މެންބަރުންވީ އިތުރު، އެމްޑީޕީގައި 58،000 ވުރެ ގިނަ މެންބަރުން

އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު އެމްޑީޕީގައި ތިބީ 57،529 މެންބަރުންނެވެ. އެހެން ކަމުން އެ ޕާޓީއަށް 500 ވުރެ ގިނަ މެންބަރުން ވަނީ އިތުރުވެފައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމުގެ ގޮތުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފައިލް ފޮޓޯ

ސަރުކާރު ހިންގާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ އަަދަދު އަނެއްކާ ވެސް އިތުރުވެއްޖެ އެވެ.

ރާއްޖޭގައި މިވަގުތު ނުވަ ސިޔާސީ ޕާޓީއެއް އެބައޮތެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިވަގުތު ޕާޓީތަކުގައި މެންބަރުން ތިބި އަދަދު ހާމަކޮށްފައެވެ. ޕާޓީތަކާއި ގުޅޭ މެންބަރުންނާއި ޕާޓީތަކުން ވަކިވާ މެންބަރުން ބެލުމަށް ފަހު ދޭތެރެ ދޭތެރެއިން ކޮމިޝަނުން ގެންދަނީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު ހާމަ ކުރަމުންނެވެ.

މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން އެންމެ މެންބަރުން ގިނައީ ވެރިކަން ކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. އެ ޕާޓީގައި މިހާރު 58،035 މެންބަރުން އެބަ ތިއްބެވެ.

އެއީ ކުރީން އެ ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންނަށް ވުރެ އިތުރު އަދަދެކެވެ. އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު އެމްޑީޕީގައި ތިބީ 57،529 މެންބަރުންނެވެ. އެހެން ކަމުން އެ ޕާޓީއަށް 500 ވުރެ ގިނަ މެންބަރުން ވަނީ އިތުރުވެފައެވެ.

އެމްޑީޕީގެ މެންބަރުންގެ އަދަދު އެއްވެސް މިންވަރަކަށް މަދުނުވެ އިތުރުވުމަކީ އެ ޕާޓީއަށް ވަރަށް ބޮޑު ކާމިޔާބެކެވެ. އެއީ އެމްޑީޕީއަށް ކުރީން ނިސްބަތްވި ވަރަށް ގިނަ ބޭފުޅުންތަކެއް އެ ޕާޓީ ދޫކޮށްލާ އައު ސިޔާާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާތީ އެވެ. އެމްޑީޕީގެ އެންމެ މަގުބޫލު ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަ ކުރެވުނު އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ކުރީން އެމްޑީޕީއަށް ނިސްބަތްވި މަޖިލީހުގެ 14 މެންބަރަކާއި ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ވަކިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ނާއިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ނަމުގައި އުފައްދާ ޕާޓީގެ އިފްތިތާހީ ޖަލްސާ -- ޕާޓީ އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ އޮންނާނެ އެވެ. އެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޖަލްސާގައި ނަޝީދު އެ ޕާޓީއަށް ސޮއި ކުރައްވާ ކަމަށް ވެސް އަޑުފެތުރިފައިވެއެވެ.

ޑިމޮކްރެޓްސް އުފައްދާތީ އެމްޑީޕީގެ އެތައް ހާސް މެންބަރަކު ޕާޓީން ވަކިވާނެ ކަމަށް ކުރީން ބެލެވުނެވެ. އެހެން ކަމުން 57،000 މެންބަރުންގެ ދަފްތަރު ބޮޑުތަނުން މަދުވާނެ ކަމަށް ލަފާކުރެވުނެވެ. ނަމަވެސް އޭގެ ބަދަލުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު ވީ އިތުރެވެ. އެ ޕާޓީން ވަނީ މެންބަރުން އިތުރު ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. ބައެއް މަޖިލީސް މެންބަރުންނާއި އާންމުން ދަނީ ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީއާ ގުޅެމުންނެވެ.

އެމްޑީޕީން ކުރީންވެސް ވަނީ ރައީސް ނަޝީދާއި ވަފާތެރި ބޭފުޅުން ވަކިވެވަޑައިގަތަސް އެމްޑީޕީ ބަލިކަށި ނުވާނެ ކަމަށް ބުނެފައެވެ.

އައު ޕާޓީ -- ޑިމޮކްރެޓްސް އުފައްދަން ހުށައެޅީ 3،565 މެންބަރުންގެ ސޮޔާއެކީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.