެ. ހައެއްކަ މީހުން އިދިކޮޅު އޮފީހުގެ ދޮރުމައްޗަށް އެއްވެލާއިރަށް އެ އޮފީހުން ނުނިކުމެވޭނޭހެން، ބެރިކޭޑު ޖަހައިގެން ފުލުހުން ތިބި މަންޒަރު ވެސް ފެނުނެވެ.

ރައީސް ވަޑައިގެންނެވި ރަށްރަށުގައި ވެސް ކުރީ ނިސްބަތުން ކުޑަ މުޒާހަރާތަކެކެވެ. އެ އެއްވުންތައް ވެސް ފުލުހުން ވަނީ ދުރަށް ޖައްސައި، އުނދަގުލެއް ނުވާނޭ ވަރު ކޮށްފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައި ދީނީ ޝިއާރުތަކުގައި ކުރި މުޒާހަރާތަކާ އެއްފަދައެއް ނޫނެވެ. ރައީސް ވަހީދުގެ ދައުރުގައި މުޅި ސަރުކާރަށް ބާޣީއަށް ގޮވަމުން ހިންގި ހަރަކާތްތަކާ ގާތް ވެސް ނުކުރެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭރު ދުނިޔޭގެ ސަމާލުކަން ދަމައިގަންނަމުން ކުރި މުޒާހަރާތައް ވަރެއް ވެސް ނުވެއެވެ.

މިހެން ކަން ހުރިއިރު އެ "މަންޒަރުތަކުން" ސަރުކާރަށް / ހޯމް މިނިސްޓަރަށް އުނދަގޫ ވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި އެކަން ހުތުރު ވެގެން އެކަމާ ދެކޮޅަށް އިންޒާރު ދޭ ވަރެއް ވެސް ނުވެއެވެ. މަގުމަތީ ހަޅޭއް ޖެހުމާއި، ހައިޖާނު ހެދުމުގެ ދުވަސްތައް އިމްރާނަށް މާޒީ ކުރެވިދާނެ އެވެ. އެކަމަކު ގައުމު ހެޔޮ މަގަށް ނުހިނގާ ކަމަށް ގަބޫލުކުރާ ރައްޔިތުންނަށް އަދިވެސް އެއީ ހިޔާލު ފާޅުކޮށް، ސަމާލުކަން އަތުލުމަށް އޮތް އެންމެ ރަނގަޅު މަގެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.