ޝަހީމަށް ސަރުކާރާ ގުޅުމުގެ ދައުވަތު، އަދާލަތުން އެ މަސައްކަތުގައި

ޝަހީމަށް ދިން އެ ދައުވަތާމެދު އޭނާ ވިސްނަމުންދާ ކަމަށް އަދާލަތުގެ ބައެއް އިސް ބޭފުޅުންނަށް އޭނާ ދަންނަވާފައިވާ ކަމަށް ވެއެވެ. އެދިވަޑައިގަތީ ގޮތެއް ނިންމެވުމަށް ވަގުތު ދެއްވުމަށެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރައީސް ޔާމީންގެ 2018 ގެ ރަނިންމޭޓަކީ އޭނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރާ މަސައްކަތާއި ގުޅުމުގެ ދައުވަތު އިދިކޮޅު ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދީިފި އެވެ.

ޝަހީމަކީ އިދިކޮޅު ދެ ޕާޓީގެ އެޑްވައިޒަރެއް ނަމަވެސް އެ ދެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި މި ފަހުން އެއްގޮތަކަށް ވެސް ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ޝަހީމަށް މިހާރު ވަނީ ދީފައެވެ. އެ ދައުވަތު އޭނާއަށް ދިނީ ކުރީން ޝަހީމް ނިސްބަތްވި އަދާލަތު ޕާޓީގެ އިސް ބޭފުޅުން މެދުވެރި ކުރައްވަ އެވެ. އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާއި ވަރަށް ދުރުގައި ހުންނެވުމަށް ފަހު އަދި އެ ބޭފުޅުންނާއި އެއްވެސް ގުޅުމެއް ނުބާއްވަވާތާ ދުވަސްތަކެއް ފަހުން ޝަހީމް ވަނީ އަލުން ކުރީން އޮތް ގުޅުން އިއާދަ ކުރުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ޝަހީމަށް ދިން އެ ދައުވަތާމެދު އޭނާ ވިސްނަވަމުން ގެންދާ ކަމަށް އަދާލަތުގެ ބައެއް އިސް ބޭފުޅުންނަށް އޭނާ ދަންނަވާފައިވާ ކަމަށް ވެއެވެ. އެދިވަޑައިގަތީ ގޮތެއް ނިންމެވުމަށް ވަގުތު ދެއްވުމަށެވެ.

އަދާލަތުގެ ބައެއް ވެރީން މިހާރު ވަނީ އެ ވާހަކަތައް ހިފައިގެން ސޯޝަލް މީޑިއާއަށް ވެސް ނުކުމެފަ އެވެ. ސަރުކާރު ދިފާއު ކުުރުމުގައި މުޅި ދުވަސް ހޭދަ ކުރައްވާ އަދާލަތުގެ އިލްމުވެރީންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެ ޕާޓީގެ އިސް ފަނޑިޔާރު ޑރ. މުހައްމަދު އިޔާޒް ވަނީ އޭނާއާ ޝަހީމް އެކުގައި ނަންްގަވާފައިވާ ފޮޓޯއަކާއެކު މީހަކު ކޮށްފައިވާ ޓްވީޓަކަށް ދިން ޖަވާބެއްގައި ގައުމަށް ހެޔޮ އެދޭ މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން އެއްވެސް ޗޮއިސްއެއް އިހްތިޔާރު ނުކުރާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ވެސް ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައީސް ސޯލިހަށް ދެއްވުން އެދި ދުއާ ކުރެއްވި އެވެ.

އިޔާޒްގެ އެ ޓްވީޓަށް ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ލައިކް ކުރައްވާފަ އެވެ. 

އިޔާޒް ޖަވާބު ދެއްވި ޓްވީޓް ކުރި މީހާ އިޔާޒާއި ޝަހީމްގެ ފޮޓޯ ހިމަނާ ބުނެފައި ވަނީ މިއަދު ގައުމު އެދި ގޮވަނީ ރައީސް ސޯލިހްގެ "އުޖާލާ އަމާން ރާއްޖެ" ހިދުމަތަށް ކަމަށެވެ.

ޕީޕީއެމް ސެނެޓުގައި ވެސް ޝަހީމްގެ ބަހުސް

ޕީޕީއެމް / ޕީއެންސީގެ ސެނެޓް މެންބަރުންނަށް ހާއްސަ ގުރޫޕްގައި އިއްޔެއާ ރޭ މި މައްސަލައަށް ބަހުސް ކޮށްފައި ވެއެވެ. ސެނެޓަރުންގެ ގުރޫޕްގައި ޝަހީމްއާ ގުޅޭ އަޑުތަކުގެ ވާހަކަ ފުރަތަމަ ހިއްސާ ކުރީ މުއާޒް ހަލީމެވެ،

އޭނާ ވަނީ ޕީޕީއެމް ދޫކޮށް ސަރުކާރާއި ގުޅެން ޝަހީމް ނިންމި ކަމަށް ބުނާ ވާހަކައަކީ ތެދެއްތޯ ސުވާލު ކުރައްވާފަ އެވެ. ނަަމަވެސް އެކަމާއި ޝަހީމް ޖަވާބެއް ނުދެއްވަ އެވެ.

އެ މައުލޫއަށް ސެނެޓަރުންގެ ގުރޫޕްގައި ވާހަަަކަ ނުދައްކަން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އެދިވަޑައިގަތެވެ.

"މި" ނޫހާ ވާހަކަ ދެއްކި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ސަރުކާރުން އޮފާއެއް ލިބި އެކަމާއި މެދު ޝަހީމް ވިސްނާ ވަޑައިގަންނަވާކަން އެނގިފައިވާ ކަމަށެވެ. އެއީ ޕީޕީއެމް / ޕީއެންސީގެ ކަންބޮޑުވުން އޮތް މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ސެނެޓްގައި އެ ބަހުސް ނުހިންގަން މިހާރު އަންގާފައިވާނެ ކަމަށް ވެސް އެ ބޭފުޅަކު ވިދާޅުވި އެވެ.

ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓެވެ. އޭނާއަކީ ކުރީން އަދާލަތު ޕާޓީއަށް ނިސްބަތްވި ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އަދާލަތުގެ ސްލޮޓެއްގަ އެވެ. ނަމަވެސް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ލުމުން އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރައްވާ މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ފަހުން ޕީޕީއެމާއި ގުޅި ވަޑައިގެން ރައީސް ޔާމީންގެ އެޑްވައިޒަރުކަން ގަބޫލު ކުރެއްވީ އިމްރާން ހިންގެވީ ޓެރަރިޒަމްގެ އަމަލެއް ކަމަށާ އެއީ ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ގަބޫލު ކުރެއްވިގެން ކަމަށް ވިދާޅުވި އެވެ.

ޝަހީމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާމެދު އޭނާގެ ބަހެއް ނުލިބުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.