މާލޭމީހާއަށް ހިޔާވަހިކަން ދިނުން، ބޯހިޔާވަހިކަމުގެ އިންސާފުގެ އެއް ފިލި

މާލެ މީހުންނަށް ބޯހިޔާވަހިކަން ދޭން 10 ބިލިއަން ރުފިޔާ ހަރަދުކޮށްލުމަކީ އިންސާފަކަށް ނުވެ އެވެ. އެހެންވީއިރު 200 މީހުންގެ ނަން އޮތް އެކަނަކު މީހުން ނޫޅޭ ރަށަކަށް ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރުންވެސް އިންސާފަކަށްވެދާނެ ހެއްޔެވެ؟

ވެރިރަށް މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގައިފި އެވެ. ބޯހިޔާވަހިކަމަށް ގިނަ ފްލެޓުތަކެއް އަޅައިފި އެވެ. އެކަމަކު ބޯހިޔާވަހިކަމަށް ހައްލެއް ނުލިބުނެވެ. ހައްލު އަންނަތަނެއް ނުފެނެ އެވެ. ކިތަންމެ ގިނަ ފްލެޓެއް އެޅިޔަސް މާލޭގެ ގިނަ ރައްޔިތުން ތިބީ ހަމަ ތިބި ހާލުގަ އެވެ. މި ވޭތުވެދިޔަ 10 ވަރަކަށް އަހަރަށް ބަލާނަމަ ޖުމްލަ 7،000 އަށްވުރެ ގިނަ ފްލެޓު މާލެ ސަރަހައްދުގައި އަޅައިފި އެވެ. އެކަމަކު ބޯހިޔާވަހިކަމަށް ހައްލެއް ނުލިބެ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ މީގެ ހައްލަކީ ކޮބައި ހެއްޔެވެ؟ 

ވޯލްޑް ބޭންކް ފަދަ ޖަމިއްޔާ ތަކުން މިހާތަނަށް ނެރެފައިވާ ރިޕޯޓްތަކުގައި ރާއްޖޭގެ ބޯހިޔާވަހިކަމަށް ހައްލު ނުލިބޭ ސަބަބު ވަރަށް ސާފުކޮށް ބުނެދީފައި އެބަހުއްޓެވެ. މި ރިޕޯޓުތަކުގެ މައިގަނޑު ސެހެރީއަކީ ރާއްޖޭގެ ސަރުކާރުތަކުން މިހާތަނަށް ދީފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިންސާފުވެރިކަން ކުޑަކަމެވެ. ބޯހިޔާވަހިކަމަށް އިންތިހާ އަށް މީހުން "ސަލާން ޖަހަމުން" ދިޔަ ނަމަވެސް ފްލެޓުތައް ބަހާލާއިރު އެންމެ ބޭނުންވާ މީހުން ގޭގައި ތިއްބައި ސިޔާސީ ގޮތުން މަންފާއެއް ލިބޭނެހެން ހީވާހާ މީހަކަށް ފްލެޓު ދީފައިވުމެވެ. މި ބޭއިންސާފުން އެއް ކިބާވެފައި ތިބި އެއް ބަޔަކީ މާލޭގެ ރައްޔިތުންނެވެ. 

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ހުޅުމާލެ ހިއްކި ނަމަވެސް އެތަނުން ވެސް މި މައްސަލައިގެ ހައްލެއް ނުދެއްކުނެވެ. ހަމަ ފްލެޓު އަޅައި އެ ދީފައިވަނީ މިރަށުގައި ދިރިއުޅެމުން ދިޔަ ކޮންމެ ވެސް އެހެން ބަޔަކަށެވެ. މީގެތެރޭން ގިނަ މީހުންނަކީ ރާއްޖޭގެ އެކި ހިސާބު ތަކުން ގޯތި ހުރި މީހުންނެވެ. މި ގޯތިތަށް އެހެން ބަޔަކަށް ކުއްޔަށް ދީގެން އިގްތިސޯދީ މަންފާ ލިބެމުންދާ ގިނަ ބަޔަކު ވެސް މި ލިސްޓުގައި މަދެއް ނޫނެވެ. އެހެންވެ ތަޖުރިބާކާރުންގެ ނަޒަރުގައި ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެންނަން ބޭނުންނަމަ ސީދާ މާލެ އަށް އުފަން މީހުން "ހުނި ޖަހާލާފަ" ނަގައި އެ މީހުންނަށް ބޯހިޔާވަހިކަން ދިނުން ނޫން ގޮތެއް ނެތެވެ. 

ސުވާލަކީ މިގޮތަށް މާލެ އަށް އުފަން މީހުންނަށް ބޯހިޔާވަހިކަން ދީގެން މުޅި މައްސަލަ ހައްލުވެދާނެ ހެއްޔެވެ؟ ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތިދޭން ހުޅުވާލުމުން ފެނިގެން ދިޔަ މަންޒަރުން ފެނިގެން ދިޔައީ ފުރަތަމަ ހައްލާ ދިމާލަށް ދަތުރުކުރެވެންވެސް އޮތީ މިކަން ކޮށްގެންނެވެ. ގޯތި ކަނޑަން އިއުލާނު ކުރުމުން 15،164 ފޯމަށް 23،088 މީހުން ކުރިމަތިލި އެވެ. އަދި މީގެތެރޭން ޝަރުތު ހަމަވީ އެންމެ 12،794 ފޯމް ނުވަތަ 19،858 މީހުންނެވެ. މި ނަމްބަރުން ދައްކުވައިދޭ ވާހަކައަކީ މާލެއަށް އުފަން މީހުންނަށް ހަމައެކަނި ބޯހިޔާވަހިކަން ދޭން އިއުލާނު ކުރުމުން މިވަރުގެ ބުރައެއް އުފެދިގެން އައިރު މާލެ ރައްޔިތުންގެ ގޮތުގައި ބަލާ މުޅި ލިސްޓުއެއްކޮށް ބޯހިޔާވަހިކަން ދޭން ނިންމިނަމަ އަންނާނެ ބުރައިގެ ބޮޑު ކަމެވެ.  

ކަނޑާ ގޯތިތަކުގެ މައުލޫމާތު ކުރުކޮށް

  •  ގޯއްޗަށް ހުށަހެޅީ 15،164 ފޯމް | 23،088 މީހުން
  •  ޝަރުތު ހަމަވާ 12،794 ފޯމް | 19،858 މީހުން
  •  ޝަރުތު ހަމަ ނުވާ 2،370 ފޯމް | 3،231 މީހުން
  •  ފުރަތަމަ ދޭނީ 5،000 ގޯތި | މީހުންގެ އަދަދު 10،314
  •  ޝަރުތު ހަމަވެ ނުލިބޭ 9،544 | މި މީހުންނަށް ޖޮއިންވެގެން ލިބޭނެ
  •  ސޯޝަލް ހައުސިން ހުރި 1،830 މީހަކު ކުރިމަތިލި
  •  މާލޭ ރައްވެހިކަން ނެތް 1،830 މީހުން ކުރިމަތިލި
  •  ކުރިމަތިލި 620 މީހެއްގެ އަތުގައި 600 އަކަ ފޫޓަށްވުރެ ބޮޑު ބިން

މި ލިސްޓަށް ބަލައިލުމުން ފެންނަ އެއް ހަގީގަތަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދީގެން ނޫން ގޮތަކަށް މި މައްސަލައަށް ހައްލެއް ނާންނާނެ ކަމެވެ. އެގޮތަކީ ގޯތިކަނޑައިގެން ތޯ؟ ނޫނީ 25 ބުރީގެ ޓަވަރުތަކެއް ހަދައިދެން ތޯ ނޫނީ ވޯޓާ ވިލާ ތަކެއް އަޅައިގެން ތޯ އެއީ މުޅީން އެހެން މައްސަލަ އެކެވެ.  

ސަރުކާރުން މަސައްކަތް އެކުރަނީ މީގެ އެއް ހައްލު ގެނެސްދެވޭ ތޯ އެވެ. ގޯތި ދިނުމަކީ ދެކޮޅަށް ބަހުސް ކުރެވެން އޮތް މައުލޫކެވެ. މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން 10 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިއްކައިގެން ގޯތި ދިނުމަކީ އިންސާފެއް ނޫން ކަމަށް ބައެއް މީހުން ދެކެވެ. އަނެއް ބައެއްގެ ނަޒަރުގައި މިކަން މިގޮތަށް ކުރެމެކޭ 200 މީހުންގެ "ނަން އޮތް" ރަށެއްގެ ބަނދަރު ހަދައި ނަރުދަމާ އަޅައި މަގުގައި ތާރު އަޅައި ހޮސްޕިޓަލް އަޅަން ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްލުމެކޭ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟ އަދި ނުވިތާކަން ކޮންމެ ދެ ރަށަކަށް އެއާޕޯޓެއް އަޅަން ޑިމާންޑް ކުރާއިރު އެއީވެސް އިންސާފެއް ނޫން ކަމަށް ބުނެވިދާނެ ނޫން ހެއްޔެވެ؟ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.