"ހިޔާނާތެއް އުޅޭކަން އެނގިގެން ފުއްގިރި މުއާލަމާތާ ދުރަށް ޖެހުނިން"

"އަޅުގަނޑަށް ގަބޫލު ނުކުރެވުނީ ދައުލަތުގެ ކުންފުންޏަކަށް ވަންނަން ޖެހޭ ޗެކެއް އެސްއޯއެފްގެ އެކައުންޓަކަށް ވަނީމަ. އެއީ ހިޔާނާތެއް ނޫންތޯ،" ބޮންޑެ ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތުގެ ތެރެއިން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން އެނގުނު ހިސާބުން އެ މުއާމަލާތުގެ ތެރެއަށް ނުވަދެ ދުރަށް ޖެހުނު ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ހިއްސާ އޮންނަ ދުބާއީގެ ކްލެސިކް ސިޓީ ހޯލްޑިންގްސް ކިޔާ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ރިޒާގެ ދައުވާތައް އިއްޔެ ދައުލަތުން އަނބުރާ ގެންދިއުމުން މިއަދު ވަނީ އޭނާގެ ބަޔާ ނުލައި ޝަރީއަތްތައް އަލުން ފަށާފަ އެވެ.

މިއަދު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކޯޓަށް ވަޑައިގެންފައި ވަނީ ބޮންޑޭ އެވެ. ބޮންޑެގެ އައިބީއާރް މޯލްޑިވްސް ކުންފުންޏަކީ ކްލެސިކް ސިޓީއަށް ފުއްގިރި ހޯދައިދިނުމަށް ރެޕްރެޒެންޓޭޓިވްއެއްގެ ދައުރު އަދާކުރި ކުންފުންޏެވެ. އެ ކުންފުނީގެ ފަރާތުން އެ މުއާމަލާތުގައި ބައިވެރިވީ ބޮންޑޭ އެވެ.

ބޮންޑޭ މިއަދު ކްރިމިނަލް ކޯޓުގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަނީ --

އޭނާ މިއަދު ހެކިބަސް ދެއްވަމުން ވިދާޅުވީ މި މުއާމަލާތުގެ އެންމެ ފުރަތަމަ ޕޭމެންޓްގެ ގޮތުގައި 150،000 ޑޮލަރު ދެއްކީ އޭނާ ކަމަށާއި އެކަމަކު އެ ޗެކު ޖަމާވީ އެސްއޯއެފްގެ އެކައުންޓަކަށް ކަމަށެވެ. އެހިސާބުން ހިޔާނާތެއް އުޅޭ ކަމަށް ޝައްކުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި އޮޑިޓާ ޖެރަލްއަށް ވެސް އެ މައްސަލަ ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ނުކުރެވުނީ ދައުލަތުގެ ކުންފުންޏަކަށް ވަންނަން ޖެހޭ ޗެކެއް އެސްއޯއެފްގެ އެކައުންޓަކަށް ވަނީމަ. އެއީ ހިޔާނާތެއް ނޫންތޯ،" ބޮންޑެ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަށުގެ އަސްލު އަގަކީ 1.2 އާއި 1.5 އަގަކަށްވާއިރު، އެ އަގުގައި ބޭރުގެ ކުންފުނިން ރަށް ކުއްޔަށް ނަގަން ތައްޔާރަށް ތިއްބާ ޓޫރިޒަމް މިނިސްޓްރީން އެ އަގު ހަތަރު ލައްކަ ޑޮލަރަށް ތިރި ކޮށްފައިވާ ކަމަށެވެ. އެ ކަމުގައި ވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ދިމާވެ، އަގު ކުޑަކުރުމުން އެކަމުގެ މައްސަލަ ވެސް ޖެއްސި ކަމަށް ބޮންޑެ ވިދާޅުވި އެވެ.

އެކަންކަން އެހެން ހުރުމުން ލޯޔަރުން މެދުވެރިކޮށް ނޫނީ އެ މުއާމަލާތުގައި ބައިވެރިވެފައި ނުވާނެ ކަމަށް ވެސް ބޮންޑެ ވިދާޅުވި އެވެ.

މި މައްސަލައިގައި ހެކިބަސް ދެއްވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ފުއްގިރި މުއާމަލާތާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ބޮންޑެ ވެސް ބައިވެރިވި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ބޮންޑެ މިއަދު ޝަރީއަތުގައި އެކަމަށް ދޮގު ކުރެއްވި އެވެ.

"އޭނަ [އަދީބު] ޝަރީއަތުގެ މަޖިލީހުގަ ދޮގު ހަދާފަ ފިލައިގެން ގޮސްފަ އެހެރީ. ދުވަހަކު ވެސް އޭނާއަކާ ބައްދަލެއް ނުކުރަން،" ބޮންޑެ ވިދާޅުވި އެވެ. 

ބޮންޑެ ވިދާޅުވެފައި ވަނީ އޭނާއަކީ އެދުވަސްވަރު ސަރުކާރުގެ އެއްވެސް ނުފޫޒެއް ވަންނަ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގައި އުޅުނު މީހެއް ކަމަށެވެ. ބޭރުގެ ބޮޑެތި ޓޫރިޒަމް ކުންފުނިތަކާއެކު އޭނާ މަސައްކަތްކުރަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައިގެ ހެކިބަސް ނެގުން އަދި ވެސް ދަނީ ކުރިއަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.