ގޯތި ދޫކުރުމުގެ ބާރު ކައުންސިލްތަކުން ނަގަން ޖެހިދާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މި ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކ. ގުރައިދޫގައި ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކ. ގުރައިދޫ ގައި ސަރުކާރުން ހިއްކާފައިވާ ބިމުން ގޯތި ދޫކުރުން ފަސް ކުރަމުންދާތީ ގޯތި ދޫކުރުމުގެ ބާރު ކައުންސިލްތަކުގެ ނަގަން ޖެހިދާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ރިޔާސީ ދެވަނަ ދައުރެެއް ހޯއްދެވުުމަށް ފައްޓަވާފައިވާ ކެމްޕެއިންގައި ގުރައިދޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު ވަނީ ގުރައިދޫއަށް ވަޑައިގެންފައެވެ. މެންދުރު ފަހު އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދުނު އެއް ކަމަކީ ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ވުން ކަމަށެވެ.

ގޯތި ދޫކުރަން އެ ރަށުގައި ބިން ނެތުމުން ބިން އިތުރަށް ހިއްކީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ރަށްރަށުން ގޯތި ދޫކުރުމަކީ ކައުންސިލްގެ ޒިންމާގައި އޮތް ކަމެއް ކަމަށާ ބިން ހިއްކާ ގޯތިދެވޭނެ ގޮތް ހަމަޖެހިފައި އޮތަސް ގުރައިދޫގައި އެކަން ނުހިނގާ ގޮތުގައި ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކާ ދީފައި. ރައްޔިތުން އެ ތިބީ ބޯހިޔާވަހިކަން ބޭނުންވެފައި. ގޯތި ބޭނުންވޭ. ގޯތި ނުދެވޭންވީ އެއްވެސް ސަބަބެއް މި ރަށުން ނެތް. އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މި ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ދެމި އޮންނާނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ / ކޮށްދޭން މަސައްކަތް ކުރާ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އަދި ސަރުކާރު އޮތީ ރައްޔިތުންގެ ބޭނުންތަކަށް ހުރަސް އަޅާ ބަޔަކަށް ފުރުސަތު ދޭނެ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ހުރަސް އަޅާ ބަޔަކަށް ދެން އަޅުގަނޑުމެން ޖާގައެއް ނޭކަށް ނެތީން،"

ރައީސް ސޯލިހް ގުރައިދޫއަށް ވަޑައިގަތުން: އެ ރަށު ކައުންސިލަށް ފާޑުވިދާޅުވި

ރައީސް މިހެން ވިދާޅުވިއިރު ގުރައިދޫ ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީޕީއެމަށެވެ. އެ ރަށު ކައުންސިލްގެ ރައީސަކީ ޕީޕީއެމްގެ ވަރަށް އިސް ހަރަކާތްތެރި އެކެވެ. 

ރައީސް ވަނީ މިހާރު ކަންކަން ހިނގަމުންދާ ގޮތާމެދު ވިސްނާ ކުރިއަށް އޮތްތާ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ރައްޔިތުން ރަނގަޅު ނިންމުން ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ގުރައިދޫގެ ބިން ހިއްކުން -- ގުރައިދޫ އިން ހިއްކާފައި ވަނީ 15 ހެކްޓަރުގެ ބިމެވެ. ސަރުކާރުން އެ މަސައްކަތަށް 85 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީ އިން އެ މަސައްކަތް ނިންމާލީ 2021 ވަނަ އަހަރު އެވެ.

ރައީސް ސޯލިހް މިއަދު ވަނީ ސަރުކާރުން މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކާއެކު މި ސަރުކާރުގެ ދިހަ އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު ދެގުނަ ވާނެ ކަމަށް ވިދާޅުވެފައެވެ. އޭރު ރައްޔިތުންގެ ބޭނުންތަކަށް ދައުލަތުގައި ފައިސާ ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ސެޕްޓެންބަރު ނުވައެއްގެ އިންތިހާބުގައި އެއްބުރުން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުން ބޭނުން ވަނީ އުފާވެރި ރާއްޖެ އެއް. ރައްޔިތުން ބޭނުން ވަނީ އަމާން ރާއްޖެ އެއް. ރައްޔިތުން ބޭނުން ވަނީ އުފާވެރި އަމާން ރާއްޖެ އެއް،" ރައީސް ވިދާޅުވި އެެވެ.

ކޮމެންޓް

1
450
ރަސްމާ
10 months ago

ރައްޔިތުންނަށް ދެވިގެނެއްނުވާނެ ގޯއްޗެއް ތިވެސް މާލޭ މީހުން ހިމެނޭހެން ރައްޔިތުންގެ ފައސާއިން ހިއްކާފަ އޮތް ބިމެއް މާލޭ ރައްޔިތުންނަށް މާލޭން ހިއްކިބިމުން ގޯތި ނުދެވެންޏާ ތިރަށަކުންވެސް ނުދެވޭނެ. ހިއްކާފަތިއޮތީ ގުރައިދޫ އެއްނޫން ތީ ލޮނުގަނޑު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.